[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

توحيد الأسماء والصفات އަށް އީމާންވުން

الأسماء والصفات އަށް އީމާންވާންޖެހޭގޮތް ޚުލާޞާގޮތެއްގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “نُؤْمِنُ بِكُلِّ مَا وَصَفَ اللهُ بِهِ نَفْسِهِ أَوْ وَصَفَهُ بِهِ رَسُولُهُ مِنْ غَيْرِ تَعْطِيْلٍ، وَلَا تَحْرِيْفٍ، وَلَا تَكْيِيْفٍ، وَلَا تَشْبِيْهٍ.” “ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ނަފްސަށް ޞިފަކުރައްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ އެއިލާހަށް ޞިފަކުރައްވާފައިވާ ކޮންމެ ޞިފަފުޅައަކަށް ތަޢުޠީލުކުރުމެއްނެތި، އަދި ތަޙްރީފުކުރުމެއްނެތި، އަދި ތަކްޔީފުކުރުމެއްނެތި، އަދި ތަޝްބީހަކުރުމެއްނެތި އީމާންވުމެވެ.”

މިތަޢުރީފުގައި ހަތަރުކަމަކުން ރައްކާތެރިވުމަށް އަންގަވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށް ވަނުމުގެ ސަބަބުން މީސްތަކުންގެ ތެރެއިން ބަޔަކު ވަނީ މަގުފުރެދިފައެވެ. އެގޮތުން:

(1) ތަޢުޠީލުކުރުން:

އެއީ އެއްކޮށް ޞިފަ ނަފީކުރުމެވެ. ޤުރުއާނާއި ސުންނަތުގައިވާ ޞިފަފުޅެއް ނުވަތަ އިސްމުފުޅެއް ﷲއަށް ލިބިވޮޑިގެން ނުވާކަމަށް ބުނުމެވެ.

(2) ތަޙްރީފުކުރުން:

ޞިފަފުޅުގެ މާނަ އެހެން މާނައަކަށް ފުރޮޅާލުމެވެ. މިސާލަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަތްޕުޅު ޤުދުރަތްކަމުގައި ޞިފަކުރުމާއި، ލޯބިވެވަޑައިގަތުން އިރާދަކުރެއްވުމަށް ފުރޮޅާލުންވެއެވެ. އެހެނީ ޢަރަބިބަހުގައި އަޞްލަކީ ކަލިމައެއްގެ ބޭރުފުށުގެ މާނައެވެ. އޭގެ ދުރުމާނައަކަށް ބަދަލުކޮށްލެވޭނީ ޤަރީނާއެއް ހެއްކެއް އޮވެގެންނެވެ.

ތަޙްރީފުކުރުމަކީ ޙަޤީޤަތަށްބަލާއިރު ތަޢުޠީލުކުރުމެކެވެ. އެހެނީ، ތަޙްރީފުކުމުގެ ނިމުން ވަނީ އެޞިފައެއް ރައްދުކުރުމާ ހަމައިންނެވެ.

ތަޙްރީފުކުރުމުގައި ދެވައްތަރެއްވެއެވެ. އެއީ:

* ލަފްޒު ތަޙްރީފުކުރުން: މީގެ މިސާލެއްގެގޮތުން: ޖަހުމީންގެ ހަރުކަށިމީހުން ބުނެއުޅޭގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށް ބަސްފުޅު ވަޙީ ނުކުރައްވައެވެ. އަދި ﷲ ގެ ވަޙީ ބަސްފުޅު ((وَكَلَّمَ اللَّهُ مُوسَى تَكْلِيماً)) (النساء: 164) މިއާޔަތް ބަދަލުކޮށްލައި، ބަސްދެންނެވި ފަރާތަކީ މޫސާގެފާނުކަމުގައި ބުނެއެވެ. މިބައިމީހުން މިއާޔަތުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނަންފުޅުގެ އުބުފިލީގައި އަބަފިލިޖަހައެވެ. މިގޮތަށް ހެދުމުން ކަންކުރި ފަރާތަކީ، އެބަހީ ބަސްދެންނެވި ފަރާތަކީ މޫސާގެފާނުކަމުގައި ހަދާލައެވެ. އަދި ރައްދުވި ފަރާތަކީ ﷲކަމުގައި ހަދާލައެވެ. މިއީ ކީރިތި ޤުރުއާން ބަދަލުކުރުމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބަސްފުޅު ވަޙީ ކުރެއްވުމުގެ ޞިފަފުޅު ލިބިވޮޑިގެންވާކަން އެހެން ދަލީލުތަކުން ދަލީލު ލިބެއެވެ.

* މާނައިގެގޮތުން ތަޙްރީފުކުރުން: މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަތްޕުޅު ޤުދުރަތުގެ މާނަކުރާމީހުން ބުނެއުޅެއެވެ. ((يَدُ اللَّهِ فَوْقَ أَيْدِيهِمْ)) (الفتح: 10) (އާޔަތުގެ މާނައީ: ﷲގެ އަތްޕުޅު ވަނީ އެބައިމީހުންގެ އަތްތަކަށްވުރެ މަތީގައެވެ.) މިބައިމީހުން ބުނާގޮތުގައި މިއާޔަތުގެ މާނައީ: “ﷲގެ ޤުދުރަތްފުޅު ވަނީ އެބައިމީހުންގެ ކުޅަދާނަކަމަށްވުރެ މަތީގައެވެ.” މިބުނުމަކީ ބާޠިލުބުނުމެއްކަން އެނގެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެހެން ވަޙީ ބަސްފުޅަކުންނެވެ. ((وَقَالَتْ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ)) (المائدة: 64) މާނައީ: “ޔަހޫދީން ބުންޏެވެ. ﷲގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. އެބައިމީހުންގެ އަތްތައް ބަންދުވާށިއެވެ! އަދި އެބައިމީހުން އެހެން ބުނުމުގެ ސަބަބުން އެބައިމީހުންނަށް ލަޢުނަތްލެއްވިއެވެ. އަދި ކިއެއްތަ! އެކަލާނގެ އަތްޕުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން ހޭދަކުރައްވަތެވެ.” މިއާޔަތުގައި އަތްޕުޅުގެ މާނަ ޤުދުރަތުގެ މާނައަށް ބަދަލުކުރުމަކީ މާނަ އެއްކޮށް ފުށުއަރާނެކަމެކެވެ.

(3) ތަކްޔީފުކުރުން:

ތަކްޔީފުކުރުމަކީ އެޞިފަތަކުގެ ޙަޤީޤަތާއި، ގޮތް ހޯދުމެވެ. މިއީ އިންސާނާގެ ތަޞައްވުރުން ބޭރުގައިވާކަމެކެވެ. އެހެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އެއްފަދަވެގެންވާ، ނުވަތަ އެއްވައްތަރުވެގެންވާ އެއްވެސް ފަރާތެއްނުވެއެވެ.

މިގޮތުން ދެނެގަތުން ދެބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ލޮލުންނާއި، ކަންފަތުންނާއި، ދުލުންނާއި، ނޭފަތުންނާއި، ހަންގަޑު މިފަސްހިއްސުން ދެނެގަނެވޭ ކަންކަމެވެ. މިއީ އިންސާނާއަށް އިޙްސާސްވެގެން ދެނެގަންނަ ދެނެގަތުމެވެ. ކުޑަކުއްޖަކު އެންމެ ފުރަތަމަ ކަންކަން ދެނެގަންނަނީ މިގޮތަށެވެ.

ދެވަނީ: ވިސްނުމާއި، ކުރިން ދެނެގެންފައިވާ ކަމަކުން ދެނެގަންނަ ކަންކަމެވެ. މިދެނެގަތުން ބިނާވެފައިވަނީ އަޅާކިޔުމުގެ މައްޗަށެވެ.

މިގޮތުން ޙިއްސުތަކުން ދެނެގަންނަ ކަންކަމަކީ ޟަރޫރީ ދެނެގަތުމެވެ. މިދެނެގަތުމަށް އިތުރު ހެއްކެއް ބޭނުމެއް ނުވާނެއެވެ. މިސާލަކަށް ފަތިސްވެއްޖެކަމުގެ ޢަލާމާތްތައް ފެނިއްޖެނަމަ އިތުރު ހެއްކަކަށް ބޭނުމެއް ނުވާނެއެވެ. ދެވަނަ ދެނެގަތުމަކީ އަޅާކިޔުމުގެ މައްޗަށް ބިނާވެފައިވާ ދެނެގަތުމެވެ. މިސާލަކަށް، ފޮތެއް ފެނުމުން އަޅުގަނޑުމެންނަށް އޭގެ ބޮޑުކުޑަމިނާއި، ކުލައާއި، ޞިފަ ދެނެގަނެވޭނެއެވެ. އަދި އެހެން ފޮތެއް ފެނިއްޖެނަމަ، ކުރިން ފެނުނު ފޮތާއި، ފަހުން ފެނުނު ފޮތް އަޅާކިޔަން އެނގޭނެއެވެ. މިގޮތުން ދެފޮތުގެ އެއްގޮތްކަންތައްތަކާއި، ފަރަޤު ދެނެގަނެވޭނެއެވެ.

ކަންމިހެންހުރިއިރު، އިންސާނާއަށް ކަމެއް ދެނެގަނެ، ޚިޔާލުކުރަން އެނގޭނީ އަންނަނިވިގޮތްތަކުގެ ތެރެއިން ކަމެއް މެދުވެރިވުމުންނެވެ. އެއީ:

1. އެއްޗެއް ފެނިގެން.

2. ނުވަތަ ފަސްޙިއްސުގެ ތެރެއިން ޙިއްސަކަށް އިޙްސާސްވެގެން.

3. ނުވަތަ އެއްވައްތަރުކުރެވޭފަދަ އެއްޗެއް ކުރިން ދެނެގެންފައިވުން. މީގެ މިސާލަކީ، މީހަކު އަޅުގަނޑުމެން އަޑުނާހާ އަދި ނުދެކޭ ޖަނަވާރެއްގެ ނަންބުނުމެވެ. ޖަނަވާރެއްކަން އެނގުމާއެކު، އެއްކޮށް ޞިފަނުކުރެވުނަސް ޖަނަވާރެއްގެ ބައެއް ޞިފަތަށް ވިސްނޭނެއެވެ. އަދި އޭގެ ސައިޒަކީ މިސާލަކަށް ބުޅަލެއްގެ ސައިޒުކަމުގައި ބުނެއްޖެނަމަ އަޅުގަނޑުމެންނަށް އޭގެ ސައިޒު ދެނެގަނެވޭނެއެވެ. ކުލައަކީ ވަކިކުލައެއްކަން ބުނެއްޖެނަމަ އޭގެ ކުލަ ދެނެގަނެވޭނެއެވެ. މިފަދައިން އިންސާނާ ޚިޔާލީ މަންޒަރުތައް ކުރަހައެވެ.

އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ހީއަކުން، އަދި ޢިލްމަކުން ދެނެނުގަނެވޭނެއެވެ. ހަމައެކަނި އެއިލާހު ދެނެގަނެވޭނީ ޤުރުއާނާއި، އެއިލާހުގެ މާތް ނަބިއްޔާގެ ސުންނަތުންނެވެ. އެހެނީ، އެއްވެސް އިންސާނަކަށް އެއިލާހު މިދުނިޔެމަތީގައި ފެނިފައެއް ނުވެއެވެ. އަދި އެއިލާހާ އެއްފަދަ، އެއްވައްތަރު އެއްވެސް އެއްޗެއް ނުވެއެވެ. ވީއިރު، އިންސާނާއަށް ފެންނަކަންކަމާއި، އިޙްސާސްވާކަންކަމުން އެއިލާހު ދެނެގަނެވޭނީ ކޮންފަދައަކުންތޯއެވެ. ރަސޫލުން މެދުވެރިކުރައްވައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި، ޞިފަފުޅުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީއެވެ. އެހެނީ، އިންސާނާގެ އަމިއްލަ ވިސްނުމާއި ފިކުރަށް އެއިލާހު ދެނެނުގަނެވޭނެއެވެ.

މާނަ ދެނެގަތުމާއި ގޮތް ދެނެގަތުމަކީ ފަރަޤުހުރިދެކަމެވެ. މިސާލަކަށް “السَمِيعُ” ގެ މާނައަކީ އަޑުތައް އެއްސެވުމެވެ. އަދި “البَصِيرُ” ގެ މާނައަކީ ކަންތައްތައް ބައްލަވާވޮޑިގެންވުމެވެ. ގޮތް ދެނެގަތުމަކީ އަޑުތައް އައްސަވާގޮތާއި ބައްލަވާވޮޑިގެންވާގޮތް ހޯދުމެވެ. ނުވަތަ ވަކިގޮތެއް ނިސްބަތްކުރުމެވެ. އެހެންވެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝީގައި އިސްތަވާވޮޑިގެންވާގޮތާ ބެހޭގޮތުން މީހަކު ސުވާލުކުރުމުން އިމާމް މާލިކު ވިދާޅުވެފައިވެއެވެ. ((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ)) “އިސްތަވާވެވޮޑިގަތުން ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”

(4) ތަޝްބީހަކުރުން:

އެއީ ﷲ ސުބުޙާނަހޫ ވަތަޢަލާގެ ޞިފަފުޅެއް އެއިލާހުގެ މަޚްލޫޤުންގެ ޞިފައަކާ ވައްތަރުކުރުމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لَيْسَ كَمِثْلِهِ شَيْءٌ  وَهُوَ السَّمِيعُ الْبَصِيرُ)) الشورى:11 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.” މިއާޔަތުގައިވާ ((لَيْسَ كَمِثْلِهِ شَيْءٌ )) (މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ.”) މިބަސްފުޅުން އެވަނީ އެއްފަދަކުރުން ނަފީކުރައްވާފައެވެ. އަދި ((وَهُوَ السَّمِيعُ الْبَصِيرُ)) (މާނައީ: “އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”) މިބަސްފުޅުން އެވަނީ ޞިފަފުޅުތައް ނަފީނުކުރުމަށާއި، އިންކާރުނުކުރުމަށް އަންގަވާފައެވެ. މިސަބަބާހުރެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “މުޢައްޠިލާއިން އަޅުކަންކުރަނީ ނުވާ ފަރާތަކަށެވެ. އަދި މުޝައްބިހާއިން އަޅުކަންކުރަނީ ބުދަށެވެ. އަދި އެއްކައުވަންތަކަން ޤަބޫލުކުރާމީހާ އަޅުކަންކުރަނީ އެއްކައުވަންތަ، އެއިލާހާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއްނުވާ އިލާހަށެވެ.”