[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލާ صلى الله عليه وسلم ގެ ސުންނަތަކީ ޢީދުނަމާދު ހުސްބިމެއްގައިކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނުގެ އެންމެ މުހިންމު ދެ މަސްދަރަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބަލާ ތަބާވަންޖެހެނީ މި ދެ މަސްދަރަށެވެ. ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ކަމެއް ޘާބިތުވެއްޖެމަނަ އަޅުގަނޑުމެންގެ މައްޗަށްއޮތީ އެކަމެއްގައި ހިފެހެއްޓުމެވެ. އެކަމަކާ އެއްގޮތަށް ޢަމަލުކުރުމެވެ. އަދި މިދެ މަސްދަރުން ޘާބިތުވާ ކަމަކާ އިންކާރުކުރުން އަޅުގަނޑުމެންނަށް ހުއްދަވެގެންނުވެއެވެ.

ދެޢީދަކީ ޝުކުރުވެރިވުމާއި އުފާފާޅުކުރުމުގެ ގޮތުން ﷲ ތަޢާލާ މުސްލިމުންނަށް ލައްވާފައިވާ ދުވަސްތަކެކެވެ.  ޢީދު ދުވަސް ފެށިގެން ދަނީ ކުދި ބޮޑު އެންމެން އެއްވެ ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދުންނެވެ. ރަސޫލާ صلى الله عليه وسلم ޢީދުނަމާދު ކުރުމަށްޓަކައި މިސްކިތް ދޫކުރައްވާ ހުސް ބިމަކަށް ވަޑައިގަންނަވާކަމަށް ޞައްޙަ ޙަދީޘްތަކުން ޘާބިތުވެއެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ يَوْمَ الْفِطْرِ وَالْأَضْحَى إِلَى الْمُصَلَّى. فَأَوَّلُ شَيْءٍ يَبْدَأُ بِهِ الصَّلَاةُ ثُمَّ يَنْصَرِفُ فَيَقُومُ مُقَابِلَ النَّاسِ وَالنَّاسُ جُلُوسٌ عَلَى صُفُوفِهِمْ، فَيَعِظُهُمْ وَيُوصِيهِمْ وَيَأْمُرُهُمْ… [رواه البخاري / كتاب: العيدين/ باب: الخروج إلى المصلى بغير منبر/ رقم: ٩٥٦ ]

މާނައީ: އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. “ރަސޫލުﷲ صلى الله عليه وسلم ފިޠުރު (ޢީދު)ދުވަހާއި އަޟްޙާ (ޢީދު)ދުވަހު ނަމާދުކުރާ ހުސްބިމަށް ނުކުމެވަޑައިގަންނަވައެވެ. ފަހެ އެކަލޭގެފާނު އެންމެ ފުރަތަމަ ފައްޓަވަނީ ނަމާދުންނެވެ. ދެން އެއަށްފަހު (ނަމާދުން)އަވަދިވުމުން، މީސްތަކުން އެބައިމީހުންގެ ސަފުތަކުގައި އިށީނދެތިއްބާ އެކަލޭގެފާނު އެބައިމީހުންނާ ކުރިމަތިލައްވާ ތެދުވެވަޑައިގަންނަވައެވެ. ފަހެ އެކަލޭގެފާނު އެބައިމީހުންނަށް ވައުޡާއި ނަޞޭޙަތްދެއްވާ އަދި އަމުރުފުޅުކޮށް ހައްދަވައެވެ. …”

“އަލްއުންމު” އޭ ކިޔުނު ފޮތުގައި އިމާމް އައްޝާފީޢީ رحمه الله ވިދާޅުވެފައިވެއެވެ:

“އަޅުގަނޑުމެންނަށް ފޯރާފައިވަނީ ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ދެޢީދުގައި މަދީނާގައިވާ ނަމާދުކުރާ ހުސްބިމަށް ނުކުމެވަޑައިގަންނަވާކަމަށެވެ. އަދި އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ބޭފުޅުންވެސްމެއެވެ. އަދި ހަމައެފަދައިން މައްކާގެ އަހުލުވެރިންފިޔަވާ ގިނަރަށްތަކުގެ މީސްތަކުންވެސްމެއެވެ. އެއީ ވާރޭވެހުންފަދަ ޢުޛުރެއް މެދުވެރިނުވާނަމައެވެ.” [الأمّ للشافعي/ كتاب: صلاة العيدين/ باب: الخروج إلى الأعياد / ص: ٢٣٤/ جزء: ١ / طبعة: مكتبة الكليات الأزهرية ]

މިކަމުން އަޅުގަނޑުމެންނަށް އެނގެނީ ހުސްބިމުގައި ޢީދުނަމާދުކުރުމަކީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތެއްކަމެވެ. އަދި މިކަމާ ދެކޮޅުހަދާ އިންކާރުކޮށް ފުރައްސާރަކުރާމީހަކަށް އެ އިންކާރުކޮށް ފުރައްސާރަކުރެވެނީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަކަށެވެ. އަދި ނޭނގިގެންނަމަވެސް އެފަދަކަމެއް ކުރެވިއްޖެމީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ އަވަހަށް ތައުބާވެ ޙައްޤަށް ރުޖޫޢަވުމެވެ. އިޚްލާޞްތެރި ތެދުވެރި މުއުމިނުންނަކީ ޙައްޤުގޮތް އެނގުމުން ރުޖޫޢަވާ ބައެކެވެ.

މިސްކިތްތަކަކީ މިބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށް ވާއިރުވެސް އެމިސްކިތްތައް ދޫކުރައްވާ ހުސްބިމަށް ނުކުމެވަޑައިގަތުމުން ދޭހަވަނީ މިކަމުގައި ޚާއްޞަ މަޤްޞަދުތަކެއް ވާކަމެވެ. ޢީދުނަމާދު މިސްކިތްތަކުގައި ކުރުމުގެ ޙުކުމަކީ ކޮބާތޯ އައްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްއުޘައިމީން رحمه الله އާއި ސުވާލުކުރެވުނެވެ. ޖަވާބުގައި ޝައިޚް ވިދާޅުވެފައިވެއެވެ.

“ޢުޛުރެއްނެތި މިސްކިތްތަކުގައި ޢީދުނަމާދު ޤާއިމުކުރުމަކީ މަކްރޫހަކަމެކެވެ. އެހެނީ ހަމަކަށަވަރުން ސުންނަތްގޮތަކީ ޞަޙަރާގައި (ހުސްބިމުގައި) ޢީދު(ނަމާދު)ކުރުމެވެ. އަދި ނަބިއްޔާ صلى الله عليه وعلى آله وسلم ޢީދުނަމާދު ކުރެއްވީ ޞަޙަރާ(ހުސް ބިމު)ގައެވެ. އެކަމުގައި މަޤްޞަދެއް ނުވާނަމަ އެފަދައިން އެކަލޭގެފާނު ޢަމަލު ނުކުރެއްވީހެވެ. އަދި އެފަދައިން ނުކުތުމަށް މީސްތަކުންނަށް ތަކުލީފު ނުޖެއްސެވީހެވެ. އަދި (ޢީދު)ނަމާދު މިސްކިތްތަކުގައި ކުރުމުން މިޝިޢާރުފާޅުކުރުން ނެތިދެއެވެ.”1 [مجموع فتاوى و رسائل الشيخ محمد صالح العثيمين / المجلد السادس عشر – باب صلاة العيدين.]

ދުޢާއަކީ އަޅުގަނޑުމެންނާ މިބައްދަލުކުރާ ބަރަކާތްތެރި ފިޠުރުޢީދުގައި މިމަތިވެރި ސުންނަތް ޤާއިމުކުރުމުގެ ތައުފީޤުދެއްވާ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުފެދިފައިވާ ބައިބައިވުންތައް ނެތިކުރައްވާ، އެއްބައިވަންތަކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކޮށްދެއްވުމެވެ.

 ______________________________________

[1] މިލިޔުމުގެ އަޞްލު (ޢަރަބިބަހުން) ބައްލަވާ: ލިންކު