[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޅިދުވަހު ޝައިޠާނާގެ ކިބައިން ސަލާމަތް ވެގެން ހުންނަން ބޭނުންނަމަ

ޝައްކެއްނެތެވެ. ޝައިޠާނާ އަކީ އަޅުގަނޑުމެންނަށްވާ ބަޔާންވެގެންވާ ޢަދުއްވެކެވެ. އޭއްޗާ އޭތީގެ އަޢުވާނުންގެ ރެޔާދުވާލުގެ މަސައްކަތަކީ އިންސާނުން މަގުފުރެއްދުމެވެ. އަދި އޭތިގެ އެންމެ ބޮޑު މަޤްޞަދަކީ އިންސާނުންލައްވާ ޝިރުކު ކުރުވުމެވެ. އެހެންކަމުން މިޝައިޠާނާއާއި އޭތީގެ ބައިގަނޑުގެ ކިބައިން ރައްކާތެރިވެވޭނެ ގޮތްތައް ހޯދުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: ” مَنْ قَالَ: لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ بِأَفْضَلَ مِمَّا جَاءَ بِهِ إِلا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ.
މާނައީ: އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙާދީޘް ކުރެއްވިއެވެ.” ދުވާލަކު 100 ފަހަރު لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިފި މީހާ ދަންނާށެވެ. އޭނާ 10 އަޅުން މިނިވަންކުރިފަދަ އެވެ. (އެބަހީ : އެކަމުގެ ޘަވާބާ ދަރުމަ ލިބޭނެއެވެ). އަދި އޭނާގެ ހެޔޮކަމުގެ ފަތުގައި 100 ހެޔޮކަން ލިޔުންވޭނެއެވެ. އަދި އޭނާގެ ކިބައިން 100 ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހުގެ އިރުއޮއްސުމާހަމައަށް އޭނާއަށް ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. އަދި އެދުވަހު އެއަށްވުރެ ހެޔޮވެގެންވާ ކަމަކައިގެން އެއްވެސް މީހަކު ނާންނަހުއްޓެވެ. އެއަށްވުރެ އިތުރަށް ޢަމަލުކޮށްފި މިހަކު މެނުވީއެވެ.”

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ. މިއީ ލުއި އަދި އެހާމެ ދަރުމަޔާ ޘަވާބު ގިނައިންލިބޭނޭ ޢަމަލެކެވެ. ހަމަގައިމުވެސް ހަމަޖެހިލައިގެން ލަސްލަހުން ކީކަމުގައި ވިޔަސް 20 މިނެޓަށްވުރެ އިތުރަށް ނަގާނެހެނެއްހިޔެއްނުވެޔެވެ.
ދެންމިހާ ހިސާބުން الشيخ وحيد عبد السلام بالي حفطه الله އެކަލޭގެފާނު ލިޔުއްވި ފޮތް الصارم البتار في التصدي للسحرة الأشرار (މިފޮތުގެ އިނގިރޭސި ތަރުޖަމާގެ ނަމަކީ Sword Against Black Magic And Evil Magicians އެވެ.) ގައި ގެންނަވާފައިވާ އެކަލޭގެފާނަށް ދިމާވި ހާދިސާއެއްގެ ތަންކޮޅެއް ތަރުޖަމާ ކޮށްލާނަމެވެ. ޝައިޚް ވިދާޅުވެފައިވާ ގޮތުގައި ޝައިޚް ދިޔައީ ޖިންނި މޮޔަވެފައިވާ މީހަކަށް ރުޤްޔާކުރަމުންނެވެ. އިރުކޮޅަކުން ޖިންނި އެމީހާގެ ގައިތެރެއިން ވާހަކަ ދައްކަންފެށިއެވެ. ޝައިޚްއާއި ޖިންނިއާ ދެމެދު ފުދޭވަރަކަށް ވާހަކަ ދެކެވުންފަހުން..
ޝައިޚް : ކަލޭ މީނަގެގައިން ނުނިކުންނާނަންތަ؟
ޖިންނި : ނޫން، މިނުކުންނަނީ، އެކަމަކު ޝަރުތެއްގެމަތިން.
ޝައިޚް : އެއީ ކޮން ޝަރުތެއް؟
ޖިންނި : އަހަރެން މީނަގެގައިން ނުކުމެފަ ވަންނާނީ ކަލޭގެ ގަޔަށް.
ޝައިޚް : މައްސަލައެއްނެތް. އޭނައިގެ ގައިން ނުކުމޭ. ދެންކަލެއަށް ވަދެވެންޏާ އަހަރެންގެ ގަޔަށް ވަދޭ.
އިރުކޮޅަކޮން ޖިންނި ރޯންފަށައިފި..
ޝައިޚް : ބަލަކީއްވެތި ރޮނީ؟
ޖިންނި : މިއަދު ކަލޭެ ގަޔަށް އެއްވެސް ޖިންނި އަކަށް ނުވަދެވޭނެ.
ޝައިޚް : އެއީ ކީއްވެ؟؟
ޖިންނި : އެއީ ކަލޭތިހުރީ މިއަދު ހެނދުނު 100 ފަހަރު لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިގެން.
ޝައިޚް : ހަމަކަށަވަރުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅު ތެދު އެކަލޭގެފާނު ޙަދީޘް ކުރެއްވި..(އެއަށްފަހު މަތީގައިވާ ޙަދީޘް ވިދާޅުވިއެވެ.)

ލޮބުވެތި އަޚުންނާ އުޚްތުންނޭވެ. ﷲ ތަޢާލާގެ ރައްކައުތެރިކަމާއި ޙިމާޔަތް ލިބިގަތުމަށް އަވަސްވެގަންނާށެވެ. އެއިލާހް ޙިމާޔަތް ދެއްވައިފި މީހަކަށް ގެއްލުމެއް ދެވޭނޭ މީހަކު ނުވެއެވެ. ވީމާ މިދުޢާ ކޮންމެ ދުވަހަކު 100 ފަހަރު ކިޔުމަށް ޢަޒުމު ކަނޑައަޅުއްވާށެވެ. ދުވާލުގެ އެކިވަޤުތު ތަކަށް ބަހާލައިގެން ކީކަމުގައި ވިޔަސް އެންމެ ރަގަޅުކަމުގައި ޢިލްމުވެރިންވިދާޅު ވެއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ހެނދުނު ކިޔުމެވެ. އެއީ މުޅިދުވަހަށް އެރައްކައުތެރިކަން ލިބިގަތުމަށްޓަކައެވެ.