[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަޢުދު ބުން މުޢާޛު رضي الله عنه (1)

ޞަޢުދު ބިން މުޢާޛު رضي الله عنه އިސްލާމްވެ ވަޑައިގަތީ އެކަލޭގެފާނުގެ އުމުރުން އެއްތިރީސް އަހަރުފުޅުގައެވެ. އަދި ޝަހީދުވެވަޑައިގެން މިދުނިޔެ ދޫކުރައްވާފައިވަނީ އުމުރުން ސަތުތިރީސް އަހަރުފުޅުގައެވެ. މި ހަތް އަހަރު ވެގެންދިޔައީ އެކަލޭގެފާނަށް ނުހަނު ބޮޑު އިމްތިޙާނުތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ހަތް އަހަރަށެވެ. އެކަލޭގެފާނުގެ ހުރިހާ ޖޯރެއް ( ހަކަތައެއް) ﷲ ގެ ދީނަށް ނަޞްރު ހޯދައިދިނުމުގައި ހޭދަކުރެއްވި ހަތް އަހަރަށެވެ. އެކަލޭގެފާނަކީ އިސްކޮޅުން ދިގު ފިރިހެންވަންތަ، އަލި މޫނެއްގެ ވެރިއެކެވެ.

رسول الله صلى الله عليه وسلم ގެ އަރިހުން މަދީނާއަށް ވަޑައިގެން އިސްލާމްދީނުގެ ދަޢުވަތު ފަތުރަމުން ގެންދާ މާތް ޞަޙާބީ މުޞްޢަބު ބިން ޢުމައިރު، މަދީނާގެ އަހުލުވެރިން އެބައިމީހުންގެ ކާބަފައިންގެ ދީނުން ބޭރުކުރަމުންދާ ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު މަދީނާއިން ބޭރުކޮށްލުމަށްޓަކައި ސަޢުދުގެފާނު އަވަސް ފިޔަވަޅުތަކެއްގައި އަސްޢަދު ބުން ޒުރައިހާ ގެ ގެއަށް ވަޑައިގަތެވެ. އެކަލޭގެފާނަށް އެތަނަށް ވަޑައިގަނެވުނުއިރު މުޞްޢަބު ބިން ޢުމައިރު رضي الله عنه މީސްތަކުންނަށް އިސްލާމްދީން އޮޅުންފިލުވައިދެއްވަނީއެވެ. މީސްތަކުން ވަނީ އެކަލޭގެފާނު ވަށާލާފައެވެ. މިމަންޒަރު ދެކިވަޑައިގެން ސަޢުދުގެފާނުވެސް މިކަލޭގެފާނު މިދައްކާ ވާހަކައެއް އަޑުއަހާލުމަށްޓަކައި އެމަޖިލީހުގައި އިށީނދެވަޑައިގަތެވެ. މުޞްޢަބު رضي الله عنه ގެ ވާހަކައިން ސަޢުދުގަފާނަށް ވަރަށް ފުން އަސަރުތަކެއް ކުރަންފެށިއެވެ. އެއަށްފަހު މުޞްޢަބުގެފާނުގެ ވާހަކަފުޅު ހަމަ ނިމުމާއިއެކު ތެދުވެވަޑައިގެން ޝަހާދަތް ކިޔައި އިސްލާމްވެވަޑައިގަތެވެ. އަދި  رسول الله صلى الله عليه وسلم އަށް ބައިޢަތު ހިއްޕެވުމުގެގޮތުން މުޞްޢަބުގެފާނާ ސަލާމްކުރެއްވިއެވެ.

މަދީނާއަށް އާ އިރެއް އެރިކަހަލައެވެ. އެހެނީ ސަޢުދު  رضي الله عنه އަކީ އަންޞާރުންގެ ލީޑަރެވެ. އެހެންކަމުން ސަޢުދުގެފާނު އިސްލާމްވެލެއްވުން ވެގެންދިޔައީ އެތަކެއްބަޔަކު މިދީނާއި މެދު އިތުރަށް ވިސްނުމަށް މެދުވެރިވި ކަމަކަށެވެ.

رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން މަދީނާއަށް ހިޖުރަކުރެއްވުމުން މަދީނާގައި ތިއްބެވި އަންޞާރުން އެބޭކަލުންގެ ޖާނާއި މާލުން، އެއްވެސް ދެކޮޅުވެރިކަމެއް، ދަހިވެތިކަމެއްނެތި އެބޭކަލުންނަށް އެ ވެދެއްވި އެހީއަކީ މުޅިދުނިޔޭގެ ތާރީޚުގައި އަދިއަދަށް ދާންދެންވެސް ރަންއަކުރުން ފަވާލެވިފައިވާ ޙާދިސާއެކެވެ.

ދުވަސްތައް ފާއިތުވަމުންގޮސް، މައްކާގެ މުޝްރިކުން މުސްލިމުންނާއި ހަނގުރާމައަށް އަންނަ ޚަބަރު رسول الله صلى الله عليه وسلم އަށް ލިބިވަޑައިގަތުމުން މުހާޖިރުންނާއި އަންޞާރުން އެއްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ނަޒަރުފުޅު އަންޞާރުންނަށް ހުއްޓިގެން ދިޔައެވެ. އަދި އެބޭކަލުންނަށް ވިދާޅުވިއެވެ. “ހިނގަން މިއުޅޭ ހަނގުރާމައާ ބެހޭގޮތުން ތިޔަބޭކަލުންގެ ޚިޔާލަކީ ކޮބައިތޯބަލަން ތިމަންކަލޭގެފާނު ބޭނުމެވެ.” އެހިނދު ސަޢުދު ބިން މުޢާޛު ތެދުވެވަޑައިގެން ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެން ކަލޭގަފާނަށް އީމާންވަމުއެވެ. އަދި ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވޭ ވަޙީއަކީ ޙައްޤުކަމަށްވެސް ޤަބޫލުކުރަމެވެ. އަޅުގަނޑުމެން ވަނީ ބޮޑުވެގެންވާ ހުވަޔަކުން ހުވާކޮށް ވަރުގަދަވެގެންވާ ބައިޢަތު ހިފުމަކުން ކަލޭގެފާނާއި ބައިޢަތުހިފާފައެވެ. ވީމާ ކުރިއަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައްތައްކުރައްވާށެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ އަރިހުގައި ތިބޭހުށީމެވެ. އަދި ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވެވި އިލާހު ގަންދީބުނަމެވެ. ކަލޭގެފާނު ކަނޑެއްގެކައިރިއަށް ވަޑައިގެން އެކަނޑު ހުރަސްކުރެއްވިކަމުގައިވިޔަސް ތިމަންމެން ކަލޭގެފާނާ އަތާއި އަތްގުޅައިގެން ތިބެ އެކަނޑު ހުރަސްކުރާހުށީމެވެ. އެކަކުވެސް ފަހަތަކަށް ނުޖެހޭނެތެވެ. ދުޝްމިނުންނާއި ހަނގުރާމައަށް ދިއުމަށްޓަކައި އަހަރެމެން މުޅިންތައްޔާރެވެ. އެހެނީ އަހަރެމެންނަށް މިއަދު މިވަނީ މިކަމާއި ކުރިމަތިލާންޖެހިފައެވެ. އަދި ﷲ ތަޢާލާއާއި ބައްދަލުވުމަށް އަޅުގަނޑުމެން ކުރާ އުންމީދުގައި އަޅުގަނޑުމެންނީ ތެދުވެރިންނެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާފަދަ ކަންތައްތަކެއްކުރުމުގެ ތައުފީޤް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ. ވީމާ ކަލޭގެފާނަށް ފެނިވަޑާއިގަންނަވާ ގޮތަކަށް ޢަމަލުކުރައްވާށެވެ. ﷲ ކަލޭގެފާނަށް ރަޙްމަތް ލައްވާނެތެވެ.” އެހިނދު رسول الله صل الله علي وسلم ގެ މޫނުފުޅު ވީ އުފާފުޅުގެ ސަބަބުން އަލިވެ އުޖާލާވެގެން ދިޔައެވެ.