އިސްލާމްކަން
ޢަރަބި ބަހުގައި އިސްލާމްކަމަކީ: ބޯލެނބުމެވެ. ނުވަތަ ނިކަމެތިވުމެވެ. [1]
ޝަރުޢީ ގޮތުން އިސްލާމްކަމުގެ ދެމާނައެއްވެއެވެ. އެއީ ދެޙާލަތެއްގައި ކުރެވޭ ދެމާނައެވެ.
ފުރަތަމަ ޙާލަތު: އީމާންކަމުގެ ޛިކުރު ނުކުރެވޭ ތަނެއްގައި ނުވަތަ ޖުމުލައެއްގައި އިސްލާމްކަމުގެ ވާހަކަ ބަޔާންވެގެން އައިސްފައިވުން.
މިޙާލަތުގައި އިސްލާމްކަމުގެ މުރާދަކީ: ދީނުގެ އެންމެހާ ކަންތައްތަކެވެ. ދީނުގެ އުޞޫލީ އަދި ފަރުޢީ އެންމެހާ ކަންތައްތަކެވެ. އަދި ޢަޤީދާއާއި ބަސްތަކާއި ޢަމަލުތައް މިކަމުގައި ހިމެނިގެންދާނެއެވެ.
މީގެ މިޘާލަކީ އަންނަނިވި އާޔަތްތަކެވެ.
﴿إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ… ﴾[سورة آل عمران ١٩]
މާނައީ: “ހަމަކަށަވަރުން الله ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ…”
﴿ وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ…﴾ [سورة آل عمران ٨٥]
މާނައީ: “ދީނެއްގެގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާގެ ކިބައިން، ފަހެ (އެކަން) ޤަބޫލު ނުވެވޭ ހުއްޓެވެ…”
ދެވަނަ ޙާލަތު: އިޢުތިޤާދާ (ނުވަތަ ޢަޤީދާއާ) ވިދިގެން އިސްލާމްކަމުގެ ލަފުޡު އައުން.
މިޙާލަތުގައި އިސްލާމްކަމުގެ މުރާދަކީ: ބޭރުފުށުގެ ބަސްތަކާއި ޢަމަލުތަކެވެ.
މީގެ މިޘާލަކި:
﴿قَالَتِ الْأَعْرَابُ آمَنَّا قُل لَّمْ تُؤْمِنُوا وَلَـٰكِن قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الْإِيمَانُ فِي قُلُوبِكُم…﴾ [سورة الحجرات ١٤]
މާނައީ: “އަޢުރާބީން (ޢަރަބިކަރައިގެ ޞަޙަރާތެރޭގައި ދިރިއުޅެމުންދިޔަ މީހުން) ބުނެފިއެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އީމާނެއް ނުވެއެވެ. އެހެނެއްކަމަކު، ތިމަންމެން އިސްލާމްވެއްޖައީމުއޭ ބުނާށެވެ. ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެއެވެ…”
އިސްލާމްކަމުގެ ފަސް ރުކުންވެއެވެ. އެއީ:
1 ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުން
2 ނަމާދު ޤާއިމް ކުރުން
3 ޒަކާތްދިނުން
4 ރަމަޟާންމަހު ރޯދަހިފުން
5 ކުޅަދާނަކަން ލިބިއްޖެމީހާ ގެފުޅަށްގޮސް ޙައްޖުވުން
އީމާންކަން
ޢަރަބި ބަހުގައި އީމާންކަމަކީ: ތެދުކުރުމާއި އިޤްރާރުވުމާއި ހަމަޖެހުމެވެ. [2]
ޝަރުޢީ ގޮތުން އީމާންކަމުގެވެސް ދެމާނައެއްވެއެވެ. އެއީ ދެޙާލަތެއްގައި ކުރެވޭ ދެމާނައެވެ.
ފުރަތަމަ ޙާލަތު: އިސްލާމްކަމުގެ ޛިކުރު ނުކުރެވޭ ތަނެއްގައި ނުވަތަ ޖުމުލައެއްގައި އީމާންކަމުގެ ވާހަކަ ބަޔާންވެގެން އައިސްފައިވުން.
މިޙާލަތުގައި އީމާންކަމުގެ މުރާދަކީ: ދީނުގެ އެންމެހާ ކަންތައްތަކެވެ. އުޞޫލީ ކަންތައްތަކާއި އަދި ފަރުޢީ އެންމެހާ ކަންތައްތަކެވެ. އަދި ޢަޤީދާއާއި ބަސްތަކާއި ޢަމަލުތައް މިކަމުގައި ހިމެނިގެންދާނެއެވެ.
މީގެ މިޘާލަކީ އަންނަނިވި ޙަދީޘެވެ.
(صحيح) عَنْ أَبِى هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ – صلى الله عليه وسلم – ((الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً، فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ، وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ )). [رواه مسلم / كتاب: الإيمان / باب: عدد شعب الإيمان… / رقم: ١٥٢- ٨٥/٢ ]
މާނައީ: “އީމާންކަން ހަތްދިހަ އެތައްބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެންވެއެވެ. ފަހެ އޭގެ އެންމެ މާތްވެގެންވަނީ لاَ إِلَهَ إِلاَّ اللَّهُ މިކަލިމައެވެ. އަދި އޭގެ އެންމެ ތިރީގައިވަނީ، މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ އެއްޗެހި އެއްފަރާތްކޮށްލުމެވެ. އަދި ލަދުވެތިކަމަކީވެސް އީމާންކަމުގެ ބައެކެވެ.”
ދެވަނަ ޙާލަތު: އިސްލާމްކަމާ ވިދިގެން އީމާންކަމުގެ ލަފުޡު އައުން.
މިޙާލަތުގައި އީމާންކަމުގެ މުރާދަކީ: އެތެރެފުށުގެ އިޢުތިޤާދުތަކެވެ.
މީގެ މިޘާލަކީ:
﴿وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ أَصْحَابُ الْجَنَّةِ…﴾ [سورة البقرة ٨٢]
މާނައީ: “އަދި އީމާންވެ ޞާލިޙު ޢަމަލުކުރި މީހުން އެއީ ސުވަރުގޭގެ އަހުލުވެރިންނެވެ…”
އަދި ޖިބްރީލު ޙަދީޘްގައިވެސް އީމާންކަން އައިސްފައިވަނީ މިމާނައިގައެވެ.
އީމާންކަމުގެ ހަ ރުކުންވެއެވެ. އެއީ:
1 ﷲއަށް އީމާންވުން
2 އެއިލާހުގެ މަލާއިކަތުންނަށް އީމާންވުން
3 އެއިލާހު ބާވައިލެއްވި ފޮތްތަކަށް އީމާންވުން
4 އެއިލާހުގެ ރަސޫލު ބޭކަލުންނަށް އީމާންވުން
5 އާޚިރަތް ދުވަހަށް އީމާންވުން
6 ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން
އިޙްސާންކަން
ޢަރަބި ބަހުގައި އިޙްސާންކަމަކީ: ޢަމަލުތައް އެންމެ ފުރިހަމަ ރަނގަޅު ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކުރުމެވެ.
ޝަރުޢީ ގޮތުން އިޙްސާންކަމަކީ: ﷲ ތަޢާލާ ފެންނަ ފަދައިން ތިބާ އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނުކަމުގައި ވިޔަސް، އެއިލާހު ތިބާ ދެކެވޮޑިގެންވެއެވެ.
އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމުގެ މައިގަނޑު ދަލީލަކީ އަންނަވި ޙަދީޘެވެ. މިޙަދީޘް ޢިލްމުވެރިންގެ އަރިހުގައި މަޝްހޫރުވެފައިވަނީ ޖިބްރީލުގެފާނުގެ ޙަދީޘްގެ ގޮތުގައެވެ.
(صحيح) عَنْ عُمَرُ بْنُ الْخَطَّابِ – رضي الله عنه- قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ -صلى الله عليه وسلم- ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لاَ يُرَى عَلَيْهِ أَثَرُ السَّفَرِ، وَلاَ يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إِلَى النَّبِىِّ -صلى الله عليه وسلم- فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ
وَقَالَ: يَا مُحَمَّدُ أَخْبِرْنِى عَنِ الإِسْلاَمِ. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- (( الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلاَةَ، وَتُؤْتِىَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً.)) قَالَ: صَدَقْتَ. قَالَ: فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ.
قَالَ: فَأَخْبِرْنِى عَنِ الإِيمَانِ. قَالَ: (( أَنْ تُؤْمِنَ بِاللَّهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ )). قَالَ صَدَقْتَ.
قَالَ: فَأَخْبِرْنِى عَنِ الإِحْسَانِ. قَالَ (( أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ )).
قَالَ: فَأَخْبِرْنِى عَنِ السَّاعَةِ. قَالَ: (( مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ )).
قَالَ: فَأَخْبِرْنِى عَنْ أَمَارَتِهَا. قَالَ: (( أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِى الْبُنْيَانِ )).
قَالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا ثُمَّ قَالَ لِى: (( يَا عُمَرُ أَتَدْرِى مَنِ السَّائِلُ )). قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: (( فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ )). [رواه مسلم /كتاب: الإيمان/ باب: بيان الإِيمَانِ وَالإِسْلاَمِ والإحسان…/ رقم: ٩٣- ١/١]
މާނައީ:
ޢުމަރު رضي اللّه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއް ދުވަހަކު ﷲގެ ރަސޫލާ ﷺ ގެ އަރިހުގައި ތިމަންބޭކަލުން ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު އަތުވެއްޖެއެވެ. އެބޭކަލެއްގެ ފޭރާމުގެ ހުދުކަން ނުހަނު ގަދައެވެ. އަދި އިސްތަށީގެ ކަޅުކަންވެސް އެހާމެ ގަދައެވެ. އެބޭކަލެއްގެ ކިބައިން ދަތުރެއްގެ އަސަރެއް ފެންނާކަށް ނެތެވެ. އަދި ތިމަންބޭކަލުން ކުރެ އެކަކުވެސް އެބޭކަލަކު ދެނެވަޑައިނުގަންނަވަމުއެވެ. ދެން އެބޭކަލަކު ވަޑައިގެން، ނަބިއްޔާ ﷺ ގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. އަދި ނަބިއްޔާ ﷺ ގެ ކަކޫކޮޅުގައި ކަކޫ ޖައްސަވައި، ދެ އަތްތިލަ (އެބޭކަލެއްގެ) ފަލަމަސްގަނޑު މަތީ ބާއްވަވާފައި ދެންނެވިއެވެ.
“އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ.“ފަހެ، ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި (މުދަލު)ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާ އަދި ކުޅަދާނަވެ އެކަމަށް މަގުފަހިވެއްޖެމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.“ ދެން އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.” (ޢުމަރުގެފާނު ވިދާޅުވިއެވެ.) “އެބޭކަލަކާމެދު ތިމަންބޭކަލުން ޢަޖައިބުވީމެވެ. އެހެނީ އެކަލޭގެފާނާ ސުވާލުކުރެއްވުމަށްފަހު، އެކަލޭގެފާނު އެދެއްވި ޖަވާބަކީވެސް ތެދުފުޅެއްކަމުގައި ވިދާޅުވީތީއެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ފަހެ އީމާންކަމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހުގެ ރަސޫލުބޭކަލުންނަށާ އަދި އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.“
ދެން އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ފަހެ އިޙުސާންތެރިކަމާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.”
އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކިވޮޑިގެންވެއެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތްވާނެ ވަގުތާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.” އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ސުވާލު ކުރެވުނު ފަރާތަށް، ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް އެކަމާ ބެހޭގޮތުން އެނގިގެން ނުވެއެވެ.” (އެބަހީ: ދެ ބޭކަލުންކުރެ އެއްވެސް ބޭކަލަކަށް އެކަން އެނގިގެން ނުވެއެވެ.)
ދެން އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތުގެ ޢަލާމާތްތަކާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.”
އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “އެއީ، އަޅު އަންހެނާ އޭނާގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ހުސްފަޔާ، ފޭރާމެއް ނެތި، ފަޤީރު ޙާލުގައި، ބަކަރި ހުއިހައްޕާ އުޅޭ މީހުން ޢިމާރާތްތައް އުސްކުރުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ.”
(ޢުމަރުގެފާނު) ވިދާޅުވިއެވެ. ދެން އެބޭކަލަކު ވަޑައިގަތުމަށްފަހު، ދިގުމުއްދަތެއް ފާއިތުވިއެވެ. ފަހެ އެކަލޭގެފާނު ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރުގެފާނެވެ. ސުވާލުކުރެއްވީ ކޮން ބޭކަލަކުކަން އެނގިލައްވާތޯއެވެ؟”
ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމަކަށަވަރުން އެއީ ޖިބުރީލުގެފާނެވެ. އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުގަންނައިދެއްވުމަށްޓަކައެވެ.”
_______________________________________
1 މިލިޔުމުގެ މައިގަނޑު މަޢުލޫމާތުތައް ނަގާފައިވާނީ الشيخ الحافظ الحكمي ގެ معارج القبول / مجلد:٢/ طبعة: دار ابن الجوزي މިފޮތުންނެވެ.
2 ބައްލަވާ حقوق النبي صلى الله عليه وسلم ل(د محمد خليفة التميمي) / مجلد: ١ / ص: ٢٢ / طبعة: أضواء السلف