[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الأسماء والصفات ގައި އިލްޙާދުކުރުން

އިލްހާދުކުރުމުގެ މާނަ:

الأسماء والصفات ގައި އިލްޙާދުކުރުމަކީ: އެއީ الأسماء والصفاتއަށް ދިނުން ޘާބިތުވެގެންވާ ޙައްޤެއް ދިނުމުންނާއި، އެއިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ މާނަ ދެނެގަތުމުން އެއްކިބާވުމެވެ. ބަހުގެގޮތުން އިލްޙާދުގެ މާނައަކީ ލެނބުމެވެ. އެގޮތުން ލެނބިފައި އިންނާތީ މީހުން މަރުވުމުން ވަޅުލާ ޚާއްޞަވަޅުގަނޑަށް ލަޙުދޭކިޔައެވެ. ހަމައެފަދައިން ޙައްޤުމަގުން ލެނބި ބާޠިލުމަގަށް ދާމީހާއަށް މުލްޙިދޭކިޔައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (( وَذَروا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ ما كَانُوا يَعْمَلُونَ )) الأعراف : 180 މާނައީ: “އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެބައިމީހުން ކޮށްއުޅުނު ކަންތަކަށް އެބައިމީހުންނަށް ޖަޒާ ދެއްވާހުށްޓެވެ.” މިއާޔަތަކީ الأسماء والصفات ގައި އިލްޙާދުކުރާމީހުންނަށްވާ ވަޢީދެކެވެ.

الأسماء والصفات ގައި އިލްޙާދުކުރުމުގެ ވައްތަރުތައް:

ﷲ ތަޢާލާގެ އިސްމުފުޅުތަކުގައި އިލްޙާދުކުރުމުގެ އެކިވައްތަރުތައްވެއެވެ.

1. އެއިސްމުފުޅުތަކުން ބުދުތަކަށް ނަންދިނުމެވެ. މިސާލަކަށް “ލާތު” ކިޔުމެވެ. ލާތު ނެގިފައިވަނީ އިލާހުންނެވެ. އަދި “އަލްޢުއްޒާ” ކިޔުމެވެ. އަލްޢުއްޒާ ނެގިފައިވަނީ “އަލްޢަޒީޒު” އިންނެވެ. އެބައިމީހުން ބުދުތަކަށް ނަންދީފައިވަނީ އެއިލާހުގެ އިސްމުފުޅުތަކުންނެވެ. މިއީ ﷲގެ އިސްމުފުޅުތަކުގައި ކުރެވޭ އެންމެ ބޮޑުވެގެންވާ ވައްތަރުގެ އިލްޙާދެވެ.

2. ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެކަށިގެންނުވާ ނަންތަކުން އެއިލާހަށް ނަންދިނުމެވެ. މިސާލެއްގެގޮތުން ނަޞާރާއިން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް “ބައްޕަ” އެއްގެ ނަންދެއެވެ.

3. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަށީގެންނުވާ އުނިސިފައަކުން އެއިލާހަށް ޞިފަ ނިސްބަތްކުރުމެވެ. މި ވައްތަރުގައި ޔަހޫދީން އިލްޙާދުކޮށް އުޅެއެވެ. އެބައިމީހުން އެއިލާހުގެ ޖަލާލުވަންތަކަމާއި ފުރިހަމަކަމާ އެކަށީގެންނުވާ ގޮތްގޮތަށް އެއިލާހު ޞިފަކޮށްއުޅެއެވެ. އެބައިމީހުން ބުނާ ކަމުގައިވެއެވެ. ((إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ)) آل عمران:181 މާނައީ: “ހަމަކަށަވަރުން، ﷲއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދިންނެވެ.” ((يَدُ اللَّهِ مَغْلُولَةٌ)) المائدة:64 މާނައީ: “ﷲގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ.” މިބައިމީހުން މިޞިފަކުރާ ޞިފަކުރުންތަކުން ﷲ ހުސްޠާހިރުވެގެންވެއެވެ.

4. الأسماء والصفات ގެ ތެރެއިން އިސްމުފުޅަކަށް، ޞިފަފުޅަކަށް، ނުވަތަ އިސްމުފުޅުން ދޭހަކޮށްދޭ މާނައަށާއި ޙުކުމްތަކަށް އިންކާރުކުރުމެވެ. މިއީ ތަޢުޠީލުކުރާމީހުން (އެބަހީ: އިސްމުފުޅުތަކާއި ޞިފަފުޅުތައް އިންކާރުކުރާމީހުން) ގެ ގޮތެވެ. އަދި އިސްމުފުޅު ﷲއަށް ޘާބިތުކޮށް، އެއިސްމުފުޅުން ދޭހަކޮށްދޭ ޞިފަފުޅު ނަފީކުރާމީހުންވެސް ހަމަމިފަދައެވެ. އަދި މިވައްތަރުގެ ތެރެއަށް މުޝްރިކުންގެ އިލްޙާދުކުރުން ވަންނާނެއެވެ. އެހެނީ، މުޝްރިކުން ﷲގެ ބައެއް އިސްމުފުޅުތައް ދޮގުކުރެއެވެ. މިގޮތުން މުޝްރިކުންނާ ބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَإِذَا قِيلَ لَهُمُ اسْجُدُوا لِلرَّحْمَنِ قَالُوا وَمَا الرَّحْمَنُ أَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُوراً)) الفرقان:60 މާނައީ: “އަދި ރަޙްމާންވަންތަ ރަސްކަލާނގެއަށް ތިޔަބައިމީހުން ސަޖިދަކުރާށޭ އެބައިމީހުންނަށް ވިދާޅުވިހިނދު، އެބައިމީހުން ބުންޏެވެ. ރަޙްމާންވަންތަ ރަސްކަލާނގެއަކީ ކޮންއެއްޗެއްހޭ؟ ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވާ އެއްޗަކަށް ތިމަންމެން ސަޖިދަކުރާނެހެއްޔެވެ؟ އަދި އެބައިމީހުންގެ ނަފުރަތުދިޔައީ އިތުރުވެގެންނެވެ.” ހަމައެފަދައިން ޞުލްޙަލް ޙުދައިބިއްޔާގެ ދުވަހުގައި ޞުލްޙައިގެ ފަތުގައި ބިސްމިލިޔުމުން، ރަޙްމާންވަންތަ އިލާހު އެބައިމީހުންނަށް ނޭނގޭކަމަށް ހެދިއެވެ. އެހެނީ އެބައިމީހުން “الرحمن” ގެ އިސްމުފުޅުން ﷲއަށް އިސްމުފުޅުދޭން އެބައިމީހުން އިންކާރުކުރެއެވެ.

5. ﷲގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެއް އެއިލާހުގެ މަޚްލޫޤުންނާ އެއްވައްތަރުކުރުމެވެ. މިސާލަކަށް، ﷲ އައްސަވާވޮޑިގެންވަނީ މަޚްލޫޤުންނާ އެއްފަދައިންނޭ، އެއިލާހު ބައްލަވާވޮޑިގެންވަނީ މަޚްލޫޤުންނާ އެއްފަދައިންނޭ ބުނުމެވެ.