[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަޞްރު ލިބެނިވި ޖަމާޢަތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

عَبْدُ الرَّحْمَنِ بْنُ شِمَاسَة الْمَهْرِيّ – رحمه الله – ވިދާޅުވިއެވެ.

“مَسْلَمَةُ بْن مُخَلَّد – رضي الله عنه – ގެ އަރިހުގައި ތިމަން އިނީމެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި عَبْدُ اللهِ بْنُ عَمْرِو بْنِ الْعَاصِ – رضي الله عنه – އިންނެވިއެވެ.

ފަހެ عَبْدُ اللهِ ވިދާޅުވިއެވެ.

އެންމެ ނުބައި މީހުންގެ މައްޗަށް މެނުވީ ޤިޔާމަތް ޤާއިމު ނުވާ ހުއްޓެވެ. ޖާހިލިއްޔަ ޒަމާނުގައި އުޅުނު މީހުންނަށް ވުރެ އެބައިމީހުން ނުބައިވާނެއެވެ. އެބައިމީހުން ﷲ ތަޢާލާގެ ޙަޟްރަތަށް ކުރާ ދުޢާ އެބައިމީހުންނަށް އަނބުރާ ރައްދުކުރެވޭނެއެވެ. (އެބަހީ: އެ ދުޢާ އިޖާބަ ނުކުރެވޭނެއެވެ.)”

ފަހެ އެބޭކަލުން އެވާހަކައިގައި ތިއްބަނިކޮށް އެތަނަށް عُقْبَةُ بْنُ عَامِرٍ – رضي الله عنه – ވަޑައިގެންނެވިއެވެ. ފަހެ مَسْلَمَة ދަންނަވައިފިއެވެ.

“އޭ عُقْبَة އެވެ! عَبْدُ اللهِ މި ވިދާޅުވާ ވާހަކައެއް އަޑުއައްސަވާ ބަލާށެވެ.”

ފަހެ عُقْبَة ވިދާޅުވިއެވެ.

“عَبْدُ اللهِ މާ ރަނގަޅަށް ތިކަން ދަންނާނެއެވެ. ފަހެ ތިމަންނައާ މެދު ދަންނައެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ.

«لَا تَزَالُ عِصَابَةٌ مِنْ أُمَّتِي يُقَاتِلُونَ عَلَى أَمْرِ اللهِ، قَاهِرِينَ لِعَدُوِّهِمْ، لَا يَضُرُّهُمْ مَنْ خَالَفَهُمْ، حَتَّى تَأْتِيَهُمُ السَّاعَةُ وَهُمْ عَلَى ذَلِكَ»

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ ޖަމާޢަތެއް ﷲ ތަޢާލާގެ އަމުރުފުޅުގެ މަތީގައި (ޤާއިމުވެ ތިބެ) ހަނގުރާމަކުރަމުން ދާނެއެވެ. އެބައިމީހުން، އެބައިމީހުންގެ ޢަދާވާތްތެރިންގެ މައްޗަށް ގަދަކަން ހޯދަމުން ދާނެއެވެ. އެބައިމީހުންނާ ޚިލާފުވެ ގަންނަ ބައެއްގެ ސަބަބުން، އެބައިމީހުންނަށް ގެއްލުމެއް ނުވާނެއެވެ. ޤިޔާމަތް ވަންދެން އެގޮތުގައި އެބައިމީހުން ތިބޭނެއެވެ.”

ފަހެ عَبْدُ اللهِ ވިދާޅުވިއެވެ.

“އާދޭހެވެ!

ދެން އެއަށްފަހުގައި ގޮމަކަސްތޫރިފަދަ ވައި ރޯޅިއެއް ﷲ ފޮނުއްވާނެއެވެ. (ގައިގައި) އެ ޖެހޭއިރު ހީވާނީ ފަށުވި ފޭރާމެއް ހެންނެވެ. އެމީހެއްގެ ނަފްސުގައި ޛައްރެއްގެ މިންވަރުގެ އީމާންކަން ހުރި މީހަކުވެސް ނުހިއްޕަވާ ދޫ ނުކުރާނެއެވެ. (އެބަހީ: އޭގެ ސަބަބުން އީމާންކަމުގެ އަހުލުވެރިން މަރުވެގެން ދާނެއެވެ.) ދެން އެއަށް ފަހުގައި ތިބޭނީ އެންމެ ނުބައި މީހުންނެވެ. ޤިޔާމަތްވާނީ އެބައިމީހުންގެ މައްޗަށެވެ.” [صحيح مسلم 176 – (1924)]

 

އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا تَزَالُ طَائِفَةٌ مِنْ أُمَّتِي قَائِمَةً بِأَمْرِ اللهِ، لَا يَضُرُّهُمْ مَنْ خَذَلَهُمْ أَوْ خَالَفَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ ظَاهِرُونَ عَلَى النَّاسِ» [رواه مسلم 174 – (1037)]

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ ޖަމާޢަތެއް، ﷲ ގެ އަމުރުފުޅުމަތީ ޤާއިމުވެ، އެގޮތުގައި ދެމިތިބޭނެއެވެ. އެބައިމީހުން ނިކަމެތިކޮށްލާ ބައެއްގެ ސަބަބުން ނުވަތަ އެބައިމީހުންނާ ޚިލާފުވެގަންނަ ބައެއްގެ ސަބަބުން، އެބައިމީންނަށް ގެއްލުމެއް ނުވާނެއެވެ. ﷲ ގެ އަމުރުފުޅު އަންނަންދެން (ޤިޔާމަތް ވަންދެން) އެގޮތުގެ މަތީގައި މީސްތަކުންގެ މައްޗަށް ގަދަކަން ހޯދަމުން އެބައިމީހުން ދާނެއެވެ.”

 

މިކަމާ ބެހޭގޮތުން ނަވަވީ رحمه الله ވިދާޅުވިއެވެ.

“މި ޖަމާޢަތާ ބެހޭގޮތުން ދަންނައެވެ.

ފަހެ الْبُخَارِيّ ވިދާޅުވިއެވެ. އެއީ ޢިލްމުގެ އަހުލުވެރިންނެވެ.

އަދި أَحْمَدُ بْنُ حَنْبَل ވިދާޅުވިއެވެ. އެއީ ޙަދީޘްގެ އަހުލުވެރިންނަށް ނުވެއްޖެއްޔާ، އެއީ ދެން ކޮން ބައެއްކަމެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ.

އަދި الْقَاضِي عِيَاض ވިދާޅުވިއެވެ. އިމާމު އަޙްމަދުގެ މުރާދަކީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިންގެ ވާހަކައެވެ. އަދި ޙަދީޘްގެ ޢިލްމުވެރިންގެ އިޢުތިޤާދާ އެއްގޮތަށް އިޢުތިޤާދުކުރާ މީހުންގެ ވާހަކައެވެ.

ތިމަން ބުނަމެވެ. މި ޖަމާޢަތަކީ މުއުމިނުންގެ މެދުގައި އެކި ގޮތްގޮތަށް ފާޅުވާނޭ ޖަމާޢަތެއްކަމަށް ވުމުގެ ފުރުޞަތު އެބަ އޮތެވެ. އޭގެ ތެރޭގައި: ކެރޭ މުޖާހިދުންނާއި ފިޤުހުވެރިންނާއި މުޙައްދިޘުންނާއި (އަޅުވެރި) ޒުހުދުވެރި ބޭކަލުންވުން އެކަށީގެންވެއެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރާ މީހުންނާއި މުންކަރާތްތައް މަނާކުރާ މީހުންނާ އަދި އެނޫނަސް ހެޔޮކަމުގެ އަހުލުވެރިންގެ ތެރެއިން އެކި ބާވަތުގެ މީހުންވުން އެކަށީގެން ވެއެވެ.

އަދި އެބައިމީހުން އެއް ތަނެއްގައި ޖަމާވެފައި ތިބުންވެސް ލާޒިމުވެގެން ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެބައިމީހުން ތިބެދާނެއެވެ.

الحَمْدُ اللَّهِ. މި ޙަދީޘްގައި ވަރަށް ފާޅުވެގެންވާ އާދަޔާ ޚިލާފުކަމެއް ވެއެވެ. އެއީ މިކަމަކީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުއްސުރެ މިއަދާ ހަމައަށްވެސް ދެމި އޮތްކަމެކެވެ. އަދި ޙަދީޘްގައި ބަޔާންކުރައްވާފައިވާ އަމުރުފުޅު އަންނަންދެން އެގޮތުގައި އެކަން ދެމި އޮންނާނެއެވެ.” [شرح النووي على صحيح مسلم (13 / 67)]

 

އޭ ﷲ!  އަޅަމެންގެ މުސްލިމު އަޚުންނާއި އުޚްތުން ރައްކާތެރިކުރައްވާނދޭވެ! އަދި ކާފިރުންގެ މައްޗަށް މުސްލިމުންނަށް ނަޞްރުދެއްވައި ގަދަކަންދެއްވާނދޭވެ!