މިއުންމަތަށް އައި އެންމެ ހެޔޮވެގެންވާ ބޭކަލުންނަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން ކަމާމެދަކު ޝައްކެއްނެތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، މިއުންމަތުގެ އެހެން ހުރިހާ އެންމެންގެ މައްޗަށް އެ ބޭކަލުން މަތިވެރިކުރައްވާފައެވެ. އެއީ އޭގެފަހުން ދުވަހަކުވެސް ނާންނާނެ ފަދަ މަތިވެރި، ޤަދަރު ލިބިގެންވާ ބައެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެ ބޭކަލުންނަށް ދުޢާކުރުމާއި، އެ ބޭކަލުންނާމެދު ހެޔޮކޮށް ހީކުރުމާއި، އެ ބޭކަލުންގެ ޢަބުރާ ޢިއްޒަތް ދިފާޢުކުރުން ދީނީކަމެއްގެ ގޮތުގައި ލައްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ކީރިތި ފޮތުގައި ޞަޙާބީންނަށް ޘަނާ ވަޙީކުރައްވާފައެވެ. ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނުގެ ޠާހިރުވެގެންވާ ސުންނަތުގައި އެ ބޭކަލުންނަށް ޘަނާ ޙަދީޘްކުރައްވާފައެވެ. އެ ބޭކަލުންގެ މަތިވެރިކަމާއި ޢިއްޒަތަށް މިކަން ފުދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
((وَالسَّابِقُونَ الأَوَّلُونَ مِنْ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً ذَلِكَ الْفَوْزُ الْعَظِيمُ)) سورة التوبة : 100
މާނައީ: “މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވީ މީހުން (ދަންނާށެވެ!) ﷲ އެބައިމީހުނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހުނެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި އެބައިމީހުން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.”
އަދި ޞަޙީޙުލް ބުޚާރީގައި އަބޫ ސަޢީދު އަލް ޚުދްރީ ރަޟިޔަاﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަاﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((لاَ تَسُبُّوا أَصْحَابِي فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ))
މާނައީ: “ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން ހޭދަކުރިނަމަވެސް، އެ ބޭކަލުންގެ ތެރެއިން ބޭކަލެއް ހޭދަކުރާ މުއްދެއްގެ މިންވަރާވެސް އެއްވަރުނުވާ ހުށްޓެވެ. އަދި (ކީއްކުރަންތޯއެވެ؟) މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުށްޓެވެ.”
އަބޫ ޒުރްޢާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޞަޙާބީއެއްގެ ޤަދަރުކުޑަކުރުމަށް މަސައްކަތްކުރާ މީހެއް ތިބާއަށް ފެނިއްޖެނަމަ، އެމީހަކީ ޒިންދީޤެއްކަން ދަންނާށެވެ. އެހެނީ، ތިމަންމެންގެ ކައިރީގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ބަޔާންވެގެންވާ ޙައްޤު ނަބިއްޔާއެވެ. އަދި ކީރިތި ޤުރުއާނަކީ ޙައްޤު ފޮތެވެ. ތިމަންމެންނާ ހަމައަށް ޤުރުއާނާއި ސުންނަތް (އެބަހީ: ހަދީޘްތައް) ގެނެސްދެއްވީ ޞަޙާބީންނެވެ. އެބައިމީހުން ބޭނުންވަނީ އެ ބޭކަލުންގެ އުނިސިފަތައް ފާޅުކޮށް، ޤުރުއާނާއި ސުންނަތަކީ ބާޠިލު އެއްޗެއްކަމުގައި ހެދުމެވެ. އެފަދަ މީހުންގެ ނުބައި ސިފަތައް ބަޔާންކުރުން އަހަރެމެންނަށް އައުލާވެގެންވެއެވެ. ޒިންދީޤުންނަކީ ހަމަ އެބައިމީހުންނެވެ.”
އައްޠަޙާވީ ރަޙިމަހުﷲ “ޢަޤީދަތު އަހުލުއް ސުންނާ” ގައި ވިދާޅުވެފައިވެއެވެ. “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންދެކެ ލޯބިވަމެވެ. އެ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ދެކެ ލޯބިވުމުގައި ޙައްދުފަހަނަ އަޅައިނުދަމެވެ. ހަމައެހެންމެ އޭގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން ބަރީއަވެގެންނުވަމެވެ. އެ ބޭކަލުންދެކެ ރުޅިއަންނަ ނުވަތަ އެ ބޭކަލުންނާ މެދު ބަދުބަސް ބުނާ ކޮންމެ މީހަކު ދެކެ ތިމަންމެން ރުޅި އަންނަމެވެ. ތިމަންމެން، އެ ބޭކަލުން ބަޔާންކުރާހުށީ ރިވެތިގޮތުގައެވެ. އެ ބޭކަލުން ދެކެ ލޯބިވުމަކީ ދީނެވެ. އީމާންކަމެވެ. އަދި އިޙްސާންތެރިކަމެވެ. އަދި އެ ބޭކަލުން ދެކެ ރުޅި އައުމަކީ ކުފުރެކެވެ. ނިފާޤްކަމެކެވެ. އަދި ނުކިޔަމަންތެރިކަމެކެވެ.”
އިމާމް އަބޫ ޢުޘްމާން އައް ޞާބޫނީ ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “ޢަޤީދަތުއް ސަލަފް ވަ އަޞްޙާބިލް ޙަދީޘް” ގައި ވިދާޅުވެފައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންގެ މެދުގައި ހިނގާދިޔަ ޚިޔާލުތަފާތުވުމުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުން އެއްކިބާވުމާއި، އެ ބޭކަލުންނަށް ޢައިބުބަސްތައް ރައްދުކުރުމާއި، ޤަދަރުކުޑަކުރުމުގެ ގޮތުން ބަސްތައް ބުނެހެދުމުން ދޫތައް ސަލާމަތްކުރުމަކީ، އެބައިމީހުން (އެބަހީ: ސަލަފުއްޞާލިހުން) ދެކޭގޮތެވެ. ﷲ ގެ ޙަޟްރަތުގައި އެ ބޭކަލުންނަށް ރަޙްމަތް ލެއްވުމަށް ދުޢާކުރުމާއި އެ ބޭކަލުންނަށް ތަބާވުމަކީވެސް އެބައިމީހުން ދެކޭގޮތެވެ.”
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “އަލްޢަޤީދަތުލް ވާސިޠިއްޔާ” ގައި ވިދާޅުވެފައިވެއެވެ. “ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ އުޞޫލުތަކުގެ ތެރޭގައި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއިމެދު ހިތާއި ދޫތައް (އެ ބޭކަލުންނާއި ދޭތެރޭ ނުބައިކޮށް ހީކުރުމާއި، ބަދުބަސްތައް ރައްދުކުރުމުން) ސަލާމަތްކުރަންޖެހެއެވެ.”
އެބޭކަލުންނަކީ އެފަދަ މަތިވެރި ބޭކަލުންތަކެއްކަމުގައިވާ ވާއިރު، އެބޭކަލުންގެ ނަމުގައި ފިލްމުތަކުގައާއި ސިލްސިލާތަކުގައި އެބޭކަލުން ތަމްސީލުކުރުމަކީ، އަދި އެބޭކަލުން ތަމްސީލުކޮށްފައިވާ ފިލްމުތައް ދެއްކުމަކީ ވިސްނާލަންޖެހޭ މުހިއްމުކަމެކެވެ. މިފަދަ ފިލްމުތަކާއި ސިލްސިލާތަކަކީ އަޅުގަނޑުމެންގެ މެދުގައި ޢާއްމުވެފައިވާ، އަދި ބައެއް ޓީވީ ޗެނަލްތަކުން އާދަކޮށް ދައްކަމުންގެންދާ ސިލްސިލާތަކެކެވެ. އެގޮތުން، އެސިލްސިލާތަކުގައި ޞަޙާބީން ތަމްސީލުކުރާއިރުވެސް އެބޭކަލުންނާ އެކަށީގެންނުވާގޮތްގޮތަށް ތަމްސީލުކުރުން ފާހަގަކުރެވެއެވެ. މިގޮތުން، ޞަޙާބީންގެ ބައިހުށަހަޅާމީހުން ތުނބުޅިތަކަށް ގޮތްގޮތް ހަދައިގެންދެއްކުން ހިމެނެއެވެ. ބައެއްމީހުން ތުނބުޅި މިޒަމާނުގައި މިކިޔާގޮތަށް “ފުރެންޗު ބިއަރޑް” ހަދައިގެން ދައްކާއިރު އެހެންމީހުން އެހެންގޮތަކަށެވެ. އަދި މިފަދަ ފިލްމުތަކާއި ސީރީސްތަކުގައި ޞަޙާބިއްޔާތުންގެ ޤަދަރާއި ޢިއްޒަތަށް އަރައިގެންފައިވާކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. މިގޮތުން، އެންމެކުޑަމިނުން ހިލޭފިރިހެނުން ކައިރީ އަންހެނާގެ ޢައުރައަކީ މޫނާ ދެއަތްތިލަކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާއިރު، އެކަނބަލުންގެ ނަމުގައި ޢައުރަނިވާނުވާގޮތަށް ހުންނަމީހުން ދައްކައެވެ. މިއީ ހަމަގައިމުވެސް، އެކަނބަލުންގެ ޢިއްޒަތާއި ޤަދަރު ނަގާލައި، އަދި އެކަނބަލުންގެ ދީންވެރިކަމަށް ހަޑިއެރުވުންނޫން އިތުރު ކޮންކަމެއްތޯއެވެ. އަދި އެކަނބަލުންގެ ރޯލުއަދާކުރާމީހުންގެ ހެދުންއެޅުމުގެ ވައްޓަފާޅިއަށް ބަލާލުމުން، އެފަދަ މަތިވެރި ޞަޙާބިއްޔާތުން ތަމްސީލުކުރުމުގައި ކިހާއުނިކަމެއް އެކުލެވޭ ބައެއްކަންވެސް އެނގިގެންދެއެވެ.
މިގޮތުން ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ ކޮމެޓީން ނެރުއްވާފައިވާ ޤަރާރުގައިވެއެވެ. “ހަމަކަށަވަރުން އެބޭކަލުންގެ (އެބަހީ: ޞަޙާބީންގެ) ތެރެއިން އެންމެ ބޭކަލެއްގެ ތަމްސީލުކުރުމަކީ އެބޭކަލަކަށް މަލާމާތްކުރުމާއި ފުރައްސާރަކުރުމެކެވެ. އެރޯލުތަކަށް ކަނޑައަޅާފައިވަނީ ގިނަފަހަރަށް އެބައެއްގެ ޢާއްމު ޙަޔާތުގައި ހެޔޮ، ތަޤްވާވެރިންނެއް ނޫނެވެ. އަދި އިސްލާމީ އަޚްލާޤުގެ ވެރިންނެއްވެސް ނޫނެވެ…” (ޤަރާރު ބައްލަވާ ލައްވާ)
ހިތާމައަކީ، އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި މިފަދަ ސިލްސިލާތަކަކީ ނުވަތަ ފިލްމުތަކަކީ ބައެއްފަހަރަށް ދީނީގޮތުން ބައެއްމީހުން ރުޖޫޢަވެ، އެތަކެތިން ދަލީލުނަގާކަމަކަށްވެފައިވާކަމެވެ. ދީނީކަމެއްގައި ވާހަކަދެކެވޭއިރު، އެފަދަ ސިލްސިލާތަކާއި ފިލްމުތަކުގައި އެކަމު ދައްކަނީ މިހެންނޭ އެހެންނޭ ކިޔައިގެން ވާހަކަދައްކާ އަޑުއިވުމަކީ ޢާއްމުކަމަކެވެ.
ކޮންމެއަކަސް، މީހަކު ބުނެފާނެއެވެ. އެއިގައިވެސް ވަރަށް ގިނަ މަޢުލޫމާތު ލިބެއެވެ. ކަންތައްތައް އެނގެއެވެ. އެކަމުގައި މަޞްލަޙަތެއް އެބައޮތެވެ. ދަންނަވާލަންއޮތީ، ބަޔަކަށް ދީނީކަމެއް ނުވަތަ މަޢުލޫމާތެއް އޮޅުންފިލުވައިދިނުމަށްޓަކައި ޙަރާމްކަންތައްތަކުން އެކަން ހުއްދަވާނީ ކޮންފަދައަކުންތޯއެވެ؟ އަންހެންފިރިހެނުން މަސްހުނިވެގެންނާއި، ޢައުރަނިވާނުވެގެންނާއި، މިއުޒިކާއި، ބުދުތަކަށް ނަމުގައި ސަޖިދަޖަހާ އަޅުކަންކޮށްގެން މީސްތަކުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކޮން ޙައިސިއްޔަތަކުން ހުއްދަވާނެކަމެއްތޯއެވެ؟ ހަމަގައިމުވެސް މިކަމުގައި މަޞްލަޙަތަށްވުރެ ފަސާދަބޮޑުވެގެންވެއެވެ. އިސްލާމްދީނުގައި ކަމެއްގައި މަޞްލަޙަތަށްވުރެ ފަސާދަބޮޑުވެއްޖެނަމަ އެކަމެއްވާނީ މަނާވެގެންނެވެ.
އަޖައިބުކަމަކީ ޞަޙާބީންގެ ތެރެއިން އެއްބައިބޭކަލުން ނުދައްކާ އަނެއްބައިބޭކަލުން ދައްކާދެއްކުމެވެ. ފަހެ، މިކަމުގައި އެކިޞަޙާބީން ތަފާތުކުރުމަކީ ކޮންފަދަ ތާކުންތާކުން ނުޖެހޭ ތަފާތު ކުރުމެއްތޯއެވެ؟ އެކި ޞަޙާބީ ބޭކަލުންގެ މަތިވެރިކަން ތަފާތުވިނަމަވެސް، ޢާއްމުކޮށް ބަލާއިރު އެއިން ކޮންމެ ބޭކަލަކީވެސް އަޅުގަނޑުމެން އިޙްތިރާމުކޮށް، ޤަދަރުކުރަންޖެހޭ ބޭކަލެކެވެ.
ރާބިޠަތުލް އަލްޢާލްމުލް އިސްލާމީގެ ފަރާތުން ބޭއްވި އެކި ޖަލްސާތަކުގައި ވަނީ މިކަމަކީ ޙަރާމްކަމެއްކަމަށް ޤަރާރުތައް ފާސްކޮށްފައެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ ކޮމެޓީންނާއި މިޞްރުގެ ޢިލްމުވެރިންގެ މަޖްލީހުންވެސް ވަނީ މިކަން މަނާކޮށް ޤަރާރު ނެރުއްވާފައެވެ. (ޝެއިޚް ބާޒުގެ ފަތުވާ ބައްލަވާ ލައްވާ) (ބައްލަވާ ލައްވާ)
ނިންމާލަމުން ދަންނަވާލަންއޮތީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް މަތިވެރިކޮށް ހިތުމުގެ ގޮތުން އެފަދަ ފިލްމުތަކާއި ސިލްސިލާތައް ނުދެއްކުމެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންނަށް އިޙްތިރާމުކުރުމާއި ޤަދަރުކުރުމަކީ އިސްލާމީ ޢަޤީދާގެ ތެރެއިންވާކަމެކެވެ. އެބޭކަލުންނަށް ބަދުބަސް ރައްދުކުރުމަކީ މާތް ނަބިއްޔާއަށް ނިޞްބަތްކުރެވޭ ބަހެކެވެ. އެބޭކަލުންނަކީ، އެބޭކަލުންގެ ޖާނާއި މާލުން އިސްލާމްދީނަށްޓަކައި ޤުރުބާންވެވަޑައިގެންނެވި ބޭކަލުންތަކެކެވެ. އެބޭކަލުންނަށް މަލާމާތް ރައްދުވާފަދަގޮތަކަށް އަޅުގަނޑުމެން ކަންތައްކުރުމަކީ ހުއްދަވާނޭކަމެއް ނޫނެވެ. މިފަދަ ފިލްމުތައް ތަރުޖަމާކޮށް އަޑުއެޅުމަކީ ފަސޭހަކަމަކަށްނުވާއިރު، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ އިސްލާމީ ޢިލްމުގެ ފެންވަރު ހެޔޮކުރުމަށްޓަކައި މިއަށްވުރެ ހެޔޮ، މުހިއްމު މަސައްކަތްތައް ކުރުމަކީ ވިސްނުންތެރިކަމެކެވެ. އެންމެ މުހިއްމު ޢިލްމުކަމުގައިވާ ޢަޤީދާއާއި ފިޤުހާ އެހެނިހެން ދީނީ ޢިލްމުތައް ފެތުރުމަށްޓަކައި މިހުރިހާ ހިތްވަރެއް ބޭނުންކުރެއްވިނަމަ ކޮންފަދަތޯއެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޔަރަތާއި، ޞަޙާބީންގެ ސިޔަރަތު، އޭގެ ފުރިހަމަ ޢިއްޒަތާއި ޝަރަފުގައި ދިވެހިބަހުން ހެއްދެވުމަށްޓަކައި މަސައްކަތްކުރެއްވިނަމަ ކޮންފަދަތޯއެވެ؟؟
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުންދެއްވާނދޭވެ. އަދި އަޅުގަނޑުމެންނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ލޯބިކުރަންޖެހޭ ޙައްޤުގޮތުގައި ލޯބިކުރާ ބައެއްކަމުގައި ލައްވާނދޭވެ. އާމީން.