އިސްލާމްދީނުގެ މަތިވެރި ނޫރުން ޢިއްޒަތާއި ޤަދަރާއި ޝަރަފާއި މަތިވެރިކަން ލިބިގެންވާ ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމުންނޭވެ! ދިވެހިންނަށް ވީތީވެ ފަޚްރުވެރިނުވެ، މުސްލިމުންނަށްވީތީވެ ފަޚްރުވެރި ވާށެވެ. އެދީނެއްގެ އަލިކަން މުޅިދުނިޔެއަށް ފެތުރިދާނެކަމުގެ ބިރަށްޓަކައި އަޅުގަނޑުމެންނަށްވެސް ޙަސަދަވެރިވާ ޔަހޫދީންނާއި ނަޞާރާއިންނާއި ހުޅަނގުގެ ތަރައްޤީއާއި އިންސާނުންގެ ޙައްޤުތައް ހޯދުމަށްގޮވާލާ އެކަމަކު ނާތަހުޒީބުވެފައިވާ ދުޝްމަނުންގެ ދަންތުރަތަކުން ސަލާމަތްވުމަށް ތިލޮބުވެތި މުސްލިމުންގެ ލޯތަށް ހުޅުވާށެވެ. ދުނިޔޭގެ 2 ތަނޑީގައިވާ ގަނޑުފެންތައްވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންޑިޔާ ކަނޑުގައި ޖަޒީރާތަކެއް ގޮތުގައި އުފެދިފައިވާ ދިވެހިރާއްޖެ، ދުނިޔޭގެ ޗާރޓުން ފޮހެވިގެންދާނެކަމުގެ ބިރުވެރި ޚަބަރުން އަޅުގަނޑުމެންގެ ހިތްތައް މަޝްޢޫލުކުރުވާފައިވާއިރު، ﷲ ގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑުމެންގެ ޤައުމު އަދިވެސް މިއޮތީ ސަލާމަތްކަންމަތީގައެވެ. އެ ޙަޤީޤަތެއްނެތް ޚިޔާލީ ހުވަފެނުގައި އަޅުގަނޑުމެންގެ ހިތްތަކާއި ވިސްނުންތައް މަޝްޢޫލުކުރުވާފައިވާއިރު، އަޅުގަނޑުމެންނަށް ޢިއްޒަތް ގެނެސްދިން މަތިވެރި އިސްލާމްދީން ފުނޑުފުނޑުކޮށް، މިދީން ފޮހެލުމަށް ބަޔަކު މީހުން މަސައްކަތްކުރާކަން އަޅުގަނޑުމެންނަށް ނުވިސްނެނީހެއްޔެވެ؟ އަޅެފަހެ، ޤައުމު ކަނޑުގެ އަޑިޔަށް ދިޔުމަށްވުރެ މި ފަސްގަނޑުން އިސްލާމްދީން ފޮހެވިގެން ދިޔުމަކީ މާބޮޑު ގެއްލުމެއް ނޫންތޯއެވެ. މިނެ ވަޒަންކުރުމުގައި އަދުލުވެރިވަމާތޯއެވެ.
ޢާފިލުކަމުގެ ނިދިން ނިދާފައިވާ ދިވެހިންނޭވެ! ހަށިގަނޑުގައި މުސްލިމެއްގެ ލޭދައުރުވަމުންދާ ދިވެހިރައްޔިތެއްގެ ޙައިސިއްޔަތުން، ތިޔަލޮބުވެތި މުސްލިމުންގެ ކިބައިން އާދޭސްމިކުރަނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމަށް އަތުކުރި އޮޅާލުމަށެވެ. މި ޤައުމުގައި އެހެންދީނަކަށް ޖާގަ ނުދިނުމަށެވެ. އިސްލާމްދީނުގެ ނޫރުން އަޅުގަނޑުމެންނަށް ހިދާޔަތް ލިބުނުތާ ގާތްގަނޑަކަށް އަދި މިވީ 858 އަހަރެވެ. މި މާތް ނިޢްމަތުން އަޅުގަނޑުމެން މަޙްރޫމްކޮށްލުމަށް މީގެ އެތަކެއް އަހަރުތަކެއް ކުރިންވެސް މަސައްކަތްކޮށްފައިވެއެވެ. ޕޯޗުގީޒުންނާއި މާލާބާރީންނެވެ. ނަމަވެސް ހިތާމާއިއެކު ބުނެލަންއޮތީ މިއަދު އަޅުގަނޑުމެންގެ ރާއްޖެއިން އިސްލާމީ ވަޙްދާނިއްޔަތު ފޮހެލުމަށް މަސައްކަތް މިކުރަނީ އަޅުގަނޑުމެންގެ ތެރެއިން މުސްލިމުންކަމަށް ދަޢުވާކުރާ އެހެނަސް ހިތްތަކާއި ވިސްނުން ހުޅަނގުގެ ވައްޓަފާޅިޔަށް ގޮސްފައިވާ ދިވެހި ދަރިންތަކެކެވެ. އިސްލާމްދީނުގެ ޙުކުމްތަކަކީ މިޒަމާނަށް ނުފެތޭ ޙުކުމްތަކެއްކަމަށްބުނެ، ދީނުގައި އަންހެނުންނަށް ޙައްޤެއް ނުވާކަމަށް ދަޢުވާކޮށް، އިސްލާމްދީނަށާއި އެދީން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ފުރައްސާރަކުރަމުންދާއިރު، ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް މަސައްކަތްކުރަމުންދާ މީހުން އެބައިމީހުންގެ އަމިއްލަ ނަފްސަށް މަލާމާތްކުރާށެވެ. އިސްލާމްދީނަކީ ފުރިހަމަ ވެގެންވާ ކޮންމެޒަމާނަކަށް އަދި ކޮންމެތަނަކަށް އެކަށީގެންވާ އެއިލާހު ފުރިހަމަ ކުރައްވާފައިވާ ދީނެކެވެ. މި ދީނަށް އެއްވެސް އެއްޗެއް އުނިކޮށް އިތުރުކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ! އެއީ ﷲ ތަޢާލާ އަށް އެކަނި ލިބިގެންވާ ހައްޤެކެވެ. މިއީ އެއިލާހުގެ ދީނެވެ. ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ ) (އަލްމާއިދާ 3) މާނައީ: ” މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. “. މިކަން ޤަބޫލްނުކުރެވޭ މީހުންގެ ވިސްނުމުގެ ކޮށިކަމާއެވެ. އިސްލާމްދީންނޫން އެހެންދީންތައް ފަތުރަން އެހާފޯރިޔެއް ހުރިނަމަ، މި ލޮބުވެތި ފަސްގަނޑު ދޫކޮށް އެހެން ތަނަކަށް އެކަންކުރަން ދާންވީނޫންތޯއެވެ. އިސްލާމްދީން ނޫން އެހެންދީނެއް އިޚްތިޔާރު ކޮށްފިނަމަ ތިބާޔަށް ގެއްލުންހުރީ ހަމައެކަނި މި ދުނިޔޭގައި ނޫންކަން ހަނދާންކުރާށެވެ. އަދި ކިއެއްތަ! އާޚިރަތުގައިވެސް ތިބާޔަށް ދެމިގެންވާގޮތުގައި ވޭންދެނިވި އަޒާބުހުރިކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ! ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ) (އާލް ޢިމްރާން 85 ). މާނައީ: ” ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “
ލޮބުވެތި މުސްލިމުންނޭވެ! މީގެ 1400 އަހަރުކުރިން މި އުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް މައްކާގައި އިސްލާމްދީން ފެތުރުއްވުމަށް ކުރެއްވި މިންނެތް މަސައްކަތްޕުޅު ހަނދުމަފުޅު ނެތުނީތޯއެވެ. މައްކާގެ މުޝްރިކުންގެ އުނދަގޫތަކާއި ދުއްތުރާތަކާއި ވޭންތައް ތަޙައްމަލްކުރައްވައި މިދީން މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް އެކަލޭގެފާނު ސާބިތުވެވަޑައިގެން ހުންނެވިއެވެ. މި ދީން ޙިމާޔަތްކުރުމަށްޓަކައި އެކަލޭގެފާނުގެ އެތަކެއް ޞަޙާބީންނެއް ޝަހީދުވެ ވަޑައިގެންނެވިއެވެ. ޚުދު އެކަލޭގެފާނުގެ ހަށިކޮޅު ޒަޙަމްވެވަޑައިގެން، ލޭފޮދު އޮހޮރިގެން ދިޔަކަން ހަނދުމަފުޅުނެތުނީތޯއެވެ؟ ނުވަތަ އެލޭފޮދުގެ އަގު އަޅުގަނޑުމެންނަށް ވަޒަންނުކުރެވެނީތޯއެވެ؟ އަޅުގަނޑުމެންގެ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެން ޢާފިލުކަމުގެ ނިދީގައި ނިދާފައި ތިބެންވީތޯއެވެ. އަޅުގަނޑުމެންނަށް ޢިއްޒަތް ގެނެސްދިން އިސްލާމްދީން ޙިމާޔަތްކުރުމަށް ނުކުންނާކަށް ނުވޭތޯއެވެ؟ ނިޢުމަތުގެ އަގު ވަޒަންކުރެވޭނީ އެނިޢުމަތް ގެއްލިގެން ދިޔައީމައެވެ. އެދުވަހުން ހިތާމަކޮށް އަޑުންއަޑުނަގައި ރޯންޖެހޭނެ ބަޔަކީވެސް ހަމަ އަޅުގަނޑުމެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ)( މުނާފިޤޫން 8 ) މާނައީ: “ޢިއްޒަތް ވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެތެވެ. “
ރާއްޖޭގެ ލޮބުވެތި މުސްލިމުންގެ މައްޗަށް ވެރިކުރެވިފައިވާ ޢިއްޒަތްތެރި ވެރިޔާއެވެ! މަނިކުފާނު ﷲ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ. މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތާއިމެދު ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ދަރުބާރުގައި ސުވާލުކުރެއްވޭނެ ކަމާއިމެދު ބިރުވެތިވެ، އެމަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރައްވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الْإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ))رواه البخاري މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ، އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު ސުވާލު ކުރެވޭނެ މީހެކެވެ. ވެރިމީހާ އަކީ ބެލެހެއްޓުންތެރިޔެކެވެ. އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު އޭނާއާއި ސުވާލުކުރެވޭނެއެވެ. “ ދެން އެކަލޭގެފާނުގެ މި އަގުމާތްވި އިރުޝާދުގައިވާ ވަޢީދަށް ބިރުވެތިވެ، މަނިކުފާނުގެ ނަފްސު އިޞްލާޙު ކުރައްވާށެވެ. ރާއްޖޭގައި މިހިންގާ ލާދީނީ ޙަރަކާތްތައް މަނާކުރައްވާށެވެ. މުންކަރާތް ނަހީކުރައްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ((مَا مِنْ عَبْدٍ يَسْتَرْعِيهِ اللهُ رَعِيَّةً يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلَّا حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ))رواه مسلم މާނައީ: “ﷲތަޢާލާ ބަޔަކު ބެލެހެއްޓުން އަޅަކާއި ޙަވާލުކުރެއްވުމަށްފަހު، އޭނާ މަރުވާދުވަހު އެމަރުވަނީ އޭނާއާއި ބަލަހައްޓަން ޙަވާލުކުރެވުނު ބަޔެއްގެ މައްޗަށް ޙިޔާނާތްތެރިވެގެންވާ ޙާލު ކަމުގައި ވެއްޖެނަމަ ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ.”
އިސްލާމްދީނުގެ ޝަރްޢީ ޢިލްމު ޙާޞިލް ކުރައްވައިގެން ތިއްބެވި ޢިލްމުވެރިންނޭވެ! ޢިލްމު ޙާޞިލްކުރައްވައިގެން އެޢިލްމާއި އެއްގޮތަށް ޢަމަލުނުކޮށް، އެ ވަންހަނާކުރާ މީހުންނަކީ ނަރަކަޔަށް ފުރަތަމަ އެއްލާލެވޭ މީހުންގެތެރެއިންވާ ބައެއްކަން ހަނދުމަފުޅު ނައްތާނުލައްވާށެވެ. އަޅުގަނޑުމެންގެ ދިވެހި ދަރިންނަށް ޙައްޤު ބަޔާން ކޮށްދެއްވާށެވެ. ދުނިޔޭގެ ޖަހާއި މަންޞަބާއި ލަދުވެތިކަމަށްޓަކައި ޙައްޤު ވަންހަނާ ނުކުރައްވާށެވެ. ތިޔަ ޢިލްމުވެރިންގެ ފާފަފުއްސެވުމަށް އެދި އުޑާއި ބިމުގައިވާހާ އެއްޗެއް ދުޢާކުރަމުންދާކަން ހަނދުމަފުޅުކުރައްވާށެވެ. ހަމަކަށަވަރުން ތިބޭފުޅުންނަކީ ނަބީބޭކަލުންގެ ވާރިޘުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންނެވެ. ﷲ ތަޢާލާ ތިޔަޢިލްމުވެރިންގެ މާތްކަމާއި މަތިވެރިކަން ޤުރްއާނުގައި ޒިކުރު ކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ) ( ޒުމަރު 9 ) މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ “ އަދިވެސް ވަޙީކުރައްވާފައިވެއެވެ. (يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ) ( މުޖާދަލާ 11 ) މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. “ އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. (إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ ) ( ފާޠިރު 28 ) މާނައީ: ” ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން ޢިލްމުވެރިންނެވެ. “ ރާއްޖޭގެ ޙާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާއިރު، ތިޔަޢިލްމުވެރިންގެ އީމާންތެރިކަމަށް ލޮޅުމެއްވެސް ނާރަނީހެއްޔެވެ؟ އީމާންތެރިކަން ހިތުގެ އެންމެ އަޑީގައި ތަޅުލެވި ބަންދުކުރެވިފައި ވަނީހެއްޔެވެ؟ ޢިލްމުވެރިންގެ ޢިއްޒަތާއި ޤަދަރު މީސްތަކުންގެ ކުރިމަތީގައި ވެއްޔާއި މޮޑެލުމަށް މަސައްކަތްކުރާ ބަޔަކު ތިބިކަން ހަނދުމަފުޅުކުރައްވާށެވެ. ﷲ ތަޢާލާގެ ކިބައިން ރައްކާތެރިމަކަށް އެދި ޙައްޤުބަސް ބުނުމުގައި ސާބިތުވެ ފަސްޖެހިވަޑައިނުގެން ދެމިތިއްބަވާށެވެ. ބަދުރުގެ މައިދާނުގައި މުސްލިމުންގެ މަދު ބޭކަލުންކޮޅެއް، މުޝްރިކުންގެ 1000 މީހުންގެ މައްޗަށް ކާމިޔާބާއި ނަޞްރު ލިބުނީ ﷲ ތަޢާލާގެ ދީން މަތިވެރިކޮށް ފުރިހަމަ އީމާނުގައި ޖިހާދު ކުރެއްވީމާ ނޫންތޯއެވެ. ތިޔަޢިލްމުވެރިންވެސް ﷲ ގެ ދީނަށް ނަޞްރުދޭށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ )( މުޙައްމަދު 7 )މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ދީނަށް ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ. “.
އިސްލާމްދީނާއި ދިވެހިންގެ ވަޠަން ދިފާޢުކުރެއްވުމަށް ﷲ ތަޢާލާގެ އިސްމުފުޅު ގަންދެއްވައި ހުވާކުރައްވައިގެން ތިއްބެވި ދިވެހި ޤައުމުގެ އަމަން ބަލަހައްޓާ ހިތްވަރުގަދަ ފަހުލާވާނުންނޭވެ! ތިޔަ ލޮބުވެތި ފަހުލަވާނުންގެ ތިމާގެބޭފުޅަކު ބަލިވެގެން ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވޭއިރު، އެމީހުންގެ ޙިމާޔަތުގައި ގާރޑުކޮށްގެން ހުންނެވިންތޯއެވެ؟ ދަރިން ނުވަތަ ތިމާގެބޭފުޅަކު އެހެންމީހުންގެ އުދަނގޫތަކާއި ދުއްތުރާތަކުން ސަލާމަތްކުރުމަށް ރެއާއި ދުވާލު އެމީހުންގެ ފާރަވެރިޔެއްގެ ގޮތުގައި ހުންނެވިންތޯއެވެ؟ ނަމަވެސް ހިތާމައާއި އެކު ބުނެލަންއޮތީ މުސްލިމުންނަށްވެތިބެ ﷲ ތަޢާލާ އެއްކައުވަންތްކުރާ ކަމަށް ދަޢުވާކުރާ ޙާލު، އިވުމާއި ފެނުމެއްނުވާ، ގެއްލުމާއި މަންފާއެއްނުދެވޭ، ބަޔަކު މީހުންގެ އަތުން ކޮށައި މަށައިގެން އަޅުކަންކުރާށާއި މަތިވެރިކުރަން ހަދާފައިވާ ބުދުތަކެއް ޙިމާޔަތްކުރަން ރެއާއި ދުވާލު އެވަށައިގެން ފޯރިއަށް ތިބިކަމެވެ. ތިޔަމުސްލިމުންގެ އީމާންތެރިކަން އޭރު ކޮބާހެއްޔެވެ؟ ދުނިޔެއިން ލިބިދާނެ މަންފާއަށްޓަކައި ނޫނީ ކުރިއެރުމެއް ލިބިދާނެކަމުގެ ދަހިވެތިކަމަށްޓަކައި ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަން، ނަމާދު އޭގެވަގުތުގައި ފުރިހަމަޔަށް ނުކުރެވޭ ޙާލު، ﷲ ތަޢާލާ ޙަރާމްކުރެއްވި ބުދުތަކެއް ޙިމާޔަތްކުރުމަށް ރެއާއި ދުވާލު ނިދިން މަޙްރޫމްވެ، އެ ބުދުތަކުގެ ފޯރިޔަށް ތިބުން އެއީ ތިބާޔަށް ކުރެވުނު މޮޅުކަމެއް ހެއްޔެވެ؟ ތިބާގެ ތަޤުވާވެރިކަން ކޮބާހެއްޔެވެ؟ ތިބާ ތަޤުވާވެރިވެ އެކަމަށް އިންކާރުކޮށް ދުރުހެލިވެގަތްނަމަ ﷲ ތިބާޔަށް އެހީތެރިވެ ވޮޑިގަންނަވާނެކަމާއި މެދު ޝައްކެތްވެސް ނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ )( ޠަލާޤު 3-2 ) މާނައީ: ” އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (2) އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤުދެއްވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. “
އޭ ލޮބުވެތި މުސްލިމް އުއްމަތުގެ މައިންބަފައިންނޭވެ! އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމީ ތަޢްލީމް ޙާސިލްކުރުމަށް އަދި އޮތް ހަމައެކަނި ފުރުސަތު، ޢަރަބިއްޔާ ސްކޫލް އަޅުގަނޑުމެންގެ އަތުން ފޭރިގެން ދަނީއެވެ. އަޅުގަނޑުމެން މިކަމާއި ފިކުރެއް ޚިޔާލެއް ނުކުރަންތޯއެވެ؟ އިސްލާމްދީނަކީ ފުރިހަމަ ދީނެވެ. އެދީނަށް އުޅޭމީހުންނަށް ފުރިހަމަޔަށް ޢަމަލު ނުކުރެވުމަކުން ދީން ފުރިހަމައެއް ނޫނޭ ބުނެވޭނެ ޖާގައެއް ނޯންނާނެއެވެ. ތިޔަލޮބުވެތި މައިންބަފައިންނަށް އަޅާލުމަށާއި ޢިޙްސާންތެރިވުމަށާއި އޯގާތެރިވުމަށާއި، ގައި ބާރު ދެރަވެ މުސްކުޅި އުމުރަށް ފޯރައިފިނަމަ “އުފް” އެއްގެ މިންވަރުވެސް ނުބުނުމަށް ތިޔަ ލޮބުވެތި މައިންބަފައިންގެ ދަރިންނަށް އަމުރުކުރީ އިސްލާމްދީން ނޫންތޯއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.( وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ ) ( އަލް އިސްރާއު 24-23 ) މާނައީ: “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ. (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ! (24) “ އެހެން ނަމަވެސް އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމްދީނުގެ ފުރިހަމަ ތަޢްލީމު ނުދެވުމުގެ ހިތިކަން ތިޔަލޮބުވެތި މައިންބަފައިންނަށް ފެނިގެން ތިދަނީއެވެ. 9 މަސް ވަންދެން ތަޙައްމަލް ނުކުރެވޭ ވޭންތަކެއް ކަޑައްތުކުރުމަށްފަހު، އަންހެނަކަށްނޫނީ އިޙްސާސް ނުކުރެވޭހާ ވޭނަކަށްފަހު ތިމާގެ ދަރިފުޅު ވިހައި، އެދަރިފުޅަށް ގެއްލުންވާ އެންމެހާ ކަންތައްތަކުން ސަލާމަތްކޮށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއެކު މައިންބަފައިންގެ ދެލޮލުގެ ނޫރުކަމަށް ދެކިގެން ބަލައި ބޮޑުކޮށް ކަންތައް ކުރުމުން، އެ އަގުބޮޑު ޤުރުބާނީތަކުގެ އަގު ތިޔަލޮބުވެތި މައިންބަފައިންގެ ދަރިންތައް އަދާކުރާގޮތް މިއަދު ތިފެންނަނީއެވެ. މުސްކުޅިވެ ގައިބާރު ދެރަވާދުވަހު އަޅާލުމެއް ނުލިބެއެވެ. ކޮންމެވެސް ހިސާބެއްގެ ބޭރުމީހަކާ ހަވާލުކޮށްލަނީއެވެ. މައިންބަފައިންގެ ޝަކުވާތައް ގިނަވުމުން ދަރިންނަށް މައިންބަފައިންގެ ކުރިމަތީގައި ހަޅޭއްލަވައި ޒުވާބު ކުރެވެނީއެވެ. މިއީ އިސްލާމްދީނުގެ ތަރުބިއްޔަތުން ތަރުބިއްޔަތު ނުކުރެވުމުގެ ހިތި ނަތީޖާއެވެ. ހެޔޮ ނުވާނެއެވެ! މިފަދަ ހިތިކަމެއް މެދުވެރިވާން ބޭނުންފުޅުނުވާނަމަ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރާށެވެ. ރާއްޖެޔަށް އެހެން ދީންތައް ވަނުމުގެ ކުޑަފުރުސަތެއްވެސް ނުދީ އިސްލާމްދީން ޙިމާޔަތްކުރަން ތިޔަލޮބުވެތި މައިންބަފައިންގެ އަތުކުރި އޮޅާލާށެވެ. އެހެންނޫނީ ހިތާމަކުރަންޖެހޭނެ ބަޔަކީ ހަމަ ތިޔަލޮބުވެތި މައިންބަފައިންނެވެ.
އޭ މުސްލިމް ދިވެހި ޤައުމުގެ ދިރުން ކަމުގައިވާ ހިތްވަރުގަދަ ޒުވާނުންނޭވެ! އިބްރާހިމް ޢަލައިހިއްސަލާމް ބުދުތައް ތަޅުއްވަން ގެންގުޅުއްވިފަދަ ކޯރާޑީއެއް ތިޔަ ޒުވާނުންނަށް ނުލިބުނީތޯއެވެ. އަޅުގަނޑުމެންގެ ދިވެހި ފަސްގަނޑަށް ބަޔަކުމީހުން އަތުން ކޮށައި މަށައިގެން ހަދާފައިހުރި ބުދުތަކެއް ވެއްދުންއެއީ އިސްލާމްދީން ފޮހެލުމަށް ފާޅުގައި ކުރެވޭ މަސައްކަތެކެވެ. އެމީހުންގެ މަޤްސަދަކީ އަޅުގަނޑުމެންގެ އީމާންތެރިކަން ހުރިވަރު ބެލުމެވެ. މަކަރުވެރި ބަސްތަކުން އަޅުގަނޑުމެން ހައްލާލެވޭތޯ ބަލާނެއެވެ. މުސްލިމް އެވެނި މިވެނި ޤައުމެއްގައި ބުދުތައްހުރެޔޭ، ފައްޅިތައް ހުރެޔޭ ، އަދި ބައްދަލުމުމަށް ޙާޟިރުވި ޤައުމުތައް ތަމްސީލްކުރުމުގެ ގޮތުން ރާއްޖެއަށް ބުދުއެތެރެކުރީ ކަމަށް ބުނެފާނެއެވެ. ލޮބުވެތި މުސްލިމް ޒުވާނުންނޭވެ! މިއީ މަކަރުވެރި މަޅިއެކެވެ. ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް އަޅުގަނޑުމެންނަށް މިސްކިތްތައް ފުދިގެންނުވޭތޯއެވެ؟ ފެނުމާއި އިވުމެއްނުވާ ފައިދާއެއް އަދި ގެއްލުމެއް ނުދެވޭ ހަޑިމުޑުދާރު ސިފަތަކަށް ހަދާފައި ތިބި ބުދުތަކަށް އަޅުކަން ކުރުމަށްވުރެ، މިކާއިނާތުގައި ވާހާއެއްޗެއް ޚަލްޤު ކުރެއްވި ޖައްބާރުވަންތަ ޤައްހާރުވަންތަ ﷲ ތަޢާލާއަށް އަޅުކަންކުރުން އަޅުގަނޑުމެންނަށް މާ ރަނގަޅު ނޫންތޯއެވެ؟! ޣާފިލުކަމުގެ ނިދިން ހޭއަރާށެވެ! ﷲ ތަޢާލާގެ ދީން ޙިމާޔަތް ކުރަން އެކުއެކީގައި ތެދުވާށެވެ! މިއަދު ނުކުރެވުނު ކަމެއް މާދަމާ ނުކުރެވޭނެއެވެ. ހާލީގައި އިންނަ ކުޑަދޫންޏަށް އެދޫނީގެ މަންމަ ކާއެތިކޮޅު ހިފައިގެން އަންނަންދެން ބަނޑުހައިކަންމަތީގައި އިންތިޒާރުކޮށްކޮށް އިންނަ ދޫންޏެއްފަދައިން ތިޔަ ޒުވާނުން ނުވާށެވެ. ހީކަރުވައިގެން ހީފިލުވަން ރަޖާގަނޑެއްގެ ދަށަށްވަދެ އޮންމެ މީހެއް ފަދައިން ނުވާށެވެ. ދަތް ހުއްޓާ ކާށި ކާށޭ ބުނާފަދައި ގައިގައި ބުންވަރު ހުރި ޒުވާންދުވަސްވަރު ތިޔަލޮބުވެތި ޒުވާނުންގެ ވަޠަން ޝިރުކުގެ އަނދިރިކަމުގެ ތެރެޔަށް ވެއްޓުމުގެ ކުރިން ސަލާމަތްކުރުމަށް ނުކުންނާށެވެ. ﷲ ތަޢާލާގެ ޢަޒާބަށް އިންތިޒާރުކޮށްކޮށް ނުތިބޭށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.((إِذَا أَنْزَلَ اللَّهُ بِقَوْمٍ عَذَابًا أَصَابَ الْعَذَابُ مَنْ كَانَ فِيهِمْ ثُمَّ بُعِثُوا عَلَى أَعْمَالِهِمْ)) رواه البخاري މާނައީ: ” ﷲ ތަޢާލާ ބަޔެއްގެ މައްޗަށް ޢަޒާބެއް ފޮނުއްވައިފިނަމަ، އެތަނެއްގައި ތިބި އެންމެންގެ މައްޗަށް އެޢަޒާބު އާދެއެވެ. ދެން ﷲ ތަޢާލާ އެބައިމީހުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވުމަށް މަޙްޝަރު ކުރައްވައެވެ. “ އަޅުގަނޑުމެންނީ މީސްތަކުންގެ ތެރެޔަށް ނެރެވިގެންވާ އެންމެ ހެޔޮ އުއްމަތުގެ އަހުލުވެރިންނެވެ. އެއުއްމަތުގެ އަހުލުވެރިންގެ ސިފަތައް ކަމުގައިވާ ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައްތައް މަނާކުރުމުގެ ސިފައިން ސިފަލިބިގެން އަޅުގަނޑުމެންނަށް ކުރިމަތިވަމުން މިދާ ފިކުރީ ހަނގުރާމައިން ނަޞްރުލިބޭތޯ މަސައްކަތްކުރާށެވެ. ﷲ ތަޢާލާ ވަޙިކުރައްފައި ވެއެވެ. (كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ ) (އާލް ޢިމްރާން 110 )މާނައީ: ” މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ. “