[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރިސާލާއާ ބެހޭ ދެތިން ނުކުތާ- ތިން އަޞްލުގެ ޝަރަޙަ 2

 ރިސާލާއާ ބެހޭ ދެތިން ނުކުތާ

ޘަލާޘަތުލް އުޞޫލި ރިސާލާއަކީ ކުރު އެހެނަސް ފައިދާބޮޑު ރިސާލާއެކެވެ. ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުން ނެގިފައިވާ ދަލީލުތަކުން ފުރާލެވިފައިވާ ޢިލްމީ ރިސާލާއެކެވެ. ހަމައެހެންމެ މިރިސާލާއަކީ އިސްލާމީ ޢަޤީދާގެ އެންމެ މުހިއްމު އަޞްލާބެހޭގޮތުން ލިޔެފައިވާ ރިސާލާއެކެވެ. އެއީ ޢަޤީދާގެ އެންމެ މުހިއްމު ބައެވެ. ދީނުގެ ޢިލްމުވެރީން މިރިސާލާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ. މިއީ މިއަދު ދީނުގެ ޢިލްމު ޙާޞިލްކުރާ ކުދީންވެސް ޢަޤީދާގެ އެންމެ މުހިއްމު މަތަނު( ދީނީ އެކި މާއްދާތަކުގެ ބިންގާ އަޅާދޭ ފޮތްތައް) ކަމުގައި ދަސްކުރާ ރިސާލާއެވެ. ދީނީ ޢިލްމުގެ ކަނޑަށް ނުކުންނަ ގިނަ ކުދީން އެކުދީންގެ ޢިލްމީ ދަތުރު ފަށައިގަންނަނީވެސް މިރިސާލާއިންނެވެ. މީގެ އިތުރުން މިރިސާލާއަކީ މިއަދު އިސްލާމީ އެތައް ޤައުމެއްގެ އެތައް މަދަރުސާއެއްގައި ޢަޤީދާގެ އެންމެ މުހިއްމު ފޮތްކަމުގައިވެސް ވެފައިވާ ރިސާލާއެކެވެ.

 މި ރިސާލާ އަށް ވަރަށް ގިނަ ޢިލްމުވެރިން ތަޢުރީފުކުރައްވާ ޘަނާކިޔުއްވާފައިވެއެވެ. އަދި މިއީ ވަރަށް ފައިދާބޮޑު ރިސާލާއެއްކަމުގައި އެބޭކަލުން ސިފަކުރައްވައެވެ. އަދި ހަމައެހެންމެ މިރިސާލާއަކީ ވަރަށް ރީތި ރިސާލާއެއްކަމުގައިވެސް ޢިލްމުވެރިން ފާހަގަކުރައްވާފައިވެއެވެ. ތަޞްނީފްކުރުމުގެ ހުނަރާއި ތަރުތީބު ކުރުމުގެ ހުނަރާއި އިސްތިދުލާލުކުރުމުގެ ހުނަރު، ﷲ ސުބްޙާނަހޫ ވަތަޢާލާ، ޝައިޚުލްއިސްލާމް މުޙައްމަދު ބިން ޢަބްދިލްވައްހާބަށް ދެއްވަވާފައިވާކަން މި ރިސާލާ ކިޔާލުމުން އެނގިގެންދާނެއެވެ. ލަފްޒުތައް ގެންނަވާފައިވާ ގޮތާއި ބަޔާންކުރައްވާފައިވާ ގޮތްވެސް އެހާމެ ރީއްޗެވެ.

 ޝައިޚް ޢަބްދުއްރަޙްމާން ބިން ޙަސަން މިރިސާލާއާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. “އޭގެ ފައިދާ ބޮޑުކަމާއެވެ. ހިދާޔަތް އެދޭ މީހަކަށެވެ. އެރިސާލާގެ ކުރުކަމާއެކުވެސްމެއެވެ.”

 މިރިސާލާގައިވަނީ އިންސާނާ މަޢުރިފާކޮށް ދެނެގަތުން ވާޖިބުވެގެންވާ އަޞްލުތަކެވެ. އެއީ އަޅާ އޭނާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަޅުކަންތަކުގެ ވައްތަރުތަކާއި އަޅާ އޭނާގެ ދީން ދެނެގަތުމާއި ދީނުގެ ހަރުފަތްތަކާއި ކޮންމެ ހަރުފަތްތަކެއްގެ ރުކުންތަކާއި އަޅާ އޭނާގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢުރިފާކޮށް ދެނެގަންނާނޭ ގޮތާއި އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ބައެއް ޞަފްޙާތަކާއި އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުމުގެ ޙިކްމަތާއި މަޙްޝަރުކުރެއްވުމާއި އަލުންދިރުއްވުމާއި އީމާންވުމާއި ތައުޙީދުގެ ދެރުކުންކަމުގައިވާ ތާޣޫތަށް ކާފިރުވުމާއި ﷲއަށް އީމާންވުމުގެ މައްޗަށެވެ. މިހުރިހާ ކަމެއްގެ ދަލީލުތައް ޝައިޚް މިރިސާލާގައި ގެންނަވާފައިވެއެވެ.

 މިރިސާލާ ހިތުދަސްކޮށްފައިވާ މީހުންގެ ޢަދަދާއި، ޝައިޚުން މިރިސާލާ ޝަރަޙަކުރައްވާފައިވާ ޢަދަދާއި، އެޝަރަޙަތައް އަޑުއަހައި އޭގެފައިދާ ލިބިގެންފައިވާ މީހުންގެ ޢަދަދު ﷲ އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ ޢަލީމްވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މިރިސާލާ ލިޔުއްވި ޝައިޚަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހެޔޮޖަޒާ ދެއްވާށި! އާމީން

ނުނިމޭ

(ތިންވަނަ ބައި ވިދާޅުވުމަށް)