ޔަހޫދީ ދަޢުލަތަށް އެހީވުމުގައި ދުނިޔޭގެ ބޮޑެތި ބާރުތައް
މިޞްރުން ޔަހޫދީ ދައުލަތް ބަލައިގަތުމާއެކު މިޞްރުގައި ހިނގައިދިޔަ ކަންތައްތަކުގެ އިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާގައިވެސް ޔަހޫދީންނާ ދެކޮޅު ޙަރަކާތްތައް ކުރިއަށް ދިޔައެވެ. މިކަމުން ޔަހޫދީންނަށް ޔަޤީންވީ މުސްލިމުން ޔަހޫދީންގެ ދައުލަތް ބަލައިނުގަންނާނެކަމެވެ. އަދި ފަލަސްޠީނުގެ އަހުލުވެރިންނާއި ޢާންމު މުސްލިމުންގެ ރުހުން ޔަހޫދީންނަށް ނުލިބޭނެކަމެވެ. އަދި މެދުއިރުމަތީގެ ބޮޑު ބާރަކަށް އިޒްރޭލުވެ، ފަލަސްޠީނުގެ އަހުލުވެރިންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަޔަސް ފަލަސްޠީނުގެ އަހުލުވެރިން ގޮތްދޫކޮށް ޔަހޫދީންނަށް އަމާން ނުދޭނެކަމެވެ.
ޔަހޫދީ ދައުލަތް ދެމި އޮތީ ބޭރުން އެބައިމީހުންނަށް ހުއްޓުމެއް ނެތި ލިބެމުން ދިޔަ އެހީތަކުގެ ސަބަބުންނެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޔަހޫދީ ދައުލަތަށް ފައިސާއާއި ހަތިޔާރުގެ އެހީ ފޯރުކޮށްދެމުން ދިޔައެވެ. އެ ދައުލަތް ޤާއިމުކުރުމުގެ ބިންގާ އަޅައިދިނީ އިނގިރޭސިވިލާތުންނެވެ. ފަލަސްޠީނުގެ އަހުލުވެރިން ނިކަމެތިކޮށް އެ ބިމުގައި ޔަހޫދީން ބާރުވެރި ކުރުވި ބަޔަކީ އިނގިރޭސީންނެވެ. ދެން ޔަހޫދީ ދައުލަތް ޤާއިމުކުރުމާއެކު އެ ދައުލަތް ނަގާ ކޮޅަށް ޖަހައިދިނީ އެމެރިކާއިންނެވެ.
ހަނަފަސް ސަހަރާއެއްގެ ތެރޭގައި އެބައިމީހުންނަށް އެންމެ ޒަމާނީ ދިރިއުޅުމަކަށް މަގުފަހިވީ އެމެރިކާގެ ފުރިހަމަ ތާއީދާ އެހީތެރިކަން ލިބިގެންނެވެ. އިޒްރޭލުގެ ދައުލަތް އިޢުލާނުކުރުމުން، ފުރަތަމަ 10 އަހަރު ތެރޭގައި އެމެރިކާއިން އެބައިމީހުންނަށް އެއް ބިލިއަން ޑޮލަރާ ގާތްކުރާ ޢަދަދަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނެވެ. އަދި އެކިއެކި ކަންކަމުގައި އެބައިމީހުންނަށް އެހީތެރިވާނެ ޖަމިއްޔާތައް އެމެރިކާގައި ޤާއިމުކުރިއެވެ. އަދި ޔަހޫދީންނަށް އެމެރިކާއިންނާއި ޔޫރަޕާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުން ފަސޭހައިން ލޯނު ލިބޭނެ މަގުތައް ފަހިކޮށްދިނެވެ. އަދި ޖަރުމަނުވިލާތުގެ ނާޒީން ޔަހޫދީންނަށް ކުރި އަނިޔާގެ ބަދަލު ހޯދައިދިނުމުގައިވެސް އެންމެ އިސް ރޯލެއް ކުޅުނީ އެމެރިކާއިންނެވެ. މީގެ އިތުރުން އެމެރިކާއިން ދިޔައީ އެންމެ ފަހުގެ ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާއިން އެންމެ ފަހުން އުފައްދާ އަދި ބާޒާރަށްވެސް ނެރެފައި ނުވާ ހަތިޔާރު ޔަހޫދީންގެ އަތުގައި ހުރެއެވެ. ޓްރޫމަން (Harry S. Truman) ރައީސަކަށް ހުރި ދުވަސްވަރުގައި (1945 – 1953) ޔަހޫދީންނަށް ހޭދަކުރީ ގާތްގަނޑަކަށް 221.5 މިލިއަން ޑޮލަރެވެ. ނިކްސަން (Richard Nixon) ރައީސަކަށް ހުރި ދުވަސްވަރުގައި (1969 – 1972) އެ ޢަދަދު 1176 މިލިއަން ޑޮލަރަށް އެރިއެވެ. އަދި ރޭގަން (Ronald Reagan) ރައީސަކަށް ހުރި ދުވަސްވަރުގައި (1981 – 1989) އެތައް ބިލިޔަނަކަށް އިތުރުވެގެން ދިޔައެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ މަޖިލިސްތަކުގައި އެމެރިކާއިން ކެނޑިނޭޅި ވަކާލާތު ކުރަމުން ދިޔައީ އިޒްރޭލަކީ މެދުއިރުމަތީގައި އޮތް މިނިވަން، މުސްތަޤިއްލު، ޑިމޮކްރެޓިކް ޤައުމެއް ގޮތުގައި ދުނިޔޭން ބަލައިގަންނަން ޖެހޭނެކަމަށެވެ. އަދި އެހެން ދައުލަތްތަކަށްވެސް އަމާންކަމާއެކު ދެމިއޮވެވޭ ފަދައިން، އިޒްރޭލަށްވެސް އެ އަމާންކަން އޮންނަން ޖެހޭނެ ކަމަށެވެ. އެއީ އިޒްރޭލުގެ ދައުލަތަކީ ޔަހޫދީން އެތައް ޤަރުނެއް ވަންދެން އެބައިމީހުންގެ ކާބަފައިންގެ ބިމުގައި އަމާންކަމާއެކު އުޅުމަށްޓަކައި ކުރަމުން އައި އުންމީދެއްގެ ނިމުންކަމަށްވުމުންނެވެ.
ފަރަންސޭސިވިލާތުން ޔަހޫދީންނަށް ފޯރުކޮށްދެމުން ދިޔަ އެހީތަކަކީވެސް ސިއްރުވެފައިވާ ކަންކަމެއް ނޫނެވެ. 1957 ވަނަ އަހަރު އިޒްރޭލުން ފަރަންސޭސިވިލާތާ ދެމެދު އިޒްރޭލުގައި ނިއުކްލިއަރ ރިއެކްޓަރެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. ފަރަންސޭސިވިލާތުގެ ރައީސް ފްރާންސޯ މިޓަރޯން (François Mitterrand) ސީރިއާއަށް ކުރި ދަތުރުގައި ނޫސްވެރިންނާ ބައްދަލުކޮށް ދެއްކި ވާހަކައިގައި ބުނެފައިވަނީ އިޒްރޭލުން ހިފާފައިވާ ޖައުލާންގެ އުސް ބިންތައް (Golan Heights) ސީރިއާއަށް އަނބުރާ ހޯދައިދިނުމާ ބެހޭގޮތުން އިޒްރޭލާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަމުގައެވެ. އެންމެ ކުޑަ މިނުން އޭނާއަށް މެހެމާނުދާރީ އަދާކޮށްދިން ޤައުމަށް ގެއްލުނު ބިންތައް ހޯދައިދޭން މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއްވެސް ނުދެއެވެ.
ރަޝިޔާއާމެދު ދަންނައެވެ. އެބައިމީހުން އިޒްރޭލާމެދު ގެންގުޅުނީ ވަރަށް ދެފުށް ދެގޮތް ސިޔާސަތެކެވެ. ތާރީޚުން ފެންނަން އޮތީ އެބައިމީހުންނަށް މަޞްލަޙަތު ހުރި ކަންކަމުގައި އެބައިމީހުންވެސް އިޒްރޭލަށް އެހީ ފޯރުކޮށްދިންކަމެވެ. ނަމަވެސް ބޭރު ފުށަށް ދުނިޔެއަށް ދައްކަމުން ދިޔައީ އެބައިމީހުންނަކީ ޔަހޫދީ ދައުލަތުގެ ޢަދުއްވެއްކަމަށެވެ. އަދި އިޒްރޭލާ ދެކޮޅަށް ޢަރަބީންނަށް ވާގިވެރިވާ ބައެއް ކަމަށެވެ.
މި ކަންކަމުން އެނގި ހާމަވެގެންދަނީ ހުޅަނގުގެ ޤައުމުތަކުން މެދުއިރުމަތީގައި ޙާޞިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިސްލާމީ ޙަޟާރާތް ނެތިކޮށްލުންކަމެވެ. އެގޮތުން ޔަހޫދީ ދައުލަތް ޤާއިމުކުރުމަކީ އެބައިމީހުންގެ ރޭވުމުގެ އެއްބައެވެ. އެމެރިކާއަށް ހިޖުރަކުރި ހުޅަނގުގެ ދޮންމީހުން، އެތަނުގެ އަޞްލު ވަޒަންވެރިން އަޅުންނަށް ހަދާ އެބައިމީހުން ނިކަމެތިކުރި ގޮތަށް، އެބައިމީހުން ބޭނުންވީ ޔަހޫދީންނަކީ މެދުއިރުމަތީގެ އިސްތިޢުމާރީ ބާރަކަށް ހަދާ، އިޒްރޭލުގެ ޔަހޫދީން ލައްވާ ފަލަސްޠީނުގެ ޢަރަބީން ނިކަމެތިކުރާށެވެ.
އެބައިމީހުންގެ މި ރޭވުމުގެ ހިތިކަން ޢަރަބި އިސްލާމީ މުޖުތަމަޢުތަކުން ފެންނަން ފެށިއެވެ. ރަށަކަށް ފަހު ރަށަކަށް އަރާ އެތަންތަން ތަޅާ ސުންނާފަތިކުރަމުން ދިޔައެވެ. ފަލަސްޠީނާއި އެތަނުގެ ވަށައިގެންވާ ރަށްތަކުގެ އަހުލުވެރިން މި ޙާލަތުގައި ވަނިކޮށް 1988 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެބައިމީހުން ސިއްސުވާލީ އިޒްރޭލުން އެބައިމީހުންގެ ފުރަތަމަ ސެޓެލައިޓު ޖައްވަށް ފޮނުވި ޚަބަރެވެ. ޙަޤީޤަތުގައި މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ މާއްދީ އެހީއާއެކު އެބައިމީހުންނަށް ދުނިޔަވީ ކަންކަން ޙާޞިލު ކުރުމަކީ ނުހަނު ފަސޭހަކަމެކެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري