[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙާބީންގެ ތެދުވެރި އީމާންކަމާއި ކިޔަމަންތެރިކަން (1)

130567

ﷲ ތަޢާލާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންގެ މަތިވެރިކަން ބަޔާންކުރައްވައި މަދަޙައާއި ޘަނާ ކިޔުއްވައި ވަޙީކުރެއްވި އާޔަތުގައިވެއެވެ. ( مُّحَمَّدٌ رَّسُولُ اللَّـهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖتَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا  ) سورةالفتح  ﴿٢٩﴾ މާނައީ: ” محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ. “.

އެއިލާހު ވަނީ އެބޭކަލުންގެ އަޘަރުތައް އިބުރަތާއި ފިލާވަޅުން ފުރިގެންވާ ހެކިތަކެއް ކަމުގައި ޤިޔާމަތާއި ހަމަޔަށް ލައްވާފައެވެ. އަދި އެއިލާހުގެ ފޮތުގައި އެބޭކަލުންނަށް މަދަޙަޘަނާ ވަޙީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ( لَّقَدْ رَضِيَ اللَّـهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ) سورةالفتح 18 މާނައީ: ”  ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ”. ޖާބިރު ރަޟިޔަﷲ ޢަންހު މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. މި އާޔަތްބާވައިލެއްވުނީ ބައިޢަތުއް ރިޟުވާންގެ އަހުލުވެރިންގެ މަތިވެރިކަމާއި ބެހޭގޮތުންނެވެ. އަދި މި އާޔަތް ބާވައިލެއްވުނީ ބައިޢަތުއް ރިޟުވާން ގައި ޙުދައިބިއްޔާގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ 1400 އެއްހާ ޞާޙާބީންނާ އެކުގައި އިޙްރާމްގައި ތަލްބިއްޔާ ވިދާޅުވާ ޙާލުގައި ބައްދަލުކުރައްވައި މައްކާގެ ކަޢުބަތުﷲ ގެފުޅަށް ގޮސް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނިޔަތުގައި ނިކުމެވަޑައިގަތެވެ. ނަމަވެސް މައްކާގެ މުޝްރިކުން އެކަމަކަށް ހުރަސްއެޅިއެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާގެ މުޝްރިކުންނާއި ޞުލްޙަވެ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ހުއްދައަށްއެދި ޢުޘްމާން ބުން ޢައްފާން ރަޟިޔަﷲޢަންހު މުޝްރިކުންގެ ގާތަށް ފޮނުއްވިއެވެ. ނަމަވެސް ޢުޘްމާން ރަޟިޔަﷲޢަންހުގެ ޚަބަރެއްނުވެ ގިނައިރުވުމުން ޤުރައިޝުން އެކަލޭގެފާނު އަވަހާރަކޮށްލީކަމަށް ހީކޮށް ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ އެންމެހާ ޞަޙާބީން ޝަޖަރަތުއް ރިޟުވާން އޭ ކިޔުނު ގަސްދޮށަށް އެއްކުރެއްވިއެވެ. އަދި އަމުރުކުރެއްވީ ﷲ ގެ މަގުގައި ކާފަރުންނާއި ހަނގުރާމަކޮށް އެބޭކަލުންގެ ފުރާނަތައް ޤުރުބާން ކުރުމަށެވެ. މަތިވެރި އީމާނާއި ހަނގުރާމައިގެ ޖޯޝުގައި ތިއްބެވި އަޞްޙާބު ބޭކަލުން އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ވަގުތުން އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ. މިއަށް އިޝާރާތްކުރައްވައި ﷲ ތަޢާލާ އިސްވެދިޔަ އާޔަތް ބާވައިލެއްވިއެވެ. ﷲ ތަޢާލާ ވަނީ އެއިލާހުގެ މަތިވެރި ރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަ، އެންމެހާ ނަބިއްޔުންގެ ޞާޙިބާ، ތަޤުވާވެރިންގެ އިމާމް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންގެ ގޮތުގައި އެމާތް ބޭކަލުން ލައްވާފައެވެ. ޝައްކެތްނެތެވެ! މިއީ ހަމައެބޭކަލުންނަށް ލިބުން ޙައްޤުވެގެންވާ ދަރަޖައެކެވެ. އެންމެހާ މީސްތަކުންގެ މައްޗަށް އެބޭކަލުން ޤަދަރުވެރި ކުރެއްވެވީ އެބޭކަލުންނީ އެންމެ ހިތްތައް ސާފު ޠާހިރު އެންމެ ކިޔަމަންތެރި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފަހު އެންމެ ހެޔޮބޭކަލުން ކަމުގައިވާތީއެވެ.

އަޅުގަނޑުގެ މައިގަނޑު މަޤްޞަދަކީ އެބޭކަލުންގެ މާތްކަމާއި ބެހޭގޮތުން ލިޔުމެއްނޫނެވެ. އެހެންނަމަވެސް އެބޭކަލުން އިސްލާމް ދީނަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއާއި ދީނަށް ކުރެއްވި ޚިދުމަތުގެ މައްޗަށް އަލިއަޅުވާލުމެވެ. އާދެ! އެބޭކަލުންގެ ކިބައިން ފެނިގެންދިޔަ ތެދުވެރި އީމާންކަމާއު ރިވެތި އަޚްލާޤާއި އަދި މި ނޫންވެސް ޚާއްޞަ ސިފަތަކަށް އަލިއަޅުވާލުމެވެ. ﷲ ތަޢާލާގެ ވަޙީއަށް އީމާންވުމުގައި އެބޭކަލުން ދެއްކެވި ރިވެތި ނަމޫނާއަށް އަލިއަޅުވާލުމެވެ.

އާދެ މިކަމުގެ ސަބަބުން ﷲ ތަޢާލާވަނީ އެބޭލަލުން އުއްމަތްތަކުގެ މައްޗަށް މާތްކުރައްވައި މިއުއްމަތުގެ އިމާމުން ކަމުގައި ލައްވަވާފައެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވަވައި އެބޭކަލުންނާއި އެކު އުޅުއްވުމަށްފަހު އަވަހާރަވެވަޑައިގަތުމަށްފަހުގައިވެސް އެ ޞަޙާބީ ބޭކަލުންނަށް ﷲ ތަޢާލާވަނީ ނަޞްރު ދެއްވާފައެވެ. އަދި އެބޭކަލުންގެ އަތްމަތީގައި ބޮޑެތި ބިންތައް ފަތަޙަކުރައްވާފައެވެ. އަދި މި މަތިވެރި ވެގެންވާ ދީން އެބޭކަލުންގެ އަތްމަތީގައި ފާރިސްކަރައަށައި ރޫމް އަދި މިޞްރު އަދި ޔަމަނާއި އެފްރިކާ ބައްރަށާއި އަދި ކިއެއްތަ ޔޫރަޕާ ހަމަޔަށް އަދި ބޮޑެތި ކަނޑުތަކާ ހަމަޔަށް ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން މި ދަތުރުގައި އެބޭކަލުން މާސިންގާ ކަނޑަކާ ހަމަޔަށް ދެވުމުން އެބޭކަލުން ދަންނަވަމުން ގެންދިޔައީ ” ﷲ ގަންދީ ދަންނަވަމެވެ. މިކަނޑުގެ ފަހަތުގައި ހިކިފަސްތަނެއް ވާނަމަ ކަނޑު ފަތާފަ ނަމަވެސް ﷲ ގެ ދަޢުވަތާއިގެން އެބިމަކަށް ދިޔައީމުހެވެ.” މިއީ އެބޭކަލުން މިދީނަށް ކުރެއްވި މަތިވެރި މިންނެތް ޚިދުމަތެވެ. މުޅި ދުނިޔޭގައި އީމާނުގެ އޮށް އިންދެވި ރިވެތި ނަމޫނާއެވެ. ވިސްނާ ފިކުރުކުރާބަޔަކަށް ޢިބުރަތެއް ނުވޭހެއްޔެވެ؟

އެބޭކަލުން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައާ މެދު ބެހެއްޓެވި އީމާނަކީ ކޮބައިތޯއެވެ؟ ﷲ ތަޢާލާގެ ވަޙީބަސްފުޅާމެދު ބެހެއްޓެވި ކިޔަމަންތެރިކަމަކީ ކޮބައިތޯއެވެ؟ އަދި އެބޭކަލުންގެ ނަފްސުތަކަށް އަނިޔާވެރި ވެވޭހިނދު އެކަމާމެދު ކަންތައް ކުރެއްވި ރިވެތި ނަމޫނާއަކީ ކޮބައިތޯ؟ މިކަންކަމާމެދު ވިސްނައި ފިކުރުކޮށްލުމަކީ މުހިއްމު ކަންކަމެވެ. ﷲ ތާޢާލާގެ ވަޙީއަށް އެބޭކަލުން ވަނީ ތެދުވެރު ހިތަކުން އިޖާބަދީވައެފެ. އެއިލާހުގެ މަތިވެރި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަމުރުފުޅުތަކަށް އެބޭކަލުންވަނީ ފުރިހަމަޔަށް ބޯލަނބާ ކިޔަމަންގަނެފައެވެ. އެއްވެސް ޙާލެއްގަ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާއިމެދު ދެބަސްވެ ހިތްހަމަނުޖެހުން ފާޅުކޮށްފައެއް ނުވެއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރައްވާ އެއްޗެއްގެ މުރާދު އަމިއްލަ ބުއްދިން ދެނެގަތުމުގެ އާދައެއް ނުގެންގުޅުއްވަތެވެ. އެކަލޭގެފާނުގެ އަރިހުން ﷲ ތަޢާލާގެ އަމުރުފުޅެއް އަތުވެއްޖެ ހިނދު ﷲ ތަޢާލާ މިވެނި އެވެނި ގޮތަަށް ވަޙީކުރެއްވީ ކީއްވެތޯ ނައައްސަވަތެވެ. އަދި އެކަމުގައިވާ ޙިކުމަތާއި ބެހޭގޮތުން ސުވާލުވެސް ނުކުރައްވަތެވެ.  އެހެންނަމަވެސް އައްސަވަމުން ގެންދެވީ ކަލޭގެފާނުގެ ވެރިއިލާހު އަމުރުކުރައްވަނީ ކޮން ކަމަކަށްހެއްޔެވެ. ﷲ ތަޢާލާގެ ވަޙީ އެބޭކަލުން ތެދުކުޅައީ މިގޮތަށެވެ. އެއްވެސް ހިތްބުރަކަމެއް ނެތިއެެވެ. އެހެނީ އެބޭކަލުންގެ ހަމައެކަނި އެދުމެއް ކަމުގައި ވެފައިވަނީ ﷲ ތަޢާާލާގެ ރުހިވޮޑިގަތުން ޙާޞިލްކުރުމެވެ. އެހެނީ ސުވަރުގެ ލިބުންވަނީ ﷲ ތަޢާލާގެ ރުއްސެވުމުގައެވެ.

ބަދުރުގެ ޙާދިޘާއަށް ވިސްނާލަމާ ހިނގާށެވެ. ބަދުރު ހަނގުރާމަޔަށް މުސްލިމުންގެ ލަޝްކަރާއިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނިކުމެ ވަޑައިގަތެވެ. އަދި ބަދުރޭ ކިޔުނު މައިދާނުގައި ހުރި ފެންވަޅެއް ކައިރިޔަށް އާދެވުނު ހިނދު ފެންވަޅު ލަޝްކަރުގެ ކުރިޔަށްލައި މުސްލިމުންގެ ސަފުތައް ރުކުރުވާލެއްވިއެވެ. އެހިނދު ޙުބާބު ބިން މުންޛިރު ރަޟިޔަﷲޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި މުޢާމަލާތްކުރެއްވި އަދަބުވެރިގޮތް ނިކަން ވިސްނަވާބައްލަވާށެވެ. އެކަލޭގެފާނަކީ އީމާންތެރިކަމުގައި ލާމަޘީލް ނަމޫނާއެކެވެ. އަދި ﷲ ތަޢާލާގެ މިމަތިވެރި އާޔަތަށް ފުރިހަމަޔަށް ތަބާވެގެންހުންނެވި ބޭކަލެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَسُولِهِ ) سورةالحجرات﴿١﴾  މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އާއި، އެކަލާނގެ رسول އާގެ حضرة ގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ!  “. އަދިވެސް އެިއލާހު ވަޙީކުރައްވާފައިވެއެވެ. (  وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ) سورة الأحزاب ﴿٣٦﴾ މާނައީ: ” އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ. “ މި އާޔަތައް  އީމާންވެ ހުންނަވައި ޙުބާބު ރަޟިޔަﷲޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެއްޗެއް ވިދާޅުވުމުގެ އިޒުނަޔަށް އެދިވަޑައިގަތެވެ. އެކަލޭގެފާނު އިޒުނަ ދެއްުވުމުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ” ކަލޭގެފާނު މިތަނަށް ފައިބައި ވަޑައިގަތީ ﷲ ތަޢާލާގެ އަމުރުފުޅަށްތޯއެވެ؟ ނުވަތަ ކަލޭގެފާނުފެ ރަޢުޔުފުޅަށް ނިންމެވި ނިންމެވުމެއް ތޯއެވެ؟ ނުވަތަ ހަނގުރާމައިގެ އުކުޅުތަކާއި ހީލަތުގެ މައްޗަށް ނިންމެވި ނިންމެވުމެއްތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. “މިއީ ހަނގުރާމައިގެ އުކުޅުތަކާއި ޙީލަތުގެ މައްޗަށް ބިނާކޮށް ނިންމެވި ނިންމެވުމެކެވެ. ޙުބާބު ރަޟިޔަﷲޢަންހު އަށް ދެންނެވިއެވެ. ” އަޅުގަނޑަށް ފެންނަ ފެނުމުގައި، މިތަނަކީ މުނާސަބު ތަނެއް ނޫނެވެ. ފެންވަޅު ލަޝްކަރުގެ ފަހަތަށް ލައްވާށެވެ. އަދި މުޝްރިކުން އެވަޅުން ފެންބުޔަ ނުދެއްވާށެވެ. އެހެނީ ހަނގުރާމައިގައި އެމީހުން ކަރުހިއްކައިގަނެ ވަރުބަލިވެ ބަލިކަށިވުމަށްޓަކައެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަން ވިސްނިވަޑައިގެން ޞަޙާބީގެ ރައުޔަށް އެކަން އެގޮތަށް ނިންމިއެވެ.

އަދިވެސް އެހެން ޙާދިޘާއެކެވެ. ރާ ޙަރާމް ކުރެއްވި ކަމުގެ އަމުރުފުޅު އައުމާއެކު ޞަޙާބީން އެއަމުރަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރި ރިވެތިވެގެންވާ ނަމޫނާ ހަނދުމަކޮށްލަމާތޯއެވެ. އަނަސް ރަޟިޔަﷲ ޢަންހު އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ “ތިމަންކަލޭގެފާނު އަބޫ ޠަލްޙާގެ ގެކޮޅުގައި ޤައުމުގެ މީހުންނަށް ރާފޮދު އެރުވުމުގައި މަޝްޢޫލުވެ އުޅުނީމެވެ. އެހިނދު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވަޑައިގެންނެވި ބޭކަލަކު އައިސް ދެންނެވިއެވެ. “ހަމަކަށަވަރުން ރާ ޙަރާމްކުރެވިއްޖެއެވެ. ދެން އެހިނދު ﷲ ގެ ވަޙީބަސްފުޅު ކިޔަވާވިދާޅުވެއްޖެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.(90)  شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) (91) “ އެހިނދު އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ގޮވާލާ މީހާއަށް ” ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ ” މިހެން ނުބުނެވެނީސް އެބޭކަލުންގެ އަނގައިގައި ޖައްސަވާފައި ހުރި ތަށިތަކާއި އަތްތަކުގައި ހުރި ތަށިތައް ބިންމައްޗަށް އުއްކަވާލެއެވިއެވެ. އަދި މީސްތަކުން ގެތަކުގައި ރައްކާކުރެވިފައި ހުރި ރާ ޖާޑީތައް ބަންޑުން ޖައްސަވައި ތަޅުއްވާލެއްވިއެވެ.”. އެހިނދު މަދީނާގެ މަގުތަކުގައިރަލުގެ ސައިލު ހެދިގެން ދިޔައެވެ. މިއީ އެބޭކަލުންގެ ތެދުވެރި އީމާންކަން ހުރިމިންވަރެވެ. ރަލަކީ ޙަރާމްވުމުގެ ކުރިން އެބޭކަލުން އެންމެ ލޯބިކުރައްވާ ބޮޑުއަގުދީ ގަނެ ރައްކާކޮށް ގެންގުޅުނު ތަކެއްޗެވެ. ނަމަވެސް ރާ ޙަރާމްކުރެއްވުމުގެ އަމުރުފުޅު އައުމާއެކު އެ ރާ ވެގެންދިޔައީ އެންމެ އަގުދަށް އެއްވެސް ބޭނުމެއްނެތް އެއްޗަކަށެވެ. ޞަޙާބީން އެޚަބަރު ތެދުކުރީ ހަވާނަފްސުގެ އެދުންތަކަށް ފުރަގަސް ދިނުމަށްފަހުގައެވެ. ހިތުގެ އެންމެ އަޑިން އެ ޚަބަރު ތެދުކުރުމަށްފަހުގައެވެ. އެހެންކަމުން ﷲ ތަޢާލާގެ ނަޞްރު އެބޭކލުންނަށް ޙައްޤުވެގެންދިޔައެވެ.

އެބޭކަލުންގެ ނަޒަރުގައި ދުނިޔޭގެ އުފަލާއި މަޖަލަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. އެބޭކަލުން މި ދީނަށް ޚިދުމަތްކުރެއްވެވީ މަތިވެރި މަޤާމެއް ރިޔާސަތެއްގެ ބޭނުމުގަޔެއް ނޫނެވެ. މަޝްހޫރުކަމެއް ދެއްކުންތެރިކަމެއްގެ ނިޔަތުގައެއްވެސް ނޫނެވެ. ނަމަވެސް އިޚްލާޞްތެރި ނިޔަތަކާއެކު ﷲ ތަޢާލާއާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވީ ﷲ ގެ ރުހިވޮޑިގަތުން ހޯއްދުވުމަށެވެ. މިކަމުން ދޭހަވަނީ އެބޭކަލުންގެ ތެދުވެރި އީމާންކަން ނޫން ދެން ކޮންއެއްޗެއް ތޯއެވެ؟ މިފަދަ އެތައް ސިފަތަކާކާހުރެ އެބޭކަލުންނަށް ﷲ ތަޢާލާގެ މަދަދާއި ނަޞްރު ޙައްޤުވެގެންދިޔައެވެ.

-ނުނިމޭ-
ދެވަނަ ބައި