الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މަރަކީ ޙަޔާތުގެ ނިމުމެވެ. އަދި ކިއެއްތޯއެވެ؟ މަރަކީ ޙަޔާތެއްގެ ފެށުންވެސްމެއެވެ. ދުނިޔަވީ ޙަޔާތުން އަލްވަދާޢު ކިޔައި އުޚުރަވީ ޙަޔާތުގެ ނަވަށް އަރަންޖެހޭ ވަގުތަކީ ތިމާގެ މަރު އައިސް ބައްދަލުކުރާ ވަގުތެވެ. އެއް ޙަޔާތުން އަނެއް ޙަޔާތަށް ނުވަތަ އެއް ޙާލަތުން އަނެއް ޙާލަތަށް އިންސާނާ ރުޖޫޢަވާއިރު މި ދެ ޙަޔާތް ގުޅުވައިދޭ މެދުވެރިޔަކީ މަރެވެ. ވީމާ މަރަކީ މާއްދީ ޙަޔާތާއި އުޚްރަވީ ޙަޔާތް ގުޅުވައިދޭ ފާލަމެވެ.
މަރަށް ޙާޞިރުވެފައިވާ މީހާއަށް ކުރިމަތިވާ ކަންކަމާއި، މަރުވުމަށްފަހު ވާނޭ ކަންކަމާއި މިހުރިހައި ކަންކަމަކީ ދިރިތިބި މީހުންގެ ލޯމަތިން ފޮރުވިފައިވާ ކަންކަމެވެ. ފެންނަ ފެނުމަށް މަރަށް ޙާޞިރުވެފައިވާ މީހާ ލޯމަރައިގެން މާބޮޑު ޙަރަކާތެއްނެތިފައި އޮތަސް، އެމީހާއަށް ފެންނަ ކަންތައްތަކަކީ އަހަރެންމެންނަށް ބަޔާންކޮށްދޭން ދަތި ކަންކަން ކަމުގައިވެދާނެއެވެ. މިގޮތުގައި މީހާ މަރުވެ ނިމިގެެން، ކަށްވަޅަށްތިރިވެ އަދި އޭގެފަހުން އެތައްޒަމާނެއްވާއިރުވެސް މައްޔިތާގެ ފުރާނައަށް ތަޙައްމަލް ކުރާ ކަންތަކަކީ ކޮބައިކަން ދިރިތިބީންކުރެ އެކަކަށްވެސް ހޯދައިބަލައެއް ނުގަނެވޭނެއެވެ. އަދި ކިޔެއްތޯއެވެ؟ ހަމައެކަނި ފުރާނައަށް ބަލައިލިކަމުގައިވިޔަސް އެކީ ކޮންތާކު، ކިހިނެއްވާ އެއްޗެއްކަން އަދުގެ ކުރިއަރާފައިވާ ސައިންޓިސްޓުންނަށްވެސް ހޯދައި ގަނެވިފައެއް ނުވެއެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވަނީ:
وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا ﴿٨٥﴾ سورة الإسراء
މާނައީ: ” ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) علم ގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ. “
އުފަލާއި، ހިތާމަޔާއި ވޭނާއި ހިތްދަތިކަން ފަދަ ކަންކަމީ މަރުވެފައިވާ މީސްތަކުން ކަށްވަޅުގައި ތަޙައްމަލު ކުރަން ޖެހޭނޭ ކަންކަމެވެ. ކަށްވަޅުގައި އެތައް ޒަމާނެއް އެގޮތުގައި އޮތުމަށްފަހު މާތްﷲ އިންސާނުން މަޙްޝަރުގެ މައިދާނަށް އެއްކުރައްވައެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ ۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰ ۚ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٣٩﴾ سورة فصلت
މާނައީ: ” ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި ރަސްކަލާނގެއީ، މަރުވެފައިވާ ތަކެތި ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. “
އެހެންނަމެވެސް މިކަންކަމަށް އިންކާރުކުރާ މީހުން ދަނީ އެބައިމީހުންގެ ތާކުންތާކު ނުޖެހޭ ބާޠިލް ހެއްކާއި ދަލީލުތަކުގެ މައްޗަށް ބިނާކޮށް ތަފާތު އެތައް މޭރުމަކުން މާތްﷲ ތަޢާލާގެ ބަސްފުޅުތައް ދޮގު ކުރަމުންނެވެ. އެމީހުން ބުނާގޮތުގައި މަރުވުމަށްފަހު ވެގެންދާނޭ ކަންކަންކަމުގައި އިސްލާމްދީން ބަޔާންކޮށްދެއްވާފައިވަނީ ހަމަބުއްދި ޤަބޫލު ކުރާ ކަންތައްތަކެއް ނޫނެވެ. އެހެނެއްކަމަކު އެއީ ހަމަބުއްދި ފުށުއަރާ ކަންކަމެވެ. މިބައިމީހުންގެ ތެރެއިން ބަޔަކު ދުނިޔެއިން ކޮށްފައިވާ ތަޖުރިބާތަކާއި ހޯދާފައިވާ ހޯދުންތަކުގެ އަލީގައި ކަށްވަޅާއިބެހޭގޮތުން ތަފާތު ތަޙުލީލުތައްވަނީ ކޮށްފައެވެ. މިގޮތުން މިބައިމީހުން ހޯދި ހޯދުންތަކުގެ ނަތީޖާ ދައްކާގޮތުން، ކަށްވަޅުގައި މައްޔިތާ ވަކި ކަމެއް ތަޙައްމަލު ކުރަން ޖެހުމަކީ މުސްތަޙީލު ކަމެކެވެ. ދަލީލެއްގެ ގޮތުގައި އެމީހުން ބަޔާން ކުރަނީ މަރުވެފައިވާ މައްޔިތެއްގެ ކިބައިން އަހަރެމެންގެ ލޮލަށް ފެންނަން ހުރި ކަންތައްތަކުގެ ވާހަކައެވެ. އެގޮތުން، މަރުވެފައިވާ މީހެއްގެ މަހާނަ ކަޝްފު ކޮށްލުމުން މައްޔިތާއަށް ޢަޒާބު ނުވަތަ ނިޢުމަތްތައްލިބޭ ކަމުގެ އެއްވެސްކަހަލަ ނިޝާނެއް ނުވަތަ ހެއްކެއް މައްޔިތާގެ ކިބައިން ފެންނަން ނުހުރުމާއި، ކަށްވަޅު ބޮޑުވެފައި ނުވަތަ ކުޑަވެފައިވާތަން އެމީހުން ދެކެފައިނުވުން ފަދަ ކަންކަމީ އެމީހުންގެ ބަސް ތެދުކަމުގައި ޘާބިތުކޮށްދޭ ވަރުގަދަ ހެކިތަކެއްކަމުގައި އެމީހުން ދެކެއެވެ. އެހެންނަމަވެސް އެބައިމީހުންގެ މި ދަޢުވާތަކަކީ ބާޠިލް ދަޢުވާތަކެކެވެ. ބުއްދީގެ ހަމަތަކުން ފަސޭހަކަމާއިއެކު އެ ކަންކަމަށް ރައްދުދީ އެ ނަޒަރިއްޔާތަށް ބާޠިލް ކޮށްލެވިދާނެއެވެ.
އަހަރެމެން މުސްލިމުންގެ ގާތުގައި ދުނިޔެމަތީގައި ކޮށްފައިވާ ޢަމަލުތަކާއި އެއްގޮތްވާގޮތުގެމަތީން މަރުވެފައިވާ މީސްތަކުންނަށް ކަށްވަޅުގައި މާތްﷲ ތަޢާލާ ސަޒާ ދެއްވަތެވެ. ދަލީލެއްގެ ގޮތުން ބުޚާރީގައި ރިވާވެގެން އައިސްފައިވާ އަންނަނިވި ޙަދީޘް ޛިކުރު ކޮށްލާނަމެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާގެ ފާރެއްކައިރިން ހިންގަވައި ވަޑައިގަންނަވަނިކޮށް މަރުވެފައިވާ ދެ މީހަކަށް ކަށްވަޅުގައި ޢަޒާބު ލިބެމުން ދިޔަ އަޑު އެކަލޭގެފާނަށް އިވި ވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ކަށްވަޅުގައިވާ ދެމީހުންކުރެ އެކަކަށް ޢަޒާބުދެވެނީ އޭނާ ކުޑަކަމުދާވަގުތު އެ ކުޑަކަމުދާ ތަކެތީން ރައްކާތެރި ނުވުމުގެ ސަބަބުންނެވެ. ދެވަނަ މީހާއަށް ޢަޒާބު ދެވެނީ ދުނިޔެމަތީގައި ދެބައޮޑުވުމުގެ ސަބަބުންނެވެ.
އިސްވެ ބަޔާންވެ ދިޔަ ޙަދީޘުން ކަށްވަޅުގައި މީސްތަކުންނަށް ސަޒާ ދެވޭ ކަން ޘާބިތު ވެގެން ހިނގައްޖެއެވެ.
ނިންޖަށް ނަޒަރެއް ދެމާ ބަހީއެވެ. ޢިލްމުވެރީން ނިދި ސިފަ ކުރައްވާފައިވަނީ މަރުގެ އަޚާ ގެ ގޮތުގައެވެ. ސަބަބަކީ ނިދާފައި އޮންނަ މީހަކަށް ހުވަފެން ފެނުމާއި އަދި މަރުވެފައިވާ މީހަކު ތަޙައްމަލް ކުރާ ކަންކަމާއިދެމެދު މާބޮޑު ފަރަޤެއް ފެންނާކަށް ނެތުނުމުންނެވެ. ނިދާފައި އޮންނަމީހާ ހޭލެވުމުން މާތްﷲ އެމީހުންގެ ފުރާނަ އަލުން ހަށިތަކަށް ރައްދު ކުރައްވައެވެ. އެހެންނަމަވެސް މަރުވެފައިވާ މީހެއްގެ ފުރާނަ މާތްﷲ ހިއްޕަވައި އެފުރާނަތައް އެ އިލާހު ހިފަހައްޓަވައެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.
اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٤٢﴾ سورة الزمر
މާނައީ: ” نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. “
ނިދާފައިވާ މީހެއްގެ މިސާލު ނަގަމާހިނގާށެވެ. ނިދާފައި އޮންނަމީހަކު ވަރަށް ތަނަވަހުގައި އެހާމެ އުފަލުގައި އުޅޭތަން ނިދީގައި އެމީހަކަށް ފެނިދާނެއެވެ. އަދި ހަމަ އެހެންމެ ދަތި އުނދަގޫ ބިރުވެރި ތަނެއްގައި ވޭނާއި ކެކުޅުން ތަހައްމަލު ކުރާ ޙާލިގައިވަނިކޮށްވެސް އޭނާއަށް ފެނިދާނެއެވެ. ނިދާފައިވާ މީހަކަށް، މިއިން ކޮންމެ ޙާލެއްގައި އޭނާ ވަނިކޮށް ފެނުނު ކަމުގައިވިޔަސް، ޙަޤީޤަތުގައި އޭނާ ވާނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައެވެ. އަހަރެމެންގެ ތެރެއިން މީހަކު އޭނާއަށް ބަލަހައްޓައިގެން ހުރިކަމުގައިވަނީނަމަ އޭނާގެ ކިބައިން އޭނާ ތަޙައްމަލް ކުރަމުންދާ އެއްވެސް ކަމެއް ނުފެނި ހިނގައިދާނެއެވެ. އެހެނެއްކަމަކު އޭނާ އެކަންތައް ތަޙައްމަލް ނުކުރެއެކޭ އަހަރެމެންނަކަށް ނުބުނެވޭނެއެވެ. ސަބަބަކީ ހުވަފެނަކީ އެންމެންނަށްވެސް ފެންނަ އެއްޗެކެެވެ. އަދި ހުވަފެން ފެނިގެން މީސްތަކުން އެވާހަކަ ދައްކައިވެސް އެޅޭމެއެވެ. އަދި ކިއެއްތޯއެވެ؟ ކިތަންމެ ބޮޑު ކާފަރެއްކަމުގައިވިޔަސް އިސްވެ ބަޔާން ކުރެވުނު ވާހަކައާއި ދެކޮޅެއް ނުހެދޭނެއެވެ. ސަބަބަކީ އެއީ އެންމެންވެސް ދަންނަ ޙަޤީޤަތް ކަމުގައި ވާތީއެވެ. ވީމާ މިގޮތުން ބަލައިފި ކަމުގައިވަނީނަމަ ލިޔުމުގެ ތަންކޮޅެއް ކުރީން ޛިކުރު ކުރެވުނު، ކާފަރުންގެ ދަޢުވާއަކީ ބުއްދު ޤަބޫލު ކުރެވޭ ފަދަ ދަޢުވާއެއްކަމުގައި ހަމަ ބުއްދީގެ އަހުލުވެރިޔަކު ނުދެކޭނެއެވެ.
ވީމާ ބުނަމެވެ. މޮޔައިންގެ ފިކުރުން ވިސްނާ ބަޔަކަށް ފަހި ވާނީ މޮޔަ ޚިޔާލުތަކެވެ. އެހެނެއްކަމަކު ވިސްނުމުގައި ހަމަބުއްދި އިސްކޮށް ބުއްދިވެރި ފިކުރުން ވިސްނާމީހުންނަށް މާތްﷲ ގެ ބަސްފުޅުގެ ތެދުކަން ހާމަވެގެން ދާނެއެވެ.
_______________________________________________
ރިފެރެންސް: ثلاثة الأصول