[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ 1

ޝައިހުލް އިސްލާމް އިބުނު ތައިމިއްޔާ އަކީ ކޮންބޭކަލެއް؟

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ ޘަޤިއްޔުއްދީން އަޙުމަދުބިން ޢަބްދުލް ޙަލީމެވެ. އެކަލޭގެފާނަކީ އިސްލާމީ އުއްމަތުގައި ފާޅުވި އެންމެ ނުފޫޒުގަދަ ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހިތްވަރުގަދަ ބޭކަލެކެވެ. އެކަލޭގެފާނު ބޮޑަށް މަޝްހޫރު ވެ ވަޑައިގެންފައިވަނީވެސް ތަފާތު ފިރުޤާތަކާ ދެކޮޅަށް އެކަލޭގެފާނު ކުރައްވާފައިވާ މަސައްކަތްތަކާއި ޞައްޙަ އިސްލާމީ އަޤީދާ ބަޔާންކޮށްދެއްވުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްތަކާއި އަދި އެކަލޭގެފާނު ތަތާރުންނާއި ދެކޮޅަށް ކުރައްވާފައިވާ މަތިވެރި ޖިހާދުގެ ސަބަބުންނެވެ. އަދި އެކަލޭގެފާނު ވަނީ ރާފިޟާއިންނާއި ކުރިސްޓިއަނުންނާއި ސޫފީންނާއި އަދިވެސް އެނޫން ފިރުޤާތައް ތިބީ ހެޔޮމަގުގައި ނޫންކަން ސާބިތުކޮށްދެއްވައި އެބައިމީހުންނަށް ދެކޮޅަށް ހުއްޖަތްދައްކަވައި ބަހުސްކުރައްވާފައެވެ.
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ވެގެންވާ ނިޢުމަތްތަކުން ނިޢުމަތް ދެއްވާށިއެވެ. އާމީން

އެކަލޭގެފާނުގެ ހަޔާތްފުޅުގެ ކުރީކޮޅު

އިބުނު ތައިމިއްޔާ ރަހިމަޙުﷲ އުފަންވެ ވަޑައިގަތީ މީލާދީން 1263 ވަނަ އަހަރު ޖެނުއަރީ މަހު 22 ވަނަ ދުވަހުއެވެ. އެއީ 10 ރަބީއުލް އައްވަލު 661 ހ އެވެ. އަދި ބައެއް ބޭކަލުން އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ރަބީޢުލް އައްވަލު މަހުގެ 12 ވަނަ ދުވަހު ކަމަށްވެސް ބަޔާންކުރައްވައެވެ.(މަސްދަރު: މަޖުމޫއު ފަތުވާ) އެއީ މިހާރު ތުރުކީގެ ދަށުގައިވާ ހައްރާން އޭ ކިޔުނު ރަށެއްގައެވެ. މިރަށް އޮންނަނީ ތުރުކީއާއި ސޫރިޔާގެ ބޯޑަރު ގުޅޭ ހިސާބުގައެވެ.

އިބުނު ތައިއްޔާ ރަޙިމަހުﷲ ގެ އާއިލާ އަކީ ޒަމާނުއްސުރެ ޢިލްމީ މައިދާނުގައި މަޝްހޫރު ޢާއިލާއެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު އަބްދުލް ޙަލީމާއި، ބޮޑުބޭބެ ފަޚުރުއްދީނާއި އަދި ކާފާފުޅު މަޖުދުއްދީނަކީ ބޮޑެތި ޢިލްމުވެރި ބޭކަލުންނެވެ. އަދި ގިނަ ދީނީ ފޮތްތައް މިބޭކަލުން ލިޔުއްވާފައިވެއެވެ.

1269 ވަނަ އަހަރު ތަތާރުން އެހިސާބު ގަނޑު ރަށްތައް ހިފަން ފެށުމުން އެކަލޭގެފާނުގެ އުމުރުފުޅުން 7 އަހަރުގައި އެއާއިލާ އެ ހިސާބު ދޫކޮށް ދިމިޝްޤަށް ހިޖުރަކުރިއެވެ. އެގޮތުން ޢަބްދުލްޙަލީމް ސުއްކަރިއްޔާ މަދަރުސާގެ އުސްތާޛަކަށް ހަމަޖެހިގެން ދިޔައެވެ.

މިގޮތުން އިބުނު ތައިމިއްޔާ ކުޑައިރު ފިޤުހާއި ޙަދީޘްފުޅުތަކާއި ކިރިތި ޤުރުއާނުގެ ތަފުސީރާއި ހިސާބާއި ފަލްސަފާ ކިޔަވާ ވިދާޅުވާން ފައްޓަވައިފިއެވެ. އަދި ޢަރަބިބަހުގެ އަދަބިއްޔާތާއި، ފިޤުހު ކިޔަވާވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކިޔެވީ އެދުވަސްވަރުގެ މަޝްހޫރު އަންހެން އިލްމުވެރި ބޭކަނބަލެއް ކަމަށްވާ ޒައިނަބު ބިންތި މައްކީގެ އަރިހުންނެވެ. އަދިވެސް އެތައް އެތައް ޢިލްމުވެރިންނެއްގެ އަރިހުން އެކަލޭގެފާނު ކިޔަވާ ވިދާޅުވެފައިވެއެވެ. އަދި ބައްޕާފުޅުގެ އަރިހުން ހަންބަލީ މަޒުހަބާއި އެނޫން މަޒުހަބުތަކުގެ ފިޤުހު ކިޔަވާ ވިދާޅުވިއެވެ.

އެކަލޭގެފާނުގެ އުސްތާޛުންގެ އަދަދު 200 އަށްވުރެ ގިނައެވެ. މީގެ ތެރެއިން މަޝްހޫރު ބޭކަލުންގެ ތެރޭގައި އެވަގުތު ސީރިއާގެ އިސްގާޒީކަމުގައި ހުންނެވި ޝަމްސުއްދީނު ހިމެނިވަޑައިގަންނަވައެވެ. މިކަލޭގެފާނުގެ އަރިހުން ހަމްބަލީ މަޒުހަބު ކިޔަވާ ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ އުމުރު ފުޅުން 17 އަހަރުގައި އިސްގާޒީ ޝަމްސުއްދީން އަލްމަޤްދީސީ އިބުނު ތައިމިއްޔާއަށް ފަތުވާ ދެއްވުމުގެ ހުއްދަ ދެއްވިއެވެ. އަދި ފަހުރުވެރި ކަމާއެކު ވިދާޅުވާ ކަމަށްވެއެވެ. ” މިފަދަ އިލްމުވެރި ބުއްދިވެރި ކުއްޖަކަށް ފަތުވާދިނުމުގެ ހުއްދަ ފުރަތަމަދިން މީހަކީ އަހަރެންނެވެ. ” އަދި އެކަލޭގެފާނު މިއުމުރުގައި ދީނީ ދަރުސް ދެއްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ އުމުރުފުޅުން 30 އަހަރުގައި އެކަލޭގެފާނަށް އިސްގާޒީކަން ހުށައެޅުއްވުނެވެ. ނަމަވެސް އެކަލޭގެފާނަށް އެމަޤާމު ފުރިހަމަގޮތުގައި އަދާ ކުރެވޭނެކަމުގެ ބިރަށްޓަކައި އެމަޤާމާއި ހަވާލުވުމާއި ދެކޮޅުހެއްދެވިއެވެ.
(ނުނިމޭ)

ހަވާލާ:
1. އިބުނު ތައިމިއްޔާ ލިޔުއްވި އަޤީދަތުއް ވާސިތިއްޔާގައި ގެންނަވާފައިވާ އެކަލޭގެފާނުގެ ކުރު ސިޔަރަތު
2. މަޖުމޫޢު ފަތުވާ އިބުނު ތައިމިއްޔާގެ ފެށޭ ތަނުގައި ގެންނަވާފައިވާ އެކަލޭގެފާނުގެ ސިޔަރަތު