ދެމަފިރިން، އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން…..
ބާއްޖަވެރި ކައިވެންޏެއްގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކީ އެކައިވެނިކުރާ ދެމީހުންކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ކައިވެނީގެ ގުޅުން ގުޅުމާއެކު، ކައިވެނި ކުރާ ދެމީހުންގެ ފަރާތުން އެއްފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. އެއިގެތެރެއިން ކޮންމެ ބައިވެރިޔަކީ އަނެއް ބައިވެރިޔާގެ ފާރާތުން ވަރަށް ގިނަގުނަ މަސްޢޫލިއްޔަތުތަކަކާ ޙަވާލުވާންޖެހޭނެ ބައިވެރިޔެކެވެ. ކައިވެނި އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، އެއްފަރާތުން އަނެއްފަރާތައް ދޭންޖެހޭ މުހިއްމު ޙައްޤުތަކަކީ ކޮބައިކަން ދެނެގަނެ، އެޙައްޤުތަކަށް ރައްކާތެރިވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
މިގޮތުން ބަލާއިރު، ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިއްމު ޙައްޤުތަކުގެ ތެރޭގައި އަނބިމީހާއަށް ހެޔޮކޮށް ހިތުންވެއެވެ. އަނބިމީހާއަކީ އެއްވެސް ޙާލެއްގައި އަޅެއްގެ މަޤާމުގައިވާ މީހެއްނޫނެވެ. އެކަނބުލޭގެއަށް އެކަށީގެންނުވާވަރަށް މަސައްކަތްތައް ޖެއްސުމާއި، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަނިޔާކުރުންފަދަ ކަންކަމަކީ އިސްލާމްދީން ނަހީ ކުރާކަންކަމެވެ. ހަމައެފަދައިން އަނބިމީހާ ސަލާމަތްތެރިކަމާއެކު ގެންގުޅުމާއި، އެކަނބުލޭގެއަށް މާލީގޮތުން ދޭންޖެހޭ އެހީތައް ދިނުމާއި، އަނބިމީހާއާ މުޢާމަލާތުކުރާއިރު އިޙްތިރާމާއި އޯގާތެރިވެރިކަމާއެކު މުޢާމަލާތުކުރުމާއި، އެކަނބުލޭގެއަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ އުޅުމަކީ ފިރިމީހާގެ މައްޗަށްވާ ޙައްޤެކެވެ. އަދި އެކަނބުލޭގެ ޙައްޤުގައި، އެކަނބުލޭގެ އާއިލާ މީހުންނަށް އިޙްތިރާމްކުރުމަކީވެސް އަނބިމީހާއަށް ހެޔޮކޮށް ހިތުމުގެ ތެރެއިންވާ ކަމެކެވެ. އަޅުގަނޑުމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން އެންމެ ހެޔޮމީހަކީ އެމީހާގެ އަނބިމީހާއަށް އެންމެ ހެޔޮމީހެކެވެ.
ހަމައެފަދައިން އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތަކެއް ވެއެވެ. މިގޮތުން ﷲ އަށް އުރެދުމެއްނުވާ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވުމާއި، ފިރިމީހާއާ ކުރާ މުޢާމަލާތުތަކުގައި ރިވެތިކޮށް މުޢާމަލާތުކުރުމާއި، ފިރިމީހާ އުފާކޮށްދެނިވި ކަންތައްތައްކުރުމުގައި ޤާއިމުވެހުރުމާއި، އޭނަގެ ގޮވާލުންތަކަށް އިޖާބަދިނުމާއި، އޭނަގެ މުދަލަށާއި ދަރިންނަށް ރައްކާތެރިވުމަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން މުހިއްމު ކަންކަމެވެ. ހަމައެއާއެކު، ފިރިމީހާ ޙާޟިރުވެނެތް ޙާލަތްތަކުގައިވެސް އޭނާ ހިތްނުރުހޭ މީހުން ގެއަށް ނުވެއްދުމާއި، މިފަދަ ޙާލަތްތަކުގައިވެސް މުދަލާއި ދަރިންނަށް ރައްކާތެރިވުމާއި، އޭނާގެ އާއިލާމީހުންނަށް އިޙްތިރާމުކުރުމަކީ ފިރިމީހާއަށް ހެޔޮކޮށް ހިތުމުގެ ތެރެއިންވާ ކަންކަމެވެ.
ދެމަފިރިން، އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތައް ދަނެ، އެޙައްޤުތަކަށް އަދާކުރުމުގައި ދެފަރާތުންވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކައިވެނި ބާއްޖަވެރިވާނެކަމެއްކަމާމެދަކު ޝައްކެއްނެތެވެ.
ކައިވެނީގެ ނަމުގައި އިސްލާމްދީނާ ޚިލާފަށް ގުޅޭ ބައެއް ގުޅުންތައް
އަޅުގަނޑުމެންނަކީ ދެދުނިޔެ ބާއްޖަވެރިންގެ ގޮތުގައި ވުމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިސްލާމްދީނުގެ މަތިވެރި ސީދާވެގެންވާ ތެދުމަގު ދައްކަވާ ދެއްވާފައެވެ. އެމަގުން ހިގައިފިމީހަކީ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު ލިބޭނޭ މީހެކެވެ. ހަމައެހެންމެ، މިމަގަށް ފުރަގަސްދީ ބޮޑާވެގަންނަ ކޮންމެ މީހަކީ ދެދުނިޔޭގައިވެސް އަބާއްޖަވެރިންނެވެ.
ތަރައްޤީއާއި ތަމައްދުނުގެ ރޮނގުން މަތީ ދަރަޖަތަކެއް ކަޑައްތުކުރަމުންދާ މިޒަމާނުގައި، ތަހްޒީބުވެފައިވާކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކަށް ނަޒަރު ހިންގާލައިފިކަމުގައިވާނަމަ ފެންނާނީ، އެފަދަ މުޖުތަމަޢުތަކުގައި ތަފާތު އެތައް ރެނދުތަކެއްލާފައިވަތަނެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. މުޖުތަމަޢުތަކުގެ އަޞްލުކަމުގައިވާ އާއިލާތައް ވަނީ ފަސާދަވެފައެވެ. އާއިލާއެއްގެ މައިގަނޑުކަމުގައިވާ ކައިވެނިތައް ވަނީ ޚަރާބުވެފައެވެ. މިކަމުގެ އެންމެބޮޑު ސަބަބަކީ އެފަދަ މުޖުތަމަޢުތަކުގައިވާ ކައިވެނިކުރުމުގެ ވައްޓަފާޅިތަކެވެ.
އިންސާނާ ހައްދަވައި، އޭނާގެ އެންމެހާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންނަށް އެންމެ އެކަށީގެންވާ، އެންމެ ފުރިހަމަ ކައިވެނީގެ ނިޒާމު އެބައިމީހުންނަށް ބަޔާންކޮށް ދެއްވާފައެވެ. މިފުރިހަމަ ނިޒާމުން އެއްކިބާވެފައިވާ ކޮންމެ ކައިވެންޏަކީ އެކައިވެންޏެއްގެ ސަބަބުން ތަފާތު އެތައް ނޭދެވޭ އަސަރުތަކެއް ދީނަށާއި، މުޖުތަމަޢުއަށާއި، ފަރުދުންނަށް ކުރާނޭކަމެކެވެ.
މިގޮތުން، އިސްލާމްދީނުގެ ފުރިހަމަ ކައިވެނީގެ ނިޒާމާ ޚިލާފަށް، ކުރެވޭ ކައިވެނިތައް އެނގުމަކީ މުހިއްމުކަމެކެވެ.
1. ދާއިމީގޮތުންނާއި ވަގުތީގޮތުން ކައިވެނި ޙަރާމް މީހުންނާ ކުރެވޭ ކައިވެނި.
2. ހަތަރު އަންބަށްވުރެ ގިނައިން އެއްވަގުތެއްގައި ކައިވެނިކުރުން.
3. އެއްފަހަރާ އެއްބަނޑު އެއްބަފާ ދެއަންހެނުންނާ ކައިވެނިކުރުން.
4. އަންހެނަކު އެއްފިރިހެނަކަށްވުރެ ގިނަ މީހުނާ އެއްވަގުތެއްގައި ކައިވެނިކުރުން.
5. ޒިނޭކުރާ މީހަކާ ތައުބާވުމުގެ ކުރިން ކައިވެނިކުރުން.
6. އަހުލުކިތާބީން (އެބަހީ ޔަހޫދީންނާއި ނަޞާރާއިންނާ) ފިޔަވާ އެހެން ދީންތަކުގެ އަންހެނުންނާ ކައިވެނި ކުރުން.
7. މުސްލިމް އަންހެނަކު ކާފަރު ފިރިހެނަކާ ކައިވެނިކުރުން. (އަހުލުކިތާބީންގެ ތެރެއިންވާ ފިރިހެނެއްނަމަވެސް މިކަމުގައި ފަރަޤެއް ނެތެވެ.)
8. ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަނދެގެން ހުރެ ކުރެވޭ ކައިވެނި.
9. އެހެންމީހަކަށް ބަލިވެއިން އަންހެނަކު ވިހެއުމުގެ ކުރިން ކައިވެނިކުރުން.
10. އެހެންމީހެއްގެ ޢިއްދާގައި އިން އަންހެނަކާ ކައިވެނިކުރުން.
11. ފަށްކެނޑުމަށްޓަކައި ކައިވެނިކުރުން. ފަށްކަނޑައިދޭމީހާއަށާއި ފަށްކަނޑައިދެވޭ މީހާއަށް ﷲ ވަނީ ލަޢުނަތް ލައްވަވާފައެވެ.
12. ބަރަކާތް ހޯދުމުގެ ނަމުގައި ކުރެވޭ ކައިވެނި. މިފަދަ ކައިވެނިތަކަކީ މަގުފުރެދިފައިވާ ބައެއް ފިރުޤާތަކުގެ މީހުން ކޮށްއުޅޭ ކައިވެންޏެކެވެ. މިބައިމީހުން ވަލީވެރިންކަމަށް ބުނާ މީސްމީހުންނާ ކައިވެނިކޮށް ނުވަތަ ކައިވެނިކޮށްދީ އުޅެއެވެ. މިބައިމީހުންގެ ނިޔަތަކީ އެބުނާ ވަލީވެރިންގެ ކިބައިން ބަރަކާތް ހޯދުމެވެ.
13. މުތުޢާ ކައިވެނި. މިއީ ޖާހިލިއްޔަ ޒަމާނުގައި އަދި މިޒަމާނުގައިވެސް މަގުފުރެދިފައިވާ ބައެއް ފިރުޤާތަކުގެ މީހުން ވަގުތީގޮތުން ކޮށްއުޅޭ ކައިވެންޏެކެވެ. ކައިވެނި ކުރާ ވަގުތު މުއްދަތު ކަނޑައެޅިފައިވާނެއެވެ. އެމުއްދަތު ހަމަވުމުން ކައިވެނި ރޫޅޭނެއެވެ.
14. ޝިޣާރު ކައިވެނި. މިއީ ދެމީހަކު އެދެމީހުންގެ ދެދަރިން، އެދެމީހުން އެކަކު އަނެކަކާ ކައިވެނީގެ ރަނެއްނެތި ކުރެވޭ ކައިވެންޏެކެވެ.
15. އެއްޖިންސުގެ މީހުން ކައިވެނީގެ ނަމުގައި ގުޅުން.
މަތީގައި ބަޔާންވެދިޔަ ވައްތަރުތަކުގެ ކައިވެނިތަކަކީ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފު ބައެއް ކައިވެނިތަކެވެ.
ނިންމުން
ބަޔާންވެދިޔަ ބައިތަކުގައި ބަޔާންކުރެވިފައިވާނޭ ފަދައިން، ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކަމެވެ. އަދި އެއީ މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމާއި، ފާޙިޝް އެތައް މުންކަރާތްތަކަކުން މުޖުތަމަޢު ސަލާމަތްކޮށްދޭ ކަމެކެވެ. ކައިވެނީގެ މިއެންމެހާ ލަނޑުދަނޑިތައް ގުޅިލާމެހިފައިވަނީ އެކައިވެނިތަކުގެ ބާއްޖަވެރިކަމާއެވެ. ކައިވެނިތައް ފަސާދަވެއްޖެކަމުގައިވާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއައް ކުރާނެއެވެ.
ކައިވެނީގެ އެންމެހާ ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށްޓަކައި، މިކަމަށް ކަނޑައެޅިފައިވާ މުހިއްމު އުޞޫލުތަކެއް ބޭނުންވާނެކަން ކަށަވަރެވެ. މިގޮތުން، އިންސާނުންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކައިދިނުމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވާލެއްވި އިސްލާމްދީނުގައި މިފުރިހަމަ އުޞޫލުތައް ބަޔާންކޮށް ދެއްވާފައިވެއެވެ. މިއުޞޫލުތަކަކީ އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގައި އެކުލެވިފައިނުވާ މުހިއްމު އުޞޫލުތަކެއްކަން މިކަމާމެދު ވިސްނާފިކުރުކުރާ މީހަކަށް އެނގިގެންދާނެއެވެ. ވުމާއެކު، މިމަތިވެރި އުޞޫލުތަކަށް ބޯލެނބުމަކީ އަޅުގަނޑުމެންގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެކެވެ. (ނިމުނީ)
މަރުޖިޢުތައް
- މުލައްޚަޞުލް ފިޤްހީ : ޞާލިޙު ބުން ފަވްޒާން
- އައްޝަރަޙުލް މުމްތިޢު: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން
- ދިވެހި ބަސްފޮތް 2006
- ދަ ކުއެސްޓް ފޯރ ލަވް އެންޑް މާރސީ: މުޙައްމަދު މުޞްޠަފާ އަލްޖިބާލީ
- ދަ ފުރެގައިލް ވެސެލްސް: މުޙައްމަދު މުޞްޠަފާ އަލްޖިބާލީ
_______________________