[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އީ ރައްބުކަމަށާއި އަދި އިސްލާމްދީނަކީ ދީންކަމަށާއި އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ނަބިއްޔާކަމަށް ރުހުން – ތިން އަޞްލުގެ ޝަރަޙަ 4

އަހުލުއްސުންނަތި ވަލްޖަމާޢަތި އިއްތިފާޤުވެފައިވާ ގޮތުގައި ސުވާލުކުރެވޭނީ މަރުވުމަށް ފަހުއެވެ. އެކަމުގެ ކައިފިއްޔަތާއި ކުރެވޭ ވަޤުތާއި ތަނަކީ އެއީ ޣައިބުގެ ޢިލްމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާތީ އެކަމާބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ ނައްޞުތަކުގެ މައްޗަށް ހުއްޓިފައި ހުންނަ ކަންކަމެވެ. އިންސާނުންނަށް އެކަމުގެ ޢިލްމު ދެނެގަތުން ކުޅަދާނަވެގެންނުވާ ކަމެކެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އިންސާނާ މަރުވުމަށްފަހު، އެމީހާ ވަޅުނުލައި ފިނިކުރާ އެއްޗަކަށް ލާފައި ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ މަސްގަނޑު ކުނިނުވާގޮތް ހަދާފައި ބޭއްވިކަމުގައިވިޔަސް އޭނާއާ ސުވާލުކުރެވޭނެއެވެ. ނުވަތަ އޭނާގެ ހަށިގަނޑު ވަޅުނުލައި އޮއްވައި ފަނިފަކުސާގެ ކާނާއަކަށް ވެ ކުނިވެގެން ވީރާނާވެގެން ދިޔަކަމުގައިވިޔަސް އަދި އަންދާ އަޅިއަށް ހަދާލިކަމުގައިވިޔަސް އަދި ވައިގެތެރެއަށް ނުވަތަ ކޯރެއްގެ ތެރެއަށް އަޅިތައް އުކާލިކަމުގައިވިޔަސް ނުވަތަ ކަނޑަށް ޣަރަޤުވެގެން ދިޔަކަމުގައިވިޔަސް  ސުވާލުކުރެވޭނެއެވެ.

ކަށްވަޅުގައި އިންސާނާއާ ކުރެވޭނެ ތިން ސުވާލު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނުގެ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އެ ތިން ސުވާލަކީ ތިބާގެ ރައްބަކީ ކޮބާ؟ ތިބާގެ ދީނަކީ ކޮބާ؟ އަދި ތިބާގެ ނަބިއްޔަކީ ކޮބާ؟ މި ތިންސުވާލެވެ.

ކަށްވަޅުގައި ކުރެވޭ ތިންސުވާލު ކުރައްވާހުށީ ދެމަލާއިކަތުންނެވެ. އެދެމަލާއިކަތުންގެ ނަން ބައެއް ޙަދީޘްތަކުގައި އައިސްފައިވެއެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا قُبِرَ أَحَدُكُمْ أَوْ قُبِرَ الإِنْسَانُ أَتَاهُ مَلَكَانِ يُقَالُ لأَحَدِهِمَا الْمُنْكَرُ وَلِلآخَرِ النَّكِيرُ – روى الترمذي (1071) والحديث حسنه الألباني في صحيح الترمذي . މާނަ: ‘ތިޔަބައިމީހުންގެ ތެރެއިން މީހަކު ނުވަތަ އިންސާނަކު ކަށްކުރެވިއްޖެއްޔާ (ކަށްވަޅަށް ލެވިއްޖެއްޔާ) ދެމަލާއިކަތުން ވަޑައިގަނެއެވެ. އެކަކަށް މުންކަރޭ ކިޔެއެވެ. އަނެކަކަށް ނަކީރޭ ކިޔެއެވެ.’

މިދެންނެވުނު ތިން ސުވާލުގެ ޖަވާބު އަހަރެމެންގެ ދޫމަތީގައި އެތައްފަހަރަކު ތަކުރާރުކުރަމެވެ. ކަށްވަޅުގައި އަހަރެމެންނާ ކުރެވޭނެ ތިން ސުވާލުގެ ޖަވާބު ކަމުގައިވާ ރައްބަކީ ﷲ ކަމަށާއި، ރަސޫލާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަކަމަށާއި ދީނަކީ އިސްލާމްދީންކަމަށް ރެއާއި ދުވާލު އަހަރެމެން އިޤްރާރުވަމެވެ. ހެނދުނާއި ހަވީރުގެ ޛިކްރުތަކުގެ ތެރޭގައި އައިސްފައިވެއެވެ. “رَضِيْتُ بِاللهِ رَبًّا, وَبِالإِسْلاَمِ دِيْناً, وَبِمُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيًّا” (މާނަ ” ﷲ އީ ރައްބުކަމަށާއި އަދި އިސްލާމްދީނަކީ ދީންކަމަށާއި އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ނަބިއްޔާކަމަށް އަހުރެން ރުހިއްޖައީމެވެ.”)  ހެނދުނާއި ހަވީރު ތިންފަހަރު މިޒިކުރު ކޮށްފިމީހާއަށް ޤިޔާމަތްދުވަހުގައި މާތްﷲ ސުބްޙާނަހޫ ވަތަޢާގެ ރުހިވޮޑިގަތުން ލިބޭނެކަމުގައި މި ޙަދީޘްގައި އައިސްފައިވެއެވެ. رواه أحمد والنسائي في عمل اليوم والليلة وابن السنّي وأبو داود والترمذي وحسّنه ابن باز.

އިމާމު މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ބަންގީގެފަހުގެ ކިޔުމަށް މި ދުޢާ ވާރިދުވެފައިވާ ކަމަށް، ތިރީގައި މިވާ ޙަދީޘް ގެންނަވާފައިވެއެވެ.  عَنْ سَعْدِ بْنِ أَبِي وَقَّاصٍ رضي الله عنه، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» (رواه مسلم) ‘ސަޢްދު ބުނު އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން، ހަމަކަށަވަރުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ. ” ބަންގީގެ އަޑު އިވޭ ހިނދު މިފަދައިން “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި އެއިލާހަށް ޝަރީކަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށްވެސް މެއެވެ. ﷲ އީ ރައްބުކަމަށާއި އަދި  އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ރަސޫލާކަމަށާއި އިސްލާމްދީނަކީ ދީންކަމަށް އަހުރެން ރުހިއްޖައީމެވެ.” ކިޔައިފިމީހާގެ ފާފަތައް ފުއްސެވޭ ހުއްޓެވެ.

 ޞަޙީޙް މުސްލިމްގެ އެހެން ރިވާޔަތެއްގައި ވެއެވެ. عَنْ أَبِي سَعِيدٍ الْخُدْرِيِّ  رضي الله عنه  أَنَّ رَسُولَ اللَّهِ  صلى الله عليه وسلم  قَالَ :«يَا أَبَا سَعِيدٍ، مَنْ رَضِيَ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ نَبِيًّا، وَجَبَتْ لَهُ الْجَنَّةُ». (مسلم) އަބޫ ސަޢީދުލް ޙުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އޭ އަބޫ ސަޢީދެވެ. ﷲ އީ ރައްބުކަމަށާއި އަދި އިސްލާމްދީނަކީ ދީންކަމަށާއި އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ނަބިއްޔާކަމަށް ރުހިއްޖެ މީހަކަށް ސުވަރުގެ ވާޖިބުވެއްޖެއެވެ.

އީމާންކަމުގެ ރަހަވެއެވެ. އީމާންކަމުގެ ރަހަ ލިބިގަންނަނީ ދުލަކުން ނޫނެވެ. އަދި ކިޔެއްތަ ހިތުންނެވެ. އީމާންކަމުގެ ރަހަ އިޙްސާސްކުރެވެނީ އެމީހެއްގެ ރައްބަކީ ﷲ ކަމަށާއި ރަސޫލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށާއި ދީނަކީ އިސްލާމްކަމަށް ރުހިއްޖެ މީހަކަށެވެ. ޢައްބާސް ބިން ޢަބްދިލް މުއްޠަލިބުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރައްވަނިކޮށް ހަމަކަށަވަރުން އެކަލޭގެފާނު އަޑުއެއްސެވިއެވެ.  ذَاقَ طَعْمَ الإِيمَانِ مَنْ رَضِىَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً. أخرجه أحمد 1/208(1778) و”مسلم” 1/46(60). ﷲ އެއީ އެމީހެއްގެ ރައްބުކަމުގައި، އިސްލާމްއެއީ ދީންކަމުގައި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ރަސޫލާކަމުގައި، ރުހިއްޖެ މީހަކު، އީމާންކަމުގެ ރަހަ ލިބިގެންފިއެވެ.

ﷲ އެއީ އެމީހެއްގެ ރައްބުކަމަށް ރުހުމަކީ ހަމައެކަނި ދުލުން އެހެން ބުނުމެއް ނޫނެވެ. ހުރިހާ އަޅުކަމެއް އޭގެ ޚާލިޞްގޮތުގައި އެއިލާހަށް އަދާކުރުމެވެ. އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި ނަހީތަކާ ދުރުވެގަތުމެވެ.

އިސްލާމްދީން އެއީ ދީންކަމުގައި ރުހުމަކީ ހަމައެކަނި ދުލުން އެހެން ބުނުމެއް ނޫނެވެ. ދީނުގެ ތެރެއަށް ފުރިހަމަ ގޮތުގައި ވަނުމެވެ. އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމާއި، ނަހީކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވުމެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ނަބިއްޔާ އަދި ރަސޫލާ ކަމުގައި ރުހުމަކީ ހަމައެކަނި ދުލުން އެހެން ބުނުމެއް ނޫނެވެ. އެކަލޭގެފާނު އެކަންކަމައިގެން ވަޑައިގަތް އެންމެހާ ކަންތައްތައް ބަލައިގަތުމާއި، އެއަށް ޢަމަލުކުރުމާއި އެކަލޭގެފާނުގެ އެންގެވުންތަކުގެ ކުރިމަތީގައި ބޯލެނބުމެވެ.

މަތީގައިވާ ޙަދީޘްތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ ކިޔަމަންތެރި މުސްލިމެއްގެ ޙަޔާތް ބިނާވެފައިވަނީ ކަށްވަޅުގައި އޭނާއާ ކުރެވޭ ތިން ސުވާލުގެ ޖަވާބުގެ މައްޗަށް ކަމެވެ. އެތިން ސުވާލުގެ މަތިން ހަނދުމަކުރެވޭ ގޮތުގައި މުސްލިމެއްގެ ޙަޔާތް ބައްޓަންވެގެން ދާނޭގޮތުގައި ލައްވާފައިވާކަމީ، އެތިންސުވާލުގެ މުހިއްމުކަމާއި، ކަށްވަޅުގެ އިމްތިޙާނުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެކަން ކިތަންމެ ރަނގަޅަށްވެސް އެނގިގެންދާކަމެކެވެ.

އޭ ﷲ ! ކަށްވަޅުގެ އިމްތިޙާނުގެ ވަޤުތުގައި އަޅަމެންނަށް ޘާބިތުކަން ދެއްވާށި! އަދި ކަށްވަޅުގެ ޢަޛާބުން އަޅަމެން ރައްކާތެރިކުރައްވާށި! އާމީން

(ނުނިމޭ)