މުޢާޒުއާއި އަޔާޒަކީ ވަރަށް ގާތް ދެރައްޓެހިންނެވެ. އެއްކުއްޖަކަށް ލިބޭ އުފަލާއި ހިތާމައިގައި އަނެއްކުއްޖަކު ބައިވެރިވެއެވެ. މުޢާޒުގެ މަންމަޔާއި ބައްޕަ ދުނިޔޭގައި ތިބި ނަމަވެސް އަޔާޒް ބަލަހައްޓަނީ އޭނަގެ ބޭބެއާއި މާމައެވެ.
އަޔާޒްގެ ބޭބެ މާލޭގައި ހުރެގެން އަޔާޒަށް ހަދިޔާ ފޮނުވާއިރު މުޢާޒަށްވެސް ފޮނުވައެވެ. ދެފަރާތުގެ ޢާއިލާގެ އެއްބާރުލުން ލިބިގެން މި ދެކުދިން އުފަލުގައި އުޅޭތާ ބަރާބަރު ހަ އަހަރު ފާއިތުވެ ދަނީއެވެ. ހަވަނަ އަހަރު ނިމި ހަވަނަ ގްރޭޑްގެ ނަތީޖާ އިޢުލާން ކުރިއިރު ދެކުދިންނަށްވެސް ލިބުނީ ކޮމެންޑެޑް ރިޕޯޓެކެވެ.
ނަތީޖާފާޅުކުރި ދުވަހު ހަވީރު އަޔާޒް މުޢާޒުގެ ބައްޕަޔަށް ގުޅާފަ އެގެއަށް މުޢާޒު ފޮނުވާދިނުމަށް އެދުނެވެ. އަދި އަޔާޒްގެ ބޭބޭ ނުވެސް އަންގާ ރަށަށް އައި ވާހަކައާއި މުޢާޒުވެސް ކޮމެންޑެޑް ރިޕޯޓު ހޯދުމުން ބައިވަރު ހަދިޔާގެނައި ވާހަކަވެސް ބުންޏެވެ.
މުޢާޒު ބައްޕަޔާއެކު އެގެއަށް ދިޔައެވެ. އަދި އަޔާޒްގެ ބޭބެ އައުމުން ލިބުނު އުފަލުގައި ބައިވެރިވެ، އެގޭގައި ވަގުތު ހޭދަ ކުރުމަށްފަހު އެގެއިން ލިބުނު ހަދިޔާހިފައިގެން ގެއަށް ދިޔައެވެ. އަދި މަންމަޔާއިބައްޕަގެ އެހީތެރިކަމާއެކު ހަދިޔާފޮށި ކެނޑިއެވެ.
ހަދިޔާފޮށިތެރޭގައި ހުރި ހަދިޔާތައް ފެނުމުން މުޢާޒަށް އުފަލުން ބުނެލެވުނެވެ. “الحمد لله. އަޔާޒްގެ ބޭބެ ހާދަ ރަނގަޅެ. އަޔާޒުގެ ބޭބެއަށް ﷲ ހެޔޮދަރުމަ ދެއްވާށި.”
މަންމަ ފޮށީގައިވާ ހަދިޔާތައް ވަކިވަކިން ބަލަމުން ދިޔައެވެ. މިއީ އާދަކޮށް ކަން ހިނގާގޮތެވެ. މުޢާޒަށް ލިބޭހަދިޔާ ފޮށި އަބަދުވެސް މަންމަ ނުވަތަ ބައްޕަ ބަލާނެއެވެ. މުޢާޒުގެ ހުރިހާކަމަކަށް ފަރުވާތެރިވާ ބީދައިންނެވެ.
ފޮށިތެރޭގައި ހުރީ ޗޮކްލެޓާއި ބިސްކޯދެވެ. އާފަލާއި އޮރެންޖެވެ. ޖިންސާއި ޓީޝާޓެވެ. އަދިވެސް އިތުރު ސާމާނެވެ. ކުއްލިއަކަށް ފޮށިތެރެއިން މުޢާޒުގެ ލޮލުގައި އަޅައިގަތީ ކުޑަދަޅެއްގެތެރޭގައި އޮތް ކަރުގައި އަޅާ ރީތި ފަށެކެވެ.
ފަށް ފެނުމާއެކު މަންމަ ބުންޏެވެ. “ފިރިހެން ކުދިން ކަރުގައި ފަށް އަޅާކަށް ނުވާނެ. ފިރިހެން ކުދިންނަށް ގަހަނާގެ ތެރެއިން ހުއްދަވެގެންވަނީ ރިހި އަގޮޓީއެއްގެ މިންވަރު.” ނަމަވެސް މުޢާޒުއަށް އެ ފަށްރީތިކަމުން ބުންޏެވެ. “އެހެންވީއިރު އަޅުގަނޑުގެ ޕެންޑްރައިވްގައި ލާން ދެއްވާ.”
މިހެން ބުނުމާއެކު މުޢާޒުގެ މަންމަ ދަޅުގެ ތެރެއިން ފަށް ނެގިއެވެ. އަދި ފަށުގެ ފުލުގައި ލައިފާ އޮތް އެއްޗަކަށް ބަލާފައި ބުންޏެވެ. “މިއީ ކްރިސްޓިއަނުންގެ ޞަލީބެއް ރަމްޒުކޮށްދޭ އެއްޗެއް. މީތި ގެންގުޅެން ނުވާނެ. އެވާނީ އަޔާޒްގެ ބޭބެއަށް ނޭނގި ލެވިފައިވާ އެއްޗަކަށް.”
މަންމަ މިހެން ބުނުމުން މުޢާޒު ބުންޏެވެ. “މަންމާ! އެކަމަކު އަޅުގަނޑު ނަމާދުވެސް ކުރަމެއްނޫންތޯ. ތިކަހަލަ އެއްޗެއް ދުވަހަކުވެސް އަޅުގަނޑަކަށް ނުލިބޭ. އެހެންވީމާ ތީތި ދެއްވަންވީ ނޫންތޯ. އަޅުގަނޑު ތިފަށް ގެންގުޅުނަސް އެމީހުން އުޅޭ ގޮތަކަށް ނޫޅޭނަމޭ.”
ދުވަހަކުވެސް މަންމަމެން ކުރިމަތީ އެއްޗެއް ބޭނުންވެގެން ދެވަނަ ފަހަރަކު ބުނެފައިނުވާ އެމީހުންގެ ދަރިފުޅު އެފަށަށް ވަރަށް ބޭނުންވެފައި ހުރިކަން އެނގިހުރެ މުޢާޒުގެ ބައްޕަ ބުންޏެވެ. “ބައްޕަދަރިފުޅު ދެކެ އިންތިހާއަށް ލޯބިވަން. އެކަމަކު ދަރިފުޅު އެ ފަށުގެ ޚިޔާލު ދޫކޮށްފައި އިހަށް މި ސުވާލަށް ޖަވާބު ދީބަލަ. ދަރިފުޅާ! ދަރިފުޅު ރާއްޖެއިން ބޭރަށްގޮސް، ހުންނަން ދިމާވި ކޮޓަރިއެއްގައި އުޅޭމީހަކު ކީރިތި ޤުރުއާން ގެންގުޅޭނަމަ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟” ޖަވާބުގައި ދަރިފުޅު ވިސްނާލާފައި ބުންޏެވެ. “އަޅުގަނޑު ހިތަށްއަރާނީ އެއީ މުސްލިމެއްކަމަށް.”
ބައްޕަ ބުންޏެވެ. “ދަރިފުޅާ! ތިޔަ ބުނީ ރަނގަޅަށް. އޭނަކައިރީ އިސްލާމްދީނުގެ ވާހަކަ ދައްކަން ޖެހިލުމެއްވެސް ނުވާނެ. އިރުކޮޅަކުން އެމީހާ ނިކުމެ ތިމަންނަޔަކީ އެހެން ދީނެއްގެ މީހެކޭ ބުންޏަސް ހައިރާންވާނެ. ސުވާލު އުފެދޭނެ.
ދަރިފުޅާ! ތިޔައީ ބަސްއަހާ ކުއްޖެއް. މިޒަމާނުގެ ބައެއް ކުދިން ބުނާހެން ތިމަންނަގެ ހިތް ރަނގަޅޭ ބުނެ ކަރުގައި ފަށް އަޅާ، ކަންފަތުގައި އެއްޗެހި ލައްވައި، ފަޓުލޫނު ހިތަށް އެރިގޮތަކަށް ބާއްވައިގެން ކުދިން އުޅޭގޮތް އެއީ ރީތި ގޮތެއް ނޫން. އެހެންވީމަ ބަސްއަހާ ކުދިން އެގޮތަށް އުޅެން ޚިޔާލުވެސް ނުކުރާނެ.”
މުޢާޒު މަޑުމައިތިރިކަމާއެކު މި ވާހަކަތައް އަޑުއަހަން އިނެވެ. އަދި ބުންޏެވެ. “ބައްޕާ! އަޅުގަނޑަށް ވިސްނިއްޖެ. އަޅުގަނޑު އެކަހަލަ ޝަކުވާ މީގެފަހުން ނުކުރާނަން. އެކަމަކު އަޔާޒުގެ ހަދިޔާ ފޮށީގައިވެސް އެފަދަ ފަށެއް އޮވެދާނެ ނޫންތޯ؟ ފަހަރެއްގައި މާމަޔަށް އޭތި ނުފެނިވެސް އޮވެދާނެ.”
މުޢާޒު މިހެން ބުނުމުން، މުޢާޒުގެ ބައްޕަ އަޔާޒްގެ ބޭބެއަށް ގުޅާފައި މިވާހަކަ ދެއްކުމުން އެއީ ޤަސްދުގައި އެޅި އެއްޗެއް ނޫންކަމުގައި ބުންޏެވެ. އަދި އެއީ ބޭރުގެ ޤައުމަކަށް ދިޔައިރު، އެތަނުން ބައްދަލުވިމީހަކު ދިން ހަދިޔާ އެއްކަމަށާއި، އެބޭރުން ބަލާލުމުން ފަށެއްކަން އެނގުމުން ކަނޑާލައިގެން ނުބަލައި، މުޢާޒުގެ އަންހެން ކޮއްކޮއަށް އެފަށް ވަރަށް ގުޅޭނެކަމަށް ހީކޮށް ފޮނުވުނީކަމުގައި ބުންޏެވެ. އަދި އެކަމަށް ނިހާޔަތަށް މަޢާފަށް އެދުނެވެ.
މުޢާޒުގެ ބައްޕަ މަޢާފް ކުރިއެވެ. އެކަމަކު އޭގެފަހުން މުޢާޒުއާއި އޭނަގެ މަންމަޔާއި ބައްޕަ ލިބޭ ހަދިޔާ ބޭނުން ކުރުމުގެ ކުރީގައި އެއީ އިސްލާމްދީނުގައި ބޭނުން ކުރުން ހުއްދަ އެއްޗެއްތޯ ބެލުމުގައި ކުރިއަށްވުރެ ފަރުވާތެރިވެއެވެ.