ބަރަކާތްތެރި ފިޠުރުޢީދުގެ ތަހްނިޔާ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ދަންނަވަމެވެ. އަދި އަޅުގަނޑުމެންގެ ކިބައިންނާއި ތިޔަ އެންމެހާ ލޮބުވެތި ކިޔުންތެރިންގެ ފަރާތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮކަންތައްތައް ޤަބޫލުކުރައްވާށި!
މިއުފާވެރި ހިނދުކޮޅާ ބައްދަލުވުމުން، މިހިނދުކޮޅުގެ މުހިއްމުކަމާއި، ކުރިއަށް އޮތް ޢީދުނަމާދަށް ތައްޔާރުވެލުމަށްޓަކައި ނަޞޭޙަތެއް ލިބުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. މިގޮތުން މިކަމާބެހޭގޮތުން އައްޝެއިޚު މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲގެ ނަޞޭހަތްކޮޅެއް ހުށަހަޅާލަމެވެ. ޝެއިޚު “مجالس شهر رمضان” ގެ ތިރީސްވަނަ މަޖިލިސްގައި ވިދާޅުވެފައިވެއެވެ.
އޭ ތިމަންގެ އެންމެހާ ލޮބުވެތި އަޚުންނޭވެ! ހަމަކަށަވަރުން ރަމަޟާންމަސް ވަކިވެދިޔުމާ ކައިރިވެއްޖެއެވެ. އަދި އެމަސް އެހެން މަހަކަށް ބަދަލުވުމާޖެހިއްޖެއެވެ. ތިޔަބައިމީހުން ކޮށްފައިވާ ޢަމަލުތަކާއެއްގޮތްވާގޮތުގެ މަތީން، އެރަމަޟާންމަސް ތިޔަބައިމީހުންނަށް ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ހެކިވާހުށްޓެވެ. ފަހެ، އެމަސްނިމެންދެން ޞާލިޙު ޢަމަލުތަކެއް ކޮށްފައިވާމީހާ، އެފަދަ ޢަމަލުތަކެއް ކުރެވުނުކަމަށްޓަކައި ﷲ އަށް ޙަމްދުކުރާށެވެ. އަދި އެފަދަ މީހަކަށް ހެޔޮ ޘަވާބުތަކެއް ލިބިގެންވާކަމުގެ އުފާވެރިކަން ހުށްޓެވެ. ފަހެ، ހަމަކަށަވަރުން ހެޔޮޢަމަލުކޮށްފައިވާމީހާގެ އަޖުރު ﷲ ގެއްލެނިވި ނުކުރައްވާ ހުށްޓެވެ. ހަމައެހެންމެ، އެމަހުގެ ތެރޭގައި ނުބައިޢަމަލުތަކެއް ކުރެވިފައިވާމީހާ، އިޚްލާޞްތެރި ތައުބާއަކުން އެމީހާގެ ވެރި އިލާހަށް ތައުބާވުން ހުށްޓެވެ. ފަހެ، ހަމަކަށަވަރުން ތައުބާވާމީހާއަށް ﷲ ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މިމަސް ނިމުމާއެކު ﷲ ވަނީ އަޅުކަންތަކެއް ތިޔަބައިމީހުންނަށް ޝަރުޢުކުރައްވާފައެވެ. އެއަޅުކަންތަކަކީ ތިޔަބައިމީހުން ﷲ އާ ކުށްތަންކުރުވައިދޭ، އަދި ތިޔަބައިމީހުންގެ އިމާންކަމަށް އާރޯކަން ގެނެސްދެނިވި، އަދި ތިޔަބައިމީހުންގެ ހެޔޮކަމުގެ ފަތަށް ހެޔޮޢަމަލުތައް އިތުރުކޮށްދޭނޭ އަޅުކަންތަކެކެވެ. ފަހެ، ﷲ ވަނީ ތިޔަބައިމީހުނަގެ މައްޗަށް ފިޠުރު ޒަކާތް ޝަރުޢުކުރައްވާފައެވެ. އަދި ދުވަސްތައް ފުރިހަމަވުމުގެ ސަބަބުން ޢީދުވިލޭރޭ އިރުއޮއްސުނީއްސުރެ ގޮސް ޢީދުނަމާދާ ޖެހެންދެން ތަކްބީރުކިޔުން ﷲ ވަނީ ޝަރުޢުކުރައްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަފައިވެއެވެ. ((وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ )) البقرة: 185 މާނައީ: “އަދި ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲއަށް ތަކްބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ.”
ތަކްބީރު ކިޔާނެ ގޮތަކީ: اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلهَ إِلاَّ اللهُ، واللهُ أَكْبَرُ، اللهُ أَكْبَرُ وَللهِ الْحَمْدُ.
ފިރިހެނުންނަށް ސުންނަތް ވެގެންވަނީ، މިސްކިތްތަކުގަޔާއި، ބާޒާރުތައްމަތީގަޔާއި، ގެތަކުގައި އަޑުހަރުކޮށް މިތަކުބީރު ކިޔުމެވެ. އެއީ ފާޅުގައި ﷲ މަތިވެރިކުރުމަށާއި، އެއިލާހަށް ކުރާ އަޅުކަމާއި، ޝުކުރުކުރުން ބޭރުފުށުން ފާޅުކުރުމަށެވެ. އަންހެނުންނަށް ވަނީ ސިއްރުން ތަކުބީރުކިޔުމެވެ. އެހެނީ، އެކަނބަލުންނަށް އަމުރުވެވިގެންވަނީ ފޮރުވިގެން އުޅުމަށާއި، އަޑު ސިއްރުކުރުމަށެވެ. މީސްތަކުން ރޯދަހިފިމަސް ނިމުމުން، ﷲ މަތިވެރިކުރުމުގެ ގޮތުން އެންމެހާ ތަނެއްގައި ތަކުބީރު ކިޔައުޅުމަކީ ކޮންފަދަ ރިވެތި މަންޒަރެއް ސިފަކޮށްދޭނެ ކަމެއްތޯއެވެ! އެބައިމީހުން މުޅި މާހައުލު ތަކުބީރާއި ތަޙުމީދާއި ތަހްލީލުގެ ގުގުމާލައެވެ. އެބައިމީހުން ﷲގެ ރަޙްމަތަށް އުއްމީދުކުރުމާއެކު، އެއިލާހުގެ ޢަޛާބަށް ބިރުވެތިވެއެވެ. ހަމައެހެންމެ، ﷲ ވަނީ އެއިލާހުގެ އަޅުތަކުންނަށް ޢީދުދުވަހު ޢީދުނަމާދު ކުރުން ޝަރުޢު ކުރައްވާފައެވެ. އެއީ ބޮޑުވެގެންވާ ހަނދުމަކުރުމަކުން އެއިލާހު ހަނދުމަކުރުމަށްޓަކައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންނަށާއި އަންހެނުންނަށް އެކަމަށް އަމުރުކުރައްވާފައެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް ކިޔަމަންތެރިވާންޖެހެއެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ((يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللهَ وَأَطِيعُوا الرَّسُولَ وَلا تُبْطِلُوا أَعْمَالَكُمْ)) محمد: 33މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލުނުކުރާހުށިކަމެވެ!”
އަދި ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަންހެން ބޭކަނބަލުންނަށް ޢީދުނަމާދަށް ނުކުތުމަށް އަމުރުކުރައްވާފައެވެ. މިނަމާދު ފިޔަވައި އެކަނބަލުންނަށް އެންމެ ހެޔޮވެގެންވަނީ ގޭގައި ކުރާ ނަމާދުތަކެވެ. މިކަމުންވެސް ދަލީލުކޮށްދެނީ މިނަމާދުގެ މުހިއްމުކަމެވެ. އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. أَمَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ (متفق عليه) މާނައީ: “ފިޠުރާއި އަޟްޙާ ޢީދުގައި ބިކުރުވެރި އަންހެންކުދިންނާއި، ޙައިޟުވެރި އަންހެނުން (މުޞައްލާއަށް) ނެރުމަށް އަހަރެމެންނަށް އަމުރުކުރެވުނެވެ. އެއީ ހެޔޮކަންތައްތަކާއި މުސްލިމުންގެ ދުޢާގައި އެކަނބަލުން ޝާމިލުވުމަށްޓަކައެވެ. އަދި ޙައިޟުވެރި އަންހެނުން ޢީދުނަމާދުކުރާ ތަނުން ދުރުވެ ނަމާދުން އެއްކިބާވެ ތިބުމަށްވެސް އަމުރުކުރެވުނެވެ. (އެބަހީ: ޚުޠުބާ އަޑުއެހުމަށާއި، ދުޢާގައި އެކަނބަލުން ޝާމިލުވާށެވެ. ހަމައެކަނި އެކަނބަލުންނަށް މަނާވެގެންވަނީ ނަމާދުކުރުމެވެ.)”
އަދި ސުންނަތްވެގެންވަނީ ފިޠުރު ޢީދަށް ނުކުތުމުގެ ކުރީން އޮނަހިރިކޮށް ކަދުރުކެއުމެވެ. ތިންއޮށް ނުވަތަ ފަސްއޮށް ނުވަތަ އެއަށްވުރެވެސް ގިނައިން އޮނަހިރިކޮށް ކެއުމެވެ. އަނަސް ބުން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ، ويأكلُهن وِتراً)) (البخاري: 953)މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަދުރުކޮޅެއް ފަރީއްކުޅުއްވުމަށް ދާންދެން ފިޠުރުޢީދުދުވަހު (ޢީދުނަމާދަށް) ނިކުމެވަޑައިނުގަންނަވައެވެ. އަދި އޮންހިރިކޮށް އެކަލޭގެފާނު ކަދުރުކޮޅު ފަރީއްކުޅުއްވައެވެ.”
އަދި އެމީހެއްގެ މައްޗަށް ވަނީ، މުސްކުޅިވުން ނުވަތަ (ޢީދުނަމާދުކުރާ ތަން) ދުރުވުން ފަދަ ޢުޛުރަކާނުލައި، އެއްޗަކަށް ސަވާރުނުވެ ހިނގާފައި ޢީދުނަމާދަށް ދިޔުމެވެ. ޢަލީ ބުން އަބީޠާލިބު ވިދާޅުވެފައިވެއެވެ. ((مِنَ السُّنَّةِ أَنْ تَخْرُجَ إِلَى العِيدِ مَاشِيًا)) (الترمذي: 530، وقال الترمذي: قال: حديث حسن) މާނައީ: “ޢީދަށް (އެބަހީ: ޢީދުނަމާދަށް) ހިނގާފައި ނުކުތުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.”
ފިރިހެނުންނަށް ސުންނަތްވެގެންވާ ގޮތަކީ ޒީނަތްތެރިވެ، އެމީހާއަށް ލިބިފައިވާ އެންމެ ރިވެތި ފޭރާމަކުން ފޭރާންލުމެވެ. ޞަޙީޙުލް ބުޚާރީގައި، ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ބާޒާރުގައި ވިއްކަނިކޮށް ޢުމަރުގެފާނު ފަށުވިފޭރާމުގެ ހެދުމެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ގެންނެވުމަށްފަހު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! މިހެދުންކޮޅުގެ ބޭނުންކުރައްވާށެވެ. (އެބަހީ: މިހެދުންކޮޅު ބައްލަވައިގަންނަވާށެވެ.) އެއީ ޢީދަށާއި ވަފުދުތައް އަންނައިރު އެހެދުމުން ޒީނަތްތެރިވެލެއްވުމަށެވެ. ފަހެ، ޢުމަރުގެފާނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّمَا هَذِهِ لِبَاسُ مَنْ لَا خَلَاقَ لَهُ)) މާނައީ: “މިހެދުމަކީ (އާޚިރަތުގައި) އޭގެ ނަޞީބުނެތް މީހުންނަށްވާ ހެދުމެކެވެ.”(البخاري: 948)
ރަސޫލާ އެފަދައިން އެޙަދީޘް ކުރެއްވީ އެހެދުމަކީ ފަށުވިފޭރާމަކަށް ވީތީއެވެ. ފަށުވިފޭރާމުގެ އެއްވެސް އެއްޗެއް ނުވަތަ ރަނުގެ އެއްވެސް އެއްޗެއް ފިރިހެނަކު ލައިގެން އުޅުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ، އެދޭއްޗަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުއްމަތުގެ މީހުންގެ ފިރިހެނުންނަށް ޙަރާމްކުރައްވާފައިވާ ދޭއްޗެކެވެ. އަދި އަންހެނުން ދަންނައެވެ. އެކަނބަލުން ޢީދުނަމަދާށް ނުކުންނަހުށީ ސާފުޠާހިރުވެގެން ހުވަނދުލުމެއްނެތި، އަދި ޒީނަތްތެރިކަން ފާޅުކުރުމެއް ނެތިއެވެ. އެހެނީ، އެކަނބަލުންނަށް އަމުރުވެވިގެންވަނީ ފޮރުވިގެންވުމެވެ. ޒީނަތް (ހިލޭފިރިހެނުންނަށް) ފާޅުކުރުމާއި، ގެއިން ބޭރަށް ނުކުންނައިރު ހުވަނދުލުމަކީ އެކަނބަލުންނަށް ނަހީ ކުރައްވާފައިވާ ކަމެކެވެ.
ޢީދުނަމާދު ކުރާހުށީ ޚުޝޫޢަތްތެރިކަމާއެކު ހިތް ޣާފިލުކުރުމެއްނެތިއެވެ. އަދި އެމީހެއްގެ ދުޢާގައި ގިނަގިނައިން ﷲ ހަނދުމަކޮށް، އެއިލާހުގެ ރަޙުމަތަށް އެދުމާއި، އެއިލާހުގެ ޢަޛާބަށް ބިރުވެތިވުން ހުއްޓެވެ. ހަމައެހެންމެ، ނަމާދަށް މީސްތަކުން މިސްކިތަށް ޖަމާވެފައިވުމުން ދޭހަކޮށްދޭފަދައިން، ޤިޔާމަތްދުވަހު ﷲގެ ޙަޟްރަތުގައި ތިބެންޖެހޭނެކަން ހަނދުމަކުރުން ހުއްޓެވެ. އަދި އެޖަމާޢަތުގައި އެބައިމީހުން ތަފާތުވެފައިވީނަމަވެސް، ހަނދުމަކުރަންވީ އެންމެ ބޮޑު ތަފާތުވުމަކީ އާޚިރަތްދުވަހު ތަފާތުވާ ތަފާތުވުންކަމެވެ.
މިހާހިސާބަށް ޝެއިޚުގެ ބަސްކޮޅުން ތަރުޖަމާކުރުމަށް ޤަޞްދުކޮށްފައިވާ މިންވަރު ނިމުނީއެވެ. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެން ކޮށްފައިވާ ހެޔޮޢަމަލުތައް ޤަބޫލުކުރެއްވުމެވެ. އާމީން.
______________________
މަރުޖިޢު:
* مجالس شهر رمضان (ކުދި ބަދަލުތަކާއެކު).