[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ އަހުލުވެރިންގެ ތެރެއިން ބޮޑެތިފާފަތައް ކުރުން މަތީ މަރުވެއްޖެމީހާގެ ޙުކުމަކީ ކޮބާ؟

ތައުޙީދުގެ އަހުލުވެރިންގެ ތެރެއިން ބޮޑެތިފާފަތައް ކުރުން މަތީ މަރުވެއްޖެމީހާގެ ޙުކުމަކީ ކޮބާ؟

ޖ : ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلا تُظْلَمُ نَفْسٌ شَيْئاً وَإِنْ كَانَ مِثْقَالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِينَ)) الأنبياء: ٤٧ މާނައީ: “އަދި ތިމަންއިލާހު ޤިޔާމަތްދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމުކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފްސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންއިލާހު ފުދެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَالْوَزْنُ يَوْمَئِذٍ الْحَقُّ فَمَنْ ثَقُلَتْ مَوَازِينُهُ فَأُوْلَئِكَ هُمْ الْمُفْلِحُونَ (8) وَمَنْ خَفَّتْ مَوَازِينُهُ فَأُوْلَئِكَ الَّذِينَ خَسِرُوا أَنفُسَهُمْ بِمَا كَانُوا بِآيَاتِنَا يَظْلِمُونَ)) الأعراف: ٨ – ٩ މާނައީ: “އެދުވަހުން (މީސްތަކުންގެ ޢަމަލުތައް) ކިރައި ވަޒަން ކުރައްވާހުށީ ޙައްޤުގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ ޢަމަލުތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ކާމިޔާބު ލިބޭނޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ. އަދި އެމީހެއްގެ ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނަކީ، ތިމަންއިލާހުގެ އާޔަތްތަކަށް އިންކާރުކޮށް އުޅުމުގެ ސަބަބުން އެބައިމީހުންގެ އަމިއްލަ ނަފްސުތައް ގެއްލުވައިލި މީހުންނެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَراً وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَداً بَعِيداً وَيُحَذِّرُكُمْ اللَّهُ نَفْسَهُ وَاللَّهُ رَءُوفٌ بِالْعِبَادِ)) آل عمران: ٣٠ މާނައީ: “ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކޮށްފައިވާކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކޮށްފައިވާކަމެއް ޙާޟިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާ އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެއެވެ. އަދި ﷲ، އެކަލާނގެ ޢަޛާބަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވައެވެ. ﷲއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ އިލާހެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَنْ نَفْسِهَا وَتُوَفَّى كُلُّ نَفْسٍ مَا عَمِلَتْ وَهُمْ لا يُظْلَمُونَ)) النحل: ١١١ މާނައީ: “ކޮންމެ ނަފްސެއްވެސް، އެ ނަފްސެއް (ދިފާޢުކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ކުޅަ ޢަމަލަކަށް (އެ ދުވަހުން) ފުރިހަމައަށް ޖަޒާ ދެއްވާނެއެވެ. އަދި އެބައިމީހުންނަށް އަނިޔާވެރި ނުވާހުއްޓެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَاتَّقُوا يَوْماً تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لا يُظْلَمُونَ)) البقرة: ٢٨١ މާނައީ: “އެދުވަހެއްގައި، اﷲގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސައަކަށް، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެއެވެ. އަދި، އެބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتاً لِيُرَوْا أَعْمَالَهُمْ (6) فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَه (7) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَه)) الزلزلة: ٦ – ٨ މާނައީ: “އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެއެވެ. (އެއީ) އެބައިމީހުންނަށް، އެބައިމީހުންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.” މިފަދަ އެހެންވެސް އާޔަތްތައްވެއެވެ.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ نُوقِشَ الْحِسَابَ عُذِّبَ.” قَالَتْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَلَيْسَ يَقُولُ اللَّهُ تَعَالَى ((فَسَوْفَ يُحَاسَبُ حِسَاباً يَسِيراً)) الانشقاق: ٨  قَالَ: “إِنَّمَا ذَلِكِ الْعَرْضُ وَلَكِنْ مَنْ نُوقِشَ الْحِسَابَ عُذِّبَ “. މާނައީ: “ޙިސާބު ބެލެވިއްޖެމީހާއަށް ޢަޛާބުދެއްވޭނެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެންނެވިއެވެ. ﷲ ވަޙީ ކުރައްވާފައިނުވޭތޯއެވެ؟ ((فَسَوْفَ يُحَاسَبُ حِسَاباً يَسِيراً)) الانشقاق: ٨ މާނައީ: ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބުބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބުބައްލަވާނެތެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ ހަމައެކަނި ހުށަހަޅާލެވޭ ހުށަހަޅާލުމެކެވެ. އެހެނެއްކަމަކު، ޙިސާބު ބެލެވިއްޖެމީހާއަށް ޢަޛާބުދެއްވޭނެއެވެ.”

މަޙްޝަރުގެ މައިދާނާ ބެހޭގޮތުންނާއި، މީސްތަކުން އެތަނުގައި ތިބޭނެގޮތާއި، މީޒާނާއި، ފަތްފުއްތައް ފެތުރުއްވުމާއިބެހޭގޮތުންނާއި، ހިސާބުބެއްލެވުމަށް ހުށަހެޅުމާއި، ހިސާބުބެއްލެވުމާއި، ޞިރާޠުގެމަގާއި، ޝަފާޢަތާއި، އަދި އެނޫންވެސް މިކަންކަމާގުޅޭ އެންމެހާ ކަމަކާބެހޭގޮތުން ވާރިދުވެފައިވާ ނައްޞުތަކުން އެނގޭގޮތުގައި، ދުނިޔޭގައި މީސްތަކުން، އެބައިމީހުންގެ ވެރި އިލާހަށް ކިޔަމަންތެރިވުމާއި ނުކިޔަމަންތެރިވުމުގެ މިންގަނޑުން އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ތަފާތުވެގެންވާ ފަދައިން، ހަމަމިމިންގަނޑުގެ ދަށުން އާޚިރަތްދުވަހުވެސް އެބައިމީހުން ވާނީ އެކި ގިންތިގިންތިއަށެވެ. އެބައިމީހުންގެ ތެރޭގައި ހެޔޮކަންތައްކުރުމުގައި ކުރިއަރައިދިޔަ މީހުންނާއި، މެދުމިންވި މީހުންނާއި، އެބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިވިމީހުންވެއެވެ.

މިބަޔާންވެދިޔަ ކަންތައްތައް ތިބާއަށް އެނގެއްޖެކަމުގައި ވާނަމަ، ދެން ދެނެގަންނަންވީކަމަކީ، ޤުރުއާނުގެ އާޔަތްތަކުންނާއި، ނަބަވީ ސުންނަތުންނާއި، ސަލަފުއްޞާލިހުންނާއި، ޞަޙާބީންނަށާއި ތާބިޢީންނާށް ހެޔޮގޮތުގައި ތަބާވީ ތަފްސީރާއި ސުންނަތާއި ޙަދީޘްގެ ޢިލްމުވެރިންގެ ކިބައިން ޘާބިތުވާގޮތުގައި، ތައުޙީދުގެ އަހުލުވެރިންގެ ތެރޭގައިވާ ފާފަވެރިން ތިން ގިންތިއަކަށް ބެހޭކަމެވެ.

ފުރަތަމައީ: އެބައެއްގެ ނުބައިފާފައަށްވުރެ އެބައިމީހުންގެ ހެޔޮކަން ބަރުވެއްޖެ މީހުންނެވެ. ފަހެ، މިބައިމީހުންނަކީ ސުވަރުގެ ވަންނާނެމީހުންނެވެ. އަދި ދުވަހަކުވެސް އެބައިމީހުންގެ ގައިގައި އަލިފާން ނުބީހޭނެ މީހުންނެވެ.

ދެވަނައީ: އެބައެއްގެ ހެޔޮކަމާއި ނުބައިކަން އެއްވަރުވެގެންވާ މީހުންނެވެ. މިބައިމީހުންގެ ފާފަތައް އެބައިމީހުން ސުވަރުގެ ވަނަނުދޭ ހުއްޓެވެ. އަދި އެބައިމީހުންގެ ހެޔޮކަންތައް އެބައިމީހުން ނަރަކައިން ދުރުކޮށްދޭ ހުއްޓެވެ. މިބައިމީހުންނަކީ ‘އަޞްޙާބުލް އަޢްރާފް’ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ވާހަކަ ބަޔާންކޮށް ދެއްވާފައިވާގޮތުގައި، އެބައިމީހުން ހުރުމަށް ﷲ އިރާދަކުރައްވާ މުއްދަތެއް ވަންދެން ސުވަރުގެއާއި ނަރަކައާ ދެމެދުގައި އެބައިމީހުން ތިބޭ ހުއްޓެވެ. ދެން އޭގެފަހުގައި އެބައިމީހުންނަށް ސުވަރުގެ ވަނުމުގެ އިޒުނަ ދެވޭ ހުއްޓެވެ. ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް، އަދި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވަނުމަށްފަހު، މިބައިމީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ބަސްފުޅު އިއްވާނެ ކަން ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ((وَبَيْنَهُمَا حِجَابٌ وَعَلَى الأَعْرَافِ رِجَالٌ يَعْرِفُونَ كُلاًّ بِسِيمَاهُمْ وَنَادَوْا أَصْحَابَ الْجَنَّةِ أَنْ سَلامٌ عَلَيْكُمْ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ (46) وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ (47) وَنَادَى أَصْحَابُ الأَعْرَافِ رِجَالاً يَعْرِفُونَهُمْ بِسِيمَاهُمْ قَالُوا مَا أَغْنَى عَنْكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ (48) أَهَؤُلاءِ الَّذِينَ أَقْسَمْتُمْ لا يَنَالُهُمْ اللَّهُ بِرَحْمَةٍ ادْخُلُوا الْجَنَّةَ لا خَوْفٌ عَلَيْكُمْ وَلا أَنْتُمْ تَحْزَنُونَ)) الأعراف: ٤٦ – ٤٩ މާނައީ: “އެ ދެބައިމީހުންގެ ދެމެދުގައި، ފަރުދާއެއްވެއެވެ. އަޢުރާފުމަތީގައި (އެބަހީ: ސުވަރުގޭގެ ފާރުމަތީގައި) މީހުންތަކެއް ވެއެވެ. އެބައިމީހުންނަށް އެ ދެބައިމީހުންގެ ޢަލާމާތްތަކުން، އެ ދެބައިމީހުން އެނގެއެވެ. އަދި އެބައިމީހުން ސުވަރުގޭގެ އަހުލުވެރިންނަށް ގޮވައިލާނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ. އެބައިމީހުން ތިބޭނީ ސުވަރުގެއަށް ނުވަދެވި، އެކަމުގެ ދަހިވެތިކަމުގައެވެ. އަދި އެބައިމީހުންގެ ލޯތައް ނަރަކައިގެ އަހުލުވެރިންނާ ދިމާއަށް އަނބުރައިލާހިނދު، އެބައިމީހުން ބުނާނެއެވެ. އަޅަމެންގެ ވެރިއިލާހެވެ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޢްރާފުގެ އަހުލުވެރިން، އެބަޔެއްގެ ޢަލާމާތުން އެބައިމީހުން ދަންނަ މީހުންތަކަކަށް ގޮވައި ބުނާނެއެވެ. ތިޔަބައިމީހުންގެ ބައިގިނަކަމާއި، ތިޔަބައިމީހުން ކިބުރުވެރިވެ އުޅުނުކަން (ނަރަކައިގެ ޢަޛާބުން) ތިޔަބައިމީހުން މިންޖެއް ނުކުރިތާއެވެ! އެބައިމީހުންނަށް ﷲ ރަޙުމަތެއް ނުލައްވާނޭކަމަށް ތިޔަބައިމީހުން ހުވާކޮށްއުޅުނު މީހުންނަކީ މިތިބީހެއްޔެވެ؟ (އެބައިމީހުންނަށް އަންގަވާނެއެވެ.) ސުވަރުގެއަށް ތިޔަބައިމީހުން ވަންނާށެވެ! ތިޔަބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމެވެ.”

ތިންވަނައީ: އެބައެއްގެ ކިބައިގައި ތައުޙީދާއި އީމާންކަމުގެ އަޞްލުތައް ވުމާއެކު ބޮޑެތިފާފަތަކަށާއި، ކުދިފާފަތަކަށާއި، ފާޙިޝްކަންތައްތަކަށް އަރައިގަތުމުގެ ސަބަބުން އެބައެއްގެ ހެޔޮކަންތައްތަކަށްވުރެ ނުބައިކަންތައްތައް ބަރުވެގެންވާ މީހުންނެވެ. ފަހެ، މިބައިމީހުން ކޮށްފައިވާ ފާފަތަކުގެ ނިޞްބަތުން ނަރަކައަށް ވަންނަ ހުއްޓެވެ. މިބައިމީހުންގެ ތެރޭގައި މިބައިމީހުންގެ ތަނބިކައްޓާ ހަމައަށް އަލިފާން ހިފާފައިވާ މީހުން ވާހުއްޓެވެ. އަދި މިބައިމީހުންގެ ތެރޭގައި ކަށިމަތީގެ މެދާހަމައަށް އަލިފާން ހިފާފައިވާ މީހުންނާއި، އަދި ކަކުލާ ހަމައަށް އަލިފާން ހިފާފައިވާ މީހުން ވާހުއްޓެވެ. މިފަދައިންގޮސް މިބައިމީހުންގެ ތެރޭގައި ހަމައެކަނި މިބައިމީހުން ކޮށްފައިވާ ސަޖިދައިގެ އަސަރު ނޫނީ ﷲ ނަރަކައިން ސަލާމަތް ނުކުރައްވާ މީހުން ވާހުއްޓެވެ. މިބައިމީހުންނީ، މިބައިމީހުންނަށްޓަކައި އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އާއި އެހެންވެސް ނަބިއްޔުންނާއި ވަލީވެރިންނާއި، މަލާއިކަތުންނާއި، އަދި އެނޫންވެސް ﷲ މަތިވެރިކުރައްވާފައިވާ މީހުންގެ ޝަފާޢަތް ލެއްވުމަށް ﷲ އިޒުނަ ދެއްވަވާނެ މީހުންނެވެ. ފަހެ، އެހިނދު ﷲ ޙައްދެއް ޤާއިމުކުރައްވާ، މިބައިމީހުންގެ ތެރެއިން ބަޔަކު ނަރަކައިން ނެރުއްވާ ހުއްޓެވެ. ދެން އޭގެފަހުގައި އަނެއްކާވެސް ޙައްދެއް ޤާއިމުކުރައްވާ ބަޔަކު ނެރުއްވާ ހުއްޓެވެ. މިފަދައިންގޮސް އެމީހެއްގެ ހިތުގައި ދީނާރެއްގެ ބަރުދަނުގެ ހެޔޮކަންވާ މީހުން ނެރުއްވާ ހުއްޓެވެ. ދެން ބައިދިރުހަމުގެ ބަރުދަނުގެ ހެޔޮކަންވާ މީހުން ނެރުއްވާ ހުއްޓެވެ. ދެން އޮއްޓަރެއްގެ މިންވަރު ހެޔޮކަންވާ މީހުން ނެރުއްވާ ހުއްޓެވެ. މިހެންގޮސް ޒައްރެއްގެ މިންވަރު ހެޔޮކަންވާ މީހުންނާއި ޒައްރެއްގެ މިންވަރަށްވުރެވެސް ހެޔޮކަން ކުޑަކޮށް ހެޔޮކަންވާ މީހުންނެރުއްވަމުންގޮސް، ޝަފާޢަތްތެރިވާ މީހުން ދަންނަވާ ހުއްޓެވެ. ‘އޭ އަހަރެމެންގެ ވެރި އިލާހެވެ. އެއްވެސް ހެޔޮކަމެއްކޮށްފައިނުވާ، އަދި ތައުޙީދުގެ މަތީގައި ކޮންމެ ފަދަ ޢަމަލެއް ކުރިމީހަކު ނަމަވެސް ނަރަކާގައި ނުލަހައްޓަވާނދޭވެ!’

ކަންމިހެންހުރިނަމަވެސް، މިބައިމީހުންގެ ތެރެއިން އެންމެ އީމާންކަން އިތުރުވެގެންވާ، އަދި ފާފަތައް މަދު މީހަކީ ނަރަކާގައި އެންމެ ލުއި ޢަޒާބުލިބޭ، އަދި އެތަނުގައި ކުޑަކޮށް ތިބެންޖެހޭނެ، އަދި އަވަހަށް އެތަނުން ނުކުމެވޭނެ މީހާއެވެ. ހަމައެހެންމެ، އެންމެ އީމާންކަން ބަލިކަށި، ފާފަތައް ގިނަމީހައަކީ މިއެންމެހާ ކަންކަމާ އެންމެ ދުރުވެގެންވާ މީހާއެވެ.

މިމައްސަލައަކީ ބުއްދިތަކާއި ފަހުމުވުންތައް މަގުއޮޅި، މީސްތަކުންގެ ތެރޭގައި ބޮޑެތި ޚިލާފުތައް އުފެދިފައިވާ މައްސަލައެކެވެ. ((فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنْ الْحَقِّ بِإِذْنِهِ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ)) البقرة: ٢١٣ މާނައީ: “ދެން އެބައިމީހުން ޚިލާފުވެފައިވާ ކަންތަކާމެދުގައި އީމާންވި މީސްތަކުންނަށް، ﷲ، އެކަލާނގެ އިޛްނަފުޅުން ޙައްޤު ތެދުމަގު ދެއްކެވިއެވެ. އަދި ﷲ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވައެވެ.”

_____________________________

*މަރުޖިޢު:

أعلام السنة المنشورة، لاعتقاد الطائفة الناجية المنصورة – حافظ بن أحمد الحكمي رحمه الله