[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންނަށް މިޔުޒިކު ޙަރާމްކަން އެނގޭ…!

music haraam

މިޔުޒިކް ޝޯތަކަށް ގޮސް ލަވަޔާއި މިޔުޒިކުގެ ތެރޭގައި އުޅޭމީހާ އެކަމުގެ ތެރޭގައި އުޅެނީ އެކަމުގެ ޙުކުމާއި އޭގެ ނުބައިކަމާއި އޭގެ ނުރައްކާތެރިކަން ނޭންގޭތީއެއްނޫނެކެވެ. ނުވަތަ ޢިލުމުވެރިން އެކަމުގައި ބުނާ ބަހެއް އަޑުނުއިވިގެނެއްވެސް ނޫނެކެވެ. ނުވަތަ ޢިލުމުވެރިންގެ މެދުގައި އޭގެ ޙަރާމްކަމާއިމެދު ޚިލާފެއް އުފެދިފައިވާތީއެއްވެސް ނޫނެކެވެ. ނުވަތަ އެކަންކުރާ މީހާއަށް ޤިޔާމަތް ދުވަހު ނަރަކައިގެ އަޒާބު ޙައްޤުވެގެންވާކަން ނޭންގޭތީއެއްވެސް ނޫނެކެވެ. އެހެންކަމުން ލަވަޔާއި މިޔުޒިކު ކުޅެހަދާ އެ އަޑުއަހާމީހާ ﷲގެ ވަޙީބަސްފުޅާއިމެދު ވިސްނާ ފިކުރުކުރަންޖެހެއެވެ. ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.

﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]

މާނައީ: “ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ.”

އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

“اللهو އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ [سورة لقمان ٦] ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ.” -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ.- އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ…” [إغاثة اللهفان 1/258]

އެހެންކަމުން މި ނުބައި މުންކަރާތް ފެތުރުމާއި ޢާއްމުކުރުމުގައި ޝާމިލްވާ ފަރާތްތައް ﷲތަޢާލާގެ ޢަޒާބަށް ބިރުވެތިވާންޖެހެއެވެ. އަދި މިފަދަ ޙަރަކާތްތަކަށް ޖަމާވެ ތަރުހީބުދީ ހަދާމީހާ ﷲތަޢާލާގެ ކޯފާއަށް ބިރުވެތިވާންޖެހެއެވެ. ޤިޔާމަތްދުވަހު ތިބާއަށް ނުބައި ފާފަތައް ކުރުމުގައި އެހީތެރިވި އެއްވެސް މީހެއްގެ ފަރާތުން މަންފާއެން ނުކުރާނެއެވެ. އެކަނިމާއެކަނި ﷲ ތަޢާލާގެ ދަރުބާރުގައި ކޮށްފައިވާ ޢަމަލުތަކާއިމެދު ޖަވާބުދާރީވާން ޖެހޭނެއެވެ. އެމީހަކު ކުރި ޢަމަލެއްގެ ރަހަ އެމީހަކު ދެކޭނެއެވެ.

 ބޮޑެތި ޝޯތައް ގާތްވުމުން ނުވަތަ މިފަދަ ބޮޑެތި ފާޙިޝްކަންކަން ފާޅުގައި ކުރާ ކޮންމެ ފަހަރަކު ދީނުގެ ޢިލުމުވެރިން ކޮބައިހޭ ބުނުމަކުން ތިބާގެ ޒިންމާއިން އެއްފަރާތްވެ ތިބާ ސަލާމަތްވީ ކަމުގައެއް ނުވެއެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާ ކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭނެ ކަމެކެވެ. އަޅަމެންގެ މުޖުތަމަޢަކީ ﷲ ތަޢާލާގެ ދީނަށް ފުރިހަމައަށް ރުޖޫޢަވާ މުޖުތަމަޢެއް ކަމުގައި ލައްވާށެވެ.