ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގައާއި ޞިފަފުޅުތަކުގައި މަޚްލޫޤުންނާ އެއްވައްތަރުވުމުން އެއިލާހު ހުސްޠާހިރުވެގެންވެއެވެ. އެގޮތުން މިމަސްއަލާގައި އަންނަނިވި ދެނުކުތާއިން މިކަން އެނގިގެންދެއެވެ.
1. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ މަޚްލޫޤުންނާ އެއްވައްތަރުވެގެންވާކަން ނަފީކުރައްވާފައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ)) الشورى:11 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((هَلْ تَعْلَمُ لَهُ سَمِيًّا)) مريم:65 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސްއެއްޗެއް ވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ (އެބަހީ، އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.)”
މިދެއާޔަތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ މަޚްލޫޤުންނާ އެއްވައްތަރުވެގެންވާކަން ނަފީކުރައްވާފައިވަކަމަށް ދަލީލުނެގެނީ އަންނަނިވި ގޮތުންނެވެ. އެގޮތުން ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ)) الشورى:11 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.” މިއާޔަތުން ދަލީލުކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ލިބިވޮޑިގެންވާ ފުރިހަމަ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅާ އެއްވައްތަރު ޞިފަފުޅެއް ލިބިގެންވާ އެއްވެސް ފަރާތެއްނުވެއެވެ. އަދިހަމައެހެންމެ، މިއާޔަތުން ވަރަށް މުހިއްމު މަތިވެރިކަމަކަށް ދަލީލުކުރެއެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވާކަން ބަޔާންކުރެއްވުމާ ވިދިގެން އެއިލާހަކީ އައްސަވާވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ އިލާހުކަން ބަޔާންކުރައްވާފައެވެ. މިކަމުން ދޭހަކޮށްދެނީ، އެއިލާހު ވަނީ މަޚްލޫޤުންނާ އެއްވައްތަރުވުމާއި އެއްގޮތްވުން ނަފީކުރައްވާފައިކަމެވެ. ހަމައެފަދައިން، މިއާޔަތުގައި އެވަނީ އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކުރުން މަނާކުރައްވާފައެވެ. އެހެނެއްކަމަކު ޖެހޭނީ، އެއިލާހަށް އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އިޘްބާތުކުރުމާއެކީގައި، އެއިލާހު އެއްވެސް މަޚްލޫޤަކާ އެއްފަދަކުރުމާއި އެއްވައްތަރުކުރުން ނަފީކުރާށެވެ.
2. އެއިލާހުގެ ޞިފަފުޅުތަކުގެ ގޮތް ދެނެގަނެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ ވިސްނުންކޮށިވުމާއި، ޢިލްމުގެ އުނިކަން.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް މަޚްލޫޤަކާ އެއްފަދަ އަދި އެއްވައްތަރުވެގެންނުވާއިރު، އެއިލާހުގެ ޞިފަފުޅުތަކުގެ ގޮތް ދެނެގަތުމަކީ އަޅުގަނޑުމެންނަށް ވާނޭކަމެއް ނޫނެވެ. އެއިލާހުގެ ޞިފަފުޅުތަކުގެ ކައިފިއްޔަތު ވަނީ ވަންހަނާވެގެންނެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَلا يُحِيطُونَ بِهِ عِلْماً)) طـه:110 މާނައީ: “އަދި އެބައިމީހުންނަކަށް އެކަންތައްތަކެއް އެނގިގެނެއް ނުވެއެވެ.” އައްޝައިޚު މުޙައްމަދު އަލްއަމީން އައްޝަންޤީޠީ ރަޙިމަހުﷲ “منهج ودراسات لآيات الأسماء والصفات” އޭ ކިޔުނު ފޮތުގައި މިއާޔަތާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެފޮތުގައި ބަޔާންކުރައްވާފައިވާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކުގެ ކައިފިއްޔަތުގެ ޙަޤީޤަތް ދެނެގަތުމަކީ މުސްތަޙީލުކަމެކެވެ. މިއާޔަތުގައި އަންގަވާފައިމިވަނީ އެކަމެކެވެ. ވިސްނުންތައް ވަނީ އެއިލާހުގެ ޞިފަފުޅުތަކުގެ ޙަޤީޤަތާއި ކައިފިއްޔަތު ހޯދައިގަތުމަށް ނުކުޅެދުންތެރިވެފައެވެ. މިސަބަބާހުރެ ސަލަފުން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކުގެ ކައިފިއްޔަތު އެހުމާމެދު އިންކާރުކުރައްވާފައެވެ .މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝީގައި އިސްތަވާވޮޑިގެންވާގޮތާ ބެހޭގޮތުން މީހަކު ސުވާލުކުރުމުން އިމާމް މާލިކު ރުޅިދުރުވެ ވިދާޅުވެފައިވެއެވެ. ((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ)) “އިސްތަވާވެވޮޑިގަތުން ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”