1. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމަކީ ﷲއަށް އީމާންވުމުގެ ތެރެއިން ހިމެނޭކަމެއް.
2. ސަލަފުއްޞާލިޙުން الأسماء والصفات އަށް އީމާންވެވަޑައިގަތްގޮތަށް އީމާންވުމަކީ، މަގުފުރެދުމާއި، ޙައްޤުން އެއްކިބާވުމުން ދުރުކޮށްދޭނެކަމެއް.
3. ޙައްޤުގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ الأسماء والصفات އަށް އީމާންވުމަކީ ޙައްޤުމަގުން އެއްކިބާވާމީހުންނަށް އެއިލާހުގެ ވަޙީކުރައްވާފައިވާ ވަޢީދު ބަސްފުޅުން ސަލާމަތްވުމުގެ މަގެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ( وَذَروا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ ما كَانُوا يَعْمَلُونَ ) [الأعراف : 180] މާނައީ: “އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.”
4. الأسماء والصفات ގެ ޢިލްމު ހޯދުމަކީ އެންމެ މުހިއްމު، އަދި އެންމެ އަހަމިއްޔަތުކަން ބޮޑު ޢިލްމެވެ.
5. ޤުރުއާނުގައިވާ އެންމެ މަތިވެރި އާޔަތް “އާޔަތުލް ކުރުސީ” ގައި ވަނީ ތައުޙީދުގެ މިބަޔަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެހެންމެ އިޚްލާޞް ސޫރަތަކީ ޤުރުއާނުގެ ތިންބައިކުޅަ އެއްބައިކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. މިސޫރަތުގައިވެސް ބަޔާންވެގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ. މިކަމުން ދޭހަކޮށްދެނީ މިޢިލްމުގެ މުހިއްމުކަމެވެ.
6. ޔަހޫދީންނާ ޚިލާފުވުމުގެ ތެރެއިން ހިމެނޭކަމެއް. އެބައިމީހުން ބުނާ ކަމުގައިވެއެވެ. (إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ) (سورة آل عمران:181) މާނައީ: “ހަމަކަށަވަރުން، ﷲއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދިންނެވެ.” (يَدُ اللَّهِ مَغْلُولَةٌ) (سورة المائدة:)64 ) މާނައީ: “ﷲގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ.”