[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުއުމިނުންގެ މަންމާފުޅު ޢާއިޝާ –ރަޟިޔަﷲޢަންހާ- 2

ޢާއިޝާ –ރަޟިޔަﷲޢަންހާ- ގެ މާތްކަން:

ޢާއިޝާ –ރަޟިޔަﷲޢަންހާ- ގެ މާތްކަމަކަށް އަޅުގަނޑުމެން ބަލާލައިފިނަމަ ވަރަށްގިނަ ކަންތައްތައް ފެނިގެންދެއެވެ. އެކަމަނާގެ މާތްކަން ސީދާ ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުވެގެންވެއެވެ. އެހެންނަމަވެސް ޙައްޤުގެ މަގުން އެއްކިބާވެފައިވާ ބިދުޢަވެރި ރާފިޟާ އިންނާއި ޝީޢީންވަނީ އެކަމަނާއަށް ފުރައްސާރަކޮށް ލަޢުނަތްދިނުމަކީ އެބައިމީހުންގެ އަޅުކަމަކަށް ހަދާފައެވެ. މާތް ﷲ އެކަމަނާ އަށް ލާޢުނަތްދޭ މީހުންނަށް ލަޢުނަތްލައްވާށިއެވެ. އަދި އެބައިމީހުން މިދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްކުރައްވާ ނިކަމެތިކުރައްވާށިއެވެ. އާމީން.

ޞަހީޙުލް ބުޚާރީ އާއި މުސްލިމްގައި އިމާމް ބުޚާރީ އާއި އިމާމް މުސްލިމް –ރަޙިމަހުމަﷲ- ގެންނަވާފައިވާ، އަބޫމޫސަލް ޢަޝްޢަރީ ރަޟިޔަﷲޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީފުޅެއްގައިވެއެވެ. النَّبِيِّ صلى الله عليه وسلم قَالَ (( كَمُلَ مِنَ الرِّجَالِ كَثِيرٌ وَلَمْ يَكْمُلْ مِنَ النِّسَاءِ إِلاَّ مَرْيَمُ بِنْتُ عِمْرَانَ وَآسِيَةُ امْرَأَةُ فِرْعَوْنَ وَفَضْلُ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَام.)) متفق عليه. މާނައީ: “ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘކުރެއްވިއެވެ. ” ފިރިހެނުންގެ ތެރެއިން ވަރަށް ގިނަމީހުން ފުރިހަމަވެގެންވެއެވެ. އަދި އަންހެނުންގެ ތެރެއިން މަރްޔަމް ބިންތު ޢިމްރާން އާއި ފިރުޢައުނުގެ އަންހެނުން އާސިޔާ –ޢަލައިހިމައްސަލާމް- ފިޔަވައި ފުރިހަމަނުވެއެވެ. ފަހެ ހުރިހާ ކާތަކެތީގެ މައްޗަށް ޘަރީދު (ޢަރަބީންގެ އެންމެ އަގުހުރި ކެއުމެއް) މާތްވެ މަތިވެރިވެގެންވާފަދައިން ހުރިހާ އަންހެނުންގެ މައްޗަށް ޢާއިޝާ –ރަޟިޔަﷲޢަންހާ- މާތްވެ މަތިވެރިވެގެންވެއެވެ.”

ޢާއިޝާ –ރަޟިޔަﷲޢަންހާ- ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ((يَا عَائِشَةُ هَذَا جِبْرِيلُ يَقْرَأُ عَلَيْكِ السَّلاَمَ فَقَالَتْ ، وَعَلَيْهِ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ )) متفق عليه .މާނައީ: “އޭ ޢާއިޝާ އެވެ. މިހުންނެވީ ޖިބްރީލުގެފާނެވެ. އެކަލޭގެފާނު ކަމަނާއަށް ސަލާމް ދަންނަވައެވެ. އެކަމަނާ ވިދާޅުވިއެވެ: ތިމަންކަމަނާ ވިދާޅުވީމެވެ. އަދި އެކަލޭގެފާނުގެ މައްޗަށްވެސް ސަލާމްހުއްޓެވެ. އަދި ﷲގެ ރަޙުމަތް ހުއްޓެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((يَا أُمَّ سَلَمَةَ لاَ تُؤْذِينِي فِي عَائِشَةَ فَإِنَّهُ وَاللَّهِ مَا نَزَلَ عَلَيَّ الْوَحْيُ وَأَنَا فِي لِحَافِ امْرَأَةٍ مِنْكُنَّ غَيْرِهَا.)) رواه البخاري މާނައީ: “އޭ އުއްމު ސަލަމާއެވެ. ޢައިޝާ އާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް އުނދަގޫފުޅު ނުކުރައްވާށެވެ. ފަހެ ހަމަކަށަވަރުން ޢާއިޝާ ފިޔަވައި ތިޔަބޭކަނބަލުންގެ ތެރެއިން އެހެން ބޭކަނބަލެއްގެ އުނުގުފުޅުގައި ތިމަންކަލޭގެފާނު ވަނިކޮށް ތިމަން ކަލޭގެފާނަށް ވަޙީބާވައިނުލައްވައެވެ.”

ޢާއިޝާ –ރަޟިޔަﷲޢަންހާ- ގެ ބަރަކާތްތެރިކަން:

އެކަމާނާގެ ބަރާކާތުގެ ތެރޭގައި އެކަމަނާގެ ސަބަބުން ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައް ބާވައިލެއްވިފައިވުން ހިމެނެއެވެ. މިގޮތުން ތަޔައްމަމް ކުރުން މިއުއްމަތަށް ލުއިފަސޭހައެއް ކަމުގައި ލެއްވުނު އާޔަތް ބާވައިލެއްވުނީ އެކަމަނާގެ ސަބަބުން މެދުވެރިވީ ކަމަކާއި ގުޅިގެންނެވެ. ޢާއިޝާ –ރަޟިޔަﷲޢަންހާ- ގެ އަރިހުން ރިވާވެގެންވެއެވެ. އަސްމާ –ރަޟިޔަﷲޢަންހާ- ގެ އަރިހުން ކަރުގައިއަޅާ ފަށެއް ތިމަންކަމަނާ ހޯއްދެވީމެވެ. ދެން އެފަށް ގެއްލުނެވެ. ((فَأَرْسَلَ رَسُولُ اللهِ صلى الله عليه وسلم نَاسًا مِنْ أَصْحَابِهِ فِي طَلَبِهَا فَأَدْرَكَتْهُمُ الصَّلاَةُ فَصَلَّوْا بِغَيْرِ وُضُوءٍ فَلَمَّا أَتَوُا النَّبِيَّ صلى الله عليه وسلم شَكَوْا ذَلِكَ إِلَيْهِ فَنَزَلَتْ آيَةُ التَّيَمُّمِ فَقَالَ أُسَيْدُ بْنُ حُضَيْرٍ جَزَاكِ اللَّهُ خَيْرًا فَوَاللَّهِ مَا نَزَلَ بِكِ أَمْرٌ قَطُّ إِلاَّ جَعَلَ اللَّهُ لَكِ مِنْهُ مَخْرَجًا وَجَعَلَ لِلْمُسْلِمِينَ فِيهِ بَرَكَةً.)) متفق عليه . މާނައީ: “ފަހެ ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ އެފަށް ހޯދެއްވުމަށް އެކަލޭގެފާނުގެ އަޞްހާބުބޭކަލުންގެ ތެރެއިން ބޭކަލުންކޮޅެއް ފޮނުއްވިއެވެ. އެބޭކަލުން އެފަށް ހޯއްދެވުމަށް ކުރިދަތުރުގައި ނަމާދުވަގުތު ޖެހުނެވެ. ދެން އެބޭކަލުން (ފެން ނުލިބުމުގެ ސަބަބުން) ވުޟޫނުކޮށް ނަމާދުކުރެއްވިއެވެ. އެބޭކަލުން އެނބުރި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ވަޑައިގެންނެވުމުން މިކަމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވިއެވެ. ދެންފަހެ ތަޔައްމަމްގެ އާޔަތް ބާވައިލެއްވުނެވެ. އުސައިދު ބުން ޙުޞައިރު –ރަޟިޔަﷲޢަންހު- ވިދާޅުވިއެވެ: ﷲ ތަޢާލާ ކަމަނާއަށް ހެޔޮޖަޒާ ދެއްވާށިއެވެ. ފަހެ ﷲ ގަންދީ ވިދާޅުވަމެވެ. ކަމަނާއަށް ކުރިމަތިވެވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެކަމަކުން ސަލާމަތްވެވޭނެ ގޮތެއް ﷲ ތަޢާލާ ނުލައްވަވާ އެއްވެސް ކަމެއްނުވެއެވެ. އަދި އެކަމެއްގައި މުސްލިމުންނަށް ލެއްވިގެންވާ ބަރަކާތް ވެއެވެ.”

ޢާއިޝާ -ރަޟިޔަﷲޢަންހާ- ޙާއްސަވެގެންވާ ކަންތައްތައް:

– ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވަނީ ޢާއިޝާ ރަޟިޔަﷲޢަންހާ ދެކެއެވެ. މިކަން ބުޚާރީގައި ރިވާވެގެންވާ ޙަދީޘަކުން ޘާބިތުވެގެންވެއެވެ. ޙަދީޘް ކުރީގެ ބައިގައި ބަޔާންވެހިނގައްޖެއެވެ.

– ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢާއިޝާ ރަޟިޔަﷲޢަންހާ ފިޔަވައި ބިކުރުވެރި އެހެން ބޭކަނބަލަކާއި ކައިވެނިބައްލަވައި ނުގަންނަވައެވެ.

– ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެބޭކަނބަލެއްގެ އުނގުފުޅުގައި އެކަލޭގެފާނު އޮންނަވަނިކޮށް ވަޙީ ބާވައިލައްވާފައިވަނީ ހަމައެކަނި ޢާއިޝާ ޜަޟިޔަﷲޢަންހާގެ އުނގުފުޅުގައި އެކަލޭގެފާނު އޮންނަވަނިކޮށެވެ.

– ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ إِن كُنتُنَّ تُرِدْنَ الْحَيَاةَ الدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا ﴿٢٨﴾ وَإِن كُنتُنَّ تُرِدْنَ اللَّـهَ وَرَسُولَهُ وَالدَّارَ الْآخِرَةَ فَإِنَّ اللَّـهَ أَعَدَّ لِلْمُحْسِنَاتِ مِنكُنَّ أَجْرًا عَظِيمًا﴿٢٩﴾ މާނައީ: ” އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ ޙަޔާތާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް ޙައްޤުވާ އެއްޗެއް ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ. (*) އަދި ތިޔަކަނބަލުން، ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އާޚިރަތުގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ﷲ، ތިޔަކަނބަލުންކުރެ އިޙްސާންތެރިންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރައްވާފައިވެއެވެ. “ އަލްއަޙްޒާބު 28-29. މިއާޔަތްތައް ބާވައިލެއްވުމުން އެންމެ ފުރަތަމަވެސް ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ވަޑައިގެންނެވީ ޢާއިޝާ ރަޟިޔަﷲޢަންހާގެ ގާތަށެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. ((أَنَّ رَسُولَ اللهِ صلى الله عليه وسلم جَاءَهَا حِينَ أَمَرَ اللَّهُ أَنْ يُخَيِّرَ أَزْوَاجَهُ فَبَدَأَ بِي رَسُولُ اللهِ صلى الله عليه وسلم فَقَالَ إِنِّي ذَاكِرٌ لَكِ أَمْرًا فَلاَ عَلَيْكِ أَنْ تَسْتَعْجِلِي حَتَّى تَسْتَأْمِرِي أَبَوَيْكِ وَقَدْ عَلِمَ أَنَّ أَبَوَيَّ لَمْ يَكُونَا يَأْمُرَانِي بِفِرَاقِهِ قَالَتْ ثُمَّ قَالَ إِنَّ اللَّهَ قَالَ {يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ} إِلَى تَمَامِ الآيَتَيْنِ فَقُلْتُ لَهُ فَفِي أَىِّ هَذَا أَسْتَأْمِرُ أَبَوَيَّ فَإِنِّي أُرِيدُ اللَّهَ وَرَسُولَهُ وَالدَّارَ الآخِرَةَ.)) روى البخاري و مسلم – و اللفظ له – މާނައީ: ” ﷲ ތާޢާލާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަލޭގެފާނުގެ އަނބިކަނބަލުންގެ ތެރެއިން ބޭނުންފުޅު ބޭކަނބަލުންތަކެއް އިޚްތިޔާރުކުރެއްވުމަށް އެންގެވުމުން އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު ފެއްޓޭވީ ތިމަންކަމަނާގެ ފަރާތްޕުޅުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ކަމަނާއަށް މި ދަންނަވާ ކަމާއި ބެހޭގޮތުން އަވަސްއަރުވައިގަތުމެއްނެތި ކަމަނާގެ ބައްޕާފުޅާއި މަންމާފުޅަށްވެސް އަންގަވާށެވެ. – ފަހެ ތިމަންކަމަނާގެ ބައްޕާފުޅާއި މަންމާފުޅު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވަކިވުމަށް (ވަރިވުމަށް) އަމުރުނުކުރައްވާނޭކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.- އެކަމަނާ ވިދާޅުވިއެވެ: ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ދެން { يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ إِن كُنتُنَّ تُرِدْنَ… }  މިއާޔަތާއި، ޖެހިގެން އޮތް އާޔަތް ނިމެންދެން ކިޔަވާ ވިދާޅުވިއެވެ. ދެން ތިމަންކަމަނާ ވިދާޅުވީމެވެ. ތިމަންކަމަނާގެ ބައްޕާފުޅާއި މަންމާފުޅަށް އަންގަވަންވީ ކޮންކަމަކާތޯއެވެ. ފަހެ ހަމަކަށަވަރުން ތިމަންކަމަނާ ބޭނުންފުޅުވެވަޑައިގަންނަވަނީ ﷲ އާއި އެއިލާހުގެ ރަސޫލާ އާއި ސުވަރުގެ އެވެ. “ ދެންފަހެ އެކަމަނާގެ މިބަސްފުޅާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދެންތިއްބެވި ހުރިހާ އަނބިކަންލުންތައް ތަބަޢަވެ ވަޑައިގެންނެވިއެވެ. މިޙާދިޘާގަވެސް އެކަލޭގެފާނު އެންމެ ފުރަތަމަވެސް އެކަމަނާގެ އަރިހަށް ވަޑައިގެންނެވުން އެއީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޚާއްޞަކަމެކެވެ.

ނިމުނީ

މި ލިޔުމުގެ ކުރީގެބައި ވިދާޅުވޭ