އަހުލުއްސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް:
1- މުސްލިމުވެރިންގެ އަޑުއަހާ ކިޔަމަންގަތުން. އެއީ ހެޔޮލަފާ ޞާލިޙު ވެރިއެއްކަމުގައި ވިޔަސް އަދި ފާޖިރު ވެރިއެއްކަމުގައި ވިޔަސް މެއެވެ. އެއީ ﷲއަށް އުރެދުމަށް އަމުރު ނުކުރާހާ ހިނދަކުއެވެ. ފަހެ ޚާލިޤުވަންތަ ﷲ އަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންތެރިވުމެއް ނުވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ﴾ [سورة النساء ٥٩]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް މެއެވެ! (އެބަހީ: ކިޔަމަންވާށެވެ.)”
އަދި ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«السَّمْعُ وَالطَّاعَةُ عَلَى المَرْءِ المُسْلِمِ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ» [1]
މާނައީ: “މުސްލިމު އަޅާގެ މައްޗަށް އޮތީ (ވެރިންގެ) އަޑުއަހާ ކިޔަމަން ވުމެވެ. އޭނާ ރުހޭ ކަންތައްތަކުގައްޔާއި ނުރުހޭ ކަންކަމުގައިވެސް މެއެވެ. އެއީ ފާފައެއް ކުރުމަށް އަމުރު ނުކުރާހާ ހިނދަކު އެވެ. ފަހެ ފާފައެއް ކުރުމަށް އަމުރުކޮށްފިނަމަ ދަންނައެވެ. އެކަމުގައި އަޑުއަހާ ކިޔަމަންވުމެއް ނުވެއެވެ.”
2- މުސްލިމުވެރިންގެ ފަހަތުގައި ހުކުރުނަމާދާއި ޙައްޖާއި ޖިހާދު ކުރުން.
3- މުސްލިމު ވެރިންނާ ދެކޮޅަށް ނުނިކުތުން. އެއީ އޭގެ ސަބަބަން މުސްލިމުންގެ މެދުގައި ބައިބައިވެ، ފިތުނަތައް މެދުވެރިވެދާނެތީއެވެ.
ސުވާލުތައް
1- މުސްލިމު ވެރިންނަށް މުސްލިމުން އަދާކޮށްދޭން ޖެހޭ ޙައްޤުތަކަކީ ކޮބާ ހެއްޔެވެ؟
2- މުސްލިމު ވެރިއެއްގެ މައިގަނޑު ވަޒީފާއަކީ ކޮބާ ހެއްޔެވެ؟
3- މުސްލިމުވެރިއެއްގެ ގޮތުގައި ނުލަފާ ފާޖިރަކު ހުރިނަމަވެސް އޭނާއާ ދެކޮޅަށް ނުކުތުން ހުއްދަ ނުވަނީ ކީއްވެ ހެއްޔެވެ؟
4- ފާފައެއް ކުރުމަށް އަމުރުކުރުމުން މުސްލިމު ވެރިންނަށް އެކަމުގައި ކިޔަމަންތެރިވާން ޖެހޭނެ ހެއްޔެވެ؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.
[1] رواه البخاري (7144)