ތިންވަނައީ: ދިރިހުރި ޖަނަވާރަކުން، އޭތި ދިރިއޮއްވައި ވަކިކޮށްލެވޭ އެއްޗެކެވެ. އަބޫ ވާޤިދިއްލައިޘީ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَا قُطِعَ مِنْ الْبَهِيمَةِ وَهِيَ حَيَّةٌ فَهِيَ مَيْتَةٌ)) (أحمد، أبو داود، الترمذي- وصححه الشيخ الألباني) މާނައީ: “ޖަނަވާރަކުން އޭތި ދިރިއޮތް ޙާލު ކަނޑައިލެވޭ ކޮންމެ މަސްކޮޅަކީ، ފަހެ މަރުވެފައިވާ އެއްޗެކެވެ.”
ހަތަރުވަނައީ: އެއްގަމު ޖަނަވާރުންގެ ތެރެއިން ފޭރާދަތުން ޝިކާރަކޮށްގެން ކައިބޮއިއުޅޭ ޖަނަވާރެވެ. އެއީ މިނިކާވަގު، ކުއްތާ، ސިންގާ، ސާރިދޯޅު ފަދަ ޖަނަވާރުތަކެވެ. އަބޫ ޘަޢުލަބަތުލް ޚުޝަނިއްޔި ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((أَنَّ رَسُولَ اللهِ صلّى الله عليه وسلّم نَهَى عَنْ أَكْلِ كُلِّ ذِي نَابٍ مِنَ السِّبَاعِ)) متفق عليه މާނައީ: “ހަމަކަށަވަރުން، ޝިކާރަކުރާ ޖަނަވާރުންގެ ތެރެއިން ފޭރާދަތްވާ (އެބަހީ: ފޭރާދަތުން ޝިކާރަކުރާ) ޖަނަވާރުކެއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަހީކުރެއްވިއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((كُلُّ ذِي نَابٍ مِنَ السِّبَاعِ فَأَكْلُهُ حَرَامٌ)) رواه مسلم މާނައީ: “ޝިކާރަކުރާ ޖަނަވާރުންގެ ތެރެއިން ފޭރާދަތްވާ (އެބަހީ: ފޭރާދަތުން ޝިކާރަކޮށްއުޅޭ) ކޮންމެ ޖަނަވާރެއް (ދަންނައެވެ.) ފަހެ، އެފަދަ ޖަނަވާރެއްކެއުމަކީ ޙަރާމްކަމެކެވެ.”
ފަސްވަނައީ: ދޫނީގެ ތެރެއިން ވަކިތަކުގެ ބޭނުންކޮށްގެން ޝިކާރަކުރާ ދޫނިތަކެވެ. އެއީ ބާޒު، ބަކަމޫނު ފަދަ ދޫންޏެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. ((نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ كُلِّ ذِي نَابٍ مِنَ السِّبَاعِ، وَعَنْ كُلِّ ذِي مِخْلَبٍ مِنَ الطَّيْرِ)) رواه مسلم މާނައީ: “ޝިކާރަކުރާ ޖަނަވާރުންގެ ތެރެއިން ފޭރާދަތްވާ (އެބަހީ: ފޭރާދަތުން ޝިކާރަކޮށްއުޅޭ) ކޮންމެ ޖަނަވާރަކާއި، ދޫނިތަކުގެ ތެރެއިން ވަކިގަނޑުވާ (އެބަހީ: ވަކިގަނޑުން ޝިކާރަކުރާ) ކޮންމެ ދޫންޏެއް ކެއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަހީކުރެއްވިއެވެ.”
ހަވަނައީ: ދޫނީގެ ތެރެއިން މުޅަތަކެތި ކާ ދޫނިތަކެވެ. އެއީ ބާޒު، ކާޅު ފަދަ ދޫނިތަކެވެ.
ހަތްވަނައީ: ޖަނަވާރުންގެ ތެރެއިން ޝަރުޢުގައި މެރުން ނަހީ ކުރައްވާފައިވާ ޖަނަވާރާއި، ޝަރުޢުގައި މެރުމަށް އަންގަވާފައިވާ ޖަނަވާރުތަކެވެ. އެގޮތުން ޖަނަވާރުންގެ ތެރެއިން ޝަރުޢުގައި މެރުން ނަހީ ކުރައްވާފައިވާ ޖަނަވާރުތަކާބެހޭގޮތުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. ((إِنَّ النَّبِىَّ -صلى الله عليه وسلم- نَهَى عَنْ قَتْلِ أَرْبَعٍ مِنَ الدَّوَابِّ النَّمْلَةُ وَالنَّحْلَةُ وَالْهُدْهُدُ وَالصُّرَدُ)) (رواه أبو داود، وأحمد، وصححه الألباني في صحيح الجامع) މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަތަރު ވައްތަރެއްގެ ޖަނަވާރު މެރުން ނަހީކުރެއްވިއެވެ. އެއީ ހިންޏާއި، މާމުއިކުޅަނދުރާއި، ހުދުހުދާއި، ޞުރަދެވެ.” ހުދުހުދަކީ ބޮލުގައި ރީނދޫ ދިގުފަތްގަނޑެއްވާ، ގައިގެ އެއްބައި ހުދާއިކަޅު ރޮނގުތަކުން ޖަރީވެފައިވާ ދޫންޏެކެވެ. އަދި ޞުރަދަކީ ފެންފޯއްދޫނި ވަރުގެ ކުޑަ ދޫންޏެކެވެ. އަދި ޢަބްދުއްރަޙްމާން ބުން ޢުޘްމާނު އައްތައިމީ ރަޟިޔަﷲ ޢަންހު ކިބައިން އަބޫދާވުދާއި އިމާމް އަޙްމަދު ރިވާކުރައްވާފައިވާ އެހެން ޙަދީޘެއްގައި ބޮއް މެރުން މަނާކުރައްވާފައިވެއެވެ. ((أَنَّ طَبِيبًا سَأَلَ النَّبِىَّ -صلى الله عليه وسلم- عَنْ ضِفْدَعٍ يَجْعَلُهَا فِى دَوَاءٍ فَنَهَاهُ النَّبِىُّ -صلى الله عليه وسلم- عَنْ قَتْلِهَا)) (رواه أبو داود، وأحمد، وصححه الألباني في صحيح الجامع) މާނައީ: ބޮއް ބޭހަށް ބޭނުންކުރުމާމެދު ބޭސްވެރިއަކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ސުވާލުކުރިއެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެމީހާއަށް ބޮއް މެރުން ނަހީކުރެއްވިއެވެ.” ޝަރުޢުގައި މެރުމަށް އަންގަވާފައިވާ ޖަނަވާރުތަކާބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ((خَمْسٌ مِنَ الدَّوَابِّ كُلُّهُنَّ فَاسِقٌ يَقْتُلُهُنَّ فِي الْحَرَمِ الْغُرَابُ وَالْحِدَأَةُ وَالْعَقْرَبُ وَالْفَأْرَةُ وَالْكَلْبُ الْعَقُورُ)) متفق عليه މާނައީ: “ޖަނަވާރުންގެ ތެރެއިން ފަސްބާވަތެއްވެއެވެ. އެފަސްބާވަތަކީ (މީސްތަކުންނަށް) ގެއްލުންދީ ދުއްތުރާކުރާ ފަސްބާވަތެވެ. އެފަސްބާވަތް އިޙްރާމް ބަނދެގެން ހުންނަ ޙާލަތުގައާއި، ޙަރަމް ތެރޭގައި މަރާހުށިކަމެވެ. އެއީ ކާޅާއި، ޙިދައަތާއި، ނަގުލަންދާއްޓާއި، މީދަލާއި، ނުރައްކާތެރި ގެއްލުންދޭ ކުއްތާއެވެ.” ޙިދައަތަކީ ބާޒު ވައްތަރުގެ ދޫންޏެކެވެ. އިނގިރޭސިބަހުން އެއަށް ކިޔަނީ “ކައިޓް” އެވެ. އަދި އިމާމް މުސްލިމް ގެންނަވާފައިވާ ރިވާޔަތުގައި، މެރުން ހުއްދަ ޖަނަވާރުތަކުގެ ތެރޭގައި ހަރުފަ ގެންނަވާފައިވެއެވެ. އަދި ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައި ހޯނު މެރުމަށް އައިސްފައިވެއެވެ.
އަށްވަނައީ: ޙިމާރުލް އަހްލިއްޔާއެވެ. އެއީ ޢާއްމުކޮށް މީހުން ސަވާރުވާންގެންގުޅޭ ޙިމާރެވެ. އިމާމް ބުޚާރީއާއި އިމާމް މުސްލިމް، ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ((أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نَهَى يَوْمَ خَيْبَرَ عَنْ لُحُومِ الْحُمُرِ الْأَهْلِيَّةِ)) متفق عليه މާނައީ: “ހަމަކަށަވަރުން ޚައިބަރުގެ ދުވަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙިމާރުގެ މަސް (ކެއުން) ނަހީކުރެއްވިއެވެ.”
ނުވަވަނައީ: ޖައްލާލާއެވެ. ޖައްލާލާއަކީ ޖަމަލު، ގެރި، ބަކަރި، ކުކުޅު ފަދަ ޖަނަވާރުންގެ ތެރެއިން ގިނައިން ނަޖިސްތަކެތި ކައިފައިވާ ޖަނަވާރެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ((نَهَى رَسُولُ اللَّهِ -صلى الله عليه وسلم- عَنْ أَكْلِ الْجَلاَّلَةِ وَأَلْبَانِهَا)) (أبو داود، صححه الألباني في الإرواء) މާނައީ: “ޖައްލާލާކެއުމާއި، އޭގެ ކިރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަހީކުރެއްވިއެވެ.” މިފަދައިން ގިނައިން ނަޖިސްކައިފައިވާ ޖަނަވާރު ޖެހޭނީ ނަޖިހާ ދުރުކޮށް، ޠާހިރު އެއްޗެހި ކާންދޭށެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ކިބައިން ރިވާވެފައިވާގޮތުގައި، އެކަލޭގެފާނު ޖައްލާލާ ކާންބޭނުންވެއްޖެނަމަ، އެޖަނަވާރެއް ތިން ދުވަސްވަންދެން ބަނދެފައި ބަހައްޓައި ޠާހިރު އެއްޗެހި ކާންދެއެވެ. އަދި މިއަށްވުރެ ގިނަދުވަސް ވަންދެން ބަނދެފައި ބަހައްޓަވާފައިވާކަމަށްވެސް ރިވާވެފައިވެއެވެ. އެހެންކަމުން، ކުކުޅު ފަދަ އެއްޗެހި ގެންގުޅޭ ފަރާތްތަކުން މިކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ.
ދިހަވަނައީ: ކެއުން ޙަލާލުޖަނަވާރަކާއި ކެއުން ޙަރާމް ޖަނަވާރަކާ ގުޅުން ހިންގުމުގެ ސަބަބުން ލިބޭ ދަރި ޖަނަވާރު: މީގެ މިސާލަކީ ޙިމާރާއި އަހާ ގުޅުން ހިންގައިގެންލިބޭ ދަރި ޖަނަވާރެވެ. ޙިމާރާއި އަހާ ގުޅުން ހިންގުމުން ލިބޭ ދަރިއަށް ޢަރަބިބަހުން ކިޔަނީ “ބަޣުލް” އެވެ. އިނގިރޭސިބަހުން ކިޔަނީ “މުލް’އެވެ. އެހެނީ، މިފަދަ ޙާލަތުގައި އެވަނީ ކެއުން ޙަލާލު ޖަނަވާރަކާއި، ކެއުން ޙަރާމްޖަނަވާރެއްގެ ނުޠުފާ އެކުވެފައެވެ.
ބަޔާންވެ މިދިޔައީ، ޙަރާމްކަމަށް ޝަރުޢީ ނައްޞުތަކުގައި އައިސްފައިވާ ތަކެއްޗެވެ. މީގެ އިތުރުން އެއްޗެއް ހޯދި ގޮތުގެ މައްޗަށްވެސް ޙަރާމް ޙަލާލު ބިނާވެއެވެ. މިގޮތުން ރިބާގެ މުޢާމަލާތުކޮށްގެންނާއި، ވައްކަންކޮށްގެންނާއި، ހަށިވިއްކައިގެންފަދަ ޙަރާމްގޮތްގޮތުން ހޯދާ މުދަލަކީ އަދި ކާބޯއެއްޗަކީ ޙަރާމް އެއްޗެކެވެ. މިފަދަ އެއްޗެހި ޙަރާމްވަނީ އެހޯދާގޮތުގެ ސަބަބުންނެވެ. އޭގެ އަޞްލުގައެއްނޫނެވެ.
(ނުނިމޭ)
___________________________
މަރުޖިޢު:
* الفقه الميسر في ضوء الكتاب والسنة
* الشرح الممتع- محمد بن صالح العثيمين
* الملخص الفقهي – صالح بن فوزان آل فوزان
__________________________
އިސްލާމީ ފިޤުހުގައި ކާބޯތަކެތި (1)
އިސްލާމީ ފިޤުހުގައި ކާބޯތަކެތި (2)