ޝައްކެއްވެސްނެތްގޮތުގައި ނިޔަތަކީ ޢަމަލެއް ޞައްޙަވުމުގެ ޝަރުޠެކެވެ. ނިޔަތެއް ނެތި ކޮށްފި ކޮންމެ ޢަމަލަކަށް ޝަރުޢީ ދަލީލުތައް ނުފެތޭނެއެވެ.
ނިޔަތުގެ މަޙައްލަކީ ކޮބައިކަން ބަޔާންކުރުމުގައި 3 މަސްއަލައެއްވެއެވެ.
ފުރަތަމަ މަސްއަލަ: ނިޔަތުގެ މަޙައްލު:
ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވަގޮތުގައި ނިޔަތުގެ މަޙައްލަކީ ހިތެވެ. އެހެނީ ނިޔަތަކީ ކަމެއް ކުރުމަށް ޤަޞްދުކުރުމާއި ޢަޒުމުކުރުމެވެ. ޤަޞްދާއި ޢަޒުމުކުރަނީ ހިތުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. މިކަމުގައި އެއްވެސްމީހަކު ޚިލާފުވެފައެއްނުވެއެވެ. އަދި މިއީ ވިސްނޭމީހުން އެކަމަށް އިއްތިފާޤުވާކަމެކެވެ.
ކަންމިހެންހުރިނަމަވެސް، ނިޔަތް ދުލުން ކިޔުމާމެދު ޚިލާފު އުފެދިފައިވެއެވެ. ދުލުން ނިޔަތް ކިޔުމަކީ ޝަރުޠެއްތޯ ނުވަތަ ސުންނަތެއްތޯއާމެދުއެވެ. އަދި ކިޔަންޖެހޭނީ ބާރަށްތޯ ނުވަތަ މަޑުންތޯއާމެދުއެވެ. އަދި ކޮންމެ އަޅުކަމެއްގައިވެސް ދުލުން ކިޔަންޖެހޭތޯ ނުވަތަ ދުލުން ކިޔަންޖެހެނީ ބައެއް އަޅުކަންތަކުގައިތޯމެދުއެވެ. އަދި އެއީ ދީނަށް އަލަށް އުފެއްދިފައިވާ ބިދުޢައެއްތޯމެދުއެވެ.
ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި ދުލުން ނިޔަތް ކިޔުން ވާޖިބުކުރިކަމެއް ނުވަތަ އެކަމަކީ މުސްތަޙައްބުކަމެއްކަން ޘާބިތުވެފައެއްނުވެއެވެ. އިބްނު ތައިމިއްޔާ ވަނީ މިކަމުގެ މައްޗަށް އިއްތިފާޤުވެގެންވާކަން ނަޤުލުކުރައްވާފައެވެ. ނިޔަތް ދުލުންކިޔުމަށް ވިދާޅުވެފައިވަނީ އިމާމް އަބޫޙަނީފާއާއި އައްޝާފިޢީގެ އަޞްހާބުންކުރެ ފަހުން އައި ބައެކެވެ. އެހެންކަމުން، އިބްނު ތައިމިއްޔާގެ މިބަސްފުޅުން އެނގޭގޮތުގައި ނިޔަތް ދުލުންކިޔުމަކީ އިސްތިޙްބާބުވެގެންވާކަމެއް ނޫނެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ނިޔަތް ދުލުންކިޔުން މުސްތަޙައްބުކަމަށް އެއްވެސް ދަލީލެއް އައިސްފައެއްނުވެއެވެ. އަޅުކަމުގެ އަޞްލަކީ ދަލީލެއް ނުލިބޭހާހިނދަކު މަނާވެފައިއޮތުމެވެ. އެބަހީ އަޅުކަން ވަނީ ދަލީލުގެ މައްޗަށެވެ. އަދި މަޛްހަބުތަކުގެ އިމާމުންވެސް މިފަދައިން ދުލުން ނިޔަތްކިޔުން ޝަރުޢުވެގެންވާކަމަށް ވިދާޅުވެފައެއްނުވެއެވެ.
ދެވަނަ މަސްއަލަ: ނިޔަތް އަޑުހަރުކޮށްކިޔުން:
ނިޔަތް އަޑުހަރުކޮށްކިޔުމަކީ ޢާއްމު މިސްތަކުން އަމިއްލައަށް އުފެއްދިކަމެކެވެ. އެހެނީ، ދުލުން ނިޔަތްކިޔުމަށް ވިދާޅުވި ބޭކަލުންވެސް ނިޔަތް އަޑުހަރުކޮށްކިޔުން އެއީ ޝަރުޢުވެގެންވާކަމެއްކަމަށް ވިދާޅުވެފައެއްނުވެއެވެ. އެހެންކަމުން، ނިޔަތް ދުލުންކިޔުމާއި އަޑުހަރުކޮށް ކިޔުމަކީ ދީނަށް އަލަށް ގެނެވިފައިވާކަމެކެވެ. އެހެނީ، ނިޔަތް ދުލުންކިޔުމާއި އަޑުހަރުކޮށްކިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުންނާއި ޞަޙާބީންގެ އަރިހުންވެސް ޘާބިތުވެފައެއްނުވެއެވެ. ދީނަށް އަލަށް ގެނެވޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި އެކަން ކުރިމީހާއަށް އެކަމެއް ވަނީ ރައްދުވެގެންނެވެ.
ނިޔަތް އަޑުހަރުކޮށް ކިޔުމާބެހޭގޮތުން އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “އިމާމުވެރި ބޭކަލުން އިއްތިފާޤުވެފައިވާގޮތުގައި ނިޔަތް އަޑުހަރުކޮށްކިޔުމަކީ ޝަރުޢުވެގެންވަކަމެއް ނޫނެވެ. އަދި ހަމައެހެންމެ ނިޔަތް ތަކުރާރުކުރުންވެސްމެއެވެ. މިކަމުގައި ހައްދުފަހަނައަޅައިދާމީހާއަށް އޮތީ އަދަބުދިނުމެވެ. އެހެންވެސް އަޅުކަންތައް ފަދައިންނެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ނިޔަތް އަޑުހަރުކޮށްކިޔާމީހާއަށް އެކަން ހުއްދަނޫންކޮށް އަންގައިދުނުމަށްފަހުވެސް އެކަންކުރާކަމުގައިވާނަމަ އެމީހާ ތަޢުޒީރުކުރުން ޙައްޤުވެގެންވެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ނިޔަތް އަޑުހަރުކޮށްނިޔުމަކީ އައްޝާފިޢީއާއި އެނޫން އިސްލާމީ އިމާމުވެރި ބޭކަލުންގެ އަރިހުގައި މަނާކަމެކެވެ. އެފަދައިން ކަންކުރާމީހަކީ ފާފަވެރިއެކެވެ. އެހެނީ، އެމީހާ އެ އިޢުތިޤާދުކުރަނީ މުސްލިމުންގެ އިޖުމާޢުން ބޭރުވެފައިވާކަމެއް ދީނެއްކަމަށެވެ. (އެބަހީ: ދީނީކަމެއްކަމަށެވެ.) އެކަން ނަހީކުރުން ވާޖިބުވެގެންވެއެވެ. އަދި (މިސްކިތުގެ) އިމާމަކު އެކަން ނުހުއްޓައިފިކަމުގައިވާނަމަ، އެމީހަކު އިމާމުކަމުން ވަކިކުރަންޖެހޭނެއެވެ.” (އަލްފުރޫޢު: 1/ 139)
އަދި އިބްނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. “‘ތިމަންކަލޭގެފާނު ޙަދަޘުން އެރެގަތުމަށް ނިޔަތް ގަތްފީމޭ’ ނުވަތަ ‘ނަމާދުކުރުމަށް ނިޔަތްގަތްފީމޭ’ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވިދާޅުވެފައެއްނުވެއެވެ. އެކަލޭގެފާނެއްވެސް އަދި އެކަލޭގެފާނުގެ ޞަޙާބީންނެއްވެސް އެއްވެސްގޮތަކަށް އެފަދައިން ވިދާޅުވެފައެއްނުވެއެވެ. މިކަމާބެހޭގޮތުން އެކަލޭގެފާނުގެ ކިބައިން އެންމެ އަކުރެއްގެ މިންވަރުވެސް ޞައްޙަ ސަނަދަކުންވެސް އަދި ޟަޢީފު ސަނަދަކުންވެސް ރިވާވެފައެއްނުވެއެވެ.” (ޒާދުލްމަޢާދު: 1/ 296)
އިބްނުލް ޤައްޔިމު ވަނީ އެކަލޭގެފާނުގެ ފޮތް “އިޣާޘަތުލް ލަހްފާނު” ގައި ނިޔަތް ދުލުންކިޔުމާއި އަޑުހަރުކުރުމާމެދު ވަރަށް ފުރިހަމައަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެފޮތުގައި އެކަލޭގެފާނު ބަޔާންކުރައްވާފައިވާގޮތުގައި މިކަމަކީ މީސްތަކުންނަށް ވަސްވާސްދިނުމަށާއި، މީސްތަކުންގެ އަޅުކަންތަކާމެދު އެބައިމީހުން ޝައްކުކުރުވުމަށް ޝައިޠާނާ ހުޅުވާފައިވާ ދޮރެކެވެ. ޝައިޠާނާގެ ވަސްވާހާއި ޝައްކުގެ ސަބަބުން ނިޔަތް ނުކިއިގެން ބައެއްމީހުން މޮޔަވާ ދަރަޖައަށް ކަންތައްދެއެވެ. މިއީ މިހާރުވެސް އަޅުގަނޑުމެންގެ މުޖުތަމަޢުތަކުން ފެންނަކަމެކެވެ. ނަމާދަށް ހަށަން ނުބަނދެވިގެން އުޅެނީ ކިތައްކިތައް މީހުންތޯއެވެ. ނިޔަތް ރަނގަޅަށް ދުލުން ނުކިއިގެންނެވެ. ހަށަން ބަނުމަށްފަހު، އެކިފަހަރު ހަށަން މޮހާލާތަން ފެނެއެވެ. ހަށަން ބަނދެވޭއިރު ހުންނަނީ އިމާމުމީހާ ސޫރަތުން ފާތިޙާފަށާފައެވެ. ޙަޤީޤަތުގައި މިއީ ގެއްލިގެންދާ އެތައް ޘަވާބުތަކެކެވެ.
ތިންވަނަ މަސްއަލަ:
ނިޔަތް ކިޔުމުގެ މަސްއަލާގައި މީސްތަކުންނަށް އޮޅިފައިވާ ދެމަސްއަލައެއްވެއެވެ. އެއީ ޙައްޖާއި ޢުމުރާއަށް ނިޔަތް ދުލުން ކިޔުމުގެ މަސްއަލައާއި، އުޟުޙިއްޔާ ކަތިލާއިރު ދުލުން ނިޔަތް ކިޔުމުގެ މަސްއަލައެވެ.
ޙައްޖާއި ޢުމުރާއަށް މީޤާތުން ކިޔާ ތަލްބިޔާއަކީ ނިޔަތެއް ނޫނެވެ. ކުރިން ބުނެވުނުފަދައިން ނިޔަތް ގަންނަންޖެހެނީ ހިތުންނެވެ. ޙައްޖަށާއި ޢުމުރާއަށް ތަލްބިޔާކިޔުމުގެ މިސާލަކީ ނަމާދަށް ހަށަން ބަން ތަކްބީރުކިޔުމުގެ މިސާލެވެ. އެއީ ނިޔަތެއް ނޫނެވެ. މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ވިދާޅުވެފައިވެއެވެ. “ނަމާދުގައާއި، ޠަހާރަތުގައާއި، ރޯދައާއި، އަދި އެނޫން އެކަލޭގެފާނުގެ އެއްވެސް އަޅުކަމެއްގައި ނިޔަތް ދުލުންކިޔުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ވާރިދުވެފައެއްނުވެއެވެ. ޙައްޖާއި ޢުމުރާވެސްމެއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙައްޖާއި ޢުމުރާކުރުމަށް އެދިވަޑައިގެންފިނަމަ “އޭ ﷲ، ތިމަން އެވެނި މިވެނި ކަމެއް އެދިވަޑައިގަންނަވަމޭ” ޙަދީޘް ނުކުރައްވައެވެ. އެގޮތަށް އެކަލޭގެފާނުގެ ކިބައިން ޘާބިތުވެގެންނުވެއެވެ. އަދި އެއްވެސް ޞަޙާބީއަކަށް އެކަމަށް އަމުރުކުރައްވާފައެއްވެސްނުވެއެވެ….” (ފަތާވާ އިސްލާމިއްޔާ: 2/ 216)
ހަމައެފަދައިން، އުޟުޙިއްޔާ ކަތިލާއިރުވެސް ނިޔަތް ދުލުން ކިޔުމެއް ނެތެވެ. ކަތިލާއިރު އޮތީ ބިސްމިކިޔުމާއި ތަކްބީރުކިޔުމެވެ. އެއަށްފަހުގައި، މިކަތިލަނީ އެވެނިމީހެއްގެ މަތިންނޭ ބުނުމަކުން މައްސަލައެއްނެތެވެ. ނަމަވެސް، އެފަދައިން ބުނުމަކީ އެއީ ނިޔަތެއް ނޫނެވެ.
__________________________
މަރުޖިޢު:
* النية وأحكامها – إعداد: عفاف بنت يحيى آل حريد