[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު – ލޮލުގެ ފިނިކަން

އެއީ އިސްލާމީ ފަޚުރުވެރި ތާރީޚުގެ ސަފުޙާތަކުން ރެއެކެވެ. ވަރަށް ޚާއްސަ ޝަރަފުވެރި ރެއެކެވެ. އިލާހީ ވަރުގަދަ މުޢުޖިޒާތުގެ ޙާދިޘާއެއް ހިނގައިދިޔަ ރެއެކެވެ. އާދަޔާ ޚިލާފު ދަތުރެއް ކުރެވުނު ރެއެކެވެ.

އެދަތުރުގެ ސަވާރީއަކީ ﷲ ތަޢާލާގެ ޚާއްސަ މަޚްލޫޤެކެވެ. އެދަތުރުގެ އާރުކާޓީއަކީ ވަރަށް ޚާއްސަ ބޭކަލެކެވެ. އެދަތުރު ކުރެވުނު މަންޒިލަކީ އެއްވެސް އިންސާނަކަށް މިހާތަނަށް ވާސިލުވެވުނު މަންޒިލެއް ނޫނެވެ. އެދަތުރަކީ އިންސާނަކަށް ބޮޑުވެގެންވާ ޝަރަފެއް ލިބުނު ދަތުރެކެވެ.

އެއީ ކޮން ރެއެއްތޯއެވެ؟ އެއީ ކޮން ދަތުރެެއްތޯއެވެ؟

އެއީ އިސްރާއާއި މިޢުރާޖުގެ ރެއެވެ. އެއީ އިސްރާއާއި މިޢުރާޖުގެ ދަތުރެވެ.

އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ އިލާހީ ވަރުގަދަ މުޢުޖިޒާތެކެވެ. މިއާދަޔާ ޚިލާފު ދަތުރުގެ ސަވާރީއަކީ ﷲ ތަޢާލާގެ ބާރުދުވެލީގެ މަޚްލޫޤު އަލްބުރާޤުއެވެ. މިދަތުރުގެ އާރުކާޓީއަކީ ވަޙީގެ މަލާއިކަތާ ޖިބްރީލުލް އަމީންއެވެ. މިދަތުރު ކުރެވުނު މަންޒިލަކީ ﷲ ތަޢާލާގެ ޛާތުފުޅާ ދެ ދުނިދަނޑީގެ މިންވަރަށް އަރިހަށެވެ. ނުވަތަ އެއަށްވުރެވެސް އަރިހަށެވެ. މިދަތުރުގެ ޝަރަފު ލިބުނު އިންސާނަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ކައުކުރެއްވި ނަބިއްޔާ މުޙައްމަދު ﷺ އެވެ. މިދަތުރުގައި އެކަލޭގެފާނުވަނީ ޖިބްރީލުގެފާނަށްވެސް އިތުރަށް ކުރިއަށް ވަޑައިގެންނެވުމުގެ އިޒްނައެއްނެތް މަޤާމަކަށް ވާސިލުވެފައެވެ. ލައުޙުލް މަޙްފޫޡުގައި ޤަލަމުން ލިޔުއްވޭ އަޑުއިވިވަޑައިގަންނަވާ ހިސާާބަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. މިދަތުރުގައި އެއްވެސް މެދުވެރިއަކު ނެތި ސީދާ ﷲ ތަޢާލާ މުޙައްމަދުގެފާނަށް ބަސްވަޙީކުރެއްވިއެވެ.

މިފަދަ އާދަޔާ ޚިލާފު ދަތުރެއް ކުރައްވައި ﷲ ތަޢާލާގެ ދަރުބާރަށް މުޙައްމަދުގެފާނު ގެންދެވުނީ ކޮން މަޤްސަދަކަށްޓަކައިތޯއެވެ؟

އާދެ އެއީ ވަރަށް ޚާއްސަ ހަދިޔާއެއް ދެއްވުމަށެވެ.

އެއީ ކޮން ހަދިޔާއެއްތޯއެވެ؟

އެއީ މިޢުރާޖުގެ ހަދިޔާއެވެ.

އާދެ އެއީ الصلاة  ނަމާދެވެ.

ބިންމަތީގައި ނަބިއްޔާ ﷺ ހުންނަވަނިކޮށް ޖިބްރީލްގެފާނު މެދުވެރިކުރައްވާ ނަމާދު ފަރުޟުކުރެއްވުމުގެ ބަދަލުގައި، ﷲ ގެ ދަރުބާރަށް އެކަލޭގެފާނު ގެންދެވުމަށްފަހުގައި ނަމާދު ފަރުޟުވެއްޖެކަމުގެ ޚަބަރު ދެއްވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ އެއިން އަންގައިދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނަމާދަށް ދެވިގެންވާ ޤަދަރެވެ. ނަމާދަށް ލިބިގެންވާ ޝަރަފެވެ. ނަމާދުގެ މުހިންމުކަމާއި މާތްކަމެވެ.

ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަމެވެ. ނަމާދަކީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ އަޅުކަމެވެ. ނަމާދަކީ ޤިޔާމަތްދުވަހުން ﷲ ތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ލިއްބައިދޭނެ އަޅުކަމެކެވެ. ނަމާދަކީ ޤިޔާމަތްދުވަހުން އަޅާއަށްޓަކައިވާ ނޫރެއް ކަމުގައިޔާއި، ޙުއްޖަތެއް ކަމުގައިޔާއި، ސަލާމަތެއް ކަމުގައި ވާނެތެވެ. ނަމާދަކީ ފާފަތަކަށްވާ ތަހާރަތެކެވެ. ނަމާދަކީ ސުވަރުގޭގައި ނަބިއްޔާ މުޙައްމަދު ﷺ އާއި އެކީގައި ވުމުގެ ފުރުސަތު ފަހިކޮށްދޭނެ އަޅުކަމެވެ. ނަމާދަކީ ސުވަރުގެއިން އަޅާއަށް ލިބިގެންދާނެ މަންޒިލް މަތިކޮށްދޭނެ އަޅުކަމެކެވެ. ނަމާދަކީ އަޅާގެ ފަލާޙާއި ކާމިޔާބީގެ އަސާސެވެ. ނަމާދަކީ އަޅުތަކުން ސުވަރުގޭގެ އެންމެ މަތީ މަންޒިލް ކަމުގައިވާ އަލްފިރުދައުސްއަށް ވާސިލުކޮށްދޭނެ އެންމެ މުހިންމު އަޅުކަމެވެ.

ނަމާދަކީ އަޅާއާއި ﷲ އާއި ގުޅުވައިދޭ އެންމެ ވަރުގަދަ ވަސީލަތައް ވާތީއާއި، ނަމާދަކީ ﷲ ތަޢާލާ ހަނދުމަށްކޮށްދޭ އަޅުކަމަށް ވާތީއާއި، ނަމާދަކީ ﷲ އާއި ކުއްތަަންކޮށްދޭ އަޅުކަމަށް ވާތީއާއި، ނަމާދާއި ގުޅިގެން ނަބިއްޔާ މުޙައްމަދު ﷺ އަށް އެހާ މަތިވެރި ޝަރަފެއް ދެއްވީތީ، އެކަލޭގެފާނުގެ ހިތްޕުޅުގައި ނަމާދަށް ޚާއްސަ ޤަދަރެއް، ޚާއްސަ ލޯތްބެއް ދެވިގެންވެއެވެ. ނަމާދުވެގެން ގޮސްފައިވަނީ ނަބިއްޔާ ﷺ ގެ ލޮލުގެ ފިނިކަން ކަމުގައިޔާއި، ހިތުގެ ރާޙަތުކަމުގައެވެ. އެކަލޭގެފާނު ހާސްވެ ކަންބޮޑުވާ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އަވަސްވެވަޑައިގަންނަވަނީ ނަމާދު އަދާކުރެއްވުމަށެވެ. އެކަލޭގެފާނަށް އަރާމާއި ރާޙަތަށް ބޭނުންފުޅުވީމާ ނަމާދަށް ގޮވާލެއްވުމަށް ބިލާލުގެފާނަށް އަންގަވައެވެ. އެކަލޭގެފާނުގެ ދުނިޔަވީ ޙަޔާތުގެ އެންމެ ފަހުވަގުތުކޮޅު ވެސް އުންމަތަށް ކުރެއްވި ވަސިއްޔަތަކީ ނަމާދަށް ރައްކާތެރިވުމުގެ ވަސިއްޔަތެވެ.

އިމާމު އިބްނު ޙަޖަރު – رحمه الله – – ވިދާޅުވެފައިވެއެވެ: “މީހެއްގެ ލޮލުގެ ފިނިކަން ކަމުގައި ކަމެއް ވެއްޖެނަމަ އެކަމަކާއި ވަކިނުވެ، އެކަމަކުން ބޭރުނުވެ ހުރެވޭތޯ އޭނާ ބަލާނެއެވެ. ސަބަބަކީ އޭނާގެ އުފާތައް ވާނީ އެކަމުގައެވެ. އޭނާގެ ޙަޔާތް ބާއްޖަވެރިވާނީ އެކަމުންނެވެ”.

ނަބިއްޔާ ﷺ އެކޭ އެއްފަދައިން، އުންމަތުގެ ސަލަފުއް ޞާލިޙުންވެސްވަނީ ނަމާދުން ހިތްހަމަޖެހުމާއި ޖިސްމުގެ ރާޙަތާއި، ލައްޒަތާއި ފިނިކަން ލިބިގެންފައެވެ. ޢަބްދު ﷲ ބުން އައްޒުބައިރުގެފާނު ނަމާދަށް ހުއްޓިހުންނަވާއިރު އެކަލޭގެފާނެކޭ ހިލަގަނޑެކޭ އެއްފަދައެވެ. ދޫނިތައްވެސް އުދުހެމުން އައިސް އެކަލޭގެފާނުގެ ހަށިކޮޅަށް ތިރިކޮށްލާ ކަމުގައިވެއެވެ. ޙައްޖާޖު ބިން ޔޫސުފު ސާޅަނގަތަކުން މައްކާއަށް ޙަމަލާދެމުން ދިޔައިރު ޢަބްދު ﷲ ބުން އައްޒުބައިރުގެފާނު ޙަރަމްފުޅުގައި ނަމާދަށް ހުންނެވިއެވެ. އެކަލޭގެފާނުގެ ކަނާތްފަރާތުންނާއި ވާތްފަރާތުންނާއި ބޯމަތިން ހިލަތައް އުދުހެމުން ދިޔައިރުވެސް އެކަލޭގެފާނު ހުރިތަނުގައި ގުޑިނުލާ ހުންނެވިއެވެ. ޢުރުވާ ބިން އައްޒުބައިރުގެފާނަށް ޖެހިވަޑައިގެންނެވި އާލާސްކަމެއްގައި ފައިބުރިކޮށްލަން ޖެހުނު ހިނދު މަސްތުވާ ޒާތެއްގެ ޙިއްސުކަނޑުވާ ބޭހެއް ބޭނުންކުރެއްވުމުގެ ބަދަލުގައި އެކަލޭގެފާނު ނަމާދަށް ފެއްޓެވީމައި ފައިބުރިކޮށްލަން ބޭސްވެރިންނަށް އެންގެވިއެވެ. މުސްލިމު ބިން ޔަސާރުއޭ ކިޔުނު ބޭކަލަކު ނަމާދަށް ހުންނަވަނިކޮށް މިސްކިތުން ބައެއް ވެއްޓުނު ގަދަ އަޑުފަށްގަނޑަށް ކައިރި ބާޒާރެއްގައި ތިބި މީހުން ސިހިގެން ދިޔައިރުވެސް އެކަލޭގެފާނަށް ކަމެއް ހިނގިކަންވެސް އެނގިވަޑައި ނުގަންނަވައެވެ. ޢައްބާދު ބިން ބިޝްރުގެފާނު ނަމާދަށް ހުންނަވަނިކޮށް ހަށިކޮޅަށް ތީރުގެ ތިންޙަމަލާ ދެވުނު އިރުވެސް ނަމާދު މެދުކަނޑުއްވާ ލައްވާފައެއް ނުވެއެވެ. އަބޫ ރައިޙާނާއޭ ކިޔުނު ބޭކަލަކު ހަނގުރާމައިގެ މައިދާނުގައި އެތައް ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ރޭގައި ނަމާދުކުރައްވަން ފެއްޓެވިގޮތަށް ސަލާމްދެއްވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަނބިކަނބަލުން އެކަމަނާއަށް ވަގުތުކޮޅެއް ނުދެއްވިކަމުގެ ޝަކުވާ ކުރުމުން ދެންނެވީ ނަމާދުގައި ސުވަރުގޭގެ ނިޢުމަތްތަކުގެ އާޔަތްތައް ކިޔަވާ ވިދާޅުވުމުން އެނިޢުމަތުގެ ފުރިހަމަކަމުގެ ޚިޔާލުގައި ބެހިގެން ދިޔައީއެވެ.

މިބޭކަލުންނަށް ނަމާދުން ލިބިވަޑައިގެންނެވި މިލައްޒަތާއި، ހިތްހަމަޖެހުމާއި، ރާޙަތުގެ ސިއްރަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން މިއަދާކުރާ ނަމާދު އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމަކަށް ނުވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން މިއަދާކުރާ ނަމާދު އަޅުގަނޑުމެންގެ ހިތުގެ ރާޙަތަކަށް ނުވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެންވެސް މިއަދާކުރަނީ އެބޭކަލުންވެސް އަދާކުރި ނަމާދެވެ. ހަމަ އެހައިއަތްތަކެވެ. އެ ޒިކުރުތަކާއި ދުޢާތަކެވެ. އެހެންވީއިރު އަޅުގަނޑުމެންނަށް ނަމާދުން ފިނިކަމާއި ހިތްހަމަޖެހުން ނުލިބެނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެންގެ ނަމާދުން އުނިވަނީ ކޮންކަމެއްތޯއެވެ؟

ނަމާދުން ލޮލަށް ފިނިކަމާއި، ހިތަށް ރާޙަތާއި ހަމަޖެހުމާއި، ޖިސްމާނީ ވަރުބަލިކަން ފިލުވާލަން ބޭނުންވާ ކަމުގައި ވަނީނަމަ އަށް ކަމަކަށް ސަމާލުކަންދޭން އެބަޖެހެއެވެ:

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ މިސްކިތްތަކުގެ ތާޅަފިލިތަކުންނާއި މުންނާރުތަކުން އިވޭ ބަންގީގެ އަޑަކީ އިންސާނެއްގެ އަޑުކަމުގައި ދެކުމުގެ ބަދަލުގައި އެއީ ﷲ ތަޢާލާގެ ނިދާކަމުގައި ދެކިގެންނެވެ.

ނަމާދަށް އަވަސްވެގަންނާށޭ، ކާމިޔާބަށް އަވަސްވެގަންނާށޭ ގޮވާލެވޭ ގޮވާލުމަކީ ﷲ ގެ ޙަޟްރަތުން ރެޔާއި ދުވާލު ފަސްފަހަރު ގޮވާލެވޭ ގޮވާލުމެކެވެ. އެއީ ރައްބުލް ކާއިނާތުގެ ދަޢުވަތެކެވެ. ބަންގިއާއި މެދު މިބީދައިން ވިސްނާލެވޭނަމަ ބަންގީގެ ނިދާއަށް އިޖާބަނުދީ ނުތިބެވޭނެއެވެ. މިއިޖާބަކީ ހިތްހަމަޖެހުމުގެ ފެށުމެވެ.

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުގެ ތަޅުދަނޑި ކަމުގައިވާ ޠަހާރަތަށްޓަކައި ކުރެވޭ ވުޟޫއަކީ، ﷲ ގެ ދަރުބާރަށް ޙާޟިރުވުމަށްޓަކައި ވެވޭ ތައްޔާރީއެއް ކަމުގައި ދެކިގެންނެވެ.

ވުޟޫއަކީ އެކަން ކުރާނެ ގޮތް ﷲ ތަޢާލާ ވަޙީގެ ޒަރީޢާއިން އަންގަވައިގެން، ޖިސްމަށާއި، ރޫޙަށް ގެނެވޭ ޚާއްސަ ތަހާރަތެކެވެ. ފެނުން ޖިސްމަށް ތޯހިރުކަން ގެނެވޭއިރު، ވުޟޫ ދުޢާއިން ޝިކުރުން ބަރީއަވެ ފާފަތަކުން ރޫޙަށް ތޯހިރުކަން ލިއްބައިދެއެވެ. ޢަލީ ބިން އަލްޙުސައިން ޒައިނުލް ޢާބިދީން ވުޟޫކުރައްވަވާ ކޮންމެ ފަހަރަކު މޫނުގެ ކުލަވަރު ބަދަލުވާ ސަބަބާއި މެދު ސުވާލުވެވުމުން ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހުއްޓިހުންނަށް މިތައްޔާރުވަނީ ކޮންފަރާތެއްގެ ދަރުބާރުގައިކަން ތިޔަބައިމީހުންނަށް ނޭނގެނީތޯއެވެ؟ އެހެންކަމުން ވުޟޫއާއިމެދު މިބީދައިން ވިސްނާލެވިއްޖެނަމަ ނަމާދުން ލިއްބައިދޭ ހިތްހަމަޖެހުމުގެ ތަޅުދަނޑި ލިބުނީއެވެ.

  • ‌‌ ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދަށް ހުއްޓޭއިރު މިހުއްޓެނީ ﷲ ތަޢާލާގެ ދަރުބާރުގައިކަން ހިތްމައްޗަށް ގެނެސްގެންނެވެ.

ނަމާދު އަދާކުރުމަށް މިސްކިތަށް ގޮސް، ނުވަތަ ގޭގެ މުސައްލަމަތީ ހުއްޓޭ ހުއްޓުމަކީ ދުނިޔަވީ މަޤާމެއްގައި ހުއްޓޭ ހުއްޓުމެއް ނޫނެވެ. އެހުއްޓުމަކީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓޭ ހުއްޓުމެއްކަން ހިތްމައްޗަށް ގެނައުމަކީ ޖިސްމުގެ ގުނަވަންތައް ކިޔަމަންކޮށް، ނަފްސަށް ރާޙަތު ލިއްބައިދޭނެ ކަމެކެވެ.

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުގެ ޒިކުރުތަކާއި ނަމާދުގެ ހައިއަތްތަކުގެ މާނަތަކާއިމެދު ވިސްނައިގެންނެވެ.

ނަމާދަށް ފަށައިގަންނަމުން ކިޔާ ތަކްބީރަތުލް އިޙްރާމުގައި އަޅާ އިޤްރާރުވެ އިޢުލާނުކުރަނީ ﷲ ތަޢާލާގެ ބޮޑުކަމެވެ. ނަމާދުގެ އެކި ހައިއަތްތަކުން އިންތިޤާލު ވުމުގައި ތަކްބީރު ކިޔަމުން އަޅާ އިޤްރާރުވަނީ އަޅާގެ ނިކަމެތިކަމަށެވެ. އިރުއިރުކޮޅާ ތަކްބީރު ކިޔާ ހަނދާން ކޮށްދެނީ އަޅާއަށް އެންމެ ބޮޑީ އޭނާގެ ވިޔަފާރިއެއް ނޫންކަމެވެ. އޭނާގެ މަޤާމެއް ނޫންކަމެވެ. އަނބިދަރިންނެއް ނޫންކަމެވެ. ވިސްނާ ފިކުރުކުރާ ކަންކަމެއް ނޫނެވެ. އޭނާއަށް އެންމެ ބޮޑީ އޭނާގެ ރައްބުކަމެވެ. ނަމާދުގެ ޤިޔާމާއި އިޢުތިދާލުގައި އަޅާ ހުއްޓިހުންނަ އިރު ހިތްމައްޗަށް ގެންނަންވީ ހުއްޓިމިހުރީ ﷲ ގެ ދަރުބާރުގައިކަމެވެ. ނަމާދުގައި ރުކޫޢަށް ތިރިވާ ތިރިވުމަކީ އަޅާ ﷲ ތަޢާލާގެ އަޅުވެތިކަމަށް ރުހިގެން، އެއަޅުވެތިކަމަށް ލޯބިކުރާ ޙާލު އަޅާ ﷲ އަށް ގުދުވެލާ ގުދުވުމެކެވެ. ހަތްގުނަވަނުގެ މައްޗަށް ސަޖިދައަށް ތިރިވާ ތިރިވުމަކީ ބިންމައްޗަށް ތިރިވާ ތިރިވުމެއް ނޫނެވެ. އެއީ އަޅާ ސީދާ ﷲ ގެ ދަރުބާރަށް އިންސާނާގެ ޖިސްމުގައިވާ އެންމެ ޝަރަފުވެރި ގުނަވަން ކަމުގައިވާ ބޯ ތިރިކޮށްކޮށްލާ ތިރިކޮށްލުމެކެވެ. އަދި އެއީ އަޅާ ﷲ އާއި އެންމެ ކުއްތަންކޮށްދޭ މަޤާމުވެސްމެއެވެ. މިގާތްކަން އަޅާއަށް އިޙްސާސްވެއްޖެނަމަ އެސަޖިދައަކުން ދެން ތެދުވާކަށް ބޭނުމެއް ނުވާނެއެވެ. ނަމާދު ޝަރުޢުކުރެވުނު ދުވަހު މިނަމާދަށްޓަކައި ﷲ ގެ ދަރުބާރަށް ނަބިއްޔާ ﷺ ގެންދެވި ކުއްތަންކުރެއްވުނު ފަދައިން، މިއަދުވެސް މިނަމާދަކީ އަޅުގަނޑުމެން ރެއާއި ދުވާލެއްގެ މައްޗަށް މަދުވެގެން ފަސްފަހަރު ﷲ ގެ ދަރުބާރަށް ކުއްތަންކޮށްދޭނެ މަތިވެރި އަޅުކަމެކެވެ. ނަމާދުގެ ހައިއަށްތަކުން ބަޔާންކޮށްދޭ މިފަދަ މާނަތަކާއި މެދު ވިސްނައިގެން ނަމާދު އަދާކުރުމީ އޭގެ އަޘަރު ފެންނާނެ ކަމެކެވެ. ކަސްރަތު ކުރާއިރު ވަކި ޙަރަކާތަކުން އަޘަރުކުރާނީ ވަކި މަސްގަނޑަކަށްކަން އެނގިގެން ކަސްރަތު ކުރުމާއި ނޭނގި ކަސްރަތު ކުރުމުގެ ތަފާތު ފަދައިންނެވެ.

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުގައި ކިޔަވާ ކީރިތި ޤުރުއާނާއި، ޒިކުރުތަކަކީ ﷲ ތަޢާލާ އާއި އަޅާއާއި ދެމެދު ބަދަލުކުރެވޭ ޚިތާބެއްކަމުގައި ދެކިގެންނެވެ.

އަޅާ ނަމާދު އަދާކުރާއިރު އޭނާ އެހެރީ އޭނާގެ ވެރި ރައްބަށް މުނާޖާ ދަންނަވާށެވެ. އަޅާ ދުލުން ކިޔަވާ ކިޔެވުންތަކާއި ޒިކުރުތައް ﷲ ތަޢާލާ މޮޅަށް އައްސަވާ ވޮޑިގެންވެއެވެ. އެއަށް ވަގުތުން ޖަވާބު ދެއްވަވާނެއެވެ. އަޅާ {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} ކިޔުމާއި އެކީ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: “ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދުކޮށްފިއެވެ”. އަޅާ {الرَّحْمَنِ الرَّحِيمِ} ކިޔުމާއި އެކީ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: “ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ދަންނަވައިފިއެވެ”. އަޅާ {مَالِكِ يَوْمِ الدِّينِ} ކިޔުމާއި އެކީ ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ: “ތިމަން އިލާހުގެ އަޅާ ތިމަން އިލާހުގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްފިއެވެ”. މިފަދައިން އަޅާގެ ކިޔެވުމާއި ޒިކުރުތަކަށް ﷲ ތަޢާލާ އައްސަވާ ވޮޑިގެން ވަގުތުން ޖަވާބުދެއްވާނެކަން ހިތްމަތީ ބާއްވައިގެން ނަމާދުކުރާނަމަ ﷲ ތަޢާލާގެ ގާތްކަން އަޅާއަށް އިޙްސާސް ވެގެންދާނެތެވެ. ނަތީޖާއަކަށްވާނީ ﷲ އާއި ކުއްތަންވުމަށް އަޅާ އިންތިޒާރުކުރުމެވެ. އެކަމަށް އަޅާ ބޭނުންވުމެވެ. އެކަމަށް ލޯބިކުރުމެވެ. އެކަމުގައި ދެމިހުރުމެވެ.

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ނަމާދުކުރާ ބަޔަކަށް ވުމުގެ ބަދަލުގައި ނަމާދު ޤާއިމުކުރާ ބަޔަކަށްވެގެންނެވެ.

ކީރިތި ޤުރުއާނުގައި މުޅިންވެސް އަމުރު އައިސްފައިވަނީ ނަމާދު ޤާއިމުކުރުމަށެވެ. ނަމާދު ޤާއިމުކުރުމަކީ ޚުޝޫޢަތްތެރިކަމާއިއެކީ ހިތް ޙާޟިރުކޮށްގެން ނަމާދުކުރުމެވެ. ނަމާދު ޤާއިމުކުރުމަކީ ނަމާދު އަދާކުރެވޭ ފަރާތުގެ ކިބްރިޔާވަންތަކަމާއި ޢަޡަމަތްތެރިކަމާއި މަތިވެރިކަން ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމެވެ. ނަމާދުން ލައްޒަތާއި ފިނިކަން ލިބޭނީ ޚުޝޫޢަތްތެރިކަމާއި އެކީ ނަމާދު ޤާއިމުކޮށްގެންނެވެ. ނަމާދަށް އަޅާގެ ޖިސްމު ޙާޟިރުކުރި އިރު، އަޅާގެ ހިތްއޮތީ އެހެން ވާދީއެއްގައި ނަމަ އެނަމާދުން މަންފާއެއް ނުކުރާނެއެވެ. ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މިޘާލަކީ ޖިސްމުގައިވާ ރޫޙުގެ މިޘާލެވެ. ރޫޙެއްނުވާ ޖިސްމަކުން މަންފާއެއް ނުކުރާނެ ފަދައިން، ޚުޝޫޢަތްތެރިކަމެއް ނެތި ހަމައެކަނި ގުނަވަންތަކުން ކުރާ ޙަރަކާތަކުން ކުރާނެ މަންފާއެއް ނޯންނާނެއެވެ.

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ ޙަޔާތުގެ އެންމެ ފަހު ނަމާދު އަދާކުރާ މީހަކު ނަމާދުކުރާ ފަދައިން ކޮންމެ ނަމާދެއް އަދާކޮށްގެންނެވެ.

ހަމަޔަޤީނުންވެސް އެންމެ ފަހު ނަމާދު އަދާކުރުމުގެ ފުރުސަތު ލިބޭ މީހަކު އެނަމާދު އަދާކުރާނީ އެމީހަކަށް އަދާކުރެވޭނެ އެންމެ ފުރިހަމަ ގޮތުގައެވެ. މިޘާލެއްގެ ގޮތުން ބަލާއިރު ޤިސާސްގެ ޙުކުމް  އެމީހެއްގެ މައްޗަށް ތަންފީޒުކުރުމުގެ ކުރިން ދެރަކްޢަތް ނަމާދެއް އަދާކުރުމުގެ ފުރުސަތު ދެވިއްޖެނަމަ އެމީހަކު އެނަމާދު އަދާކުރާނެ ގޮތް ތަސައްވުރު ކޮށްލާށެވެ. ﷲ އަށްޓަކައި ސަޖިދައެއް ޖަހާލާނެ އިތުރު ފުރުސަތު ނުލިބޭނެކަން ޔަޤީންވާމީހާ އެސަޖިދައިން ތެދުވާކަށް ބޭނުމެއް ނުވާނެއެވެ. މަރަކީ އެންމެ ގާތުގައިވާ ކަމެވެ. މަރުވާނެ ވަގުތެއް އެކަކަށްވެސް އެނގިގެނެއް ނުވެއެވެ. އެހެންކަމުން މިޝުޢޫރާއި އެކީ ކޮންމެ ނަމާދެއްވެސް އަދާކުރެވޭނަމަ ނަމާދުން ތަފާތު އަޘަރެއް ފެންނާނެއެވެ.

  • ނަމާދުން ހިތްހަމަޖެހުމާއި ރާޙަތް ލިބޭނީ އަލްޚިންޒަބޭ ކިޔުނު ޝައިތާނާގެ ކިބައިން ސަލާމަތްވެގެންނެވެ.

އަޅުތަކުންގެ ހިތްތައް ނަމާދުން ޣާފިލުކުރުމަށް ލަޢުނަތް ލެއްވިގެންވާ އިބްލީސް އޭނާގެ ޚާއްސަ ވަޒީރަކު އައްޔަންކޮށްފައިވެއެވެ. އެޝައިތާނާގެ މަސައްކަތަކީ އަޅާ ނަމާދަށް ހުއްޓޭހިނދު އަޅާގެ ހިތް ނަމާދުން ޣާފިލުކުރުމެވެ. ދުނިޔަވީ އެކިކަންކަމުގެ ވަސްވާސް އަޅާގެ ހިތަށް ވައްދައި އަޅާގެ ހިތް އެހެންވާދީއަކަށް ގެންދިއުމެވެ. އަޅާއާއި އޭނާގެ ވެރި ރައްބާއި ދެމެދު އޮތް ގުޅުން ކަނޑުވާލުމެވެ. މަންފާއެއް ނުކުރާ ޙަރަކާތްތަކަކަށް ނަމާދު ހަދާލުމެވެ. އެހެންކަމުން މިޝައިތާނާގެ ކިބައިން ސަލާމަތްވެގެންނޫނީ ނަމާދުން ރާޙަތެއް ނުލިބޭނެއެވެ. ނަމާދަށް ހުއްޓާ ވަސްވާސްތަކެއް ހިތަށް ވަދެއްޖެނަމަ އަޢޫޛު ކިޔައި ތިންފަހަރަށް ވާތްފަރާތުގެ ކޮނޑަށް ފުމެލުމުން މިޝައިތާނާގެ ކިބައިން ﷲ ތަޢާލާ ރައްކާތެރި ކޮށްދެއްވާނެއެވެ.

ނަމާދަކީ ހިތާއި ނަފްސުގައިވާ ޣަފްލަތުގެ ހަނަފަސްކަމަށް ދެވޭ ރަޙްމަތުގެ ވާރޭއެއް ފަދަ އެއްޗެކެވެ. ނަމާދުގެ ބަރަކާތްތެރި ވާރޭއިން ހިތުގައިވާ ޣަފްލަތުގެ ހަނަފަސްކަމަށް ދުވާލަކު ފަސްފަހަރު ފެން ނުލިބޭނަމަ އެހިތެއްގައި ދިރުމެއްނުވާނެއެވެ. ހިތްހަމަޖެހުމެއް ނުވާނެއެވެ. އުފާވެރިކަމެއް ނުވާނެއެވެ. ނަމާދުކުރާ ކޮންމެ ފަހަރަކު މިބަޔާންކުރި ނުކުތާތައް ހިތްމައްޗަށް ގެނެސްގެން ނަމާދުކޮށްފިނަމަ އެނަމާދަކީ ނަބިއްޔާ ﷺ އާއި ސަލަފުއްޞާލިޙުން ކުރެއްވިފަދަ ނަމާދަކަށް ވާނެއެވެ. ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން އަޅާ ދުރުކޮށްދޭ ނަމާދަކަށް ވާނެއެވެ.