އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަން އެހީމެވެ. “މީސްތަކުންގެ ތެރެއިން އެއްވެސް ކުއްޖަކު، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޖުރައިޖުގެ އެކުވެރިޔާ ފިޔަވައި، ޅަފަތުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ނަބިއްޔާއެވެ! ޖުރައިޖުގެ އެކުވެރިޔަކީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ޖުރައިޖުއަކީ، އޭނާގެ އުސް އަޅުކަންކުރާތަނުގައި، މީސްތަކުންނާ އެކަހެރިވެ އަޅުކަންކޮށް އުޅޭ ރާހިބެއް ކަމުގައިވިއެވެ. އަދި އޭނާ އަޅުކަންކުރާތަނުގެ ތިރިން ހުއިހައްޕާ މީހަކު، އެމީހާގެ ގެރިތަކާއެކު ދާކަމުގައިވެއެވެ. އަދި އެއަވަށުގެ އަންހެނަކު އެހުއިހައްޕާ މީހަ ކައިރިއަށް އަންނަކަމުގައިވެއެވެ.
ޖުރައިޖުގެ މަންމަ އެއްދުވަހަކު އައިސް ގޮވާލިއެވެ. އޭ ޖުރައިޖުއެވެ! ޖުރައިޖު އޭރުހުރީ ނަމާދުކުރާށެވެ. ނަމާދުކުރަމުން އޭނާ ހިތާހިތާ ބުނެލިއެވެ. ތިމަންގެ މަންމައެވެ. އަދި ތިމަންގެ ނަމާދެވެ؟ އޭނާއަށް ވިސްނުނީ ނަމާދު ކުރިއަށް ގެންދިޔުމަށެވެ. ތިންވަނަ ފަހަރަށް އެކަނބުލޭގެ ގޮވާލިއެވެ. އޭނާ ހިތާހިތާ ބުނެލިއެވެ. ތިމަންގެ މަންމައެވެ. އަދި ތިމަންގެ ނަމާދެވެ؟ އޭނާއަށް ވިސްނުނީ ނަމާދު ކުރިއަށް ގެންދިޔުމަށެވެ. އެކަނބުލޭގެއަށް އިޖާބަނުދިނުމުން، އެކަނބުލޭގެ ބުންޏެވެ. އޭ ޖުރައިޖެވެ! ކަލެއަށް ނުބައި އަންހެނުންގެ މޫނުފެނުމުގެ ކުރީގައި، ﷲ ކަލޭގެ މަރު ނުހިއްޕަވާނދޭވެ. އެއަށްފަހު އެކަނބުލޭގެ ހިނގައްޖެއެވެ.
އަވަށުގެ އަންހެންމީހާ ވިހެއުމުން، ރަސްގެފާނުގެ އަރިހަށް ގެނެވުނެވެ. ރަސްގެފާނު އެއްސެވިއެވެ. މީކާކުގެ ފަރާތުން ލިބުނު ކުއްޖެއް ހެއްޔެވެ؟ އެއަންހެންމީހާ ބުންޏެވެ. ޖުރައިޖުގެ ފަރާތުންނެވެ. ރަސްގެފާނު ވިދާޅުވިއެވެ. އަޅުކަންކުރާތަނުގެ ވެރިޔާ ހެއްޔެވެ؟ އެއަންހެންމީހާ ބުންޏެވެ. އާއެކެވެ. ރަސްގެފާނު ވިދާޅުވިއެވެ. އޭނަ އަޅުކަންކުރާ ތަން ތަޅާ ސުންނާފަތިކޮށް، އޭނަ ތިމަންގެ ކައިރިއަށް ގެންނާށެވެ. އެބައިމީހުން، އެއަޅުކަންކުރާ ތަން ވެއްޓެންދެން ކޯރާޑިތަކުން ތެޅިޔެވެ. އަދި ޖުރައިޖުގެ އަތް ކަރާއެކު ބަނދެގެން ރަސްގެފާނުގެ އަރިހަށް ގެނެސްފިއެވެ. ޖުރައިޖު ގެންދިޔަ އިރު، ނުބައި އަންހެންވެރިންގެ ކައިރިން ގެންދެވުނެވެ. އެހިނދު އޭނާއަށް އެއަންހެންވެރިންތައް ފެނުނު ހިނދު ހީލިއެވެ. އެއަންހެންވެރިންތައް އެހެން މީސްތަކުންނާއެކު އޭނާއާ ދިމާލަށް ބަލަމުން ދިޔައެވެ.
ރަސްގެފާނު އެއްސެވިއެވެ. މިއަންހެންމީހާ މިކުރަނީ ކޮން ދަޢުވާއެއް ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. ކޮން ދަޢުވާއެއް ހެއްޔެވެ؟ ރަސްގެފާނު ވިދާޅުވިއެވެ. އެއަންހެންމީހާ އެދަޢުވާކުރަނީ، އެއަންހެންމީހާ ވިހެއި ކުއްޖަކީ ކަލޭގެ ފަރާތުން ލިބުނު ކުއްޖެއްކަމަށެވެ. ޖުރައިޖު އެއަންހެންމީހާއާ ދިމާލަށް ބުންޏެވެ. ދަޢުވާކުރަނީ ކަނބުލޭގެ ހެއްޔެވެ؟ އަންހެންމީހާ ބުންޏެވެ. އާއެކެވެ. ޖުރައިޖު ބުންޏެވެ. އެކުޑަކުއްޖާ ކޮބައި ހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. އެކުއްޖާވީ އެއަންހެންމީހާގެ ކޮޓަރީގައެވެ. ޖުރައިޖު އެކުއްޖާއާ ކުރިމަތިކުރައްވާ ބުންޏެވެ. ކޮއިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އެތުއްތުކުއްޖާ ޖަވާބުދިނެވެ. ހުއިހައްޕާ މީހާއެވެ.
ރަސްގެފާނު ޖުރައިޖަށް ވިދާޅުވިއެވެ. ތިބާ އަޅުކަންކުރާތަން ރަނުން ތިމަން ހަދައިދެން ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. ނޫނެކެވެ. ރަސްގެފާނު ވިދާޅުވިއެވެ. ރިހިން ހަދައިދެން ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. ނޫނެކެވެ. ރަސްގެފާނު ވިދާޅުވިއެވެ. ދެން ކޮން އެއްޗަކުން ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. އެތަން ކުރިންހުރިގޮތަކަށް އެތަން ހައްދަވާށެވެ. ރަސްގެފާނު ސުވާލުކުރެއްވިއެވެ. ތިބާ ހިނިއައި ސަބަބަކީ ކޮބައިތޯއެވެ؟ ޖުރައިޖު ބުންޏެވެ. ތިމަންނައަށް އެނގުނުކަމަކުންނެވެ. ތިމަންގެ މަންމަގެ ދުޢާ ތިމަންގެ މައްޗަށް ވެރިވެއްޖެއެވެ. ދެން އެކަމުގެ ޚަބަރު އެބައިމީހުންނަށް ޖުރައިޖު ދިނެވެ.”
_____________________________
މަރުޖިޢު:
* الأدب المفرد – الإمام البخاري.