الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ފައިދާކުރުވަނި ޢިލްމަކީ އެއުނގެނޭމީހާއަށްވާ އަލިކަމެކެއެވެ. އަދި އޭނައަށްވާ ނޫރެކެއެވެ. އަދި އެޢިލްމުގެ ސަބަބުން އޭނައަށް ހިދާޔަތުގެ ތެދުމަގު ލިބެއެވެ. ﷲ ވަޙީކުރައްވަނީ:
وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚمَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا…) [ الشورى: ٥٢]
މާނައީ: ” އަދި ހަމައެފަދައިން ތިމަން އިލާހު، ކަލޭގެފާނަށް ޤުރުއާން ވަޙީ ކުރެއްވީމެއެވެ. އެޤުރުއާން ކަލޭގެފާނުގެ މައްޗަށް ބާވާލެއްވުމުގެ ކުރިން، ފޮތަކީ ކޮންއެއްޗެއްކަން އަދި އީމާނަކީ ކޮންއެއްޗެއްކަން ކަލޭގެފާނު ދެނެވަޑިނުގަންނަވައެވެ. އެހެނެއް ކަމަކު ތިމަން އިލާހުގެ އަޅުތަކުންކުރެ، ތިމަންއިލާހު އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވާ ނޫރެއް ކަމުގައި އެޤުރުއާން ތިމަންއިލާހު ލެއްވީމެއެވެ…”
ޢިލްމަކީ ނޫރެކެއެވެ. އޭގެ ސާޙިބު މީހާއަށްވާ އަލިކަމެކެއެވެ. އުންމަތުގެ ތެރޭގައި އިލްމުވެރިޔާގެ މިޘާލަކީ އަނދިރީގައި ތިބިބަޔެއްގެ ތެރޭގައި، ބައްތިއެއް ހިފައިގެންހުރި މީހެއްގެ މިޘާލެއެވެ. އޭނާގެ އަތުގައިވާ ބައްތިން އަލިކޮށް، މީސްތަކުންނަށް މަގުދައްކައި ދެއެވެ. މިއަލިކަމުގެ ސަބަބުން މީސްތަކުންނަށް ކަށިތަކުންނާއި އުނދަގޫތަކާއި ނުރައްކާތަކުން ސަލާމަތްވެ، މިމަގުގައި ސީދަލަށް ހިނގުމަށް މަގުފަހިވެއެވެ.
މިހެންވެ ޢިލްމުގެ މާތްކަމާ ބެހޭގޮތުންނާއި، އަދި އެޔަށް ދެވިފައިވާ ޝަރަފާއި، އަދި މާތް ޖާގަޔާއި، އަދި އޭގެ އަހުލުވެރިންނަށް ދެވިފައިވާ މަތިވެރި މަންޒިލާއި އަދި އެބައި މިހުންނަށް ޘަނާ ކިޔުއްވާފައި ކީރިތި ގުރުއާނާއި އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރަށް ގިނަ ނައްޞުތަށް ވާރިދުވެގެން އައިސްފައިވެއެވެ.
ޢިލްމުގެ އަހުލުވެރިންނަށް ޝަރަފެއްގެ ގޮތުގައި ﷲ ތަޢާލާ އެންމެބޮޑުވެގެންވާ ހެކިވުން ކަމުގައިވާ އެކަލާނގެ އެއްކައުވަންތަކަމުގެ ހެކިވުމުގައި، އެކަލާނގެ ހެކިވެވޮޑިގަތުމާއި މާލާއިކަތްބޭކަލުންގެ ހެކިވެވަޑައިގަތުމާ ވިދިގެން، ޢިލްމުވެރިންގެ ހެކިވުން ގެންނަވާފައިވުން ފުދެއެވެ. އެކަލާނގެ ވަޙީކުރައްވަނީ:
(شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ) [آل عمران:١٨]
މާނައީ: ” ހަމަކަށަވަރުން ﷲ ތަޢާލާ، ޢަދުލުވެރިކަމުގައި ޤާއިމުވެ ވޮޑިގެންވާ ޙާލު އެއިލާހު ފިޔަވައި ހައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހެއް ނުވާކަމަށް ހެކިވެ ވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުވެރިންވެސް އެއިލާހު ފިޔަވައި ހައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެ ވޮޑިގަންނަވައެވެ. .އެކަލާނގެ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވެއެވެ. އެކަލާނގެއީޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ.”
އަދިވެސް ޢިލްމުވެރިންގެ މާތްކަމާއި އަދި އެބައިބީހުންގެ ޝަރަފުވެރިކަމާއި ބެހޭގޮތުން ﷲ ވަޙީކުރައްވަނީ:
(…قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ…) [الزمر: ٩]
މާނައީ: ” …ކަލޭގެފާނު ވިދާޅުވާށެއެވެ. ދަންނަމީހުންނާއި އަދި ނުދަންނަމީހުން ހަމަހަމަ ވާނެހެއްޔެއެވެ…”
އެބަހީ ނުވާނެއެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވަނީ:
(…إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ…) [فاطر: ٢٨]
މާނައީ: “…ﷲ ގެ އަޅުތަކުންގެ ތެރެއިން އެކަލާނގެއަށް ޙައްގު ގޮތުގައި ބިރުވެތިވާކަން ކަށަވަރީ ޢިލްމުވެރިންނެއެވެ…”
އަދިވެސް އެކަލާނގެ ވަޙީކުރައްވަނީ:
(…يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ…) [المجادلة: ١١]
މާނައީ: “…ﷲ ތަޢާލާ ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި އަދި ޢިލްމުވެރިން ދަރަޖަތަކަށް އުފުއްލަވަތެވެ…”
ﷲ ތަޢާލާވަނީ މުއުމިނު ފިޤުހުވެރިޢިލްމުވެރިޔާ، އެނޫން އެހެން މުއުމިނުންގެ މައްޗަށް މަތިވެރި ދަރަޖަތަކަށް އުފުއްލަވައި މާތްކުރައްވައެވެ. އަދި މިއިން އެނގިގެން ދަނީ އޭނާގެ މާތްކަމާއި އަދި އޭނަޔަށް ދެވިގެންވާ މަތިވެރި މަޤާމެއްގެ ބޮޑުކަމެއެވެ.
=ނުނިމޭ=