[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ޒަމްޒަމްފެން

އިސްމާޢީލުގެފާނުގެ ބައްޕާފުޅު އިބްރާހީމްގެފާނަކީ ނަބީބޭކަލެކެވެ. ނަބީބޭކަލުންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް މީސްތަކުންނަށް ދީނަށް ގޮވާލާ ދީން ފަތުރުއްވާ ބޭފުޅުންނެވެ. އެބޭފުޅުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންތެރިވެ ވަޑައިގަންނަވައެވެ.

އިސްމާޢީލުގެފާނު ތުއްޕުޅުއިރު އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ޙާޖަރުގެފާނާއެކު އެއްވެސް ގަހެއް، ފެނެއް، ގެއެއްނެތް ހަނަފަސް ސަހަރާއަކަށް ގެންދެވުމަށް އަމުރުކުރެވުނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިމަތިވެރި އަމުރުފުޅު އައި ހިނދު ފުރަތަމަ އިބްރާހީމްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގަތެވެ. އެހެންނަމަވެސް ކެތްތެރިކަމާއި ސާބިތުކަމާއެކު އިސްމާޢީލުގެފާނާއި ޙާޖަރުގޮވައިގެން ހަނަފަސް ސަހަރާއަށް ގެންދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އޯގާވަންތަކަމާއި ކުޅަދުންވަންތަކަން ފުރިހަމައަށް ޤަބޫލުފުޅުކުރައްވަމުންނެވެ.

އިބްރާހީމްގެފާނު އެދެމައިން ހަނަފަސް ސަހަރާއަށް ދޫކުރައްވާ ވަޑައިގަތެވެ. އިބްރާހީމްގެފާނު ވަޑައިގެންނެވުމާއެކު، ޙާޖަރު އިސްމާޢީލުގެފާނާއެކު އެތަނުގައި ސާބިތުކަމާއެކު ހުންނެވުމަށް އަޒުމްކަނޑައެޅުއްވިއެވެ. އަދި އަބަދާއިއަބަދު ﷲގެ މަތިން ހަނދުމަކުރުންމަތީ ދެމިހުންނެވިއެވެ.

މިގޮތުގައި އެ ދެމައިން ހަނަފަސްކަމުގެތެރޭ އުޅުއްވަމުން ގެންދަވާތާ މާގިނަ ދުވަސްތަކެއްނުވަނީ އެތަނަށް ގެންދެވި ކާއެތިކޮޅާއި، ބޯފެންފޮދު ހުސްވެއްޖެއެވެ. އަދި އިސްމާޢީލުގެފާނު ކީރިތިކުރެއްވުން ހުއްޓުވާނެ ގޮތެއްނެތި އެކަލޭގެފާނަށް ދެއްވާނެ ފެންފޮދެއްނަމަވެސް ލިބޭތޯ ސަހަރާތެރޭގައި ހުރި ދެފަރުބަދަ ދޭތެރޭ ހިންގަވަން ފެއްޓެވިއެވެ. ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދަ ދޭތެރޭގައި ބައެއްފަހަރު ހިންގަވާފައި، އަނެއްބައި ފަހަރަށް ދުވެވަޑައިގެން އުޅުއްވިއެވެ. އިސްމާޢީލުގެފާނަށް ދެއްވާނެ ފެންފޮދެއްގެ މިންވަރުވެސް ލިބޭތޯއެވެ.

މިގޮތަށް ދެ ފަރުބަދަ ދޭތެރޭ ބައެއްފަހަރު ފަރުބަދަ މައްޗަށް އަރާ އުޅުއްވަނިކޮށް ކުއްލިއަކަށް އިސްމާޢީލުގެފާނު ކީރިތިކުރެއްވުމުގެ އަޑު ކެނޑިއްޖެއެވެ. ޙާޖަރު އަވަސްއަވަހަށް އިސްމާޢީލުގެފާނު އަރިހަށް ވަޑައިގެންނެވި އިރު، އެތާކައިރިން ފެންމައްޗަށް އަރަނީ އެވެ. ޙާޖަރު އަވަހަށް ކައިރިއަށް ވަޑައިގެން ކައިރިކައިރީ ހިލަޖައްސަވާ ފެންގަނޑު ފެތުރިގެންނުދާގޮތަށް ހެއްދެވި އެވެ. އަދި ” ޒަމްޒަމް” ނަމުން އެފެންގަނޑަށް ނަންދެއްވިއެވެ. އަދި ދުރުހިސާބުން ދަތުރުކޮށްފައި ދިޔަބަޔަކަށް އެހިސާބުގަނޑުގައި ދޫނި އުޅޭތީފެނިގެން އެތަނަށް ދިޔައިރު ފެން ހުއްޓާ ފެނުނެވެ. އަދި ޙާޖަރުގެ ދެމައިންވެސް ފެނުނެވެ. އަދި އޭގެފަހުންއެތާނގައި މީހުން ވަޒަންވެރިވާންފެށިއެވެ. ޙާޖަރުގެ ދެމައިންނަށް ފެންލިބި، ކާއެއްޗެހި ލިބި، އެތާނގައި އިންސާނުންވެސް ދިރިއުޅެން ފެށީއެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އެކަލާނގެއަށް ޙަމްދު ހުއްޓެވެ.

ތިޔަކުދިން ގެ މަންމަމެން، ބައްޕަމެން، ގާތްތިމާގެމީހުން، އަވައްޓެރިން، މަންމައާއިބައްޕަގެ ރައްޓެހިން ޙައްޖަށް ގޮސްފައި އައިސް “މިހިރީ ޒަމްޒަމް ފެނޭ. ބޯލާށޭ” ބުނެ އެ ދޭ ފެނަކީ އެޒަމާނުއްސުރެ މިއަދާ ހަމައަށް ލިބެމުން އަންނަ ފެނެކެވެ. ދީނީގޮތުންނާއި ދުނިޔަވީ އެތައް ފައިދާއެއް އެކުލެވޭ ފެނެކެވެ. ވީމާ ޒަމްޒަމްފެން ފޮދެއްލިބިއްޖެނަމަ އެއްވެސް ކުއްޖަކު އެ ފެންބުއިމުގައި ފަސްނުޖެހޭށެވެ. އެއިންލިބޭ ފައިދާ ލިބިގަތުމަށެވެ. އަދި ޒަމްޒަމްފެން ބޯވަގުތަކީ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވާ ވަގުތުތަކަށްވުމާއެކު އެވަގުތުގައި ދުޢާކުރުމަށް ކޮންމެ ކުއްޖަކުވެސް ހަނދާންބަހައްޓަންވާނެއެވެ. ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَاءُ زَمْزَمَ ، لِمَا شُرِبَ لَهُ))(1) މާނައީ: “ޒަމްޒަމްފެނަކީ އެފެން ބުއިކަމަކަށްވާ ފެނެކެވެ.” އެބަހީ، ކަމަކަށް ނިޔަތްގަނެގެން އެފެން ބުއި ކޮންމެ ކަމަކަށް އެފެނުން މަންފާކުރާނެއެވެ.

_______________________

(1) رواه ابن ماجة، وصححه شيخ الألباني في صحيح ابن ماجة وإرواء الغليل (1123).