قَالَ الْعَلَّامَةُ حُجَّةُ الْإِسْلَامِ أَبُو جَعْفَرٍ الْوَرَّاقُ الطَّحَاوِيُّ -بِمِصْرَ- رحمه الله:
هَذَا ذِكْرُ بَيَانِ عَقِيدَةِ أَهْلِ السُّنَّةِ وَالْجَمَاعَةِ، عَلَى مَذْهَبِ فُقَهَاءِ الْمِلَّةِ: أَبِي حَنِيفَةَ النُّعْمَانِ بْنِ ثَابِتٍ الْكُوفِيِّ، وَأَبِي يُوسُفَ يَعْقُوبَ بْنِ إِبْرَاهِيمَ الْأَنْصَارِيِّ، وَأَبِي عَبْدِ اللَّهِ مُحَمَّدِ بْنِ الْحَسَنِ الشَّيْبَانِيِّ -رِضْوَانُ اللَّهِ عَلَيْهِمْ أَجْمَعِينَ- وَمَا يَعْتَقِدُونَ مِنْ أُصُولِ الدِّينِ، وَيَدِينُونَ بِهِ رَبَّ الْعَالَمِينَ.
އަލްޢައްލަމާ ޙުއްޖަތުލް އިސްލާމް އަބޫ ޖަޢްފަރުއް ވައްރާޤުއް ޠަޙާވީ ރަޙިމަހުﷲ ތަޢާލާ މިޞްރުގައި ވިދާޅުވިއެވެ.
މިބަޔާންކޮށްދެނީ މިމިއްލަތުގެ ފިޤްހު ޢިލްމުވެރިންކަމުގައިވާ، އަބޫ ޙަނީފާ ނުޢުމާން ބިން ޘާބިތިލް ކޫފީއާއި، އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ (رضوان الله عليهم أجمعين) ގެ މަޛްހަބުގައި ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން (أهل السنة والجماعة) ގެ ޢަޤީދާއެވެ. އަދި ދީނުގެ އުޞޫލުތަކާމެދު އެބޭކަލުންގެ ޢަޤީދާއާއި ޢާލަމްތަކުގެ ވެރި ربّ އަށް އެބޭކަލުން ދީންވެރިވިގޮތެވެ.
____________________________________
ޝަރަޙަ:
ޢަޤީދާއަކީ ކޮބާ؟
ދީނުގެ މަސްއަލަތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ހިތުން ތެދުކޮށް ކަށަވަރުކުރަންޖެހޭ ބަޔަކާއި، ޢަމަލާއި ބަހުން ދައްކައިދޭންޖެހޭ ބައެވެ. މިގޮތުން ހިތުން ތެދުކޮށް ކަށަވަރުކުރާ މަސްއަލަތަކަށް ކިޔަނީ ޢަޤީދާއެވެ. އަދި ޢަމަލާއި ބަހުން ކުރާ ކަންތައްތަކަށް ކިޔަނީ އަޙްކާމެވެ.
ޢަޤީދާއަކީ ކަމަކަށް ޝައްކެއްނެތް ގޮތަށް ތެދުވެރިކަމާއި ކަށަވަރުކުރުމާއެކު އީމާންވުމެވެ. އިސްލާމީ ޢަޤީދާއަކީ ﷲއަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރަށާއި ނުބައިމިންވަރަށާއި، ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުން އައިސްފައިވާ ދީނުގެ އުޞޫލުތަކަށާއި އަމުރުތަކަށާއި ޚަބަރުތަކަށާއި، ސަލަފުއްޞާލިޙުން އިޖުމާޢުވެ ވަޑައިގެންފައިވާ ކަންކަމަށާއި، ﷲ ގެ ޙުކުމްފުޅުތަކަށާއި އަމުރުފުޅުތަކަށާއި ޝަރުޢުއަށާއި، ކިޔަމަންތެރިވުމުގައްޔާއި ޙުކުމްކުރުމުގައްޔާއި ތަބާވުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްކުރަންޖެހޭކަމަށް ތެދުކޮށް ކަށަވަރުކޮށް އީމާންވުމެވެ.
ޢަޤީދާގެ ޢިލްމުގައި އަލިއަޅުވާލެވޭ މަޢުލޫތަކަކީ: ތަވްޙީދުގެ ބައިތަކަށާއި، އީމާންކަމަށާއި، އިސްލާމްކަމަށާއި، ޣައިބުގައިވާ ކަންތައްތަކަށާއި، ނަބީކަމަށާއި، ޤަދަރަށާއި، ޢަޤީދާގެ މަސްއަލަތަކުގައި ސަލަފުއްޞާލިޙު ބޭކަލުން އިޖުމާޢުވެވަޑައިގެންފައިވާ ކަންކަމަށާއި، ޞަޙާބީންނާއި އާލުބައިތުންނާމެދު ޤަބޫލުކުރަންޖެހޭ ކަންކަމުގެ މައްޗަށެވެ. ހަމައެހެންމެ، ޢަޤީދާގެ ތެރެއަށް ކާފަރުންނަށާއި، ބިދުޢަވެރިންނަށާއި، ހަވާނަފްސުގެ އަހުލުވެރިންނަށާއި، ތަފާތު މަގުފުރެދިފައިވާ ފިރުޤާތަކަށް ރައްދުދިނުންފަދަ ޢަޤީދާގެ ބައިތައް ވަދެގެންދާނެއެވެ. އެގޮތުން އިމާމުއް ޠަޙާވީ ރަޙިމަހުﷲ މިއެންމެހާ ބައިތަކަށް މިފޮތުގައި އަލިއަޅުއްވާލައިފައިވެއެވެ.
ޢަޤީދާގެ ޢިލްމަށް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ތަފާތު ނަންތައް ދީފައިވެއެވެ. އެގޮތުން އެޢިލްމަށް ކިޔާ ނަންތަކުގެ ތެރޭގައި:
1. އަލްޢަޤީދާ، އަލްއިޢްތިޤާދު، އަލްޢަޤާއިދު: މިގޮތުގެ މަތީން ޢަޤީދަތުއް ސަލަފު ކިޔާއުޅެއެވެ.
2. އައްތަވްޙީދު: ﷲ އެއްކައުވަންތަކުރުމަކީ ޢަޤީދާގެ އެންމެ މުހިއްމު ބައެވެ. މިސަބަބާހުރެ ޢަޤީދާއަށް ތަވްޙީދު އޭ ކިޔައެވެ.
3. އައްސުންނާ: ސުންނަތުގެ މިތަނުގައި ޢިލްމުވެރިން މާނަކުރައްވަނީ އުޅޭ ގޮތަށެވެ. ސަލަފުންގެ ޢަޤީދާއަށް ސުންނަތޭ ކިޔަނީ އެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން ދައްކަވާ ދެއްވި މަގަށް ތަބާވާތީއެވެ.
4. އައްޝަރީޢާ:
5. އަލްއީމާން.
6. އުޞޫލުއް ދީން، ނުވަތަ އުޞޫލުއް ދިޔާނާ ކިޔައެވެ.
އިސްލާމީ ޢަޤީދާއޭ ބުނެވިއްޖެނަމަ އެއީ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން (أهل السنة والجماعة) ގެ ޢަޤީދާއެވެ.
أهل السنة والجماعةއަކީ ކޮބާ؟
ޢަރަބިބަހުގައި “السنة” އަކީ މަގު ނުވަތަ އުޅޭގޮތެވެ. ޢަޤީދާގެ ޢިލްމުގައި “السنة” އަކީ ޢިލްމުގަޔާއި، އިޢްތިޤާދުގަޔާއި، ބަހާޢަމަލުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެކަލޭގެފާނުގެ ޞަޙާބީން ދައްކަވާ ދެއްވި މެގެވެ. މިއީ އެމަގަކަށް ތަބާވާންޖެހޭ މަގެވެ. އެމަގަކަށް ތަބާވި ބަޔަކަށް ޙަމްދު ލިބިގެންވާ، އަދި އެމަގަށް އިންކާރުކޮށްފި ބަޔަކަށް މަލާމާތްލިބިގެންވާ މަގެވެ. ބިދުޢައިގެ އިދިކޮޅަށް ސުންނަތޭވެސް ކިޔައެވެ.
ޢަރަބިބަހުގައި “الجماعة” ނެގިފައިވަނީ “الاِجْتِمَاعُ” އިންނެވެ. “الاِجْتِمَاعُ” އަކީ ބައިބައިވުމުގެ އިދިކޮޅެވެ. “الجماعة” އަކީ ބަޔަކު ކަމެއްގެ މައްޗަށް އެއްބައިވުމެވެ. އިޞްޠިލާޙުގައި “الجماعة” އަކީ ޞަޙާބީންނާއި ތާބިޢީންނެވެ. އަދި ޤިޔާމަތާ ޖެހެންދެން އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވި މީހުންނެވެ. އެބައިމީހުން ﷲގެ ފޮތަށާއި، އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށާއި، އެބައިމީހުންގެ ޢިލްމުވެރިންނަށް އެއްބައިވާ މީހުންނެވެ. އަދި އެބައިމީހުންނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި، އެކަލޭގެފާނުގެ ޞަޙާބީންނާއި، ތާބިޢީބޭކަލުންނަށް ދައްކަވައިދެއްވި މަގަށް ހެޔޮގޮތުގައި ތަބާވާމީހުންނެވެ.
އެހެންކަމުން “أهل السنة والجماعة” އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްކަވާ ދެއްވި ގޮތްކޮޅަށް ތަބާވެ، އެމަގަށް އެއްބައިވާ މީހުންނެވެ. އެބައިމީހުންނަކީ ޞަޙާބީންނާއި، ތާބިޢިންނާއި، އެބޭކަލުންނަށް ތަބާވެވަޑައިގެންނެވި ޢިލްމުވެރިންނާއި، ޤިޔާމަތާ ޖެހެންދެން ޢަޤީދާގައާއި، ބަހާޢަމަލުގައި ޤިޔާމަތާ ޖެހެންދެން އެބޭކަލުންނަށް ތަބާވި މީހުންނެވެ. އެބައިމީހުންގެ އެންމެ ބޮޑު އަމާޒަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމެވެ. އަދި ދީނަށް ގެނެސްގަނެވޭ ބިދުޢަތަކުން އެއްކިބާވުމެވެ. ޤިޔާމަތާޖެހެންދެން މިމަގުގައި ޘާބިތުވާނެ ބަޔަކު ވާހުއްޓެވެ. އެޒަމާނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވާކަމަށް ދަޢުވާކުރާ މީހުން އުޅުނެވެ. ނަމަވެސް މިބައިމީހުން ޞަޙާބީންނަށާއި، ތާބިޢީން ދެއްކެވިމަގަށް އެއްބައެއްނުވެއެވެ. ހަމައެހެންމެ އެއްބައިވާކަމަށް ދަޢުވާކުރާ، ނަމަވެސް ސުންނަތަށް ތަބާނުވާ ބަޔަކު އުޅުނެވެ. އެހެންކަމުން، އޭރުގެ ޢިލްމުވެރިން މިދެލަފްޡު ޖަމާކުރައްވައި “أهل السنة والجماعة” ގެ ނަން ދެއްވިއެވެ. އެންމެ ފުރަތަމަ މިނަން ދެއްވާފައިވަނީ އިމާމް ބުޚާރީ ރަޙިމަހުﷲގެ ބައެއް ޝެއިޚުންނެވެ. ހަމައެހެންމެ، އިމާމް ޠަޙާވީގެ މިބަސްފުޅުންވެސް “أهل السنة والجماعة” ގެ ނަމަކީ ވަރަށް ކުރިއްސުރެން ޢިލްމުވެރިން ދެއްވާފައިވާ ނަމެއްކަން ޘާބިތުވެއެވެ. އެހެނީ، އިމާމް ޠަޙާވީ އަވަހާރަވެފައިވަނީ ހިޖުރައިން 321 ވަނަ އަހަރުއެވެ.
މިތަނުގައި “الجماعة” އަކީ އެއްވެސް ޙާލެއްގައި ޙައްޤަށް އެއްބައިނުވާހާހިނދަކު ވަކިގޮތަކަށް ޤަބޫލުކޮށްއުޅޭ މީސްތަކުންގެ ޖަމާޢަތެއް ނޫނެވެ. އެއީ ކިތައްމެ މަދުނަމަވެސް ޙައްޤަށް ތަބާވާ މީހުންނެވެ. “أهل السنة والجماعة” އަށް ކިޔާއުޅޭ އެހެން ނަންތަކުގެ ތެރޭގައި:
1. أهل السنة : މިނަން ކިޔެނީ ސުންނަތަށް ތަބާވާތީއެވެ.
2. الجماعة : މިނަންކިޔެނީ އެބައިމީހުންނީ ﷲގެ ފޮތަށާއި، އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށާއި، އެބައިމީހުންގެ ޢިލްމުވެރިންނަށް އެއްބައިވާ މީހުންކަމުގައި ވާތީއެވެ.
3. أَهْلُ الأَثَرِ : މިނަން ކިޔެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކަށާއި ޞަލަފުންގެ އަޘަރުތަކަށް ތަބާވާތީއެވެ.
4. أَهْلُ الْحَدِيثِ : މިނަން ކިޔެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކަށް ތަބާވާތީއެވެ.
5. الفِرْقَةُ النَّاجِيَةِ : މިނަން ކިޔެނީ ނަރަކައިން ނަޖާވާނެ ބަޔަކީ މިބައިމީހުންކަމުގައިވާތީއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((إِنَّ أُمَّتِي سَتَفْتَرِقُ عَلَى ثِنْتَيْنِ وَسَبْعِينَ فِرْقَةً ، كُلُّهَا فِي النَّارِ ، إِلاَّ وَاحِدَةً وَهِيَ : الْجَمَاعَةُ.)) (އިބުނު މާޖާ: 3993، އައްޞަޙީޙާ: 204، 1492) މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު އުއްމަތް ހަތްދިހަ ތިން ބަޔަށް ބައިވާނެއެވެ. އެންމެ ބަޔަކު ފިޔަވާ އެހެން އެންމެން ވާހުށީ ނަރަކާގައެވެ. (ސަލާމަތްވާނެ ބަޔަކީ) ޖަމާޢަތެވެ.”
6. الطَّائِفَةُ المَنْصُورَةِ : މިނަން ކިޔެނީ ނަޞްރު ލިބޭނީ އެބައިމީހުން ކަމުގައި ވާތިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްމަގެ ޙަދީޘްގައިވާ ފަދައިންނެވެ. ((لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرَة، لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ)) (މުސްލިމް:1920) (މާނައީ: “ޙައްޤުގައި ފާޅުވެތިބޭނޭ ބަޔަކު އަބަދުވެސް ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާހުއްޓެވެ. ﷲގެ އަމުރުފުޅު އަންނަންދެން، އެބައިމީހުންނާ ޚިލާފުވާމީހުންގެ ފަރާތުން އެއްވެސް ގެއްލުމެއް އެބައިމީހުންނަށް ނުދެވޭނެއެވެ.”)
7. أَهْلُ الاِتْبَاعِ : މިނަން ކިޔެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާ ވާތީއެވެ.
(މިއަންނަބައިގައި މިޝަރަޙައިގެ ބަކީ ބައި ގެނެސްދިނުމުގެ އުއްމީދުގައި މިބައި ނިންމާލަމެވެ. إن شاء الله)
_________________________________________________________________________________
ސުވާލު:
1. އިސްލާމީ ޢަޤީދާގައި ހިމެނިގެންވާ ބައިތަކަކީ ކޮބާ؟
2. ޢަޤީދާގެ ޢިލްމުގައި އަލިއަޅުވާލެވޭ މަޢުޟޫތަކަކީ ކޮބާ؟
3. ޢަޤީދާގެ ޢިލްމަށް ކިޔޭ 6 ނަމެއް ބުނެދީ!
4. “السنة” އާއި “الجماعة” ބަހުގެ ގޮތުންނާއި އިޞްތިލާޙީގޮތުން ބަޔާންކޮށްދީ!
5. “أهل السنة والجماعة” އަކީ ކޮބާ؟ އަދި “أهل السنة والجماعة” އަށް ކިޔާ 7 ނަމެއް ބުނެދީ!
_________________
ކުރީގެ ފިލާވަޅު: