[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރުޤްޔާ ކިޔެވުމުގައި ތަޖުރިބާއަށް ބަރޯސާވުން

 

އަޅުގަނޑު، “ރުޤްޔާހެދުމުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ޚާއްޞަކުރުން” މިމަޢުޟޫގެ ދަށުން ލިޔެފައިވާ ލިޔުމުގައި ވާނީ ރުޤްޔާހެދުމުގައި ޤުރުއާނުގެ ބައެއް ސޫރަތްތަކާއި އާޔަތްތައް ޚާއްޞަކުރުމާބެހޭގޮތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމަތުކޮށްޅެއް ލިޔުންތެރިންނާ ހިއްސާކޮށްލާފައެވެ. ރުޤްޔާ ހަދާބައެއް ފަރާތްތަކުން، ކިޑުނީގެ ބަލިތަކަށް ނުވަތަ ހިތުގެ ބަލިތަކަށް ނުވަތަ އެހެންވެސް ބަލިތަކަށް ބައެއް ސޫރަތްތަކާއި، އާޔަތްތައް ޚާއްޞަކޮށް، ވަކި ޢަދަދަކަށް ކިޔުމަށް ބުނާ އެއްސަބަބަކީ އެބޭފުޅުންނަށް، ނުވަތަ އެހެން ބޭފުޅަކަށް ކުރެވިފައިވާ ތަޖުރިބާއަކަށްވުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ކުރެވޭ ތަޖުރިބާތަކަކީ އިސްލާމީ ޝަރުޢުގައި ކިހާވަރެއްގެ ޤަދަރެއް ދެވިފައިވާ ކަމެއްތޯ ބަލާލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.

މިގޮތުން ބައެއް ޢިލްމުވެރިންގެ ކިބައިންވެސް އެޢިލްމުވެރިންނަށް ކުރެވިފައިވާ ތަޖުރިބާތައް ނަޤުލުވެފައިވެއެވެ. ބައެއް ތަޖުރިބާތަކަކީ ޟަޢީފް ޙަދީޘަކަށް، ނުވަތަ މަޢުޟޫ ޙަދީޘަކަށް (އެބަހީ: ރަސޫލާގެ މައްޗަށް ހެދިފައިވާ ނުވަތަ ހަދާފައިވާ ދޮގު ޙަދީޘްތައް)، ނުވަތަ ދީނުގައި އެއްވެސް އަޞްލެއް ފެންނަންނެތް ކަމަކަށް ބުރަވެ ކުރެވިފައިވާ ތަޖުރިބާއަކަށް ވެދާނެއެވެ. ނަމަވެސް ވިސްނާލުން ހުއްޓެވެ!

ކުރެވޭ ކޮންމެ ތަޖުރިބާއަކީ ތިމާއެކަމަށް ބުރަވެ، އެހެންމީހުންނަށް އެކަންކުރުމަށް ބުނެ ލާޒިމުކުރެވޭނެކަމެއް ނޫނެވެ. އަޅުގަނޑުމެން މިސާލެއްގެގޮތުން ބަލާލަމާތޯއެވެ. ޔަޙްޔާ ބިން އަބީ ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވާކަމަށް ނަޤުލުވެފައިވެއެވެ. “ޔާސީން ސޫރަތް ރެއަކު ކިޔަފައިކަމުގައިވާނަމަ، ހެނދުނު ވެއްޖައުމަށް ދާންދެން އުފާވެރިކަން ފިލައިނުދާނެއެވެ.” ޔަޙްޔާގެ މިބަސްފުޅާބެހޭގޮތުން އިބްނު ޢަޠިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތަޖުރިބާއިން އެކަންވަނީ ތެދުވެފައެވެ.”(1) އަޅުގަނޑުމެން މިފަދަ ތަޖުރިބާއަކަށް ބިނާކޮށް އެހެންމީހުން އެގޮތަށް ކިޔުމަށް ލާޒިމުކޮށް އެންގޭނީ ކޮންފަދައަކުންތޯއެވެ؟ ކުރީގެ ލިޔުމުގައި ދެންނެވިފައިވާނޭފަދައިން، މިފަދަ ކަންކަމަކީ ހަމައެކަނި ކިޔާލުމަށްވުރެ، މީހާގެ އީމާންކަމާއި، ތަޤްވާވެރިކަމާއި، ޞާލިޙުކަން ފަދަ ގިނަ ސަބަބުތަކާ ގުޅިފައިވާ ކަންކަމެވެ. އެކަކަށް ކުރެވޭ ތަޖުރިބާ އަނެކަކުގެ ކައިރީގައި މަންފާނުކޮށްފާނެއެވެ.

ޝަރުޢުގައި ބަޔާންވެގެންނުވާ ގޮތަކަށް ވަކި ޢަދަދަކަށް ރުޤްޔާ ކިޔެވުމަކީ މިފަދަ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މިގޮތަށް ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމެއް ޝަރުޢުކުރުމަކީ ހުއްދަކަމެއް ނޫންކަން ފާހަގަކޮށްލަމެވެ.

ޢަމަލެއް އިސްތިޙްބާބުކުރުމާއި، ނުވަތަ އަޅުކަމެއްގެގޮތުގައި ކުރެވޭނީ ހަމައެކަނި ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުން ޘާބިތުވާ ޢަމަލުތަކެވެ. ޤުރުއާނާއި ސުންނަތުގެ ދަލީލުން ދަލީލުނަގައިގެން ކުރެވޭ ތަޖުރިބާތައް އިސްލާމީ ޝަރީޢަތަށް ނިސްބަތްކުރުން ހުއްދަވެގެންނުވެއެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަދި ޢަމަލުތައް މުސްތަޙައްބުކުރުމާއި، ޢަމަލެއް ދީނުގެ ގޮތުގައި ނެގުން ޘާބިތުކުރެވޭހުށީ ﷲގެ ފޮތާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުންނާއި، ކުރީގެ ބޭކަލުންގެ (އެބަހީ: ސަލަފުއްޞާލިޙުންގެ) ބަސްފުޅުތަކުންނާއި ޢަމަލުފުޅުތަކުންނެވެ. މިގޮތްތަކުން ފިޔަވައި (އައިސްފައިވާ) ކަންކަމަކީ އަލަށް އުފެއްދިފައިވާ ކަންކަމެވެ. ފަހެ، (އެފަދަ ޢަމަލެއް) މުސްތަޙައްބުވެގެންނުވެއެވެ. (އެފަދަ ޢަމަލެއްގައި) ބައެއްފަހަރަށް ފައިދާތަކެއް އެކުލެވިފައިވީނަމަވެސް މެއެވެ. އެހެނީ، އަހަރެމެންނަށް އެނގިގެންވާގޮތުގައި އެފަދަ ޢަމަލުތަކުންކުރާ ފައިދާއަށްވުރެ، އޭގެސަބަބުންކުރާ ފަސާދަބޮޑުވާނެއެވެ.”(2)

އައްޝަޥްކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތަޖުރިބާއިން ޘާބިތުވެފައިވާކަމެއް އެއީ ޝަރުޢުން ނުވަތަ ޝަރުޢުގެ އަހުލުވެރިންގެ ކިބައިން ޘާބިތުވެފައިވާކަމެކޭ ބުނެގެންނުވާނެއެވެ.”(3) އަދިވެސް ވިދާޅުވެފައިވެއެވެ. “ކުރެވޭ ތަޖުރިބާއަކުން ސުންނަތެއް ޘާބިތެއްނުކުރެވޭނެއެވެ.”(4)

ޝެއިޚް ޢަބްދުއްރަޙްމާން އަލްމުޢައްލިމީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދެނެގަންނަންޖެހޭ ކަމަކީ ތަޖުރިބާއަށް ނިސްބަތްކުރުމަކީ ޙުއްޖަތެއް ނޫނެވެ. އަދި ޙުއްޖަތާ ވައްތަރުކަމެއްވެސްނޫނެވެ. އަދި އެއީ (އެބަހީ: ތަޖުރިބާއަކީ) ޙުއްޖަތެއްކަމަށް މިއުއްމަތުގެ އެއްވެސް ސަލަފު ބޭކަލަކު، އަދި އިމާމްވެރިބޭކަލަކު، އަދި ޢިލްމުވެރިކަމުގައި މަތިވެރިންވެގެންވި އެއްވެސް ޢިލްމުވެރިޔަކު ވިދާޅުވެފައެއްނުވެއެވެ.”(5)

ޝައިޚް އަލްއަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ކަމެއްގައި) ތަޖުރިބާއިން ކާމިޔާބުވުމަކީ، އެކަމެއް ޝަރުޢުވެގެންވާކަމަށް ދަލީލުކުރުމަކަށް ނުފުދޭނެއެވެ. ޝައްކެއްނެތްގޮތުގައި ޝަރީޢަތުގައި އެކަމަކަށް ދަލީލުކުރާ ދަލީލެއް އޮންނަންޖެހޭނެއެވެ. އެހެންނޫނީ (އެކަމަކީ ޝަރުޢީކަމަކަށް) ނުވާނެއެވެ.”(6)

ތަޖުރިބާގެ އަލީގައި ރުޤްޔާކިޔެވިދާނެކަމަށް ބުނާ މީހުންގެ ދަލީލަކީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއެވެ. އެޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރުޤްޔާހެދުމާބެހޭގޮތުން ޙަދީޘްކުރައްވާފައިވެއެވެ. ((مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَفْعَلْ))މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް މަންފާކޮށްދިނުމަށް ކުޅަދާނަވެގެންވާމީހާ، ފަހެ، އެކަމެއްކުރާށެވެ.”(7) ނަމަވެސް މިޙަދީޘަކީ ތަޖުރިބާގެ މައްޗަށް ރުޤްޔާހެދުން ހުއްދަކުރުމަށްވާ ދަލީލެއް ނޫނެވެ. ޙަދީޘުން އެބަޔާންކޮށްދޭ ރުޤްޔާއަކީ ޝަރުޢީގޮތުން ޘާބިތުވާގޮތުގެ މަތިން، ޝިރުކާއި ބިދުޢައިގެ އެއްވެސް ޢަމަލަކާނުލައި ކުރެވޭ ރުޤްޔާއެވެ. އަދި ޢަވްފު ބިން މާލިކް އަލްއަޝްޖަޢީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ))މާނައީ: “ރުޤާގައި ޝިރުކުނުވާހާ ހިނދަކު އެރުޤާގައި މައްސަލައެއްނެތެވެ.”(8) ތަޖުރިބާގެ މައްޗަށް ރުޤްޔާކިޔެވުމަށް މިޙަދީޘްތަކުން ދަލީލުނަގާމީހުންނަށް ރައްދުދެއްވަމުން އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބައެއްމީހުން މިޙަދީޘްތަކުގެ ޢާއްމުމާނާގައި ހިފައިގެން، މަންފާ ލިބޭކަމަށް ތަޖުރިބާކުރެވިފައިވާ ކޮންމެ ރުޤްޔާއެއް، އޭގެމާނަ ނޭނގުނުކަމުގައިވީނަމަވެސް ހުއްދަކުރެއެވެ. ނަމަވެސް ޢަޥްފު (ރަޟިޔަﷲ ޢަންހު) ގެ ޙަދީޘުން ދަލީލުކުރާގޮތުގައި ޝިރުކަށް މަގުފަހިކޮށްފާނެ ކޮންމެ ރުޤާއެއްވަނީ މަނާވެގެންނެވެ. އަދި (ރުޤްޔާގައި) މާނައެއް ނުވިސްނޭކަންކަމަކީ ޝިރުކަށް ވާޞިލުކޮށްދިނުމުން އަމާންކަންލިބިގެންވާކަމެއްނޫނެވެ. ފަހެ، އެފަދަ ކަންކަންވަނީ ޝިރުކަށް ހުށަހެޅިދާނެކަމަށްޓަކައި މަނާވެގެންނެވެ.”(9) އެބަހީ، އެފަދަކަންކަމަކީ ޝިރުކަށް މަގުފަހިކޮށްފާނެ ކަންކަމެވެ. ޝަރުޢުގައި ވަކި ޢަދަދަކަށް ކިޔަން ބަޔާންވެގެންނުވާ އާޔަތެއް ނުވަތަ ސޫރަތެއް ދާއިމީކޮށް، އެއާޔަތްތަކާއި ސޫރަތްތަކުގައި ޚާއްޞަކަމެއް އެކުލެވިގެންވާކަމަށް ޤަބޫލުކޮށްގެން ވަކި ޢަދަދަކަށް ކިޔެވުމަކީ ޝަރުޢުގައި ކޮންކަހަލަކަމެއްތޯ ދިރާސާކޮށްލުމަކީ މުހިއްމުކަމެއް ކަމުގައިދެކެމެވެ.

ހަމައެފަދައިން ތަޖުރިބާއަށް ބުރަވުމަކީ ބިދުޢައިގެ ފެށުންކަމުގައިވުމަކީވެސް އެކަށީގެންވާކަމެކެވެ. މިސާލަކަށް ކުރިން ނަންގަނެވުނު ފަދައިން ޔާސީން ސޫރަތް އެނިޔަތުގައި ކޮންމެ ރެއަކު ކިޔެވުމާއި، އެހެންމީހުންނަށް އެކަންކުރަން ލާޒިމުކުރުމަކީ އެކަމުގައި ބިދުޢައިގެ ފެށުންކަމުގައި ވެދާނެއެވެ. މިއީ ގިނަ ބިދުޢަތައް ފެށިގެންއައިގޮތެވެ. އަދިހަމައެހެންމެ، ތަޖުރިބާއަށް ބުރަވެ ރުޤްޔާގެގޮތުގައި ކިޔެވޭ ވަކި އާޔަތްތަކެއް ކިޔެވުމަކީ މުޅި ޤުރުއާން ޝިފާއެއްކަމުގައި ވުމާމެދު މީސްތަކުންގެ ހިތްތަކުގައި ޝައްކުއުފެދިދާނެކަމެކެވެ. އަދި ކުރީގެ ލިޔުމުގައި ބަޔާންކޮށްފައިވާނޭ ފަދައިން، ޝަރުޢުގައި ޚާއްޞަކުރައްވާފައިވާނުވާ ކަންކަން ޚާއްޞަކުރުމަކީ ޝިރުކާއި ބިދުޢައިގެ އަނދަވަޅަށް ވާޞިލުކޮށްފާނެކަމެކެވެ. ދީނުގައި ޚާއްޞަކުރައްވާފައިވާ ނުވާ ކަންކަން ޚާއްޞަކުރުމުގެ ސަބަބުން ޤަބުރުތަކަށް އަޅުކަންކުރާމީހުންނާއި، އެހެނިހެން ބާޠިލު ފިރުޤާތަކުގެ މީހުން މަގުފުރެދިފައިވާކަން ދަންނަންޖެހެއެވެ. ޢިލްމުވެރިއެއް ކުރައްވާފައިވުން ނުވަތަ ޢިލްމުވެރިއެއް ވިދާޅުވެފައިވުން ފަހަރެއްގައި ޝަރުޢުއާ ތަޢާރުޟުވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން އެބޭކަލުން ބަސްފުޅާއި ޝަރުޢުއާ ދިމާވޭތޯ ދިރާސާކުރަންޖެހޭނެއެވެ. ފަހަރެއްގައި އެބޭކަލުންގެ އަރިހުގައި ޞައްޙަ ޙަދީޘަކަށް ވެދާނެއެވެ. ނުވަތަ އެބޭކަލުން ޙިކާޔަތެއްގެގޮތުން އެފަދަ ވާހަކައެއް ނަޤުލުކުރައްވަފާނެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ތަޖުރިބާއަކީ ޝަރުޢީ ދަލީލަކަށް ފުދޭނެކަމެއް ނޫންކަން އިސްވެހިނގައްޖެއެވެ.

ނިންމާލަމުން ދަންނަވާލަންއޮތީ، ރުޤްޔާހެދުމަކީ ޝަރުޢީކަމެކެވެ. ރުޤްޔާހެދުމުގައި ޝަރުޢުގައި ބަޔާންކުރައްވާފައިވާގޮތަށް ތަބާވުމަކީ ލާޒިމުކަމެކެވެ. އެހެންކަމުން، ރުޤްޔާ ހަދާއިރު ތަޖުރިބާގެ އެހީ ހޯއްދަވާއިރު އެކަމަށް އެހާބޮޑަށް ބުރަވުމަކީ އޭގެ ގެއްލުން ބޮޑުވާނެކަމެކަމުގައި ދެކެމެވެ. އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވާފަދައިން އެފަދަ ކަންކަމުން ފައިދާކޮށްފާނެއެވެ. ނަމަވެސް އޭގެ ފަސާދަބޮޑުވާނެއެވެ. އިންޓަނެޓުން ފެންނަ ލިޔުންތަކުންނާއި އިވޭ އަޑުތަކަށް ބަލާއިރު ތަޖުރިބާގެ އަލީގައި ޚާއްޞަކުރެވިފައިވާ އާޔަތްތައް ގިނަގުނަވެ، ކޮންމެ ބައްޔަކަށް ވަކިވަކި ސޫރަތްތަކާއި އާޔަތްތައް ޚާއްޞަކުރެވިފައިވާތަން ފެންނަންފަށައިފިއެވެ. މީގެ ބަދަލުގައި ޤުރުއާނުގެ ކޮންމެ ސޫރަތަކާއި އާޔަތަކާއި، ޝަރުޢުގައި ދަލީލު ލިބޭ ސޫރަތްތަކާއި އާޔަތްތައް ޚާއްޞަކޮށްގެން މީސްތަކުންނަށް ބަޔާންކޮށްދިނުމަކީ ޝަރުޢުއާ އެންމެ ކައިރިގޮތްކަމުގައި ދެކެމެވެ. والله أعلم.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވާށި! އަދި އެއިލާހުގެ ޝަރުޢަށް ފުރިހަމައަށް ތަބަޢަވާބައެއްކަމުގައި ލައްވާށި!

_____________________

(1) المحرر الوجيز: 4/445.

(2) اقتضاء الصراط المستقيم: 462.

(3) تحفة الذاكرين: 199 بتصرف يسير.

(4) تحفة الذاكرين: 183.

(5) تحقيق البدعة: 33.

(6) تنبيه الأنام ببدع وضلالات المعالجين بالقرآن لأحمد الزغبي: 36، وأحال إلى علاج المصروع.

(7) ޞަޙީޙް މުސްލިމް: 2199.

(8) މުސްލިމް: 2200.

(9) ފަތުޙުލްބާރީ: 10/241.