الحمد لله والصلاة والسلام على رسول الله وبعد:
އެހެންކަމުން ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
“ހަމަކަށަވަރުން ތަޤްލީދުކުރުންވަނީ މުޅަތަކެތި ކެއުމާ އެއްދަރަޖައެއްގައެވެ. ފަހެ އެމީހަކު އަމިއްލައަށް ދަލީލު ނެރުމަށް ކުޅަދާނަކަން ލިބިއްޖެނަމަ ތަޤްލީދުކުރުން ހުއްދަނުވާނެއެވެ.”
އަދި އިބްނުލް ޤައްޔިމް رحمه الله ‘އައްނޫނިއްޔާގައި’ ވިދާޅުވެފައިވެއެވެ.
العلم معرفة الهدي بدليل ماذاك والتقليد يستويان
މާނައީ: ޢިލްމަކީ ތެދުމަގު އޭގެ ދަލީލާއެކު ދެނެގަތުމެވެ. އެއާ ތަޤްލީދުކުރުމާ ހަމަހަމަނުވާނެއެވެ.
ތަޤްލީދުކުރުންވަނީ ދެ ޙާލަތެއްގައެވެ:
ފުރަތަމަ: ތަޤްލީދުކުރާމީހާއަކީ ޢާންމުންގެ ތެރެއިން މީހަކަށްވެ އޭނާ އަމިއްލައަށް ޙުކުމް ދެނެގަތުމުގެ ކުޅަދާނަކން ލިބިފައިނުވުމެވެ. ފަހެ އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ ތަޤްލީދުކުރުމެވެ. އެއީ އަންނަނިވި ވަޙީ ބަސްފުޅުގެ ސަބަބުންނެވެ.
(فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ)[النحل ٤٣]
މާނައީ: “ތިޔަބައިމީހުންނަށް ނޭނގޭނަމަ ޛިކުރުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ.”
އޭނާ ތަޤްލީދުކުރާނީ އޭނާއަށް އެނގޭ ޢިލްމާއި ވަރަޢުވެރިކަމުގައި [1] އެންމެ ރަނގަޅުމީހާއެވެ. ފަހެ ދެމީހަކު އޭނާގެ ގާތު ހަމަހަމަވެއްޖެނަމަ އެތަނުން އެކަކު އިޙްތިޔާރުކުރާނީއެވެ.
ދެވަނަ: މުޖްތަހިދަށް ދިމާވާ ޙާދިޘާއެއްގައި ކުއްލިގޮތެއް މެދުވެރިވެ އަދި (ދަލީލުތަކަށް) ބަލާ ދިރާސާކުރުމުގެ ފުރުޞަތުނުލިބުން ފަހެ އެ ހިނދު އޭނާއަށް ތަޤްލީދުކުރުން ހުއްދަވާނެއެވެ.
ތަޤްލީދުގެ ދެ ވައްތަރެއްވެއެވެ:
ޢާންމު ތަޤްލީދާއި ޚާއްޞަ ތަޤްލީދެވެ.
ފަހެ ޢާންމު ތަޤްލީދަކީ: ވަކި މަޛްހަބަކަށް ލާޒިމުވެ، ދީނުގެ އެންމެހާ ކަންކަމުގައި އެމަޛްހަބުގެ ރުޚްޞާތަކާއި ޢަޒީމާތަކުގައި ހިފުމެވެ. މިކަމާމެދު ޢިލްމުވެރިން އިޙްތިލާފުވެވަޑައިގެންފައިވެއެވެ.
ފަހެ މިކަމަކީ ވާޖިބުކަމެއްކަމުގައި ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. އެއީ ފަހުގެ މީހުން އިޖްތިހާދުކުރުމަށް ޢުޛުރުވެރިވެފައިވާތީއެވެ.
މިކަމަކީ ޙަރާމްކަމެއްކަމުގައިވެސް ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ފިޔަވާ އެހެން މީހަކަށް ހުރިހާކަމެއްގައި ތަބާވުމަށް ލާޒިމުކުރާތީއެވެ.
ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ފިޔަވާ އެހެންމީހަކަށް އޭނާ ކުރާ ކޮންމެ އަމުރަކާއި ނަހީއެއްގައި ކިޔަމަންގަތުމަކީ ވާޖިބުކަމެކޭ ބުނުމަކީ އިޖުމާޢުއާ ޚިލާފުކަމެކެވެ. އަދި އެކަން ހުއްދަކުރުމުގައި އެކުލެވިގެންވާ [ފަސާދަކުރަނިވި] ކަންތައްތައްތެކެއްވެއެވެ.”
ފަހެ ޚާއްޞަ ތަޤްލީދަކީ: ޚާއްޞަ މައްސަލައެއްގައި ވަކިމީހެއްގެ ބަހަށްބުރަވުމެވެ. ޙައްޤުގޮތް އެނގުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި މިއީ ހުއްދަކަމެކެވެ. އޭނާ ނުކުޅުދުނީ ޙަޤީޤީ ގޮތެއްގައި ނަމަވެސް ނުވަތަ އޭނާއަށް އެކަންކުރެވެނީ ނުހަނު ދަތިކަމާއެކުނަމަވެސް ހަމަހަމައެވެ.
=ނިމުނީ=
_________________________
[1] الورع އަކީ: ޙަރާމްކަންތައްތަކުގެ ސަބަބުން އުނދަގޫވުމާއި އަދި އޭގެން ރައްކާތެރިވުމެވެ. އަދި ބައެއް ޙަލާލްކަންތައްތަކުންނާއި މުބާޙުކަންތައްތަކުން ދުރުހެލިވުމަށްވެސް މިބަސް ބޭނުންކުރެއެވެ. [ބައްލަވާ: المعجم الوسيط]
މިއީ “އުޞޫލު އައްސިއްތާ” ގެ ޝަރަހައިގައި ފަޟީލަތުއްޝައިޙު މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمه الله ގެންނަވާފައިވާ މައުޟޫއެއްގެ ތަރުޖަމާއެވެ. [شرح أصول الستة / ص: ١٨١-١٨٤ / طبعة: دار الثريا للنشر.]