[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙީހު އިބުނި ޚުޒައިމާ

ހ. ފޮތުގެ ނަން

 މިފޮތުގެ ނަން މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވަނީ ޞަޙީޙު އިބުނު ޚުޒައިމާގެ ނަމުންނެވެ.މިފޮތުގެ ފެންނަން އޮތްބައި ތަހުޤީޤުކުރައްވާފައިވާ ޢިލްމުވެރިޔެއްކަމަށްވާ ޑރ.މުޙައްމަދު މުސްތަފާ އަޢުޡަމީ ވިދާޅުވެފައިވެއެވެ. ” އެފޮތުގެ ނަމަކީ އެފޮތުގެ މުއައްލިފު ނަންދެއްވާފައިވާ ފަދައިން މުޚުތަޞަރުލް މުޚްތަޞަރު މިން މުސްނަދިއް ޞަޙީހި އަނިއް ނަބިއްޔި ޞައްލަﷲ އަލައިހި ވަސައްލަމައެވެ. (مختصر المختصر من المسند الضحيح عن النبي صلى الله عليه وسلمއެވެ.) އެފޮތަކީ އެކަލޭގެފާނު އެންމެ ކުރިން ލިޔުއްވި ފޮތްކަމަށްވާ އަލްމުސްނަދުއް ޞަހީހިގެ ޚުލާސާއެކެވެ.”

 އަލްޙާފިޡު އިބުނު ޙަޖަރު ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. އިބުނު ޚުޒައިމާ އެކަލޭގެފާނުގެ ފޮތަށް ދެއްވި ނަމަކީ المسند الصحيح المتصل بنقل العدل عن العدل، من غير قطع في السند، و لا جرح في النقلة އެވެ.

 މަދީނާ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔަތިލް ޙަދީޘްގެ އުސްތާޛެއްކަމަށްވާ އައްޝައިޚު ފާއިޒުލް ޤުރަޝީ ޙަފިޡަހުﷲ ވިދާޅުވެފައިވެއެވެ. “އެންމެ ފުރަތަމަ އިބުބނު ހުޒައިމާ ލިޔުއްވި ފޮތަށް ދެއްވި ނަމަކީ އަލްމުސްނަދުއް ޞަހީހި … އެވެ.  ދެން އެޔަށްފަހު އަނެއްކާ އެފޮތް ދިގުވެގެން އެކަލޭގެފާނު އެފޮތުގެ ޚުލާޞާ ލިޔުއްވިއެވެ. މިފަހަރު އެފޮތުގެ ނަމަކަށް ދެއްވީ މުޚްތަޞަރުއް މުސްނަދުއް ޞަހީޙި.. އެވެ. މިފަހަރުވެސް އެފޮތް ދިގުވެގެން އަނެއްކާވެސް މުޚުތަޞަރުގެ ޚުލާސާއެއް އެކަލޭގެފާނު ލިޔުއްވިއެވެ.  އެފޮތުގެ ނަމަކަށްދެއްވީ މުޚްތަޞަރުލް މުޚްތަޞަރު މިން މުސްނަދިއް ޞަހީޙި.. އެވެ. މާނައަކީ ޚުލާސާގެ ޚުލާސާއެވެ.”

 ނަމަވެސް މިފޮތުން މިއަދު އަޅުގަނޑުމެންނާއި ހިސާބަށް ފެންނަން އޮތީ އެފޮތުގެ ހަތަރުބައިކޮށްފައި އެއްބަޔެވެ.

 ށ. މުއައްލިފު

 އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫ ބަކުރު މުޙައްމަދު ބިން އިސްހާޤު ބިން ޚުޒައިމާ އައްނައިސާޕޫރީއެވެ. އެކަލޭގެފާނަކީ ޙަދީޘް އިލްމުގައި ފުންނާބު އުސް އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރީ ސަނަތުން 223 ވަނަ އަހަރު ނައިސާޕޫރުގައެވެ. އެކަލޭގެފާނު ވަރަށް ކުޑައިރު ޤުރުއާން ހިތުދަސްކުރައްވައިފިއެވެ. އަދި އެކަލޭގެފާނު ޙަދީޘް އުގެނިވަޑައިގަތުމަށް ރަށުން ނުކުމެވަޑައިގަތްއިރު އުމުރުފުޅުން 17 އަހަރުފުޅެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޝާފިޢީ މަޒުހަބުގެ ބޮޑު ފިޤުހުވެރިޔެއްކަމުގައެވެ. އެކަލޭގެފާނަށް ޝެއިޚުލް އިސްލާމްގެ ނަމުން ލަޤަބު ދެއްވިފައިވާ ބޭކަލެކެވެ.

 އެކަލޭގެފާނުގެ ޝެއިޚުންނާއި އަދި ދަރިވަރުން

 އެކަލޭގެފާނުގެ ޝެއިޚުންގެ ތެރޭގައި އަލްހާފިޡު އިސްޙާޤު ބިން ރާހުވިޔާ އަދި މުޙައްމަދު ބިން ޙުމައިދު އިމާމު ބުޚާރީ އަދި މުސްލިމު ހިމެނިވަޑައިގަނެއެވެ. ނަމަވެސް ފުރަތަމަ ދެބޭކަލުންގެ އަރިހުން ޙަދީޘް ރިވާނުކުރައްވައެވެ. ސަބަބަކީ އެކަލޭގެފާނު އެދެބޭކަލުންގެ އަރިހުގައި ލިޔުއްވަން އުޅުއްވީ ވަރަށް ކުޑައިރުގައި ކަމަށްވާތީއެވެ. އަދި އެނޫން އެތައް ބޭކަލުންގެ އެކަލޭގެފާނުގެ އުސްތާޛުންގެ ގޮތުގައި ހިމެނިވަޑައިގަނެއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ހަދީޘް ރިވާކުރެއްވި އެކަލޭގެފާނު އުސްތާޛުންގެ ތެރޭގައި ބުޚާރީ އަދި މުސްލިމު ހިމެނި ވަޑައިގަނެއެވެ. ނަމަވެސް އެދެބޭކަލުންގެ ހަދީޘްފޮތްކަމަށްވާ ޞަހީހް ބުޚާރީ އަދި ޞަހީޙް މުސްލިމުގައި އެކަލޭގެފާނުގެ އަރިހުން ޙަދީޘް ރިވާކުރައްވާފައިނުވެއެވެ.

 އެކަލޭގެފާނަށް އިލްމުވެރިންގެ ޘަނާގެ ބަސްފުޅުތައް

 އަލްޙާފިޡު އަބޫ ޢަލީ ނައިސާޕޫރީ ވިދާޅުވެފައިވެއެވެ. “އިބުނު ޙުޒައިމާ ފަދަ ބޭކަލަކު ތިމަންނާ ދެކެވަޑައިނުގަންނަވަމެވެ.”

 އަބޫ ޢަލީ އަލްހާފިޡު ވިދާޅުވެފައިވެއެވެ. “އެކަލޭގެފާނު ޙަދީޘުން ފިޤުހު ދަސްކުރައްވަނީ ޤާރީއަކު ސޫރަތެއް ދަސްކުރައްވާފަދައިންނެވެ.”

 އަބޫ ހަސަން އައްދާރުޤުތުނީ ވިދާޅުވެފައިވެއެވެ. “އިމާމު އިބުނު ހުޒައިމާއަކީ ޢިލްމުގައި ޘާބިތު (ހަނދާންގަދަ) ބޭކަލެކެވެ.”

 އަބޫ އިސްޙާޤު އިބްރާޙިމް ބިން މުޙައްމަދު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. “ތިމަންނާއަށް އިބުނު ޚުޒައިމާ ހުވަފެނުގައި ފެނުނެވެ. އަހަރެން ބުނީމެވެ. ކަލޭގެފާނު އިސްލާމްދީނަށް ކޮށްދެއްވި ކަންތައްތަކަށްޓަކައި ﷲ ހެޔޮ ޖަޒާދެއްވާށިއެވެ. އިބުނު ޚުޒައިމާ ދެންނެވިއެވެ. އުޑުން ޖިބްރީލު ޢަލައިހިއްސަލާމްވެސް ތިޔަފަދައިން ތިމަންނާއަށް ދެންނެވިއެވެ.”

 އެކަލޭގެފާނު ލިޔުއްވާފައިވާ ބައެއް ފޮތްތައް

 އަޅުގަނޑުމެން މި ޒިކުރުކުރަމުންދާ ފޮތް ލައިގެން އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކުގެ އަދަދު ސަތޭކަ ސާޅީހުން މައްޗަށް އަރައެވެ. އޭގެ ތެރޭގައި ތަފްސީރުލް ޤުރުއާން; ފިޤުހު ހަދީޘް ބަރްބަރާ ތިން ފޮތުގެ މައްޗަށް‘، ކިތާބުއް ތަޥްޙީދު ވަ އިޘްބާތުއް ސިފާތު، ޤިރާޢަތު ޚަލްފަލް އިމާމު، އަލްޤަދުރު، ޛިކުރު ނަޢީމުލް ޖަންނަތް އަލްއަހުވާލު، އައްދުޢާ އަދިވެސް އެނޫން އެތައް ފޮތްތަކެއް ހިމެނެއެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ހަދީޘް ފޮތަކީ ނުހަނު މަޝްހޫރު ހަދީޘްފޮތެކެވެ. އަދި އެކަލޭގެފާނު ލިޔުއްވާފައިވާ ކިތާބުއް ތައުހީދަކީ އަހުލުއް ސުންނާގެ އަޤީދާ ބަޔާންކޮށްދެއްވުމަށް މިފަންނުގައި ލިޔެވިފައިވާ އެންމެ ކުރީގެ ފޮތްތަކުގެ ތެރެއިން ފޮތެކެވެ.

 އެކަލޭގެފާނު އަވަހާރަވުން

 އިމާމު ޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތީ ޛުލްޤައިދާ މަހު ދެވަނަ ދުވަހު ހިޖުރީ ސަނަތުން 311 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ އުމުރުފުޅަކީ އޭރު 89 އަހަރެވެ.

ނ. އެކަލޭގެފާނުގެ ޙަދީޘްފޮތުގައި ކަނޑައަޅުއްވާފައިވާ ޝަރުތު

 މިފޮތުގައި އެކަލޭގެފާނު ކަނޑައަޅުއްވާފައިވާ ޝަރުތަކީ ޞައްޙަ ހަދީޘް ނޫން އެހެން ޙަދީޘެއް ބަޔާންނުކުރެއްވުމެވެ. ފޮތުގެ ނަމުގައި އެފަދައިން އެކަލޭގެފާނު ލިޔުއްވާފައިވެއެވެ. އެކަލޭގެފާނުގެ ފޮތުގެ ނަމަކަށް ދެއްވާފައިވާ ޢުންވާނުގެ މާނައަކީ “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މެދުކެނޑުމެއްނެތި އައިސްފައިވާ ހަދީޘްތަކުގެ ޚުލާޞާގެ ޚުލާސާ، އަދި ޙަދީޘް އައިސްފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ގުޅިގެން އަދުލުވެރި ރާވީންގެ ކިބައިން ނަޤުލުވެވިގެންނެވެ. އަދި ﷲގެ އިރާދަފުޅުން ހަދީޘް ރިވާކުރެއްވި ރާވީންގެ ކިބައިން އެއްވެސް ޖަރަޙަކުރެވޭފަދަ ކަމެއް ނުވާނެއެވެ.”

 ޖަރަޙައަކީ ހަދީޘް ރިވާކުރާމީހުންގެ ރިވާޔަތްތައް ރައްދުކުރެވޭފަދަ ސިފަތަކަށް ކިޔޭ ޢިލްމެކެވެ.

 ރ. އެކަލޭގެފާނުގެ ފޮތުގައި ގެންގުޅުއްވާފައިވާ މަންހަޖު

 ހ.  އެކަލެގެފާނުގެ ފޮތް ތަރުތީބު ކުރައްވާފައިވަނީ ކިތާބުތަކާއި އަދި ބާބުތަކުގެ މައްޗަށެވެ. އަދި ފައްޓަވާފައިވަނީ ވުޟޫގެ ކިތާބުންނެވެ. އެޔަށްފަހު ނަމާދުގެ ކިތާބެވެ. އެގޮތަށެވެ. އަދި ކޮންމެ ފޮތެއްގައި އެތައްބާބުތަކެއް ގެންނަވާފައިވެއެވެ.

 ށ.  ޙަދީޘްރިވާކުރައްވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ހިސާބުން ފެށިގެން އެކަލޭގެފާނާއި ހިސާބަށް ސަނަދު އައިސްފައިވާ ޙަދީޘްތަކެވެ. އަދި އެހެން ސަނަދަކުން އެކަލޭގެފާނާއި ހިސާބަށް އެއްޙަދީޘެއް އައިސްފިނަމަ އެޙަދީޘެއްވެސް ބަޔާންކުރައްވައެވެ.

 ނ . އަދި ޙަދީޘްގެ ސަނަދުގެ މައްޗަށާއި އަދި ހަދީޘް ބަސްފުޅުގެ މައްޗަށް ޢާންމުގޮތެއްގައި ތަފްސީލުބަޔާންކުރައްވައެވެ. އަދި ބައެއް ލަފުޒުތަކުގެ ފިލިޖައްސަވައެވެ. އަދި އާންމުގޮތެއްގައި ފައްޓަވާފައިވަނީ ޢަބޫބަކުރު ވިދާޅުވި މިފަދައިންނެވެ. އެއީ އެކަލޭގެފާނުގެ ކުންޏާއެވެ.

 ރ.  ވަރަށްގިނަ ފަހަރު ބާބުތަކުގެ ތަރުޖަމާގައި ނުވަތަ ފެށުމުގައި ބައެއް މައްސަލަތަކުގައި އެންމެ ރާޖިހުގޮތަކީ ކޮބައިކަން ބަޔާންކުރައްވައެވެ. އެއީ އިމާމު ބުޚާރީ އަދި އަބޫ ދާވޫދު ފަދަ އަދި އެނޫން ފިޤުހުވެރި ޙަދީޘްއިލްމުވެރިން ކަންތައްކުރައްވާފައިވާ އުސޫލުންނެވެ.

ބ. ޙަދީޘްފޮތްތަކުގެ މެދުގައި މިފޮތަށް ދެވޭ ދަރަޖަ

 އަލްޙާފިޡު އިބުނު ސަލާޙް ވިދާޅުވެފައިވެއެވެ. “ޞައްހަ ޙަދީޘްތަކުގެ ތެރެއިން ދެޞަޙީޙް (އެބަހީ ޞަޙީޙް ބުޚާރީ އަދި މުސްލިމުގައި ވާ) ޞައްޙަ ޙަދީޘްތައް ފިޔަވައި އިތުރު ޞައްހަ ހަދީޘްތައް ހިމެނޭ ފޮތްތައް ހޯދާ މީސްތަކުންނަށް މިއަންނަނިވި ޙަދީޘްފޮތްތަކުގެ ތެރެއިން ފޮތްތަކުގައި އެޙަދީޘްތައް ހިމެނިފައިވެއެވެ. …  އެގޮތުން ހުރިފޮތްތަކަށް ބަލާއިރު އިބުނު އެފޮތްތަކުގައި ޖަމާކޮށްފައިވާ ހަދީޘްތަކުގައި ޞައްޙަ ޙަދީޘް ގެނައުމަށް ޝަރުތުކޮށްފައިވާ ފޮތްތަކުގެ ތެރެއިން އިބުނު ޚުޒައިމާގެ ފޮތް ހިމެނެއެވެ.”

 އަލްޙާފިޡު އިމާމު ސުޔޫތީ ވިދާޅުވެފައިވެއެވެ. “އިބުނު ޙައްބާނުގެ ޞަޙީޙަށްވުރެ އިމާމު އިބުނު ޚުޒައިމާގެ ފޮތްވަނީ ޞައްހަކަމުގެ ގޮތުން މަތީގައެވެ. ސަބަބަކީ އެކަލޭގެފާނު އެކަމުގައި ފީނުއްވާފައިވާލެއް ފުންކަމުގެ ސަބަބުންނެވެ.”

ރ. ޞަޙީޙް އިބުނު ޚުޒައިމާއަށް އިލްމުވެރިން ކުރައްވާފައިވާ ޚިދުމަތްތައް

 ހ.  އިބުނު މުލައްޤިނު ގެ ނަމުން މަޝްހޫރު ވެވަޑައިގެންފައިވާ ޙަދީޘް ޢިލްމުވެރިޔާ އަލްޙާފިޡު ސިރާޖުއްދީން ޢުމަރު ބިން ޢަލީ އިމާމު މިއްޒީގެ ރާވީންނާއި ބެހޭފޮތެއްކަމަށްވާ ތަހުޒީބުލް ކަމާލު އެފޮތް ޚުލާޞާކުރައްވައި އިތުރު ހަފޮތެއްގެ ރާވީންނާއި ބެހޭ މަޢޫލޫމާތު ފުޓްނޯޓުގެ ގޮތުގައި ބަޔާންކުރެއްވިއެވެ. އެއީ މުސްނަދު އިމާމު ޢަހުމަދާއި ޞަޙީހް އިބުނު ޚުޒައިމާއާ ޞަހީހް އިބުނު ޙައްބާން ، މުސްތަދުރަކު ޙާކިމު، އައްސުނަނުއް ދާރުޤުތުނީ އަދި އައްސުނަނުލް ކުބުރާ ލިލްބައިހަޤީ

 މިހަފޮތެވެ.، މިފޮތަށް އެކަލޭގެފާނު ދެއްވިނަމަކީ އިކްމާލު ތަހުޒީބު ކަމާލެވެ.

 __________________

އަދި މަކްތަބަތުލް އިސްލާމީއިން ވަނީ ޑރ.މުޙައްމަދު މުސްތަފާ އަލްއައުޡަމީ ތަޙުޤީޤުކުރައްވައި ހަތަރު މުޖައްލަދުގެ މައްޗަށް މިފޮތުގެ މިހާ ހިސާބަށް އައިސްފައިވާ ހިސާބު ޗާޕުކޮށް ނެރިފައެވެ.

 و الله أعلم. و صلى الله و سلم على نبينا محمد و آله و صحبه

ނިމުނީ

މަޞްދަރު:

1.  تدوين السنة النبوية لشيخ محمد بن مطر الزهراني رحمه الله

2. www.sunnah.org.sa