[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަޒާލިބުންވަނީ ނިޔަތްގަތް ގޮތުގެ މައްޗަށެވެ

عَنْ أَمِيْرِ المُؤْمِنِيْنَ أَبِي حَفْصٍ، عُمَرَ بْنِ الْخَطَّابِ -رَضِي اللهُ عَنْهُ- قَالَ: سَمِعْتُ رَسُولَ اللَّهِ -صَلّى الله عَلَيْهِ وَسَلَّمَ- يَقُولُ:

((إِنَّمَا الأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِءٍ مَا نَوَى. فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيْبُهَا أَوِ مْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ)).

رَوَاهُ البُخَارِي وَمُسْلِمٌ.

 “އަމީރުލް މުއުމިނީން އަބޫޙަފްޞު، ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ސައްލަ ﷲ  އަލައިހި ވަސައްލަމަ ހަދީސްކުރައްވަނިކޮށް އަޑުއެހީމެވެ. ((ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެމީހަކަށް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި  ހިޖުރަކޮށްފިމީހާގެ ހިޖުރަ ވާހުށީ، ﷲ އާއި އެކަލާނގެ ރަސޫލާއައްޓަކައެވެ. އަދި ދުނިޔެއަށްޓަކައި، އެލިބުމަށްއެދިގެން، ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ އެމީހަކު އެކަމަކަށްޓަކައި އެހިޖުރަ ކުރިކަމެކެވެ.”

މިހަދީސް ރިވާކުރެއްވީ ބުޚާރީއާއި މުސްލިމެވެ.

ޝަރަހަ:

އަމީރުލް މުއުމިނީނަކީ އަބޫ ހަފްޞް ޢުމަރު ބުން ޚައްތާބު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު ޚަލީފާ ކަމާއި ހަވާލުވެ ވަޑައިގަތީ އަބޫބަކުރުގެފާނު އެކަމަށް އައްޔަން ކުރެއްވުމުގެ ސަބަބުންނެވެ. އެހެންކަމުން އެކަލޭގެފާނުގެ ޚިލާފަތަކީވެސް ޝަރުޢީ ޚިލާފަތެކެވެ.

“އަޑުއެހީމެވެ” ނުވަތަ سمعت މިބަހުން އެނގެނީ އެކަލޭގެފާނު މި ހަދީޘް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ފަރާތުން އައްސަވާފައިވަނީ އިތުރު މެދުވެރިޔަކު ނުވަތަ ރާވީއަކު ނެތިކަމެވެ. ހައިރާންވާން ޖެހޭ ކަމަކީ މި ހަދީޘްގެ މުޙިއްމުކަމާއިއެކުވެސް މިހަދީޘް ޢުމަރުގެފާނު ފިޔަވައި އިތުރު އެއްވެސް ޞަޙާބީއަކު ރަސޫލާގެ ފަރާތުން ރިވާކުރައްވާފައިނުވާކަމެވެ. އެހެނެއްކަމަކު މިހަދީޘްގެ މާނައަށް ހެކިދޭ ޤުރުއާނުގެ އާޔަތްތަކާއި ކައު އިތުރު ރަސޫލާގެ ހަދީޘްފުޅުތައްވެއެވެ. އެގޮތުން މާތް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَمَا تُنْفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ

” އަދި، اللَّه ގެ وجه ފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. “

މިއީ ނިޔަތެވެ.  އަދިވެސް ވަޙީކުރައްވާފައިވެއެވެ.

مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا

” محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. “

މިވެސް ނިޔަތެވެ. އަދި ނަބިއްޔާ صلىى الله عليه و سلم ގެ ހަދީޘެއްގައިވެއެވެ.

واعلم أنك لن تنفق نفقة يبتغي بها وجه الله إلا أجرت عليها

“އަދި ދަންނާށެވެ. ތިބާ ﷲ ތަޢާލާގެ ވަޖުހުފުޅު އަދައިގެން ކުރާ ސަދަޤާތަކުން، އެޔަށް އަޖުރު ނުލިބޭ އެއްވެސް ސަދަގާތެއްނުވާނެއެވެ.” (މާނައީ ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރާ ކޮންމެ ސަދަޤާތަކަށް އަޖުރުލިބޭނެއެވެ)

“ﷲ ގެ ވަޖުހުފުޅު އަދައިގެން” ނުވަތަ  “يبتغي بها وجه الله” މުރާދަކީ ނިޔަތެވެ. އެހެންކަމުން ފާހަގަ ކޮއްލަންވީ މުހިއްމު ނުކުތާއަކީ މިލަފްޒުން އެއްވެސް ދެވަނަ ހަދީޘެއް އައިސްފައިނުވީނަމަވެސް މި ހަދީޘްގެ މާނައަކީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތު އެއްޗެއްކަމެވެ. އަދި މި އުއްމަތްވަނީ މިހަދީޘް ބަލައިގެންފައެވެ. އަދި އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙްވެސް ފައްޓަވާފައިވަނީ މިހަދީޘުންނެވެ.

ބަލާޣީގޮތުން:

އަރަބިބަހުގައި “إنما” އައުމުން ދޭހަކޮށްދެނީ ޙަޞްރު ކުރުމެވެ. ނުވަތަ ޤައިދު ކުރުމެވެ. މާނައަކީ ބަޔާންކޮށްފައިވާ ޙުކުމް ތެދުކުރުމާއިއެކު އެހެން ހުރިހާ ކަމެއް ނަފީކުރުމެވެ. އެހެންކަމުން މިސާލަކަށް “زيد قائم” (ޒައިދު ހުރީ ކޮޅަށެވެ) މިހެން ބުނުމުން އޭނާއަށް އިތުރު ސިފަތަކަކުން ނަފީއެއްނުކުރެވެ. އެހެނަސް “إنما زيد قائم” ބުނުމުން (ޒައިދު ހުރީ ކޮޅަށްކަމުގައި މެނުވީ ނުވެއެވެ) މި މާނަ ދޭހަވެއެވެ. ހަމަ އެފަދައިން މިހަދީޘްގައިވެހެވެ.

އަދި “އަދި ދުނިޔެއަށްޓަކައި، އެލިބުމަށްއެދިގެން، ނުވަތަ އަންހެނަކާއި ކައިވެނި ކުރުމަށްޓަކައި ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ އެމީހަކު އެކަމަކަށްޓަކައި އެހިޖުރަ ކުރިކަމެކެވެ.” މިހެން ބުނެ އެ ހިޖުރަކުރި ބޭނުން ނުވަތަ ނިޔަތް އިތުރަށް ޒިކުރު ނުކޮށް ފޮރުވުމުގައިވެސް ބަލާޣާތްތެރިކަންވެއެވެ. އެއީ އެނާ އެ ހިޖުރަކުރި ކަމުގެ ދެރަކަމާއި އަގެއްނެތްކަން ހާމަކުރުމެވެ.

ލުޣަވީގޮތުން:

“أعمال” (އަމަލުތައް) މިއީ ޢަމަލުގެ ގިނަ ގޮތެވެ. މީގައި ހިތުގެ އަމަލުތަކާއި، ދުލުގެ އަމަލުތަކާއި، ގުނަވަންތަކުގެ އަމަލުތައް ހިމެނެއެވެ. އެހެންކަމުން މި ބަހުގެ މާނައަކީ އަމަލުތައް އޭގެ ހުރިހާ ވައްތަރުތަކާއި އެކުއެވެ.

ހިތުގެ އަމަލުތަކުގެ ތެރޭގައި: ﷲ ތަޢާލާއަށް ވަކީލުކުރުން، އެކަލާނގެއަށް ބިރުވެތިވުން ފަދަ ކަންކަން ހިމެނެއެވެ.

ދުލުގެ އަމަލުތައް: މިއީ އެންމެ އަމަލުގިނަ ގުނަވަނެވެ. އެހެންކަމުން ލޮލާއި ކަންފަތް ނުހިމަނައި ދުލަށްވުރެ އަމަލުގިނަ އިތުރު ތަނެއްވާކަން ނުދެނެހުރީމެވެ.

ގުނަވަންތަކުގެ އަމަލުތަކުގެ ތެރޭގައި އަތާއި ފައިން ކުރާ އަމަލުތަކާއި އެފަދަ އަމަލުތައް ހިމެނެއެވެ.

” الأعمال بالنيات” (ނިޔަތްތައް) މިއީ ނިޔަތުގެ ގިނަ ގޮތެވެ. މާނައަކީ ޤަސްދެވެ. ޝަރުއީގޮތުން އޭގެ މާނައަކީ: ﷲ ތަޢާލާއާއި ކުއްތަންވުމަށްޓަކައި އެދިގެން އަމަލެއް ކުރުމަށް އަޒުމު ކަނޑައެޅުމެވެ. އޭގެ މަހައްލަކީ ހިތެވެ. އެއީ ހިތުގެ އަމަލެކެވެ. އަދި ނިޔަތުގައި ހިތް ފިޔަވައި އިތުރު ގުނަވަނެއް ބައިވެރިވެގެންނެއް ނުވެއެވެ.

(ނުނިމޭ)

ދެވަނަ ބައި…