ނިޔަތް ކަނޑާލުން:
އަޅުކަމެއްގެ ތެރޭގައި ނިޔަތްކަނޑާލުން އެކިއަޅުކަންތަކުގައި ތަފާތުވެގެންވެއެވެ. އަދި އެނިޔަތްކަނޑާލުމުގެ އަޘަރުވެސް އެކިއަޅުކަންތަކުގައި ތަފާތުވެއެވެ. އެގޮތުން:
1. އީމާންކަމުގެ ނިޔަތް ކަނޑާލައިފިކަމުގައިވާނަމަ ދީނުންބޭރުވެ މުރުތައްދުވާހުށްޓެވެ.
2. ނަމާދަށް ހުރެފައި ނިޔަތް ކަނޑާލައިފިކަމުގައިވާނަމަ ނަމާދު ބާޠިލުވާހުށްޓެވެ. މިމަސްއަލާގައި ޢިލްމުވެރިންގެ ޚިލާފެއްނެތެވެ.
3. ނަމާދުގައި ނިޔަތްކަނޑާލުމުގެ އިދިކޮޅަކީ ޙައްޖުގައި ނިޔަތް ކަނޑާލުމެވެ. އެހެނީ ޙައްޖަށް ނިޔަތްގަނެފައި، ޙައްޖުން ބޭރުވުމަށް ނިޔަތް ކަނޑާލައިފިނަމަވެސް ޙައްޖުން ބޭރުނުވެވޭނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ)) البقرة: 196 މާނައީ: “އަދި ތިޔަބައިމީހުން اﷲއަށްޓަކައި ޙައްޖާއި ޢުމުރާ ފުރިހަމައަށް އަދާކުރާށެވެ!” ޙައްޖާއި ޢުމުރާގެ އަޅުކަން ނިޔަތްގަނެ ކުރަންފަށައިފިކަމުގައިވާނަމަ، އެ ދެއަޅުކަން އަދާކޮށްނިމުމަށްފަހުގައި މެނުވީ ނުވަތަ ތަޙައްލުލުވުމަށްފަހުގައި މެނުވީ އެ ދެއަޅުކަމުން ބޭރުނުވެވޭނެއެވެ.
4. ވުޟޫ ދަންނައެވެ. ވުޟޫކުރުމުގެ ތެރެއިން ވުޟޫ ނުކުރުމަށް ނިޔަތްގަތްފިނަމަ ނިޔަތް ކެނޑޭނެއެވެ. މިފަދަ މީހަކު އަލުން ވުޟޫކުރަންވެއްޖެނަމަ ވުޟޫކުރަންޖެހޭނީ އަލުންފަށައިގެންތޯ ނުވަތަ ބާކީބައި ފުރިހަމަކުރާނީތޯއާމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އިމާމް ޝާފިޢީ އާއި އިމާމް އަޙްމަދުގެ މަޛްހަބުގައި މަޝްހޫރުވެގެންވާ ގޮތަކީ އަލުން ވުޟޫކުރުމާދެމެދު ގިނަވަޤުތަކެއް ހޭދަނުވާކަމުގައިވާނަމަ ވުޟޫގެ ބާކީ ބައިފުރިހަމަކުރާނީއެވެ. ގިނަ ވަޤުތުވެއްޖެނަމަ އަލުން ޖެހޭނީ ވުޟޫކުރާށެވެ. މިއީ މުއާލާތުކުރުމަކީ ޝަރުޠެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅެވެ. މުއާލާތުކުރުމަކީ ޝަރުޠެއްނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ އަރިހުގައި ކިތަންމެ ގިނަވަޤުތެއް ދިޔަސް ޖެހޭނީ ވުޟޫގެ ބާކީ ބައި ފުރިހަމަކުރާށެވެ. މީގެ ތެރެއިން ޞައްޙަގޮތަކީ މުއާލާތަކީ ޝަރުޠެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅެވެ.
މުއާލާތުކުރުމަކީ ވުޟޫގެ އެއްގުނަން ދޮވުމަށްފަހު އަނެއްގުނަން ދޮވުމާދެމެދު ގިނަ ވަޤުތު ހޭދަނުކުރުމެވެ. ގިނަވަޤުތުވީކަމަށް ބެލެވޭނީ ކުރީގައި ފެންލީ ގުނަނުން ފެން ހިކުމެވެ. والله أعلم.
5. ރޯދަ ދަންނައެވެ. ރޯދައަށް ހުރެފައި ރޯދަ ކަނޑާލުމަށް ނިޔަތްގަތްފިނަމަ ރޯދަ ބާޠިލުވާނެއެވެ. އެހެނީ، ރޯދައަށް ހުންނައިރު ރޯދައިގެ ނިޔަތް ދެމެހެއްޓުމަކީ ޝަރުޠެކެވެ. ރޯދައަށް ހުރެ ނިޔަތް ކަނޑާލައިފިނަމަ ބާކީ އޮންނާނީ ނިޔަތަކާނުލައެވެ. އެހެންކަމުން، އެރޯދަ ބާޠިލުވާނެއެވެ. އަދި ރޯދައަށް ހުރެފައި ހިނދުކޮޅަކަށް ނިޔަތް ކަނޑާލިނަމަވެސް އެއްކޮށް ނިޔަތް ކެނޑޭނެއެވެ. އެރޯދައެއްކޮށް ބާޠިލުވާނެއެވެ.
ނިޔަތް ބަދަލުކޮށްލުން:
ނިޔަތް ބަދަލުކޮށްލުމަކީ، އެއްއަޅުކަމުން އަނެއްއަޅުކަމަށް ނިޔަތް ބަދަލުކޮށްލުމެވެ. މީގެ ތިން ވައްތަރެއްވެއެވެ.
1. އަޅުކަމެއް އެއަށްވުރެ މަތިވެރި އަޅުކަމަކަށް ނިޔަތް ބަދަލުކޮށްލުން. (މިސާލަކަށް: ސުންނަތެއްގެ ނިޔަތް ފަރުޟެއްގެ ނިޔަތަށް ބަދަލުކޮށްލުން.)
2. މަތިވެރި އަޅުކަމަކުން އެއަށްވުރެ ދަށް އަޅުކަމަށް ބަދަލުކޮށްލުން. (މިސާލަކަށް: ފަރުޟެއްގެ ނިޔަތް ސުންނަތެއްގެ ނިޔަތަށް ބަދަލުކޮށްލުން.)
3. އަޅުކަމެއް އެއާ އެއްފަންތިއެއްގެ އަޅުކަމަކަށް ބަދަލުކޮށްލުން. (މިސާލަކަށް: ސުންނަތެއްގެ ނިޔަތް އޭގެ އެހެން ސުންނަތެއްގެ ނިޔަތަށް ބަދަލުކޮށްލުން ނުވަތަ ފަރުޟެއްގެ ނިޔަތް އޭގެ އެހެން ފަރުޟެއްގެ ނިޔަތަށް ބަދަލުކޮށްލުން.)
މިތިން ވައްތަރުގެ މިސާލު ނަމާދުން ބަޔާންކޮށްލަމެވެ. އޭގެ ހަތަރު ޙާލަތެއްވެއެވެ.
ފުރަތަމަ ޙާލަތަކީ: ފަރުޟެއް އޭގެ އެހެން ފަރުޟަކަށް ބަދަލުކޮށްލުމެވެ. މިސާލަކަށް މެންދުރުނަމާދުގެ ނިޔަތް ޢަޞްރުނަމާދުގެ ނިޔަތަށް ބަދަލުކޮށްލުމެވެ. މިގޮތަށް ނިޔަތް ބަދަލުކޮށްލައިފިނަމަ ދެނިޔަތްވެސް ޞައްޙަނުވާހުށްޓެވެ. މެންދުރުނަމާދުގެ ނިޔަތް ބާޠިލުވެ، އަޞްރުނަމާދަށް ގަތް ނިޔަތް ޞައްޙަނުވާހުށްޓެވެ. އެއީ މެންދުރުނަމާދުގެ ނިޔަތް ކަނޑާލުމުގެ ސަބަބުންނާއި، ޢަޞްރުނަމާދުގެ ނިޔަތް އަޅުކަންފެށިއިރު ގަނެފައިނުވާތީއެވެ.
ދެވަނަ ޙާލަތަކީ: ސުންނަތް ނަމާދެއްގެ ނިޔަތް އެހެން ސުންނަތް ނަމާދަކަށް ބަދަލުކޮށްލުމެވެ. މީގެ މިސާލަކީ ވިތުރި ނަމާދުކުރުމަށް ނިޔަތް ގަތުމަށްފަހުގައި ވިތުރިކުރަން ފެށިފަހުން ފަތިސްނަމާދުގެ ބަންގިގޮވުމުން ފަތިސްނަމާދުގެ އިހު ސުންނަތަށް ނިޔަތް ބަދަލުކޮށްލުމެވެ. މިގޮތަށް ނިޔަތް ބަދަލުކޮށްލައިފިނަމަ ދެނިޔަތްވެސް ޞައްޙަނުވާހުށްޓެވެ. އެހެނީ، އެއްވެސް މަޞްލަޙަތެއް ނެތި ވިތުރީގެ ނިޔަތް ކަނޑާލުމާއި، ފަތިސްނަމާދުގެ އިހު ސުންނަތުގެ ނިޔަތް އަޅުކަންކުރަން ފެށިއިރު ގަނެފައިނުވާތީއެވެ.
ތިންވަނަ ޙާލަތަކީ: ސުންނަތް ނަމާދެއްގެ ނިޔަތް ފަރުޟުނަމާދަކަށް ބަދަލުކޮށްލުމެވެ. މީގެ މިސާލަކީ ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތްކުރުމަށް ނިޔަތްގަނެ އަޅުކަންކުރަން ފަށައިގަތުމަށްފަހު ފަތިސްނަމާދުގެ ފަރުޟު ދެރަކުޢަތަށް ނިޔަތް ބަދަލުކޮށްލުމެވެ. މިގޮތަށް ނިޔަތް ބަދަލުކޮށްލައިފިނަމަ ދެނިޔަތްވެސް ޞައްޙަނުވާހުށްޓެވެ. އެއީ ފުރަތަމަ ނިޔަތް ކަނޑާލުމުގެ ސަބަބުންނާއި ފަތިސްނަމާދުގެ ފަރުޟުދެރަކުޢަތް ކުރުމަށް އަޅުކަންކުރަން ފެށިއިރު ގަނެފައިނުވާތީއެވެ. އަދި އަޅުކަމެއް އެއަށްވުރެ މަތިވެރި އަޅުކަމަކަށް ނިޔަތް ބަދަލުކޮށްލުމަކީ ޞައްޙަވާނޭ ގޮތެއް ނޫނެވެ. އެހެނީ، ސުންނަތް ނަމާދުތައް ފަރުޟުނަމާދުތަކަށްވުރެ މަތިވެރިކަމުގެގޮތުން ދަށްވާނެއެވެ.
ހަތަރުވަނަ ޙާލަތަކީ: ފަރުޟުނަމާދެއްގެ ނިޔަތް ސުންނަތް ނަމާދެއްގެ ނިޔަތަށް ބަދަލުކޮށްލުމެވެ. މީގެ ދެ ވައްތަރެއްވެއެވެ.
1. އެނަމާދުގެ ޙުކުމުގައި ނިޔަތް ބަދަލުވެގެންދާ ވައްތަރެވެ. އެއީ މިސާލަކަށް މެންދުރުނަމާދުގެ ވަޤުތު ވަދެއްޖެކަމަށްހީކޮށް ނަމާދުކުރަން ފެށިފަހުން އަދި ވަޤުތު ނުވަންނަކަމުގައިވާނަމަ ނިޔަތް ސުންނަތް ނަމާދަކަށް ބަދަލުކޮށްލެވޭނެއެވެ.
2. ފަރުޟުނަމާދެއްގެ ނިޔަތް ސުންނަތް ނަމާދެއްގެ ނިޔަތަށް ބަދަލުކޮށްލުމެވެ. އެއްވެސް މަޞްލަޙަތެއްނެތި މިފަދައިން ނިޔަތް ބަދަލުކޮށްލުން ޞައްޙަވެގެންނުވެއެވެ. މިސާލަކަށް އެކަނި ފަރުޟުނަމާދުކުރަން ފެށިފަހުން ޖަމާޢަތް ހެދިއްޖެނަމަ އެޖަމާޢަތުގައި ބައިވެރިވުމަށް ކުރަމުން ދިޔަ ނަމާދު ސުންނަތް ނަމާދެއްގެ ނިޔަތަށް ބަދަލުކޮށްލެވިދާނެއެވެ. ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން މިފަދައިން ނިޔަތް ބަދަލުކޮށްލުން ޞައްޙަނޫންކަމުގައި ވިދާޅުވެއެވެ. އެއީ ފުރަތަމަ ނިޔަތް ކަނޑާލުމާއި ދެވަނަ ނިޔަތް އަޅުކަންކުރަން ފެށިއިރު ގަނެފައިނުވާތީއެވެ. އަދި އަނެއްބައި ޢިލްމުވެރިން ޞައްޙަކަމުގައި ވިދާޅުވެއެވެ. ޞައްޙަ ބަހަކީ މިއެވެ. އެއީ މިގޮތުގައި ޝަރުޢީ މަޞްލަޙަތެއް ވާތީއެވެ. އެއީ ޖަމާޢަތް ހޯދުމެވެ. އަދި ޝަރުޢީ މަޞްލަޙަތަކަށްޓަކައި މައުމޫމެއްގެގޮތުގައި ހުރި މީހަކަށް އިމާމެއްކަމަށް ނިޔަތް ބަދަލުކޮށްލެވެއެވެ. އަދި އިމާމަކަށް ހުރިމީހާއަށް މައުމޫމެއްގެ ނިޔަތަށް ނިޔަތް ބަދަލުކޮށްލެވެއެވެ. ނިޔަތް ބަދަލުކޮށްލުމުން ޝަރުޢީ މަޞްލަޙަތެއް ނާންނަކަމުގައިވާނަމަ، މިގޮތަށް ނިޔަތް ބަދަލުކޮށްލުން މަނާވެގެންވެއެވެ.
المصدر:
– النية وأثرها في الأحكام الشرعية/ لصالح السدلان.
– الأشباه والنظائر/ للسيوطي.
– المقنع/ لابن قدامة.
– كنز الدقائق/ لابن نجيم.
__________________________
މަރުޖިޢު:
* النية وأحكامها – إعداد: عفاف بنت يحيى آل حريد (ކުދި ބަދަލުތަކާއެކު)