[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް ސަލަފުއްޞާލިޙުންނަށް ފަހްމިވޮގޮތަށް ފަހްމުކުރުން

ސަލަފުއްޞާލިޙުންނަކީ ކޮބާ؟

ސަލަފުއްޞާލިޙުންނޭ ބުނެވެނީ ކޮން ބަޔަކާމެދުގައި ކަމާމެދު ޢިލްމުވެރިން އިޚްތިލާފުވެފައިވެއެވެ. އެގޮތުން:

1. އެއީ ޞަޙާބީންނާއި ތާބިޢީންނާއި، އަތުބާޢުއްތާބިޢީންއެވެ.

2. އެއީ ޞަޙާބީންނާއި ތާބިޢީންނެވެ.

3. އެއީ ހަމައެކަނި ޞަޙާބީންނެވެ.

4. އެއީ ހިޖުރައިން 500 އަހަރުގެ ކުރިން އުޅުނު ބޭކަލުންނެވެ. މިއީ ޝާއްޛު ބަހެކެވެ.

މިބަސްފުޅުތަކުގެ ތެރެއިން ޞައްޙަ ބަހެއްކަމުގައި ބެލެވެނީ އެންމެ ފުރަތަމަ ބަހެވެ. އެއީ ޞަޙާބީންނާއި ތާބިޢީންނާއި، އަތުބާޢުއްތާބިޢީންއެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެވެ. ((خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ)) (متفق عليه) މާނައީ : “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަމީހުންނެވެ. ދެން އޭގެފަހުން އަންނަމީހުންނެވެ.”

ސަލަފުއްޞާލިޙުންގެ ފަހްމުވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

އެއީ ޞަޙާބީންނާއި ތާބިޢީންނާއި އަތުބާޢުއްތާބިއީން އެންމެހާ ޝަރުޢީ ނައްޞުތަކުގެ ނުވަތަ އެއިގެ ބައެއް ނައްޞުތަކުގެ ޢިލްމު ލިބިވަޑައިގެންނެވިގޮތާއި، ފިޤްހުވެރިވެވަޑައިގެންނެވިގޮތާއި، އެ ނައްޞުތަކުން ޙުކުމްތައް ނެންގެވިގޮތެވެ. މިކަމުގެ ޝަރުޠަކީ އެބޭކަލެއްގެ ބަސްފުޅު، ނައްޞަކާ ނުވަތަ އެފަދަ އެހެންބޭކަލެއްގެ ބަސްފުޅާ ޚިލާފުނުވުމެވެ.

މީގެ ތެރޭގައި އެ އެންމެހާ ބޭކަލުން ވެވަޑައިގެންނެވި އިޖުމާޢުއާއި، އެބޭކަލުންގެ ގިނަ ބޭކަލުންގެ ބަސްފުޅާއި، އެއިގެ ތެރެއިން ބޭކަލެއްގެ ބަސްފުޅު މަޝްހޫރުވެފައިވާހިނދު އެބޭކަލެއްގެ ބަސްފުޅާ ޚިލާފު ބަހެއްނެތުމެވެ.

މިކަމުގެ ތެރެއިން ވަކިވަކި ޞަޙާބީންގެ އިޖުތިހާދު ކުރެއްވުމާއި، ޙުކުމަކާމެދު ނުވަތަ ތަފްސީރަކާމެދު އެކިބޭފުޅުންގެ ބަސްފުޅު ތަފާތުވެފައިވުމާއި، އެބޭކަލުންގެ ކިބައިން މަޝްހޫރުވެފައިނުވާ ބަސްފުޅުތައް އެކަހެރިވާނެއެވެ. އެފަދަ ކަންކަން ބެލެވޭނީ ސަލަފުންގެ ބަސްފުޅެއް ކަމުގައެވެ. ސަލަފުންގެ ފަހްމުކަމުގައެއް ނޫނެވެ. އެހެންކަމުން މިއީ ދެކަމެކެވެ.

އެބޭކަލުންގެ ޢިލްމު ޚާއްޞަވި ސަބަބުތައް:

1. ޞަޙާބީން ސީދާކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢިލްމު ނެންގެވުން.

2. އެބޭކަލުން ޢިލްމު ޙާޞިލުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އުފެދޭ ސުވާލުތަކަށް ޖަވާބު ހޯއްދެވުމަށް އަވަސްވެޑައިގަތުން.

3. ނައްޞުތަކަށް ޢަމަލުކުރެއްވުމަށް އަވަސްވެޑައިގަތުން. ޢަމަލުކުރެވޭހުށީ އެނައްޞުތަކުގެ ޢިލްމު ލިބިގެންނެވެ.

4. ވަޙީ ބާވާލެއްވޭ ތަން ޞަޙާބީންނަށް ފެނިފައިވުމުން. މިކަމުގެ ސަބަބުން އެފަދަ ނައްޞުތަކުން ޙުކުމްތައް ނެގުމުގައި މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދެއެވެ. ޞަޙާބީންނަށްފަހު، އެބޭކަލުންގެ ދަރިވަރުން ތާބިޢީބޭކަލުން އެ ޢިލްމު ހޯއްދެވިއެވެ. ދެން އެއަށްފަހު، އަތުބާޢުއްތާބިޢީން އެ ޢިލްމު ތާބިޢީންގެ ކިބައިން ހޯއްދެވިއެވެ.

5. އެބޭކަލުންނަކީ ޤުރުއާނުގެ ބަސްކަމުގައިވާ ޢަރަބިބަސް އެންމެ މޮޅަށް އެނގިވަޑައިގަންނަވާ ބޭކަލުންނެވެ.

އެބޭކަލުންގެ މަގަކީ ޙައްޤުމަގުކަން އަންގައިދޭ ދަލީލުތައް:

1. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالسَّابِقُونَ الأَوَّلُونَ مِنْ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً ذَلِكَ الْفَوْزُ الْعَظِيمُ)) سورة التوبة : 100 މާނައީ : “މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވީ މީހުން (ދަންނާށެވެ!) ﷲ އެބައިމީހުނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހުނެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި އެބައިމީހުން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.”

2. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((لا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ أُوْلَئِكَ أَعْظَمُ دَرَجَةً مِنْ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا وَكُلاًّ وَعَدَ اللَّهُ الْحُسْنَى وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ)) سورة الحديد: 10 މާނައީ : “… (މައްކާ) ފަތަޙަވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެއެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަކުރި މީހުންނަށްވުރެ ދަރަޖައިގެގޮތުން އެބައިމީހުން (އެބަހީ : މައްކާ ފަތަޙަކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާތްކަންބޮޑެވެ. ﷲ ކޮންމެ ބަޔަކަށްމެ ހެޔޮދަރުމަ ވަޢުދުކުރައްވާފައިވެއެވެ. އަދި ﷲ އީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. “

3. ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ((خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ)) (متفق عليه) މާނައީ : “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަމީހުންނެވެ. ދެން އޭގެފަހުން އަންނަމީހުންނެވެ.”

އެބޭކަލުންގެ ފަހުމަށް ތަބާވުމުގެ ފައިދާ:

1. ނައްޞުތަކުގެ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހުގެ ރަސޫލާގެ މުރާދު އެންމެ ފުރިހަމައަށް އެނގުމުގެ މަގަކީ އެއީ އެވެ.

2. ބިދުޢައިގެ ދޮރު ބަންދުކުރުމުގައި މިކަމުގެ މުހިއްމުކަން.

3. އިޚްތިލާފުވުމާއި ބައިބައިވުން ދުރުކޮށްދިނުން.

4. އެބޭކަލުންގެ ފަހުމަށް ތަބާވުމަކީ ހިތްހަމަޖެހޭނެ ކަމެކެވެ.

5. ޞަޙާބީ ބޭކަލުން ބަސްފުޅު ވިދާޅުނުވާ ކަންކަމުގައި ވާހަކަ ނުދެއްކުމަކީ ސަލާމަތުގެ މަގެވެ. ޚާއްޞަކޮށް ޢަޤީދާއާއި އީމާނާގުޅޭ ކަންކަމުގައެވެ.

6. އެއީ ސުންނަތާއި ބިދުޢައަކީ ކޮބައިކަން ދެނެގަތުމުގެ މަގެވެ.