[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 1

Ifku ge haadhisaa

 

بسم الله الرحمن الرحيم

الحمد لله رب العالمين. الَّذي خلق الْموْتَ والْحياةَ لِيبْلُوَكُمْ أَيُّكمْ أَحْسنُ عملًا. وصلى اللهم وسلم على من أصيب بأشد الإبتلاء والمحن ، وعلى آله وأصحابه الذين صبروا فيما أصابوا. أما بعد!

އިމްތިޙާނަކީ އިންސާނާއަށް މިދުނިޔެ މަތީގައި ކުރިމަތިކުރައްވަން ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ އިލާހީ ސުންނަތެވެ. އެއީ އެކަލާނގެ އަޅުތަކުންގެ ތެރެއިން ޙައްޤުގެ މަތީގައި ޘާބިތުވެ އެކަލާނގެއަށް ރުޖޫޢަވަނީ ކޮންބައެއްކަމާއި އަދި ފުރަގަސްދީ ހަލާކުގެ ތެރެއަށް އެނބުރިދަނީ ކޮންބައެއްކަން ފާޅުކުރެއްވުމައްޓަކައި ކަނޑައަޅުއްވާފައިވާ އިލާހީ މަންހަޖެކެވެ. އަދި އަޅުތަކުންގެ ތެރެއިން އެންމެ ރަނގަޅަށް ޢަމަލުކުރަނީ ކޮންބައެއްކަން ވަކިކުރެއްވުމަށާއި އަދިވެސް މިނޫންވެސް އެތައް ބައިވަރު ޙިކުމަތްތަކެއް އެކުލިވިގެންވާ އެކަލާނގެ އާދަފުޅެކެވެ. އަދި އޭގެ ސަބަބުން އެއްބައެއްގެ ގަދަރާއި ޢިއްޒަތާއި ދަރަޖަ އުފުލިގެން ދާހިނދު އަނެއްބައެއްގެ ގަދަރާއި ޢިއްޒަތާއި ދަރަޖަ ގެއްލި ނިކަމެތިވެގެންދާން މެދުވެރިވާ ސަބަބެއްވެސްމެއެވެ.

ކަންއޮތީ މިހެންކަމުގައިވާ ހިނދު ، އިމްތިޙާނަކީ އެކި މީހުންނަށް އެކި ގޮތަށް ކުރިމަތިވާ އެއްޗެކެވެ. އެއީ އެމީހެއްގެ ހާލަތާ ގުޅޭގޮތުން އެންމެ އެކަށީގެންވާ މިންވަރަށް ކޮންމެ ފަރުދަކަށްވެސް ﷲ ތަޢާލާ ކުރިމަތިކުރުވާ އެއްޗެކެވެ. އެއްވެސް މީހަކަށް އެމީހަކަށް ނުއުފުލެވޭ ވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެތެވެ. އެކަލާނގެ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ: “لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا”. މާނައީ: ” އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ﷲ ތަޢާލާ ނުޖައްސަވަތެވެ”.

އެއީ އެއްވެސް ޙާލަތެއްގައި ވަކި ފެންވަރެއްގެ މީހެއް ކަމުގައި ވުމުން ކުރިމަތިނުވެ ސަލާމަތްވެވޭނެ އޮންނަ ކަމެއް ނޫނެވެ. އެފަރާތަކީ މާތްކަމާއި މަތިވެރިކަމުގެ ސަބަބުން ﷲ ތަޢާލާއާ ކުއްތަންވެގެންވާ ރަސޫލުބޭކަލެއް ކަމުގައިވިޔަސް މެއެވެ. އަދި މުއްސަނދިކަމުގެ ސަބަބުން ޖާހާއި މަންޞަބުގައި އުޅެމުންދާ މަހުޖަނަކަށް ވިޔަސް މެއެވެ. ނުވަތަ ފާފައިގެ ތެރޭގައި ޣަރަޤުވެފައިވާ އަނިޔާވެރިއެއް ކަމުގައި ވިޔަސް މެއެވެ. އަދި ފަގީރުކަމުންގޮސް އުނުއޮރިޔާން ނިވާކޮށްލާނޭ ފޮތިކޮޅެއް ނެތް މީހެއް ކަމުގައިވެސް ވިޔަސް މެއެވެ.

ތިރީގައި އަޅުގަނޑު ގެނެސްދޭން ޤަސްދުކުރާ ޙަދިޘާއަކީ މަތީގައި މިބަޔާންކުރި ފަދައިން ހުރިހާ ފަންތިއަކާއި ގިންތިއެއްހެން ހިމެނިގެންދިޔަގޮތަށް ކުރިމަތިވެގެންއައި އިމްތިޙާނެއްގެ ވާހަކައެވެ. މުޖުތަމަޢުގެ ހުރިހާ ދަރަޖައެއް ހިމެނޭގޮތަށް އާއްމުވެގެންއައި އިމްތިޙާނެއްގެ ވާހަކައެވެ. ކާފަރުންނާއި މުސްލިމުންނެވެ. ފަޤިރުންނާއި މުއްސަނދިންނެވެ. މުނާފިޤުންނާއި މުއުމިނުންނެވެ. ފާސިޤުންނާއި ޞާލިޙުންނެވެ. އަނބިންނާއި ފިރިންނެވެ. މައިންބަފައިންނާއި ދަރިންނެވެ. އެކުވެރިންނާއި ދުޝްމަނުންނެވެ. ވެރިންނާއި ރައްޔިތުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. އެނގޭމީހުންނާއި ނޭނގޭމީހުންނެވެ. އަޅުންނާއި މިނިވަނުންނެވެ. ރައްޓެހިންނާއި ބީރައްޓެހިންނެވެ. މުހާޖިރުންނާއި އަންޞާރުންނެވެ.

 

(ނުނިމޭ)