[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފައިގެ އަޞްލުތައް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ކުދިބޮޑު ހުރިހާ ފާފައެއްގެ އަޞްލު ރުޖޫޢަވަނީ 3 ކަމަކަށެވެ.

1-ﷲ ފިޔަވައި އެހެން ފަރާތްތަކާއި އޭނާގެ ހިތް ގުޅިގެން ދިޔުން. (ޝިރުކު).

2-ރުޅިވެރިކަމަށް ތަބަޢަވުން. (އަނިޔާވެރިވުން)

3-ޝަހުވަތްތަކަށް ތަބަޢަވުން (ފާޙިޝް ކަންތައް)

ﷲ ފިޔަވައި އެހެން ފަރާތްތަކާއި ހިތް ގުޅިއްޖެނަމަ، އެއިލާހަށް ޝަރީކުކޮށް، އެހެން ފަރާތްތަކަށް އަޅުކަންކުރާ މީހުންގެ ތެރެއިން އޭނާ ވެގެންދެއެވެ. ރުޅިވެރިކަމަށް ތަބަޢަވާން ފަށައިފިނަމަ، މީހުން ޤަތުލު ކުރަންވެސް އޭނާ ފަސްނުޖެހޭނެއެވެ. އަދި ޝަހުވަތްތަކަށް ތަބަޢަވާން ފަށައިފިނަމަ ޒިނޭކުރުމަކީވެސް ބޮޑުކަމަކަށް ނުވާނެއެވެ.

އެހެންކަމުން ﷲސުބުޙާނަހޫ ވަތަޢާލާ، އެއްއާޔަތެއްގައި މި 3 ކަންތައްވެސް ބަޔާންކުރައްވާފައިވެއެވެ. وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا (الفرقان : 68) “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް އަޅުކަންކޮށް ނަހަދާމީހުންނެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާއި ބައްދަލުކުރާނެތެވެ.”

މި 3 ކަމަކީ، އެކަތި އަނެކައްޗާއި ގުޅިފައިވާ 3 ކަމެވެ.

ޝިރުކު، އަނިޔާވެރިކަމާއި ފާޙިޝް ކަންތަކަށް މަގުދައްކައެވެ. އަދި އިޚްލާޞްތެރިކަމާއި ތައުޙީދު، އަނިޔާވެރިކަމާއި ފާޙިޝް ކަންތަކުން އިންސާނާ ދުރުކުރުވައެވެ.

އަނިޔާވެރިކަން، ޝިރުކާއި، ފާޙިޝް ކަންތަކަށް މަގުދައްކައެވެ. ތައުޙީދަކީ އެންމެބޮޑު ޢަދުލުވެރިކަމަށް ވާފަދައިން، ޝިރުކަކީ އެންމެބޮޑު އަނިޔާވެރިކަމެވެ. ފަހެ ޢަދުލުވެރިކަމަކީ ތައުޙީދުގެ ޤަރީނެވެ. އަދި އަނިޔާވެރިކަމަކީ ޝިރުކުގެ ޤަރީނެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައި މިކަންތައް ޖަމަޢަ ކުރައްވާފައިވެއެވެ. ޢަދުލުވެރިކަމާއި ތައުޙީދު ޖަމަޢަކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ. شَهِدَ اللَّهُ أَنَّهُ لا إِلَهَ إِلا هُوَ وَالْمَلائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لا إِلَهَ إِلا هُوَ الْعَزِيزُ الْحَكِيمُ (آل عمران : 18) ‘ ހަމަކަށަވަރުން، ﷲ އެއިލާހު ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެއިލާހު ޤާއިމުވެ ވޮޑިގެންވެތެވެ. އެއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެތެވެ. (އެއިލާހީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.” އަދި އަނިޔާވެރިކަމާއި ޝިރުކު ޖަމަޢަކުރައްވައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (لقمان : 13) “ހަމަކަށަވަރުން ޝިރުކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.”

ފާޙިޝްކަންތައް، ޝިރުކާއި އަނިޔާވެރިކަމަށް މަގުދައްކައެވެ. ޚާއްޞަކޮށް، އަނިޔާވެރިވުމާއި ސިޙުރުހެދުންފަދަ ކަމަކުން މެނުވީ، އެކަން ޙާޞިލުވާނެ ގޮތެއް ނެތިއްޖެ ހިނދުގައެވެ. ޒިނޭ ކުރުމާއި ޝިރުކުކުރުން އެއް އާޔަތެއްގައި ޖަމަޢަ ކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  الزَّانِي لا يَنْكِحُ إلا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لا يَنْكِحُهَا إِلا زَانٍ أَوْ مُشْرِكٌ (النور :3) “ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ ޝަރީކުކުރާ އަންހެނަކާނޫނީ ނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝަރީކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ.”

____________________________________

އަޞްލު: فوائد الفوائد لابن القيم الجوزية