[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (1)

ޤިޔާމަތާ ޖެހެންދެން އާދަމުދަރިންގެ ޢަދުއްވުކަމުގައިވާ ޝައިޠާނާއަކީ އެކިގޮތްގޮތުން އާދަމުދަރިން މަގުފުރެއްދުމަށްޓަކައި މަސައްކަތްކުރާ އެއްޗެކެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް އެސޮރުގެ އުއްމީދަކަށް ބަދަލެއްނާދެއެވެ. އާދަމުދަރިޔާގެ އެންމެ ފަހުނޭވަޔާ ހަމައަށްވެސް، ސީދާވެގެންވާ ތެދުމަގުން އާދަމުގެދަރިޔާ މަގުފުރެއްދިދާނެކަމުގެ ޔަޤީންކަމުގައި އެސޮރުގެ މަސައްކަތްތައް ތަފާތުގޮތްގޮތުން ކުރަމުންދެއެވެ. ހަމައެފަދައިން، އިންސާނާއާ މައްލަވަކޮށް، ބިރުދައްކާ، ޖެއްސުންކުރުމަކީ އެސޮރުގެ މަކަރުވެރިކަމުގެ ތެރެއިންވާ ކަންކަމެވެ. މިކަންތައްތަކުގެ ތެރެއިން ހިލަމެއްނުވާގޮތެއްގައި މީސްތަކުންނަށް ވަސްވާސްދީ ޝައްކު އުފައްދައެވެ. ދިމަދިމާލުން ޝައްކުތައްވައްދައި، މީހާ އަނދިރިކަމެއްގެ ތެރެއަށް ޣަރަޤުކޮށްލައެވެ. “ޝައްކުބަލި” މިކިޔާ ބަލީގެ ޝިކާރައަކަށް މީހާ ހަދާލައެވެ. ދުނިޔެވީ ކަންތައްތަކުގައި ޝައްކުވެއްދުމަށްވުރެ މިކަމުގައި އެންމެ ނުރައްކާތެރިކަމަކީ އަޅުކަންކަމުގައި ޝައްކުވައްދައި މީހާ މާޔޫސްކުރުވައި، އެތައް ހެޔޮކަމަކުން މީހާ މަޙްރޫމުކުރުވައި، އެތައް ދަތިއުނދަގޫކަމެއްގެ ތެރެއަށް މީހާ ވައްދާލާތީއެވެ. އަދި އަޅުކަންތައް ބާޠިލުވާ ދަރަޖައަށް ކަމުގެ ނުރައްކާތެރިކަން ގެންދެއެވެ. ދުނިޔެވީގޮތުން މީހާ ކަންތައްތަކުގައި ޝައްކުވެ، އެކުގައިއުޅޭމީހުންނަށް އެމީހާއާއެކު އުޅުމަށް އުނދަގޫވާ ދަރަޖައަށް ކަންތައްދެއެވެ. އަދި މިބަލީގެ އަސަރު ޒަވާޖީ ޙަޔާތައް ފޯރައެވެ.

މިވަސްވާސްތަކުގެ ސަބަބުން ބައެއްމީހުން ވުޟޫކުރުމަށްޓަކައި އެތައް އިރުތަކެއް ވޭތުވެގެންގޮސް، އެތައް ފަހަރަކު ގުނަންތަކަށް ފެންލާއިރުވެސް ޝައްކު ފިލާނުދެއެވެ. އަޅުގަނޑަށް ކިޔަވާދެއްވި އުސްތާޒެއް ކިޔާދެއްވިގޮތުގައި، އުސްތާޒު ދަންނަމީހަކު ބަންގިގޮވާއިރު ނަމާދަށް ވުޟޫކުރަން ވަންނަގޮތަށް ވުޟޫކޮށް ނިމެނީ ނަމާދުގެ ޖަމާޢަތް ނިމޭފަހުންނެވެ. ޝައްކުގެ ސަބަބުން އެތައް ފަހަރަކު ވުޟޫކުރަންޖެހުމުގެ ސަބަބުންނެވެ. ހަމައެފަދައިން، ބައެއްމީހުންނަށް ޤަޟާޙާޖަތްކުރުމުގައި ވަސްވާސްތައް ވައްދައިހަދައެވެ. ރަނގަޅަށް ދޮވެވުނުކަމާމެދު ޝައްކުވެ، އެކަމުގައި އެތައް ވަގުތުތަކެއް ހޭދަކޮއްލުވައެވެ. ފާޚާނާ ތެރޭގައި އެތައް ވަގުތުތަކެއް ހޭދަކޮށްލުވައެވެ. ރަނގަޅަށް ހިނައިގަނެވުނުކަމާމެދު ޝައްކުވެއެވެ. އިބްނުލް ޖަވްޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އަބުލްވަފާ އިބްނު ޢަޤީލުއަށް މީހަކު ދެންނެވިއެވެ. ‘ތިމަން ހިނައިގަތުމަށްޓަކައި އެތައް ފަހަރަކު ފެނުގެ ތެރެއަށް ގެނބިގަންނަމެވެ. އެހައިރުންވެސް ތިމަން ރަނގަޅަށް ހިނައިގަނެވުނުކަމާމެދު ޝައްކުވެއެވެ. އެހެންކަމުން ތިމަންގެ ހިނައިގަތުން ޞައްޙަވާނެތޯއެވެ ނުވަތަ ނުވާނެތޯއެވެ؟ ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟’ އިބްނު ޢަޤީލު ވިދާޅުވިއެވެ. ‘ކަލޭ ދާށެވެ. ކަލޭގެ މައްޗަށް ނަމާދުކުރުމެއް ނުވެއެވެ.’ އެމީހާ ޙައިރާންވެގެން ބުންޏެވެ. ‘އެކިހިނަކުން ހެއްޔެވެ؟’ އޭގެފަހުގައި އިބްނު ޢަޤީލު މޮޔަމީހުންގެ ކިބައިން ޤަލަމް އުފުލިފައިވާކަމުގެ ޙަދީޘް ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. ‘ފެނުގެ ތެރެއަށް އެތައް ފަހަރަކު ގެނބިގަނެ، އަދި އެހާވަރުންވެސް ފެންޖެހުނުތޯ ނުވަތަ ނޫންތޯ ޝައްކުވާމީހަކީ މޮޔަވެފައިވާ މީހެކެވެ.’

ތެދެކެވެ. ވަސްވާހުގެ ސަބަބުން މީހާ މޮޔަކުރުވާ ހިސާބަށް ކަންތައްތައް ގެންގޮސްލައެވެ. ހަމައެފަދައިން، ބައެއްމީހުން ނަމާދުގައި ކިޔާ ޛިކުރުތަކުގައި ވަސްވާސްވަދެގެން އެތައް ފަހަރަކު އެންމެ ލަފުޒެއް ތަކުރާރުކުރަންޖެހެއެވެ. އިބްނުލް ޤައްޔިމު ރަޙިމަހުﷲ “އިޣާޘަތުލް ލަހްފާން” ގައި ވިދާޅުވެފައިވެއެވެ. “ﷲ އަކްކްކްބަރު! މިފަދައިން ކިޔާމީހުންވެސް ތިމަން ދެކުނީމެވެ.” ހަމައެފަދައިން، ޤުރުއާން ކިޔަވާއިރު އަކުރުތަކުގެ މަޚްރަޖަތަކުން ރަނގަޅަށް ކިޔުނުތޯއާއި، ޠަހާރަތް ގެއްލުނުތޯއާއި، ނަމާދަށް ހުންނައިރު ވުޟޫ ގެއްލުނުތޯ ނުވަތަ ނުގެއްލުނުތޯއާއި، ނަމާދަށް ހުންނައިރު ކުޑަކަމުދާތަކެތި ނުކުންނަ އިޙްސާސްވުން ފަދަ އެތައްކަމެއްގައި ޝައިޠާނާ ވަސްވާސްވައްދައި، އެވަސްވާސްތަކުގެ ތެރެއަށް މީހާ ޣަރަޤުކޮށްލައެވެ.

ޙަޤީޤަތުގައި މިއީ ބޮޑުވެގެންވާ ބައްޔެކެވެ. ބައެއްމީހުން މިފަދަ ކަންތައްކުރަނީ ހިތަށް ޔަޤީންކަން ގެނައުމަށްޓަކައެވެ. ނުވަތަ އަޅުކަންތައް ބޮޑަށް ފުރިހަމަކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އާޚިރުނަތީޖާއަކީ އިތުރަށް ޝައްކު ގިނަވެ، ޔަޤީންކަމާ ދުރަށްމީހާ ދަތުރުކޮށްފައި ދިޔުމެވެ. މިކަމުގެ ނުރައްކާތެރިކަމަކީ ބައެއްމީހުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވުޟޫކުރެއްވިގޮތާއި، ނަމާދުކުރެއްވިގޮތް ކަމުނުދާކަމަށް ހީވާ ދަރަޖައަށް މިކަން ގެންދެއެވެ. ނަޖިސްނޫންތަކެތި ނަޖިސްކަމުގައި ދައްކުވައިދެއެވެ. އިޙްސާސްވާ އިޙްސާސްވުންތައް އަމިއްލައަށް ދޮގުކުރާ ހިސާބަށް ގެންދެއެވެ. ރަނގަޅަށް ފެންޖެހިފައި ހުންނަތަން ފެނުނަސް އެކަން ޤަބޫލުނުކުރެވެއެވެ. ދުޢާތަކާއި ޛިކުރުތައް ކަންފަތަށް އިވޭވަރަށް ކިޔާއިރުވެސް ޤަބޫލުނުކުރެވެއެވެ. މިޔަށްވުރެ ވަކި ބޮޑު ބައްޔެއް އޮންނާނެތޯއެވެ؟ މިވަސްވާސްތައް ނިމިގެންދަނީ ޝައިޠާނާގެ އަޅަކަށް ތިމާވެގެންނެވެ. އެސޮރުގެ ވަސްވާސްތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންވާ މީހަކަށްވެގެންނެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިބަލީގައި ޝިކާރައަކަށްވެފައިވާ މީހުން ފެނެއެވެ. ނަމާދުކުރަންވެގެން އިމާމް މީހާ ފާތިޙާ ސޫރަތްކިޔަވާ ނިމޭއިރުވެސް ޙަރަމް ނުބަނދެވިގެންއުޅޭމީހުން ފެނެއެވެ. ނިޔަތްގަނެވުނުތޯ ޝައްކުވެގެންނެވެ. އެތައް ފަހަރަކު ޙަރަމް ބަނދެފަ މޮހާލާތަން ފެނެއެވެ. ބައެއްމީހުން ވުޟޫކުރާއިރު އެތައް ފަހަރަކު ވުޟޫތަކުރާރުކުރާތަން ފެނެއެވެ.

ﷲ އިރާދަކުރެއްވިޔާ މިލިޔުމުގެ މިއަންނަ ބައިގައި، މިބަލި ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ޤުރުއާނާއި، ސުންނަތާއި، ޢިލްމުވެރިންގެ ނަޞޭޙަތުގެ އަލީގައި ގެނެސްދިނުމަށް ޤަޞްދުކުރަމެވެ. ﷲ މިއަޅާއަށް ތަޥްފީޤު ދެއްވާށި! އާމީން.

(ނުނިމޭ)

________________________

ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (2)

ޝައިޠާނާގެ މަކަރުވެރި ހީލަތްތަކުގެ ތެރެއިން ޝައްކުކުރުވުން (3)