الحمد لله والصلاة والسلام على رسول الله وبعد:
އިޖްތިހާދަކީ ބައިބައިކުރެވޭ އެއްޗެކެވެ. ފަހެ ޢިލްމުގެ އެއްބާބުގައި އިޖްތިހާދުކުރެވިދާނެއެވެ. ނުވަތަ އެއް މަސްއަލައިގައި އިޖްތިހާދުކުރެވިދާނެއެވެ. މުހިންމުކަމަކީ ޙައްޤު ދެނެގަތުމަށްޓަކައި މުޖްތަހިދު ބުރަ މަސައްކަތްކޮށް، ދެން އޭނާއަށް އެފާޅުވިގޮތަށް ޙުކުމްކުރުމެވެ.
ފަހެ އޭނައަށް ޙައްޤުގޮތަށް ވާޞިލުވެވިއްޖެނަމަ ދެއަޖުރުވާނެއެވެ:
އެއީ އޭނާކުރި އިޖްތިހާދަށްވީ އަޖުރާއި ޙައްޤަށް ވާޞިލުވުމުގެ އަޖުރެވެ.
އަދި އޭނާއަށް ކުށްކުރެވިއްޖެނަމަ ފަހެ އޭނާއަށްވަނީ އެއްއަޖުރެވެ. އަދި ކުށުގެ ފާފަވަނީ އޭނާއަށް ފުހެވިގެންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނވި ބަސްފުޅުންނެވެ.
((إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ وَإِذَا حَكَمَ فَاجْتَهَدَ ثُمَّ أَخْطَأَ فَلَهُ أَجْرٌ))
[رواه البخاري / كتاب الإعتصام / باب: أحر الحام إذا اجتهد فأصاب أو أخطأ، ومسلم / كتاب الأقضية / باب: بيان أجر الحاكم إذا اجتهد فأصاب أو أخطأ ]
މާނައީ: “ޙުކުމްކުރާމީހާ ޙުކުމްކުރާއިރު ފަހެ އިޖްތިހާދުކޮށް ދެން ޙައްޤަށް ވާޞިލުވެއްޖެނަމަ ފަހެ އޭނާއަށް ދެއަޖުރުވެއެވެ. އަދި އޭނާ ޙުކުމްކުރާއިރު ފަހެ އިޖްތިހާދުކޮށް ދެން ކުށްކުރެވިއްޖެނަމަ ފަހެ އޭނާއަށް އެއް އަޖުރުވެއެވެ.”
އޭނާއަށް އެކަމުގެ ޙުކުމް ފާޅުނުވެއްޖެނަމަ (ނުވަތަ ބަޔާންނުވެއްޖެނަމަ) ވާޖިބުވެގެންވަނީ އެކަމުގައި ހުއްޓުމެވެ. އަދި ޟަރޫރަތަށްޓަކައި ތަޤްލީދުކުރުން އޭނާއަށް ހުއްދަވެގެންވެއެވެ. އެއީ އަންނަނިވި ވަޙީބަސްފުޅުގެ ސަބަބުންނެވެ.
(فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ)[النحل ٤٣]
މާނައީ: “ތިޔަބައިމީހުންނަށް ނޭނގޭނަމަ ޛިކުރުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ.”
_____________________________
މިއީ “އުޞޫލު އައްސިއްތާ” ގެ ޝަރަހައިގައި ފަޟީލަތުއްޝައިޙު މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله ގެންނަވާފައިވާ މައުޟޫއެއްގެ ތަރުޖަމާއެވެ. [شرح أصول الستة / ص: ١٨١-١٨٤ / طبعة: دار الثريا للنشر.]