މިހިސާބުގެ މިސްކިތްތަކުގައި ޚުޠުބާދެއްވާ ބޭފުޅަކު ޚުޠުބާއެއް ދެއްވިއެވެ. އެޚުޠުބާގެ ތެރޭގައި ސަލްމާންގެފާނުގެ ޙަދީޘް ވިދާޅުވިއެވެ. އެޙަދީޘްއަކީ ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم އެބޭކަލުންނަށް ޝަޢުބާނުމަހުގެ އެންމެފަހު ދުވަހު ޚުޠުބާއެއްދެއްވިކަމަށްވާ ޙަދީޘްއެވެ.
[ޚުޠުބާ ނިމުމުން] ފާޅުކަންބޮޑުގޮތެއްގައި އެންމެންގެ ކުރިމަތީގައި ބައެއް އަޚުން އެބޭފުޅާއަށް އިންކާރުކުރިއެވެ. އަދި އެޙަދީޘްއަކީ ބަޔަކު ހަދާފައިވާ(موضوع) ޙަދީޘްއެއްކަމަށް ބުންޏެވެ.
އަދި އެ ޙަދީޘްގައިވާ ޢިބާރާތްތަކުގެ ތެރެއިން: “…ރޯދަވެރިއަކު ބަނޑުފުރައިމުއްތިކޮށްދީފި މީހަކަށް ތިމަންކަލޭގެފާނުގެ ޙައުޟުން[ޤިޔާމަތްދުވަހު އެކަލޭގެފާނަށް ދެވިގެންވާ ފެންގަނޑުން] ބުއިމެއް ދެވޭނެއެވެ. އެއަށްފަހު ސުވަރުގެއަށް ވަންނަންދެންވެސް އޭނާ ކަރުނުހިއްކާނެއެވެ…”
އަދިވެސް އެހެން ޢިބާރާތްތަކުގެ ތެރޭގައި:”…އޭނާގެ އަޅުންނަށް ލުއިކޮށްދީފި މީހެއްގެ ފާފަފުއްސަވާ، ނަރަކައިގެ ޢަޛާބުން އޭނާ މިންޖުކުރައްވާނެއެވެ…”
އަދި އެމީހަކު ބުންޏެވެ. “މިކަލިމަތަކަކީ ރަސޫލާގެ މައްޗަށް ހެދޭ ދޮގުތަކެކެވެ. ރަސޫލާގެ މައްޗަށް ދޮގުހަދައިފިމީހަކު ނަރަކައިން އޭނާގެ ޖަގަހަ ލިބިގަންނާށެވެ.”
ފަހެ އިސްވެ ބަޔާންކުރެވުނު ޙަދީޘްއަކީ ޞައްޙަ ޙަދީޘްއެއް ހެއްޔެވެ؟
الحمد لله
ސަލްމާނުގެފާނަށް ނިސްބަތްކުރެވިފައިވާ ޙަދީޘް ރިވާކުރެވިގެން އައިސްފައިވަނީ ޞަޙީޙް އިބްނު ޚުޒައިމާގައެވެ. ފަހެ އެބޭފުޅާ އެފޮތުގައި ވިދާޅުވިއެވެ:
(މިކަން ބަޔާންކުރެވިފައިވާ ޙަދީޘް ޞައްޙަނަމަ، ރަމަޟާންމަހުގެ ރޯދައިގެ މާތްކަން ބަޔާންކުރެވުނު ބާބު)
ދެން އެއަށްފަހު ވިދާޅުވިއެވެ:
އަހަރުމެންނަށް على بن حجر السعدي ކިޔާދެއްވިއެވެ. އެކަލޭގެފާނުމެންނަށް يوسف بن زياد ކިޔާދެއްވިއެވެ. އެކަލޭގެފާނުމެންނަށް همام بن يحيى ކިޔާދެއްވިއެވެ. علي بن زيد بن جدعان އަރިހުންނެވެ. އަދި އެކަލޭގެފާނު سعيد بن المسيب ގެ އަރިހުންނެވެ. އަދި އެކަލޭގެފާނު سلمان ގެފާނުގެ އަރިހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޝަޢުބާންމަހުގެ އެންމެ ފަހުދުވަހު ރަސޫލާ صلى الله عليه وسلم އަހަރުމެންނަށް ޚުޠުބާއެއްދެއްވިއެވެ. ފަހެ ވިދާޅުވިއެވެ.
“އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ކުރިމަތިވެފައިތިވަނީ މަތިވެރިވެގެންވާ މައްސަރެކެވެ. ބަރަކާތްތެރި މައްސަރެކެވެ. އެމަހެއްގައި އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއް ހިމެނިގެންވާ މައްސަރެކެވެ. އެމަހުގައި ރޯދަހިފުން ﷲވަނީ ފަރުޟުކުރައްވާފައެވެ. އަދި އެމަހުގައި ރޭ އަޅުކަންކުރުމަކީ ސުންނަތެއްކަމުގައި ލައްވާފައިވެއެވެ. އެމަހުގައި ސުންނަތްކަމެއް އަދާކޮށްފިމީހާ އެނޫން މަހެއްގައި ފަރުޟުކަމެއް އަދާކުރިމީހެއް ފަދައެވެ. އެމަހުގައި ފަރުޟެއް އަދާކޮށްފިމީހާ އެނޫންމަހެއްގައި ހަތްދިހަ ފަރުޟު އަދާކުރިމީހެއް ފަދައެވެ. އެއީ ކެތްތެރިކަމުގައ މައްސަރެވެ. އަދި ކެތްތެރިކަމުގެ ޘަވާބަކީ ސުވަރުގެއެވެ. އެއީ ހެޔޮފޯރުވުމުގެ މައްސަރެވެ. އަދި އެއީ މުއުމިނާގެ ރިޒްޤުތަނަވަސްވާ މައްސަރެވެ. އެމަހުގައި ރޯދަވެރިއަކު ރޯދަވިއްލާނެ އެއްޗެއްދީފިނަމަ އެކަންވާނީ އޭނާގެ ފާފަތައް ފޮހެވިގެންދާނޭ ކަމަކަށެވެ. އަދި އޭނާ ނަރަކައިން މުއްތިކުރެވޭނޭ ކަމަކަށެވެ. އަދި ރޯދަހިފިމީހާގެ އަޖުރުން އުނިނުވެ އެކަމުގެ އަޖުރު އޭނައަށްވެސް ލިބޭނެއެވެ.”
[އަޞްޙާބުބޭކަލުން] ދެންނެވިއެވެ. ރޯދަވެރިއަކަށް ރޯދަވިއްލާނެ އެއްޗެއް ދިނުމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ކުޅަދާނަވެގެންނުވެއެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “ރޯދަވެރިއާއަށް ކަދުރު އޮށެއް ނުވަތަ ފެންފޮދެއް ނުވަތަ ފެނާ އެއްކުރެވިފައިވާ ކިރުފޮދެއް ދިންމީހަކަށްވިޔަސް ﷲ އެކަމުގެ ޘަވާބުދެއްވާނެއެވެ. އެމަހުގެ ކުރީކޮޅުގައިވަނީ ރަޙްމަތެވެ. މެދުތެރޭގައި ފާފަފުއްސެވެ. އަދި ފަހުކޮޅުގައި ނަރަކައިން މިންޖުކުރެއްވުމެވެ. އޭނާގެ އަޅުންނަށް ލުއިކޮށްދީފި މީހެއްގެ ފާފަފުއްސަވާ، އަދި ނަރަކައިގެ ޢަޛާބުން އޭނާ މިންޖުކުރައްވާނެއެވެ ފަހެ އެމަހުގައި ހަތަރު ޞިފައެއް އިތުރުކުރާށެވެ. އޭގެ ތެރެއިން ދެޞިފައަކީ ތިޔަަބައިމީހުންގެ ވެރިރަސްކަލާނގެ ރުހުން ތިޔަބައިމީހުންނަށް ލިބޭނެ ދެޞިފައެކެވެ. އަދި އަނެއްދެޞިފައަކީ އެދެޞިފައާ ނުލާ ތިޔަބައިމީހުންނަށް ނުފުދޭނެ ދެޞިފައެކެވެ. ފަހެ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ރުއްސެވުން ތިޔަބައިމީހުންނަށް ލިބޭނެ ދެޞިފައަކީ ފަހެ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމެވެ. އަދި އެއިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދިދެންނެވުމެވެ. އަދި އެދެޞިފައާ ނުލާ ތިޔަބައިމީހުންނަށް ނުފުދޭނެ ދެޞިފައަކީ ފަހެ ތިޔަބައިމީހުން ﷲގެ ޙަޟްރަތުގައި ސުވަރުގެ ދެއްވުަމަށް އެދި ދެންނެވުމެވެ. އަދި ނަރަކައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދެންނެވުމެވެ. ރޯދަވެރިއަކު ބަނޑުފުރައިމުއްތިކޮށްދީފި މީހަކަށް ތިމަންކަލޭގެފާނުގެ ޚައުޟުން ބުއިމެއް ދެވޭނެއެވެ. ސުވަރުގެއަށް ވަންނަންދެންވެސް އޭނާ ކަރުނުހިއްކާނެއެވެ.”
މިޙާދީޘްގެ ސަނަދުގައި[ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި] على بن زيد بن جدعان ވެއެވެ. އޭނާއަކި [ޙަދީޘްރިވާކުރުމުގައި] ބަލިކަށި (ضعيف) މީހެކެވެ. އެއީ އޭނާގެ ހިތުދަސްކުރުމުގެ ބާރު ދެރަވީމައެވެ. އަދިވެސް މިޙަދީޘްގެ ސަނަދުގައި يوسف بن زياد البصري ވެއެވެ. އޭނާއަކީ އޭނާ ރިވާކުރާ ޙަދީޘްއަށް އިންކާރުކުރެވޭފަދަ (منكر الحديث) މީހެކެވެ. އަދިވެސް އެ ސަނަދުގައި همام بن يحيى بن دينار العودي ވެއެވެ. އޭނާއާ ބެހޭގޮތުން އިބްނު ޙަޖަރުގެ ‘އައްތަޤްރީބު’ އޭ ކިޔުނުފޮތުގައި ވިދާޅުވެފައިވެއެވެ. އޭނާއަކީ އިތުބާރުކުރެވޭ މީހެކެވެ. ނަމަވެސް ފަހަރުގައި ކުށްކިޔާފާނެއެވެ. (ثقة ربما وهم)
މިއަށް ބިނާކޮށް މިޙަދީޘްއަކީ މިސަނަދުން [ މީހަކު ހަދާފައޮތް]ދޮގުޙަދީޘްއެކޭ ނުބުނެވޭނެއެވެ. ނަމަވެސް މިއީ ބަލިކަށި (ضعيف) ޙަދީޘްއެކެވެ.
މިނޫނަސް ރަމަޟާންމަހުގެ މާތްކަން ގިނަގުނަވެގެންވެއެވެ. އެހެން ޞައްޙަ ޙަދީޘްތަކުން އެކަންޘާބިތުވެފައިވެއެވެ.
وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم” انتهى .
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ އަދި ޢިލްމީދިރާސާކުރާ ދާއިމީ ކޮމިޓީ
الشيخ عبد العزيز بن عبد الله بن باز
الشيخ عبد الرزاق عفيفي
الشيخ عبد الله بن غديان
الشيخ عبد الله بن قعود
މިފަތުވާ ޢަރަބި ބަހުން ވިދާޅުވުމަށް