[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ކަލަންޑަރު (1)

މީސްތަކުން ތާރީޚީ މިންގަނޑު ބަލާގޮތްތަކުގެ ތެރެއިން އެއްގޮތަކީ މީލާދީތާރީޚެވެ. މިތާރީޚުގެ ޢަދަދަށް ބަލާއިރު، މިހާރުމިދަނީ އެތާރީޚީ ނިޒާމަށް 2012 ވަނަ އަހަރު ގުނަމުންނެވެ. އެހެންގޮތަކަށް ބުނަނީނަމަ އެތާރީޚީ މިންގަނޑު ދަނީ 21 ވަނަ ޤަރުނު ގުނަމުންނެވެ.

މިހާދިގު މުއްދަތެއް މިތާރީޚީ މިންގަނޑު ގުނަމުންދާއިރު، މިތާރީޚީ މިންގަނޑާމެދު ވިސްނާލުމަކީ މުހިއްމުކަމެކެވެ. އަޅުގަނޑުމެންނީ މުސްލިމުންކަމުގައިވާއިރު މިތާރީޚީ މިންގަނޑަކީ އަޅުގަނޑުމެންނާ ކިހާ ރައްޓެހި ނުވަތަ ބީރައްޓެހި މިންގަނޑެއްތޯ ބަލާލުމަކީ މުހިއްމުކަމެކެވެ. އަދި މިތާރީޚީ މިންގަނޑަކީ ދީނީގޮތުން ކޮންފަދަ މިންގަނޑެއްތޯއާއި، އެމިންގަނޑުގެ ޙަޤީޤަތް އެނގުމަކީވެސް ހަމައެހާމެ މުހިއްމުކަމެކެވެ. އަދި މީލާދީ ތާރީޚު މުސްލިމުން ބޭނުންކުރުމާމެދުވެސް ބަލާލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. މިސިލްސިލާ ލިޔުންތަކުގައި ﷲގެ އިރާދަފުޅާއެކު މިމަސްއަލަތަކަށް އަލިއަޅުވާލަން ޤަޞްދުކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަޅާއަށް އެކަމަށް ތަޥްފީޤު ދެއްވާށި! އާމީން.

ތާޜީޚުގެ ފެށުން:

ބުނެވިފައިވާގޮތުގައި، އިންސާނުން ތަހްޒީބުވަމުން އައިސް، އިންސާނާއަށް އިރުއަރާ އިރުއޮއްސޭކަން ދެނެގަނެވުނެވެ. އިރުއަރާ އިރުއޮއްސުމުގެ ނިޒާމުން އިންސާނާ ރޭގަނޑާއި ދުވާލު ވަކިކޮށްދެނެގަތެވެ. އަދި ހަނދުގެ ޞިފަތަކުން މަސްތައް ދެނެގަތެވެ. އަދި މޫސުންތައް ބަދަލުވުމަށް ނިސްބަތްކޮށް އަހަރުތައް ގުނަން ފެށުނެވެ. އޭގެފަހުގައި، ޒަމާންތަކަކަށްފަހު އިންސާނުން އަހަރެއްކަމުގައި ބަލާފައިވަނީ އިރުވަށައިގެން ދުނިޔެ ބުރެއްޖަހާ މުއްދަތަކީ އެއީ އެއްއަހަރުކަމުގައެވެ. އަދި ދުނިޔެވަށާ ހަނދު ބުރުޖަހާ މުއްދަތަކީ އެއީ އެއްމަސްކަމުގައެވެ.

އިހުގެ މިޞްރު ކަލަންޑަރުތަކުގައި، އެއްއަހަރަކީ 12 މަހެވެ. އަދި އެ ބާރަމަހުގެ ތެރެއިން 30 ދުވަސް އިންނަނީ އެންމެ މަހެއްގައެވެ. އަދި 365 ދުވަސް ހަމަކުރަންޖެހޭ ބާކީ ދުވަސްތައް އަހަރުގެ ފަހުކޮޅަށް ލައި، އަހަރެއްގެ ދުވަސްތައް 365 ދުވަހަށް ހަމަޖައްސާލައެވެ. އަދި ގުރީކު މީހުން ހަނދުގެ ކަލަންޑަރަށް ބަލައި، ކޮންމެ 8 އަހަރަކަށް ބާކީ ދުވަސްތައް އިތުރުކޮށްގެން ދުވަސްތައް ހަމަޖައްސާލައެވެ. އެއީ ގާތްގަނޑަކަށް ކޮންމެ 8 ވަނަ އަހަރަކު 3 މަސް އިތުރުކޮށްގެންނެވެ. ޢީސާގެފާނުގެ ކުރިން 432 ވަނަ އަހަރު ފަލަކީ ޢިލްމުވެރިޔާ މަޓޮން (Maton) ގެ ހޯދުންތަކުން ދެއްކިގޮތުގައި ކޮންމެ 235 ހަނދުގެ މައްސަރު ދިމާވަނީ 19 އަހަރާއެވެ.

މީލާދީތާރީޚުގެ ފެށުން:

މިގޮތުން ކަލަންޑަރުގެ ދުނިޔެއަށް ކުރިއެރުމެއް ގެނެސްދިނީ، ޢީސާގެފާނުގެ 46 އަހަރުކުރިން އޭރުގެ ރޯމަންނުންގެ ވެރިޔާ ޖޫލިއަސް ސީޒާ  (Julius Caesar) އެވެ. އޭނާގެ އެމަސައްކަތުގައި ގުރީކުގެ ފަލަކީ ޢިލްމުވެރިޔާ ސޮސިގްނެސް (Sosignes) ގެ އެހީތެރިކަން ހޯދިއެވެ. މިކަލަންޑަރު ބިނާވެފައިވަނީ އިރުވަށާ ދުނިޔެ ބުރުޖަހާ މުއްދަތަށެވެ. އިރުވަށައިގެން ދުނިޔެ ބުރުޖަހާ މުއްދަތައް ބިނާކޮށްފައިވާ ކަލަންޑަރަށް ކިޔަނީ “ސޯލާ ކަލަންޑަރ” އެވެ. އިރުވަށާ ދުނިޔެއަށް އެއްބުރުޖެހެނީ 365 ދުވަހާއި، ދުވަހެއްގެ ހަތަރުބައިކޮށްފަ އެއްބައިގައެވެ. މިމުއްދަތަކީ އެއްއަހަރެވެ. އެހަތަރުބައިކޮށްފަ އެއްބައި އަންނަދުވަހުގެ ބާކީބަޔާމެދު ޖޫލިއަސްއަށް އޮޅުން އެރިއެވެ. އެގޮތުން ޖޫލިއަސް، އޭނާގެ އެއަހަރަކީ (އެބަހީ: ޢީސާގެފާނުގެ ކުރިން 46 ވަނަ އަހަރަކީ) 445 ދުވަސްވާ އަހަރެއްކަމުގައި ހެދުމަށް ނިންމިއެވެ. ނަމަވެސް އޭނަގެ ފަލަކީ ޢިލްމުވެރިން ނިންމީ އަހަރެއްގައި 365 ދުވަސް ހަދާފައި، ކޮންމެ ހަތަރު އަހަރަކުން އެއްއަހަރަކީ 366 ދުވަސްކަމުގައި ހަދާށެވެ. އެއީ ކުރިން ބުނެވުނު ހަތަރުބައިކުޅަ އެއްބައިގެ ދުވަހުގެ ބާކީބައި ފުރިހަމަކުރުމަށެވެ. ކޮންމެ ހަތަރު އަހަރަކުން އެއަންނަ 366 ދުވަސް އެކުލެވޭ އަހަރަށް ކިޔަނީ “ލީޕް އިޔަރ’ އެވެ. އެގޮތުން ހަތަރަކުން ގެއްލޭ ކޮންމެ އަހަރަކީ “ލީޕް އިޔަރ” އެކެވެ. ޖޫލިއަސްގެ މިކަލަންޑަރުގައި 365 ދުވަސް ބަހާލެވިފައިވަނީ 12 މަހަށެވެ. ފެބްރުއަރީ މަހުގައި 28 ދުވަސް އިންނަގޮތުގެ މަތީންނެވެ. އަދި “ލީޕް އިޔަރ” އެއްގައި ފެބްރުއަރީގައި 29 ދުވަސް އިންނަގޮތުގެ މަތީންނެވެ.

ޖޫލިއަސްގެ މިކަލަންޑަރު ގާތްގަނޑަކަށް 1600 އަހަރު ބޭނުންކުރިއެވެ. އޭގެފަހުން، މިކަލަންޑަރުގައި 10 ދުވަހުގެ އިތުރުވުމެއް އުޅޭކަން ފާހަގަކުރެވުނެވެ. އެހެނީ، ފަހުގެ ހޯދުންތަކުން އެނގުނީ ދުނިޔެއަށް އިރުވަށާ ބުރުޖެހެނީ 365.2422 ދުވަހުންނެވެ. އެހެންކަމުން، ކޮންމެ 1000 އަހަރަކުން 7.8 ދުވަހުގެ އިތުރުވުމެއް އާދެއެވެ.

1582 ވަނަ އަހަރު ނަޞާރާއިންގެ ފާދިރީއެއްކަމަށްވާ ޕޯޕް ގުރެގޮރީ 13  (Pope Gregory XIII) އަލުން ކަލަންޑަރުގެ ހިސާބުތައް ހަދައި، މި 10 ދުވަސް ޙައްލުކުރުމަށްޓަކައި 1582 ވަނަ އަހަރު، އެއަހަރުގެ ދުވަސްތަކުން 10 ދުވަސް އުނިކުރިއެވެ. މިކަލަންޑަރަށް ގުރެގޮރީ ކަލަންޑަރ، ނުވަތަ ހުޅަނގުގެ ކަލަންޑަރ (ވެސްޓަރން ކަލަންޑަރ)، ނުވަތަ ކްރިސްޓިއަން ކަލަންޑަރ ކިޔައެވެ. ޢަރަބިބަހުންނާއި ދިވެހިބަހުން ކިޔާ މީލާދީ ކަލަންޑަރަކީ މިއީއެވެ.

މީލާދީތާރީޚު ގުނަން ފެށުނު ދުވަހަކީ ޢީސާގެފާނު އުފަންވެވަޑައިގެންނެވި ދުވަހެއްނޫންކަމުގައި ނަޞާރާއިންގެ ފަތްފުށްތަކުގައިވެއެވެ. އެގޮތުން އެމީހުންބުނާ “ގޮސްޕެލް މެތިއު” ގައި ވާގޮތުން ޢީސާގެފާނު އުފަންވެވަޑައިގަތީ ރަސްގެފާނު “ހެރޯޑް” ގެ ވެރިކަމުގެ ދުވަސްވަރުއެވެ. އެރަސްގެފާނު މަރުވެފައިވަނީ 4 ބީ.ސީ ކުރިންނެވެ. ނަޞާރާއިން ޤަބޫލުކުރާގޮތުގައި ޢީސާގެފާނު އެހެންވީމަ އުފަންވެވަޑައިގެންފައިވަނީ 4 އަކާއި 6 ބީ.ސީއާ ދެމެދުގައެވެ.

އަދި މީލާދީ ތާރީޚު ފެށޭދުވަހާމެދުވެސް އެކި ޤައުމުތަކުގައި ތަފާތުވެފައިވެއެވެ. ޖޫލިއަސް ދުވަސްގުނަން ފަށާފައިވަނީ 1 ޖެނުއަރީގައި ކަމަށް ވެއެވެ. އަދި މީލާދީގޮތުން 567 ވަނަ އަހަރު ނަޞާރާއިންގެ ފައްޅިން، 1 ޖެނުއަރީން އަހަރުފެށުމަކީ ބޯދާ ކުށެއްކަމަށާއި، އެކަން ފިލުވާލަންޖެހޭކަމެއްކަމަށް އިޢުލާންކޮށްފައިވެއެވެ.

އެހެންކަމުން، އެކިޤައުމުތަކާއި ވެރިކަން ތަކުގައި އަހަރުފެށޭ ދުވަސްތައް ތަފާތުވެފައިވެއެވެ. ބީޒަންޓައިންގެ ވެރިކަމުގައި އަހަރުފެށޭ ދުވަހަކީ 1 ސެޕްޓެމްބަރ އެވެ. އަދި އެމީހުން ދުވަސްގުނަނީ ދުނިޔެ އުފެދުނުކަމަށް އެމީހުން ޤަބޫލުކުރާ އަހަރަށް ބިނާކޮށެވެ. އެމީހުން ބުނާގޮތުން ދުނިޔެ ފެށިފައިވަނީ 1 ސެޕްޓެމްބަރ 5509 ބީ.ސީގައެވެ.

1600 ވަނަ އަހަރާ ޖެހެންދެން ގިނަ ޤައުމުތަކުގައި އަހަރުގެ ފުރަތަމަ ދުވަސްކަމުގައި ބަލަމުން އައިސްފައިވަނީ 1 ޖެނުއަރީ އެވެ. އިޓަލީއާއި އިނގިރޭސިވިލާތުން ރަސްމީކޮށް 1 ޖެނުއަރީ އަހަރުގެ ފުރަތަމަ ދުވަސްކަމުގައި ބަލާފައިވަނީ 1750 ވަނަ އަހަރާ ހިސާބުގައެވެ. އަދި ބައެއް ޤައުމުތަކުގައި ތިންކަލަންޑަރަކަށް ބަހާލައި، ކޮންމެ ކަލަންޑަރެއްގައިވެސް އަހަރުފެށޭ ދުވަސްތައް ތަފާތުކޮށްފައިވެއެވެ.

މީލާދީކަލަންޑަރުގެ މަސްތައް:

މީލާދީކަލަންޑަރުގެ މަސްތަކުގެ ނަންތަކަކީ ރޯމަނުންގެ ޢަޤީދާއާ ވަރަށް ބޮޑަށް ގުޅިފައިވާ ނަންތަކެކެވެ. އެގޮތުން:

(1) ޖެނުއަރީ January : މިނަން ނެގިފައިވަނީ ރޯމަނުންގެ ކަލާނގެއެއްކަމަށްވާ ޖެނަސް (Janus) އިންނެވެ. ރޯމަނުން ޤަބޫލުކުރާގޮތުގައި މިކަލާނގެ ދެމޫނެއް ވެއެވެ. އެއީ މާޒީގެ ކަންތައްތައް ބަލާ މޫނަކާއި، މުސްތަޤްބަލުގައިވާ ކަންކަން ބަލާ މޫނެކެވެ.

(2) ފެބްރުއަރީ February : މިނަން ނެގިފައިވަނީ ރޯމަނުންގެ ޢީދެއްކަމުގައިވާ ފެބްރުއޯ (Fabruo) އިންނެވެ.

(3) މާރޗް March : މިނަން ނެގިފައިވަނީ ރޯމަނުންގެ ވަރުގަދަ ހަނގުރާމައިގެ ކަލާނގެކަމަށް ޤަބޫލުކުރާ މާރސް (Mars) ކަލާނގެ ނަމުންނެވެ.

(4) އޭޕްރީލް April : މިނަން ނެގިފައިވަނީ ލެޓިން ބަހެއްކަމުގައިވާ aperire އިންނެވެ. އޭގެ މާނައަކީ ހުޅުވިފައިވުމެވެ. އެހެނީ، ބަހާރު މޫސުމް އަންނަނީ މިމަހުއެވެ. މިމަހުގައި ގަސްތައް ހެދި، މާތައް ފޮޅޭނެއެވެ.

(5) މެއި May : މިނަން ނެގިފައިވަނީ ރޯމަނުންގެ އަންހެން ކަލާނގެއެއްކަމުގައިވާ Maia ގެ ނަމުންނެވެ.

(6) ޖޫން June : މިނަން ނެގިފައިވަނީ ސީދާ ކޮންބަހަކުންކަމެއް އެނގިފައެއްނުވެއެވެ. ބުނެވިފައިވާގޮތުގައި މިނަން ނެގިފައިވަނީ ރޯމަނުން ޤަބޫލުކުރާ ސުވަރުގޭގެ ރާނީ Juno ގެ ނަމުންނެވެ.

(7) ޖުލައި July : މިނަން ނެގިފައިވަނީ ޖޫލިއަސްގެ ނަމުންނެވެ. ޖޫލިއަސް އުފަންވެފައިވަނީ މިމަހުގައިކަމަށް ބުނެއެވެ.

(8) އޮގަސްޓް  August: މިނަންނެގިފައިވަނީ ރޯމުގެ ވެރިއެއްކަމުގައިވާ އޮގަސްޓަސް (Augustus) ގެ ނަމުންނެވެ. މިމަހުގައި އޭނާ ހަނގުރާމަތަކުން ވަރަށް ގިނަ ކާމިޔާބީތައް ހޯދައިފައިވާކަމަށް ބުނެވެއެވެ.

(9) ސެޕްޓެމްބަރ September : މިނަން ނެގިފައިވަނީ ލެޓިން ބަހެއްކަމުގައިވާ Septem އިންނެވެ. އޭގެ މާނައަކީ ހަތްވަނައެވެ. މިއީ އިހުގެ ރޯމަން ކަލަންޑަރުގެ ހަތްވަނަ މަހެވެ.

(10) އޮކްޓޯބަރ October : މިނަން ނެގިފައިވަނީ ރޯމަން ބަހެއްކަމުގައިވާ Octo އިންނެވެ. އޭގެ މާނައަކީ އަށެކެވެ. މިއީ އިހުގެ ރޯމަން ކަލަންޑަރުގެ އަށްވަނަ މަހެވެ.

(11) ނޮވެމްބަރ November : މިނަން ނެގިފައިވަނީ ލެޓިން ބަހެއްކަމުގައިވާ Novem އިންނެވެ. އޭގެ މާނައަކީ ނުވައެކެވެ. މިއީ އިހުގެ ރޯމަން ކަލަންޑަރުގެ ނުވަވަނަ މަހެވެ.

(12) ޑިސެމްބަރ December : މިނަން ނެގިފައިވަނީ ލެޓިން ބަހެއްކަމުގައިވާ Decem އިންނެވެ. އޭގެ މާނައަކީ ދިހައެކެވެ. މިއީ އިހުގެ ރޯމަން ކަލަންޑަރުގެ ދިހަވަނަ މަހެވެ.

މީލާދީ ކަލަންޑަރުގެ މަސްތަކުގެ ނަންތަކަށް އަޅުގަނޑުމެން ބަލާލައިފިކަމުގައިވާނަމަ، އެނަންތަކުގެ ތެރެއިން ބައެއް ނަންތަކުން ސީދާ ފެނިގެންދާނީ އިހުގެ ރޯމަނުންގެ ޢަޤީދާގެ ކުލަވެރެވެ. އެމީހުން ﷲއާ އެއްފަދަކުރާ އިލާހުންގެ ނަންތަކެވެ. މިކަމުން ދޭހަވާ އެންމެ ބޮޑު އެއްކަމަކީ ރޯމަނުންގެ މިކަލަންޑަރަށް އެބައިމީހުންގެ ދީނުގެ އަސަރުކޮށްފައިވާ މިންވަރެވެ. އެބައިމީހުންގެ ދީން ދިރުވުމަށްޓަކައިކޮށްފައިވާ މަސައްކަތެވެ.

(ނުނިމޭ)

________________________

މުސްލިމުންގެ ކަލަންޑަރު (2)