މަސްޖިދުއް ނަބަވީގައި 40 ނަމާދު ކުރާ މީހާ މުނާފިޤުކަމުން ދުރުވެގެންވާ ކަމަށް ލިޔުއްވޭނެ ކަމަށް އަހުރެން އަޑު އަހަމެވެ. މި ޙަދީޘް އަކީ ޞައްޙަ ޙަދީޘްއެއް ތޯއެވެ؟
الحمد لله
މިއީއަލްއިމާމް އަޙްމަދު ރިވާ ކުރައްވާފައިވާ ޙަދީޘް އެކެވެ. (12173): عنْ أَنَسِ بْنِ مَالِكٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : ( مَنْ صَلَّى فِي مَسْجِدِي أَرْبَعِينَ صَلاةً لا يَفُوتُهُ صَلاةٌ كُتِبَتْ لَهُ بَرَاءَةٌ مِنْ النَّارِ ، وَنَجَاةٌ مِنْ الْعَذَابِ ، وَبَرِئَ مِنْ النِّفَاقِ ).
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަނަސް ބްން މާލިކު ރިވާ ކުރެއްވިއެވެ. އެކަލޭގެފާނު (ޞައްލައްﷲ ޢަލައިހި ވަސައްލަމް) ޙަދީޘްފުޅު ކުރެއްވިއެވެ. “އެއްވެސް ނަމާދެއް ފާއިތު ނުކޮށް، ތިމަން ކަލޭގެފާނުގެ މިސްކިތް ކޮޅުގައި 40 ނަމާދު ކޮށްފިމީހާ ނަރަކައިން ބަރީއަ ވެގެން ވާކަމަށް ލިޔުއްވޭނެތެވެ. އަދި ޢަޒާބުން (އޭނާ) ދުރު ކުރެވޭނެއެވެ. އަދި މުނާފިޤު ކަމުން އޭނާ ދުރުވެގެން ވެއެވެ.”
މި ޙަދީޘަކީ ޟަޢީފް ޙަދީޘެކެވެ.
(މިޙަދީޘާ ބެހޭ ގޮތުން) “السلسلة الضعيفة”(364) އެވެ. ކިޔޭ ފޮތުގައި އައްޝައިޚު އަލްބާނީ (ރަޙިމަހުﷲ)ވިދާޅުވެފައިވެއެވެ. “މިޙަދީޘް) ޟަޢީފެވެ.” އަދި “ضعيف الترغيب” (755) އެވެ. ކިޔޭ ފޮތުގައި ވިދާޅުވެފައި ވެއެވެ. “(މިއީ) މުންކަރު (ޙަދީޘެކެވެ.)”
އަދި އައްޝައިޚު އަލްބާނީ (ރަޙިމަހުﷲ)”حجة النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ” އެވެ. ކިޔޭ ފޮތުގައި އައްޝައިޚު އަލްބާނީ ވިދާޅުވެފައި ވެއެވެ. މަދީނާއަށް ކުރާ ޒިޔާރަތުގައި ހެދޭ ބިދުޢަ ތަކުގެ ތެރޭގައި “(އެކަމުގެ ސަބަބުން) އެބައިމީޙުން ނަރަކައިން ބަރީއަ ކުރެއްވުމަށާއި މުނާފިޤު ކަމުން ދުރުކުރެވުމަށްޓަކައި މަދީނާގައި ހަފްތާއެއްގެ މުއްދަތަށްމަޑުކޮށް މަސްޖިދުއް ނަބަވީގައި 40 ނަމާދު ފުރިހަމަ ކުރުން މަދީނާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ލާޒިމު ކުރެއެވެ.”
އައްޝައިޚު އިބްނު ބާޒް ވިދާޅުވެފައި ވެއެވެ.
“(މަދީނާއަށް) ޒިޔާރަތް ކުރާ ފަރާތްތަކުން އެތަނުގައި 8 ދުވަހު މަޑުކޮށް 40 ނަމާދު ފުރިހަމަ ކުރަން ޖެހޭ ކަމަށް މީސްތަކުންގެ މެދުގައި ފެތުރި ފާޅުވެފައި ވެއެވެ. މިކަމާ ބެހޭގޮތުން ބައެއް ޙަދީޘް ރިވާވެފައިވީ ނަމަވެސް އެޙަދީޘްތައް ޟަޢީފެވެ. ( أن من صلى فيه أربعين صلاة كتب الله له براءة من النار ، وبراءة من النفاق ) މާނައީ: “އެތާންގައި (އެބަހީ: މަސްޖިދުއް ނަބަވީގައި) 40 ނަމާދު ކޮށްފިމީހާ ނަރަކައިން މިންޖުވެގެންވާ ކަމަށާ އަދި މުނާފިޤު ކަމުން ބަރީއަވެގެން ވާކަމަށް ﷲ ތަޢާލާ ލިޔުއްވަވައެވެ.”
ޙަދީޘް ތަޙްޤީޤު ކުރައްވާ ޢިލްމުވެރިންގެ ގާތުގައި މިއީ ޟަޢީފް ޙަދީޘެކެވެ. އެޙަދީޘްއިން އެއްވެސް ޙުއްޖަތެއް ޤާއިމެއް ނުކޮށްދެއެވެ. އަދި އެޙަދީޘްގެ މައްޗަށް އިޢްތިމާދު ކުރުމެއްވެސް ނުވެއެވެ. އަދި ޒިޔާރަތް ކުރުމަކީ އެކަމުގައި ކަނޑައެޅިގެންވާ ޙައްދެއް އޮތް ކަމެއް ނޫނެވެ. ގަޑިއެއްގެ އިރަށް ނުވަތަ ދެ ގަޑި އިރަށް ނުވަތަ އެއްދުވަސް، ދެދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޒިޔާރަތް ކުރުމީވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. (ޚުލާޞާ ކޮށްލެވިފައި) فتاوى ابن باز (17/406)
މިޟަޢީފް ޙަދީޘްއަށްވުރެ ތަނަވަސް ޙަދީޘެއް، ޙަސަން ދަރަޖައިގައި އަލް އިމާމް ތިރުމިޛީ ރިވާ ކުރައްވާފައި ވެއެވެ.(241) އެއީ ޖަމާޢަތުގެ ނަމާދުގައިހަށަން ބަން ތަކުބީރާ އެކު ޖަމާޢަތުގައި ބައިވެރި ވުމަށް ރައްކާތެރި ވުމުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘެކެވެ. عَنْ أَنَسِ بْنِ مَالِكٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “مَنْ صَلَّى لِلَّهِ أَرْبَعِينَ يَوْمًا فِي جَمَاعَةٍ يُدْرِكُ التَّكْبِيرَةَ الأُولَى كُتِبَتْ لَهُ بَرَاءَتَانِ بَرَاءَةٌ مِنْ النَّارِ وَبَرَاءَةٌ مِنْ النِّفَاقِ ” މާނައީ: އަނަސް ބްން މާލިކު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “މީހަކު ﷲ އަށްޓަކައި، 40 ދުވަސް ވަންދެންނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ތަކުބީރާއެކު ބައިވެރިވެއްޖެނަމަ އޭނާ ދެކަމަކުން ދުރުވެގެން ވާކަމަށް ލިޔުއްވޭނެއެވެ. (އެއީ) ނަރަކައިން ދުރުވެގެން ވާކަމާއި މުނާފިޤު ކަމުން ދުރުވެގެން ވާކަމެވެ.”
މިޙަދީޘް އައިސްފައިވާ ގޮތަށް ބަލާއިރު އެކަމުގެ މާތްކަން (އެބަހީ: އެ 40 ދުވަހުގެ ނަމާދުގެ މާތްކަން) ޖަމާޢަތުގައި ނަމާދުކުރެވޭ ކޮންމެ މިސްކިތަކަށްވެސް ޢާންމުވެގެންވެއެވެ. މަސްޖިދުލް ޙަރާމް އަށް ނުވަތަ މަސްޖިދުއް ނަބަވީއަށް (އެމާތްކަން) ޚާއްޞަވެގެން ނުވެއެވެ. އެކަން ބިނާވެގެން ވަނީ ޖަމާޢަތުގެ ނަމާދުގައި ފުރަތަމަ ތަކުބީރާއެކު 40 ދުވަސް ވަންދެން ނަމާދު ކުރި މީހާގެ މައްޗަށެވެ. އެފަދަ މީހާގެ ދެކަމަކުން ދުރުވެގެންވާ ކަމަށް ލިޔުއްވެއެވެ. ނަރަކައިން ދުރުވެގެންވާ ކަމާއި މުނާފިޤުކަމުން ދުރުވެގެންވާ ކަމެވެ. އެއީ މައްކާގެ މިސްކިތެއް ކަމުގައި ވިޔަސް މަދީނާގެ މިސްކިތެއް ކަމުގައި ވިޔަސް ނުވަތަ އެނޫން އެހެން ތަނެއްގައި ވާ މިސްކިތެއް ކަމުގައި ވިޔަސް މެއެވެ.
والله أعلم .