ސީރިޔާގައި ދުވަސްތަކެއް ވަންދެން ވެރިކަންކުރަމުން އަންނަ ސަރުކާރަކީ، އަދި މިހާރު އެސަރުކާރުގެ ރައީސަކަށް ހުރި ބައްޝާރުލް އަސަދާއި އޭނަގެ އަޢުވާނުންނަކީ ބާޠިލު ފިރުޤާއެއްކަމަށްވާ “އަންނުޞައިރިއްޔާ” އަށް ނިސްބަތްވާ ބައެކެވެ. ނުޞައިރިއްޔާ އަކީ ހިޖުރައިން ތިންވަނަ ޤަރުނުގައި ޝީޢީންގެ ބައެއްކަމުގައިވާ “އަލްއިމާމިއްޔަތުލް އިޘްނާ ޢަޝަރިއްޔާ” އަށް (އެބަހީ: ބާރާ އިމާމުން ވާނެކަމަށް ޤަބޫލުކުރާމީހުންނަށް) ނިސްބައިވާ މީހުންގެ ތެރެއިން ވަކިވެގަތް ބައެކެވެ. ޙަޤީޤަތުގައި ނުޞައިރީންނަކީ ހައްދުފަހަނަ އަޅާފައިވާ ބާޠިނިއްޔާއަށް ނިސްބަތްވާ ބައެކެވެ. ބާޠިނީންނަކީ އިސްލާމްދީނުގެ ނަމުގައި އުޅެ، އެދީން ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރާ ބައެކެވެ.
ނުޞައިރީންނަކީ އިސްލާމީ ޢަޤީދާއާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއްބައެވެ. މުސްލިމުންނަށް ގެއްލުމެއް ދެވޭނެ ފުރުޞަތަކަށް އެބައިމީހުން ތިބެނީ ބަލަބަލައެވެ. އެހެނީ، އެބައިމީހުން ޤަބޫލުކުރާގޮތުގައި އިސްލާމްދީނަށް އުޅޭ މީހުންނަށް ދުއްތުރާކޮށް، ގެއްލުންދީން، ދަތިކުރުމަކީ އެބައިމީހުންނަށް އެކަމުގެ ޘަވާބު ލިބޭނޭކަމެކެވެ. މުސްލިމުންނަށް ގެއްލުންދިންވަރަކަށް ޘަވާބު އިތުރުވާނެއެވެ.
މި ބާޠިލު، ހައްދުފަހަނައަޅާފައިވާ ބައިގަނޑުގެ ޒަޢީމަކީ އަބޫ ޝުޢައިބު މުޙައްމަދު ބުން ނުޞައިރު އަލްބަޞަރީ އައްނުމައިރީއެވެ. މިކަލޭގެ މަރުވެފައިވަނީ ހިޖުރައިން 270 ވަނަ އަހަރުއެވެ. އަންނުޞައިރިއްޔާ ކިއިފައިވަނީ މިކަލޭގެއަށް ނިސްބަތްކޮށެވެ. މިކަލޭގެ ދަޢުވާކުރާގޮތުގައި މީނާއަކީ، ޝީޢީން ޤަބޫލުކުރާ ބާރަ އިމާމުންގެ އެންމެފަހު އިމާމުކަމަށް ބުނާ އަލްއިމާމް އަލްޙަސަން އަލްޢަސްކަރީގެ އަރިހަށް ދިއުމުގެ ދޮރެވެ. އަދި އަލްޙަސަންގެ ޢިލްމުގެ ވާރުތަވެރިޔާއެވެ. އަދި އަލްޙަސަނަށްފަހު ޝީޢީންގެ އެންމެ މުހިއްމު ޙުއްޖަތަކީ އަދި މަރުޖިޢަކީ މީނާކަމުގައި ދަޢުވާކުރިއެވެ. އަދި މިކަލޭގެ ވަނީ ނަބީކަމަށާއި ރަސޫލުކަމަށް ދަޢުވާކޮށް، މިބައިމީހުންގެ އިމާމުންކަމުގައި ބުނަމުންގެންދާ އިމާމުންނަށް އަޅުކަންކުރެވޭނެކަމުގައި ބުނެފައެވެ.
މިބައިގަނޑަށް ނިސްބަތްވާ މީހުންނަށް އަންނުޞައިރިއްޔާގެ އިތުރުން އަންނަނިވި ނަންތައް ކިޔައެވެ.
1. އަލްޢުލުވިއްޔޫން: މިއީ މިބައިމީހުން އެންމެ ލޯބިކުރާ ނަމެވެ. މިނަމުގެ މާނައަކީ މަތިވެރިވެގެންވާ މީހުންނެވެ. މިނަން މިބައިމީހުން ކިޔަނީ ޢަލީގެފާނަށް މިބައިމީހުން އަޅުކަންކުރާތީއެވެ. އަދި ޢަލީގެފާނަކީ އިލާހަކުކަމުގައި ބަލާފައިވާތީއެވެ.
2. ސޫރަތު ކާފު: މިނަން ޒަމާންތަކަށް ފަހު މީސްތަކުން ކިޔައިފައިވަނީ “ސޫރާކް” އެވެ. މިއީ ތުރުކީ ބަހެކެވެ.
3. އަންނުމައިރިއްޔާ: މިނަމަކީވެސް އެބައިމީހުންގެ ޒަޢީމް އަބޫ ޝުޢައިބު މުޙައްމަދު ބުން ނުޞައިރު އަލްބަޞަރީ އައްނުމައިރީއަށް ނިސްބަތްކޮށް ކިއިފައިވާނަމެކެވެ.
މިނަންތަކުގެ އިތުރުން “އައްތަޚްތަޖިއްޔާ”، “އަލްޙައްޠާބޫން” ފަދަ ނަންތައް މިބައިގަނޑަށް ކިޔާއުޅެއެވެ.
މިބައިމީހުންގެ ޢަޤީދާ:
މިބައިގަނޑަކީ ޝިރުކުގައި ހައްދުފަހަނައަޅާފައިވާ، މަޖޫސީ، ޢަޤީދާގައި ތަފާތު ހަޑިމުޑުދާރު އެތައްކަމެއް ހިމެނޭ ބައެކެވެ. ކުރުގޮތަކަށް ބުނާނަމަ މިބައިމީހުންގެ ޢަޤީދާއަކީ ތަފާތު ދީންތަކުންނާއި ބާޠިލު ފިރުޤާތަކުން އެކުލެވާލެވިފައިވާ ޢަޤީދާއެކެވެ. މިބައިމީހުން ޢަޤީދާގެ ތެރޭގައި އަންނަނިވި ކަންތައް ފާހަގަކޮށްލެވެއެވެ.
1. މިބައިގަނޑުގެ މީހުން ޤަބޫލުކުރާގޮތުގައި ޢަލީ ރަޟިޔަﷲ ޢަންހު އަކީ އިލާހެކެވެ. ކުރީގައި ބަޔާންވެގެން ދިޔަފަދައިން މިބައިމީހުންނަށް “އަލްޢުލުވިއްޔޫން” ކިއިފައިވަނީ މިސަބަބަށްޓަކައެވެ. އަދި މިއީ އެބައިމީހުން އެންމެ ރުހޭ ނަމެވެ. މިބައިމީހުން ބުނާގޮތުގައި ޢަލީގެފާނު އިންސާނެއްގެ ގޮތުގައި ދުނިޔެއަށް އައިސްފައިވަނީ، ޖިބްރީލްގެފާނު ބައެއްފަހަރު އިންސާނެއްގެ ޞޫރާގައި އައިސްފައިވާފަދައިންނެވެ.
2. މިބައިމީހުން ޤަބޫލުކުރާގޮތުގައި، އިންސާނުން މަރުވުމަށްފަހު އަލުން އެހެން ސިފައެއްގައި އަންނާނެއެވެ. މިއީ ހިންދޫ ދީނުގެމީހުންވެސް ޤަބޫލުކުރާ ގޮތެކެވެ. ޞާލިޙު ރޫޙުތައް އަންނަހުށީ ތަރިތަކެއްގެ ސިފާގައެވެ. މިސަބަބާހުރެ ޢަލީގެފާނަށް ތަރިތަކުގެ އަމީރުކަމުގެ ނަން ދީފައިވެއެވެ. އަދި ނުބައި ރޫޙުތައް އަންނަނީ އޫރާއި، ރާމާމަކުނާއި އެފަދަ އެހެން ޖަނަވާރުންގެ ޖިސްމުތަކުގައެވެ.
3. މިބައިމީހުންގެ ޚާއްޞަ މުޤައްދަސްފޮތެއްވެއެވެ. އެއީ މުސްލިމުން ގެންގުޅޭ ކީރިތި ޤުރުއާނެއް ނޫނެވެ.
4. މިބައިމީހުން ޤަބޫލުކުރާގޮތުގައި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ހެއްދެވީ ޢަލީގެފާނެވެ. ދެން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހު ހެއްދެވިއެވެ. ދެން ސަލްމާނުލް ފާރިސީ، މިޤްދާދުގެފާނާއި، އަބޫ ޛައްރުއާއި، ޢަބްދުﷲ ބިން ރަވާޙާއާއި، ޢުޘްމާން ބިން މަޡްޢޫންނާއި، ޤަންބަރު ބިން ކާދާން ރަޟިޔަﷲ ޢަންހުމް އުފެއްދެވިއެވެ. އަދި މިބައިމީހުންގެ ޢަޤީދާގައި މިބޭކަލުންނަށް ޚާއްޞަކަންކަން ޙަވާލުކުރައްވާފައިވެއެވެ. މިގޮތުން:
* މީސްތަކުންގެ ކަންތައްތައް ބެލެހެއްޓުމާއި، ޚަލްޤުކުރެއްވުމާއި، ވިދުމާއި، ގުގުރިއާއި ޒަލްޒަލާގެ ކަންކަން ޙަވާލުކުރައްވާފައިވަނީ މިޤްދާދުގެފާނާއެވެ.
* ޕްލެނެޓްތަކާއި، ތަރިތައް ދަޥްރުކުރުމާ ޙަވާލުކުރައްވާފައިވަނީ އަބޫޛައްރުގެފާނަށެވެ.
* ވަޔާއި، މީސްތަކުން ރޫޙުތައް ހިއްޕެވުމާ ޙަވާލުކުރައްވާފައިވަނީ ޢަބްދުﷲ ބުން ރަވާޙާއަށެވެ.
* މަޢިދާގެ (އެބަހީ، ބަނޑުތެރެއާއި ގޮހޮރުތަކުގެ) ކަންތައްތަކާއި، ޖިސްމުތަކުގެ ހޫނުކަމާއި، އިންސާނުންގެ ބަލިވުމުގެ ކަންކަމާ ޙަވާލުކުރައްވާފައިވަނީ ޢުޘްމާން ބިން މަޡްޢޫންއާއެވެ.
* ޖިސްމުތަކަށް ރޫޙު އެޅުއްވުމާ ޙަވާލުކުރައްވާފައިވަނީ ޤަންބަރު ބިން ކާދާން އާއެވެ.
މިއީ ސާފުސީދާކޮށް އެނގޭގޮތުގައި ކަނޑައެޅިގެން މަޖޫސީންގެ ފިކުރެކެވެ. ހަމައެކަނި ބަދަލުވެފައިވަނީ ނަންތަކެވެ. މަޖޫސީންގެ ނަންތައް ޞަޙާބީންގެ ނަންތަކަށް ބަދަލުކުރުން ފިޔަވައި އިތުރުކަމެއް ކޮށްފައެއްނުވެއެވެ. މަޖޫސީންނަކީ އަލިފާނަށް އަޅުކަންކުރަމުން ދިޔަބައެކެވެ.
5. މިބައިމީހުން ބަނގުރަލަކީ މަތިވެރި އެއްޗެއްކަމުގައި ބަލައެވެ. މިސަބަބާހުރެ މޭބިސްކަދުރު ގަހަކީ މިބައިމީހުންގެ ގާތުގައި މަތިވެރި އެއްޗެކެވެ. މޭބިސްކަދުރުގަސް އުފުރައި ނުވަތަ ކޮށާހެދުމަކީ މިބައިމީހުން ކައިރީ ނުބައިކަމެކެވެ. އެހެނީ މޭބިސްކަދުރުގަހަކީ ބަނގުރާހެދުމުގެ އަޞްލެވެ. އެބައިމީހުން ބަނގުރަލަށް “އަންނޫރު” މިހެން ކިޔައެވެ.
6. މިބައިމީހުން ދުވާލަކު ފަސްނަމާދުކުރެއެވެ. ނަމަވެސް މުސްލިމުންގެ ނަމާދުތަކާއި ޢަދަދާއި ނަމާދުކުރާގޮތް ތަފާތެވެ. މިބައިމީހުން ނަމާދުގައި ސަޖިދަކުރުމެއް ނޯވެއެވެ. އަދި ރުކޫޢުކުރުންވެސް ތަފާތެވެ. ނަމާދުގައި ކުރާ ޒިކުރުތަކަކީ ޚުރާފާތްތަކުން ފުރިފައިވާ ޒިކުރުތަކެކެވެ. އަދި މިބައިމީހުންނަކީ ހުކުރުނަމާދުކުރާ ބައެއްނޫނެވެ. އަދި ނަމާދުކުރުމަށް ވުޟޫކުރުމެއް، ޖުނުބުވެރިކަމުން ޠާހިރުވުމަށް ހިނައިގަތުމެއްވެސް ނޯވެއެވެ. މިބައިމީހުންނަކީ މިސްކިތްތަކުގައި ނަމާދުކުރުމުގެ ބަދަލުގައި ގޭގައި ނަމާދުކުރާބައެކެވެ. މިސަބަބާހުރެ، މިބައިމީހުންގެ މިސްކިތްތަކެއް ނުހުރެއެވެ. މިސްކިތްތަކާމެދު މިބައިމީހުން އަރާރުޅިން މިހާރުވެސް ސީރިޔާގައި ހިނގަމުންދާ ޤަތުލުޢާއްމުގައި މިބައިމީހުންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވާ އެއްތަނަކީ މިސްކިތްތަކެވެ.
7. މިބައިމީހުންގެ ގާތުގައި މައްކާއަށް ގޮސް ޙައްޖުކުރުމެއް ނޯވެއެވެ. އަދި މިބައިމީހުން ބުނާގޮތުގައި މައްކާއަށްގޮސް ޙައްޖުވުމަކީ ކުފުރެކެވެ. އަދި ބުދަށް އަޅުކަންކުރުމުގެ ތެރެއިންވާކަމެކެވެ.
8. މިބައިމީހުންގެ ގާތުގައި މުސްލިމުންދޭ ފަދައިން ޒަކާތްދިނުމެއް ނޯވެއެވެ. މިބައިމީހުންނަށް ޖެހެނީ ލިބޭމުދަލުގެ ފަސްބައިކުޅަ އެއްބައި މިބައިމީހުންގެ ޝައިޚުންނަށް ދޭށެވެ.
9. މިބައިމީހުންގެ ރޯދައަކީ ހަމައެކަނި ރޯދަމަހު އަނބިންނާ ދުރުގައިހުރުމެވެ.
10. މިބައިމީހުންނަކީ ޞަޙާބީންގެ ތެރެއިން މަދުބޭކަލުންކޮޅެއް ފިޔަވައި އެހެން ބޭކަލުންދެކެ ރުޅި އަންނަބައެކެވެ. މިބައިމީހުން ރުހޭ ބޭކަލުންވަނީ މަތިވެރިކުރުމުގައި ހައްދުފަހަނައަޅާފައެވެ. މިކަން ހަތަރުވަނަ ނުކުތާގައި އިސްވެހިނގައްޖެއެވެ. މިބައިމީހުން ނުރުހޭ ޞަޙާބީންނަށް، އޭގެތެރޭގައި އަބޫބަކުރުގެފާނަށާއި، ޢުމަރުގެފާނަށާއި، ޢުޘްމާނުގެފާނަށް ލަޢުނަތްދީހަދައެވެ. (ﷲ ސުބުޙާނަހޫ ވަތަޢާލާ އެބޭކަލުންނަށް ލަޢުނަތްދޭމީހުންނަށް ލަޢުނަތް ލައްވާށި!)
ބަޔާންވެ މިދިޔައީ މިބާޠިލު، އަނިޔާވެރި ބައިގަނޑުގެ މީހުންގެ ޢަޤީދާގެ ތެރެއިން ކުޑަމިންވަރެއް ބަޔާންވެގެންނެވެ. މީގެ އިތުރުން މިބައިމީހުންގެ ޢީދުތަކާއި، އަޅުކަންތަކަކީ މުސްލިމުންނާ މުޅިން ތަފާތު ކަންތައްތަކެކެވެ. މިބައިމީހުންގެ ބާޠިލު ޢަޤީދާއަށް ބަލާލުމުން ފާހަގަކޮށްލެވޭ ކަންތައްތަކަކީ:
1. މިބައިމީހުން ޢަޤީދާގެ ތެރޭގައި އިހުޒަމާނުގެ ބުދަށްއަޅުކަންކުރިމީހުންގެ ޢަޤީދާތައް ހިމެނިފައިވެއެވެ. މިގޮތުން މިބައިމީހުން ޕްލެނެޓްތަކާއި، ތަރިތަކަކީ މުޤައްދަސް އެއްޗެހިކަމުގައި ބަލައެވެ.
2. މިބައިމީހުންގެ ޢަޤީދާއަށް މަޖޫސީންގެ ފަލްސަފާގެ އަޘަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
3. މިބައިމީހުންގެ ޢަޤީދާގައި ނަޞާރާއިންގެ ކަންކަން ހިމެނިފައިވެއެވެ. މިގޮތުން، ތިން އިލާހުންވާކަމަށާއި، ނަޞާރާއިން މަތިވެރިކުރާ އެއްޗެހި މަތިވެރިކުރުމާއި، ބަނގުރާ ހުއްދަކުރުން ހިމެނެއެވެ.
4. ރޫޙުތައް އަލުން އެހެން ޖިސްމުތަކުގައި އަންނާނެކަމަށް މިބައިމީހުން ޤަބޫލުކުރާ ޤަބޫލުކުރުމަކީ ހިންދޫދީނުގެމީހުން ޤަބޫލުކުރުމުގެ ތެރެއިން ނަގާފައިވާކަމެކެވެ.
5. މިބައިމީހުންނަކީ ޝީޢީންގެ ހައްދުފަހަނަ އަޅާފައިވާ ބައެކެވެ. މިގޮތުން، ޝީޢީންގެ ހައްދުފަހަނައަޅާފައިވާ އެހެން ބައެއްކަމުގައިވާ ރާފިޟީންނާއި، ސަބްއިއްޔާއިންގެ އަޘަރުވަނީ ވަރަށް ގިނަގޮތްގޮތުން މިބައިމީހުންގެ ޢަޤީދާއަށާއި، އަޅުކަންތަކަށް ކޮށްފައެވެ.
(ދެން އަންނަބައެއްގައި ސުންނަތާއި ޖަމާޢަތު އަހުލުވެރިން މިބައިމީހުންނާމެދު ދެކޭގޮތް ހުށަހަޅާލެވޭނެއެވެ. إن شاء الله)
_____________________
މަރުޖިޢުތައް:
* الموسوعة الميسرة في الأديان والمذاهب والأحزاب المعاصرة.
* فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها- د. غالب بن علي عواجي.
______________________
އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (1)
އިސްލާމްދީނާ ދެކޮޅަށްކުރެވެމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގައި ކުރެވެމުންދާ ހަނގުރާމަ (3)