ދާޥޫދު عليه السلام އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ ރަސޫލެކެވެ. އެކަލޭގެފާނަށް ﷲ ތަޢާލާ ޒަބޫރު ބާވާލެއްވިއެވެ.
ސުރުޚީ ގައި ބަޔާންވެފައި އެވާ ބާޠިލު ބުނުމަކީ ދާޥޫދު عليه سلام އާއި އެކަލޭފާނުގެ ޚަސްމުންނާ ބޭހޭގޮތުން އުފައްދާފައިވާ ދޮގުވާހަކަ އެކެވެ. އެވާހަކައިގެ އަސްލަކީ ޔަހޫދީންނެވެ. އެވާހަކަ އަށް ދިއުމުގެ ކުރިން އެޙާދިޘާ ހިގާދިޔަ ގޮތް އެންމެ ތެދުވެރި ފޮތް، އާދެ ﷲ ގެ ކަލާމް ފުޅުން ބަލާލަމާހިންގަވާށެވެ. ކީރިތި ޤުރުއާނުގެ ص ސޫރަތުގައި އެވާހަކަ ބާޔާން ވެގެންވަނީ މިފަދައިންނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ
- إِذْ دَخَلُوا عَلَى دَاوُودَ فَفَزِعَ مِنْهُمْ قَالُوا لا تَخَفْ خَصْمَانِ بَغَى بَعْضُنَا عَلَى بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلا تُشْطِطْ وَاهْدِنَا إِلَى سَوَاءِ الصِّرَاطِ *
- إِنَّ هَذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ
- قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَى نِعَاجِهِ وَإِنَّ كَثِيرًا مِّنْ الْخُلَطَاء لَيَبْغِي بَعْضُهُمْ عَلَى بَعْضٍ إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ – ص: ٢١ – ٢٤
މާނައީ: “( ދާޥޫދު عليه سلام އަޅުކަންކުރައްވަން އިންނަވާ) މިހުރަބުގެ ފާރުމަތިން އެރި ޚަޞްމުންގެ ވާހަކަ ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ.”21 “އެއުރެން ދާޥޫދުގެފާނު އިންނެވިތަނަށް ވަންހިނދު އެއުރެންދެކެ އެކަލޭގެފާނު ސިހިވަޑައިގަތެވެ. އެހިނދު އެއުރެން ދެންނެވިއެވެ. ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. އަޅުގަޑުމެންނީ ދެޚަޞްމުންނެވެ. އަޅުގަނޑުމެން އެކަކު އަނެކަކަށް އަނިޔާ ކޮށްފީމުއެވެ. ފަހެ ކަލޭގެފާނު ޙައްޤު ގޮތުގައި އަޅުގަޑުމެންގެ މެދުގައި ޙުކުމް ކޮށްދެއްވާށެވެ. އަދި އެކަމުގައި ކަލޭގެފާނު ޢަދުލުން އެއްކިބާވެވަޑައިނުގަންނަވާށެވެ. އަދި އަޅުގަނޑުމެންނަށް ސީދާވެގެނަވާ ތެދުމަގަށް މަގުދަށްކަވާށެވެ.”22 ” ހަމަކަށަވަރުން މިއީ އަޅުގަޑުގެ އަޚާއެވެ. އޭނާނަށް ނުވަދިހަ ނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށް ވަނީ އެންމެ ބަކަރިއެކެވެ. ފަހެ އޭނާ ބުންޏެވެ. ‘އެބަކަރިވެސް ތިމަންނާއަށް ދީ އެބަލަހައްޓާ މީހަކީ ތިމަންނާ ކަމުގައި ހަދާށެވ’ެ. އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ.”23 ” ދާޥޫދުގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރު ކުރުމަށް އެދުމުން، އޭނާ ތިބާއަށް އަނިޔާވެރިވެއްޖެއެވެ. (މުދާއެއްކޮށްލައިގެން އުޅޭ) ބައިވެރިންގެ ގިނަމީހުން ހަމަކަށަވަރުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވެއެވެ. އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހުން ފިޔަވައެވެ. އަދި އެއުރެންނީ ވަރަށް މަދު ބައެކެވެ. އަދި ދާޥޫދުގެފާނަށް ތިމަންރަސްކަލާންގެ އެކަލޭގެފާނު އިމްތިޙާނުކުރެއްވީކަން އެނގިވަޑައިގަތެވެ. ފަހެ އެކަލޭގެފާނުގެ ވެރިރަސްކަލާންގެ ޙަޟްރަތަށް ފާފަ ފުއްސެވުމަށް އެދި ދެންނެވިއެވެ. އަދި ސަޖިދައަށް ތިރިވެވަޑައިގެން ތައުބާވެ ވަޑައިގަތެވެ.”
އަލް ޢައްލާމާ އައްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހު ﷲ އަލްއަރްބަޢޫނައްނަވަވިއްޔާ ގެ ވިހި ވަނަ ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. “ޔަހޫދީން ބުންޏެވެ. ދާޥޫދު ޢަލައިހިސަލާމް ގެ ލަޝްކަރުގައިވާ ސިފައިންގެ މީހެއްގެ ވަރަށް ރީތި އަނތްބަކު ހުރެއެވެ. ފަހެ ދާޥޫދު ޢަލައިހިސަލާމް މިއަންހެނާގެ ބޭނުމުގައި މިސިފައިންގެ މީހާ ހަނގުރާމައަށް ފޮނުވިއެވެ. އެއީ އެހަނގުރާމަައިގާ އޭނާ ޤަތުލުވުމުން މި އަންހެންމީހާއާ ކައިވެނިކުރުމަށްޓަކައެވެ.” (http://www.ibnothaimeen.com/all/books/article_17780.shtml)
އެއަށްފަހުގައި ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. ” އަހަރެމެންނަށް ޝައްކެއްނެތި އެނގޭ ގޮތުގައި މިފަދައިން ބުނުމަކީ މުންކަރެކެވެ. ފަހެ ޢާއްމު މުސްލިމެއްގެ ފަރާތުންވެސް މިފަދަ ކަމެއް ނުހިނގާނެއެވެ.(ހިނގުމަކީ ދުރު ކަމެކެވެ.) އެހެންވީއިރު އަދި ﷲ ގެ ނަބިއްޔެއްގެ ކިބައިން މިފަދަ ކަމެއްހިނގާނީ ފަހެ ކިހިނަކުންހެއްޔެވެ؟. އެހެނެއްކަމަކު އެބަިމީހުން (އެބަހީ:ޔަހޫދީން) ﷲ އާއި އެއިލާހުގެ ރަސޫލުންނާމެދު ދޮގުވާހަކަ އުފެއްދީއެވެ.”
އާދެ މިހާހިސާބުން އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. އެއީ، ދާޥޫދު ޢަލައިސަލާމް ގެ ކިބައިން ކުށެއްނުހިނގާނަމަ އެކަލޭގެފާނު ފާފަ ފުއްސެވުމަށް އެދިވަޑައިގެން ތައުބާވެ ވަޑައިގަތީ ކީއްވެތޯއެވެ؟. މިސުވާލުގެ ޖަވާބުގައި ޝައިޚް ޢުޘައިމީން ވިދާޅުވެފައިވަނީ މިފަދައިންނެވެ. “ފަހެ މިކަމުގައި ދާޥޫދު ޢަލައިހިއްސަލާމް ގެ ކިބައިން ކޮންމެސްވަރެއްގެ ކުއްތަކެއް ހިނގާފައި އެބަވެއެވެ. އެއީ:
- ދާޥޫދު ޢަލައިހިއްސަލާމް އަކީ މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވުމަށް ﷲ އަމުރު ކުރައްވާފައިވާ ނަބިއްޔެކެވެ. ނަމަވެސް އެކަލޭގެފާނު ކޮންމެސްވަރަަކަށް އެކަމުން ދުރުހެލިވެވަޑައިގެން އަޅުކަން ކުރެއްވުމަށްޓަކައި މިޙްރާބުގައި އިންނެވިއެވެ.
- އެކަލޭގެފާނު އިންނެވީ މިޙްރާބް ގެ ދޮރު ލައްޕަވައިގެންނެވެ. އެހެންކަމުން ޚަޞްމުންނަށް ޖެހިވަޑައިގަތީ މިހްރާބުގެ ފާރުމަތިން އަރާށެވެ. މިކަމަކީ ފަހަރެއްގައި އެބައިމީހުންނަށް އަނިޔާއެއްވެދާނެ ކަމަކަށްވެދާނެއެވެ.
- އެކަލޭގެފާނު ޙުކުމް ކުރެއްވީ ދެޚަޞްމުންކުރެ އެކަކުގެ ވާހަކަ އަޑުއެސްވުމަށްފަހުއެވެ. މިއީ ރަގަޅު ގޮތެއްނޫނެވެ. އެހެނީ ޙާކިމާ ޙުކުމް ކުރަންވާނީ ދެޚަޞްމުންގެ ވާހަކަ އަޑުއަހާފައެވެ.
ފަހެ މިހެންވެ ދާޥޫދު އަލައިހިއްސަލާމް އަށް ﷲ سبحانه و تعالى މިކަމުން އެކަލޭގެފާނު އިމްތިހާން ކުރެއްވީކަން އެނގިވަޑައިގަތެވެ. އެހިނދު އިސްތިޣުފާރުކުރައްވާ ސަޖިދައަށް ތިރިވެވަޑައިގެން ތައުބާވެވަޑައިގަތެވެ.”
އެހެންކަމުން ޔަހޫދީން އެކަލޭގެފާނާމެދު ބުނެފައި އެވަނީ ބާޠިލު ބުނުމެކެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ދޮގު ނޫންކަމުގައި ވާނަމަ ދިވެހީން ރޯދަ މަހު ބަލަމުންއަންނަ ‘ މުހަންމަދުން ރަސޫލުﷲ ‘ އޭ ކިޔޭ ޑުރާމާ ގައިވެސް މިވާހަކަ ގެނެސްފައި ވަނީ މިފަދަ ގޮތަކަށެވެ. އެހެންކަމުން ދިވެހިންގެ ވަރަށް ގިނަބަޔަކު މި ބާޠިލު ޤަބޫލުކުރުން ޤަބޫލު ކުރާނެކަމުގައި ބެލެވެއެވެ. އެހެނީ ބައެއްމީހުންގެ ގާތުގައި އެޑުރާމާއަކީ ޙުއްޖަތެކެވެ. ނަމަވެސް ބުނަމެވެ. އެއްވެސް ފިލްމަކީ އަދި ޑްރާާމާއަކީ ހުއްޖަތެއް ނޫނެވެ. ޙުއްޖަތަކީ ޤުރުއާނާ ސުންނަތެވެ. އަދި އެޑްރާމާ އަކީ ޙައްޤާ ބާޠިލް އެއްކޮށް މަސްހުނިކޮށްފައިވާ ޑްރާމާ އެކެވެ. އަދި މުސްލިމުންގެ ދުލުން ބޭރުކުރުން ހެޔޮނުވާފަދަ ކުފުރުގެ ބަސްތައް އޭގައި ބުނާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ވީއިރު އެފަދަ އެއްޗެއް ހުއްޖަތެއްކަމުގައި ބެލެވޭނީ ފަހެ ކޮން ފަދައަކުންހެއްޔެވެ؟
ﷲ سبحانه و تعالى އަޅުގަނޑުމެންނަށް ޙައްޤު ޙައްޤުގެގޮތުގައި ދައްކަވާ އެޙައްޤަށް ތަބަޢަވުމުގެ ހެޔޮތަޥްފީޤު ދެއްވާށިއެވެ. އަދި ބާޠިލު ބާޠިލުގެގޮތުގައި ދައްކަވާ އެބާޠިލުން ދުރުވެ ރައްކާތެރިވުމުގެ ހެޔޮތަޥްފީޤު ދެއްވާށިއެވެ. އާމީން.