[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 1

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

އެންމެހައި ޙަމްދުހުރީ ﷲ އަށެއެވެ.  އަހަރުމެން ޙަމްދުކޮށް ވާތްގަށާއި އަދި ފާފަފުއްސެވުމަށާއި އަދި ތައުބާ ލެއްވުމަށް އެދި ދަންނަވަނީ އެކަލާންގެ ޙަޟްރަތުންނެއެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކުގެ ނުބައި ކަމުންނާއި، އަޅުގަނޑުމެންނަށް ކުރެވޭ ނުބައި އަމަލުތަކުގެ ނުބައިކަމުން އެކަލާނގެ ކިބައިން ރައްކާތެރިކަމަށް އެދެމެވެ.

އަދި ދަންނާށެއެވެ. ﷲ ހިދާޔަތް ދައްކަވއިފި މީހަކު މަގުފުރައްދާނޭ ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ މަގުފުރައްދައިފި މީހަކަށް ތެދުމަގު ދައްކާނެ ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ ޙައްގުވެގެން އަޅުކަން ކުރެވޭ އިލާހުކަމަށާއި އަދި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަމަށް އަޅުހެކިވަމެއެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި އަދި ރަސޫލާކަމަށް ހެކިވަމެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަދި އަސްޙާބުންގެ މައްޗަށް ޞަލަވާތާއި އަދި ސަލާމް ލައްވައިފާނދޭވެ. އަދި އެއަށްފަހު ދަންނައެވެ.

އަޅުގަނޑުމެންގެ މިދީނުގައި، އިސްލާމްދީނުގައިޢިލްމަށް ދެވިފައިވާ ދަރަޖައާއި އަދި މަތިވެރި މާގާމް އެއްވެސް ބޭފުޅަކަށް ވަންހަނާވެފައެއް ނެތެއެވެ.  މިޢިލްމަކީ މިދީނަށް މީހަކު ވަނުމަށް ފަހު އެންމެ ފުރަތަމަވެސް އޭނަ ހޯދައި ބަލަން ވީ އެއްޗެއެވެ.  އަދި އޭނަ ފަށަންވީ އަސާސެއެވެ. އިންސާނާ އެމަޤްސަދަކަށްޓަކައި ހެއްދެވިގެންވާ މަޤްސަދަކީ ﷲ އެއްކައުވަންތަކޮށް އަޅުކަންކުރުމެވެ. އަދި އިސްލާމީ ޝަރީޢަތް ގާއިމްކުރުމަށެވެ. މިދެކަންތައްވެސްޢިލްމާނުލައި ފުރިހަމަ ވެގެން ނުދާނެއެވެ.

އިލްމަކީ އަސާސެއެވެ. ކޮންމެ މިހާކުވެސް ކޮންމެހެންވެސް ހޯދަން ޖެހޭ އެއްޗެކެއެވެ. އަދި އެއިން ފަށަން ޖެހޭ އެއްޗެއެވެ. އަދި އެއީ މުގައްދިމާއެވެ. ﷲ ތަޢާލާ ވާޙީކުރެއްވި ފަދައިންނެއެވެ.

(فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ…) [محمد ١٩]

މާނައީ: ” ހަމަކަށަވަރުން ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަން ފަހެ ދަންނާށެއެވެ. އަދި ކާލޭގެފާނުގެ ފާފަތައް ފުއްސަވާދެއްވުމަށް އެދި ދަންނަވާށެވެ. އަދި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނަށްޓަކައިވެސްއެވެ.”

މިއާޔަތް ފައްޓަވަމުން ﷲ ތަޢާލާ ވަހީ ކުރައްވަނީ فَاعْلَمْ އެވެ. މާނަޔަކީ “ފަހެ ދަންނާށެއެވެ.” އެބަހީ: އުގެނޭށެއެވެ. ނުވަތަ ހޯދައިބަލައި އެގިގަންނާށެވެ.  އެއީ އިލްމު ހޯދައިގެން ނޫން ގޮތަކަށް ﷲއީ ހައްގުވެގެން އަޅުކަން ވެވޭ އިލާހުކަމުގައި ނޭނގޭނެތީ އެވެ. އަދި އެކަލާނގެ މަޢްރިފާކޮށް ދެނެގަނެވޭނީ ޢިލްމު ހޯދައިގެން ކަމަށް ވާތީއެވެ.

އަދި ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ކިޔުއްވާ ދުޢާއެއްކަމުގައި ” މުސްނަދުލް އިމާމު އަޙްމަދަ” އަދި “ސުނަނު އިބްނު މާޖާ” އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އުއްމު ސަލަމާ ރަޟިޔަ ﷲ ޢަންހާ ކިބައިން ވާރިދުވެގެން ވެއެވެ.

((اللَّهُمَّ إنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزقاً طَيِّباً، وَعَمَلاً مُتَقَبَّلاً))

މާނައީ: ” އޭ ﷲ އެވެ. ހަމަކަށަވަރުން ފައިދާކުރަނިވި ޢިލްމަށް އިބައިލާހު ޙަޟްރަތުން ތިމަން އެދެމެވެ. އަދި ހެޔޮރަނގަޅު ރިޒްޤަށެވެ. އަދި ގަބޫލުކުރައްވާނޭ ޢަމަލުތަކަކަށެވެ.” އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ” ސާލިޙް ރަނގަޅު ޢަމަލަށް އެދެމެއެވެ”

ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ މިދުޢާގައިވެސް ހެޔޮރަނގަޅު ރިޒްޤާއި އަދި ގަބޫލުކުރައްވާނޭ ޢަމަލުތަކުގެ މައްޗަށް އިސްކުރެއްވީ ފައިދާކުރުވަނި ޢިލްމެއެވެ. އެއީ އިންސާނާޔަށް ހެހެޔޮރަނގަޅު ޙަލާލު ރިޒްޤާއި  ނުބައި، ހަޑި، ހަރާމް ރިޒްޤާއި  އަދި ސާލިޙް ހެޔޮރަނގަޅު  ޙަލާލު ޢަމަލުތަކާއި އަދި ނުބައިގޯސް ހަރާމް ޢަމަލުތަކަށް ވަކިކުރަން އެނގޭނީ އޭނަ އުނގެނިފައިވާ ފައިދާކުރުވަނިވި ޢިލްމެއްގެ ސަބަބުން ކަމަށް ވާތީއެވެ.

= ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ