الحمد لله والصلاة والسلام على رسول الله وبعد.
މުންކަރެއްކުރެވޭ ހިނދު އެކަން ފެންނަމީހަކު ނުވަތަ އެކަން އެނގޭ މީހަކު އެކަމަށް އިންކާރުކުރަންޖެހެއެވެ. މިއީ ދީނުގައި ވަރަށްވެސް ބާރުއަޅާފައިވާކަމެކެވެ. މިގޮތުން ރަސޫލާ صلى الله عليه وسلم ޙާދީޘްކުރެއްވިއެވެ.
(صحيح) ((مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ )). [رواه مسلم / كتاب: الإيمان/ باب: كون النهي عن المنكر من الإيمان… / رقم: 175-1/78]
މާނައީ” ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއްނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަ ނުވާނަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ”.
މިގޮތުން ކޮންމެ މީހަކަށްވެސް ވާޖިބުވެގެންވަނީ އޭނާއާ އެކަށީގެންވާގޮތަށް މުންކަރުތައް އިންކާރުކުރުމަށެވެ. ދުލުން ކަމެއް މަނާކުރުމުގެ ބާރަކީ ޢާންމު ފަރުދުންނަށްވެސް ލިބިފައިވާ ބާރެކެވެ. ނަމަވެސް އަތުން މަނާކުރުން ނުވަތަ ޢަމަލީ ފިޔަވަޅުއަޅާ ކަމެއްމަނާކުރުމުގެ ބާރު އޮންނާނީ ވެރިންނާއި މަސްއޫލިއްޔަތު އެޅިފައިވާ އިދާރާތަކާއި ފަރާތްތަކުގެ އަތުގައެވެ.
އެފަދަ މަސްއޫލުވެރިފަރާތަކުން މީޑިއާގައި ނުވަތަ ސޯޝަލް ނެޓްވޯކެއްގައި “ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން”، ހަމައެކަނި މިހެން ބުނުމުން މަސްއޫލިއްޔަތު އަދާކުރީކަމަކަށް ނުވާނެއެވެ. އެހެނީ ކުށްވެރިއަކު ކުށްކުރާއިރުވެސް އޭނާއަށް މިކުރެވެނީ ކުށެއްކަން ގިނަފަހަރަށް އެނގޭނެއެވެ. ނަމަވެސް އޭނާ އެކުށަށް ގިނަފަހަރަށް އަރައިގަންނަނީ ހުރިހާ މުއައްސަސާތަކުންވެސް އޭނާ ޖެހިލުންވާފަދަ ފިޔަވަޅެއްނޭޅޭނެކަމުގެ ޔަޤީންކަމުގައެވެ. ނުވަތަ އެކަމުގެ އުންމީދުގައެވެ.
މަސްއޫލުވެރި އިދާރާގެ ޒިންމާ އަދާނުކޮށް އެމީހަކަށް އިނގޭ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރުން މިއަދު ރާއްޖޭގައި ވެފައިމިވަނީ، ސިނގިރޭޓުފޮށީގެ ބޭރުގައި ޖަހާ ލޭބަލްތައްފަދަ އެއްޗަކަށެވެ. “ސިނގިރޭޓަކީ ކެންސަރަށް މަގުފަހިވާ އެއްޗެއް” މިފަދަ ލޭބަލްތަކެވެ. ހަރުކަށިބަސްތައް ބުނުމަށްފަހު ޢަމަލީ ފިޔަވަޅެއް އަޅަން މަސައްކަތް ނުކުރާތަން ފެންނަނީ މަދަކުންނޫނެވެ. މިއަށް ކިޔާނީ ބުނާބަހާއި ކުރާޢަމަލާ ދިމާނުވުމެވެ.
މިޘާލަކަށް ކުޑަކުއްޖަކާ ބަދުއަޚުލާޤީ ޢަމަލެއް ގަދަކަމުން މީހަކު ހިންގުމުން، އެކަމަށް މަސްއޫލުވެރިވާ އިދާރާތަކުން އެކަމާ އެކަށީގެންވާ ފިޔަވަޅެއްނާޅާ ކިތަންމެ ހަރުކަށި ޢިބާރާތުން އެކަން ކުށްވެރިކޮށް، އަދި އެކުށްކުރި މީހާއަށް އެކުށަށް ނުވަތަ އެފަދަ ކުށަކަށް އަރައިގަނެވޭ ގޮތަށް މަގުފަހިވާފަދަގޮތަށް ޢަމަލުކުރަން ދޫކޮށްލާފައިފިނަމަ، މުޖުތަމަޢުގައި ކުރެވޭ ކުށްތައް ހުއްޓޭނެ ދުވަހެއް ފެނުމަކީ ވަރަށްވެސް ދުރުކަމެކެވެ.
ހަމައެފަދައިން ރާއްޖޭގައި މިއަދު ފުރާނައާއި ނަފްސުގެ އަގު މިވަނީ ވަރަށްވެސް ދަށަށް ގޮސްފައެވެ. އެއްވެސް ކުށަކާ ނުލާ މީހުންމަރާފައި މަގުމައްޗަށް އެއްލާލެވެމުން ދާއިރުވެސް މިކަމުގައި ﷲ ތަޢާލާ ކަނޑައަޅާފައިވާ ޙުކުމާ އެއްގޮތަށް ޙުކުމް ކުރަންވީ ވަޤުތު ބުއްދީގެ އަހުލުވެރިންނަށް އަދިވެސް ނުޖެހެނީ ތޯއެވެ؟
﴿وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ﴾ سورة البقرة ١٧٩
މާނައީ: “އޭ ބުއްދީގެ އަހުލުވެރިންނޭވެ. އަދި ޤިޞާޞްހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.”
އެންމެ މީހަކުމަރައިފިމީހަކީ އެންމެހާ މީސްތަކުންމެރިމީހެއްފަދަ މީހެކެވެ. ނުޙައްޤުން މީހަކު މަރާލުމަކީ ވަރަށްވެސް ބޮޑުކަމެކެވެ. ކޮންމެ މީހަކަށްވެސް މިފަދަކަމެއް ބޮޑަށް އިޙުސާސްވާނީ އޭނާގެ ގާތްމީހެއް ނުވަތަ އާއިލާގެ މީހަކަށް މެދުވެރިވުމުންނެވެ. މިކަމުގެ ހިތާމައާއި ވޭނާއި ހޫނުކަން ތަޙައްމަލުކުރަންޖެހުމުންނެވެ. އެދުވަހުން އޭނާގެ އަތުގައި ބާރުއޮތްނަމަ ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދީގެންވެސް މުޖުތަމަޢުން މިކަން ހުއްޓުވާނަމޭ ހިތަށް އަރާނެއެވެ.
ބުއްދީގެ އަހުލުވެރީންނޭވެ! މުޖުތަމަޢު ދިރުވާ މީސްތަކުންގެ ނަފްސުތަކަށް އަމާންކަން ލިބުމަށް އެދޭނަމަ މީހަކު މަރާމީހެއް މެރުމަށް މަސްއޫލުވެރި އިދާރާތަކުން ފަށާށެވެ. މަރަށްމަރުނުހިފާ ކިތަންމެ މޮޅު ޤާނޫނެއް މިކަމަށް ހެދިނަމަވެސް އެޤާނޫނެއް ފެއިލްވާނެކަމާމެދު އެއްވެސް ޝައްކެތްނެތެވެ.
ބަނޫ އިސްރާއީލުގެ މީހުންނަށް ގެރިކަތިލަން އަމުރުވެވުނީމަ ކަންތައްކުރިފަދައިން އެކި ބަހަނާތަކާ ޢުޛުރުތަކާ ދައްކާ މިކަމުން ރެކެން ނޫޅޭށެވެ. އެކަކު އަތުގަ އޮންނަ މަސްއޫލިއްޔަތު އަދާނުކޮށް އަނެކަކުގެ ބޮލުގައި އަޅުވާފައި އެއްފަރާތަށް ނުޖެހޭށެވެ. މިކަމަކީ ޚަރަދު ބޮޑުކަމެކޭ ނުވަތަ މިކަން ކުރާނެ އެންމެ ރަނގަޅު ވަޞީލަތް ހޯދަން ފޮނުވާގޮތަށް އަނެއްކާވެސް ފަސްކޮށްނުލާށެވެ. މަރުގެ އަދަބު ތަންފީޛުކުރާނެ ގޮތް ނުވަތަ އާލަތާ ބެހޭގޮތުން ނުވަތަ ފަރާތަކާ ބެހޭގޮތުން ބަހުޘްކުރަން ތިއްބާ އިތުރުމީހުން ރަޙުމެއްނެތި މަރާލެވޭތަން މިއޮއްފެންނަނީއެވެ. މިއަދު އެއީ ތިބާކަމުގައި ނުވިޔަސް މާދަމާ ތިބާގެ ސައިކަލު ޕާކުކޮށްފައި ގެއަށް ވަދެގެން އާދެވޭނެކަމުގެ ޔަޤީންކަން ތިބާއަށް އެބައޮތް ހެއްޔެވެ؟
އަމާންކަމުގެ ނިޢުމަތަކީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. އަމާންކަމަކީ ކާބޯތަކެތީގެ ނިޢުމަތަށްވުރެވެސް އަސާސީ ނިޢުމަތެކެވެ. ނުވަތަ އެފަދަ ނިޢުމަތެކެވެ.
﴿وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّـهِ وَالْيَوْمِ الْآخِرِ… ﴾ سورة البقرة ١٢٦
މާނައީ: “އަދި އިބްރާހީމުގެފާނު ދުޢާކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. މިއަޅާގެ ރައްބެވެ. މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ. އަދި އެރަށުގެ އަހުލުވެރިންކުރެ الله އަށާއި އާޚިރަތްދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒްޤުދެއްވައިފާނދޭވެ.”
ވަޤުތު ފާއިތުވުމުގެކުރިން ހޭ ޖެހޭށެވެ. އަދި އިސްލާމީ ޝަރީޢަތް ރާއްޖޭގައި ތަންފީޛުކުރުމަށް މަސައްކަތްކުރަމާ ހިނގާށެވެ. ޚާއްޞަކޮށް އިސްލާމްދީނުގައިވާ ޙައްދުތައް ފަހަނައަޅާދާމީހުންގެ މައްޗަށް ޝަރުޢީ ޙައްދުތައް ޤާއިމުކޮށް އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ބާރުއަޅަމާ ހިނގާށެވެ.
ނުޙައްޤުން ޤަތުލުކުރެވިފައިވާ އަދި އަނިޔާލިބިފައިވާ އެންމެހާ އަޚުންނަށާއި އުޚްތުންނަށް ﷲ ތަޢާލާ ހެޔޮރަޙްމަތްލައްވާށިއެވެ. އަދި އެބައިމީހުންގެ އާއިލާތަކަށް ކެތްތެރިކަމާ ޘާބިތުކަން ދެއްވާށިއެވެ.