عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: ((سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ اللهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللهَ خَالِيًا، فَفَاضَتْ عَيْنَاهُ)). (متفق عليه)
މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހުގައި، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތްބައެއްވެއެވެ. (އެއީ) ޢަދުލުވެރި އިމާމުއާއި، ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ (އެކަމުން ދުރުވެގަންނަ) މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.”
ޙަދީޘްގެ ޝަރަޙަ:
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިޙަދީޘްފުޅުގައި އެވަނީ ދުނިޔެމަތީގައި އުޅުނުއިރު ޚާއްޞަ ޞިފަތަކަކުން ޞިފަލިބިގަތްބަޔަކަށް، ޤިޔާމަތްދުވަހުގައި މަތިވެރިވެގެންވާ ޚާއްޞަކަމެއް ދެއްވާނޭކަމުގެ ޚަބަރުދެއްވާފައެވެ. މަޙްޝަރުގެ މައިދާނުގައި، އެންމެހާ މީސްތަކުންގެ ކުރިމަތީގައި މިފަދަ މަތިވެރި ޤަދަރަކާއި ޝަރަފެއްލިބުމަކީ ބޮޑުވެގެންވާ މަތިވެރިކަމަކާއި ޝަރަފެކެވެ. އެންމެހާ މީސްތަކުން އެފަދަ ޤަދަރަކާއި ޝަރަފަކަށް އެދިއެދި ތިއްބައި، މިމަތިވެރިކަން ލިބޭ މީހުންގެ ތެރޭގައިވާނޭ މީހަކީ ޝައްކެއްވެސްނެތްގޮތުގައި އުފާކުރާނެމީހެކެވެ.
މިޙަދީޘަކީ އެފަދަ ބިރުވެރި، ނުރައްކާތެރި ދުވަހަކަށް ވިސްނުންބަހައްޓައިގެން ތައްޔާރުވާމީހަކަށް އޮތް ހިތްހަމަޖެހުމެކެވެ. އެމީހާގެ ކާމިޔާބުގެ ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ހިތްވަރުއާކޮށްދީ، އިތުރަށް ހީވާގިކުރުވާނެކަމެއްވެސްމެއެވެ. ހަމައެފަދައިން، އެދުވަހާމެދުގައި ޣާފިލުވެފައިވާ ހިތްތައް ހޭލައްވައި، ވިސްނުމުގެ އަހުލުވެރިންގެ މަގަށް ގެނެސްދޭނެ ޙަދީޘެކެވެ. މިޙަދީޘާ ބެހޭގޮތުން އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ އެކަލޭގެފާނުގެ މުއައްޠާ ޝަރަޙަކުރައްވާފައިވާ ފޮތް ‘އައްތަމްހީދު’ ގައި ވިދާޅުވެފައިވެއެވެ. “މިއީ ފަޟާއިލުލް އަޢުމާލާގުޅޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުގެ ތެރެއިން އެންމެ ރިވެތި ޙަދީޘެވެ. އަދި އެންމެ ޢާއްމުވެގެންވާ، އަދި އެންމެ ޞައްޙަވެގެންވާ ޙަދީޘެވެ. إن شاء الله.” (التمهيد: 2/284)
ހަމައެކަނި ޤިޔާމަތްދުވަހުގައި ﷲގެ ހިޔާވަހިކަމުން ހިމާޔަތް ލިބެނީ މިޙަދީޘްގައިވާ ހަތްމީހުންނަށް އެކަންޏެއްނޫނެވެ. މިޙަދީޘްގައި އެވަނީ އެދުވަހުން ﷲގެ ހިޔާވަހިކަން ލިބޭ ހަތްމީހެއްގެވާހަކައެވެ. މިޙަދީޘްގައިވާ މީހުންގެ އިތުރުންވެސް ﷲގެ ހިޔާވަހިކަން ލިބޭނެމީހުންގެ ވާހަކަ އެހެން ޙަދީޘްތަކުގައި ބަޔާންވެގެންވެއެވެ. މިގޮތުން މިމައުޟޫޢުއާގުޅޭގޮތުން އަލްޙާފިޡް އިބްނު ޙަޖަރުވަނީ ފޮތެއް އެކުލަވާލައްވާފައެވެ. އެފޮތުގެ ނަމަކީ ‘މަޢުރިފަތުލް ޚިޞާލުލް މޫޞިލަތު އިލައްޡިލާލި” އެވެ. އިބްނު ޙަޖަރަށްފަހުގައި އައްސުޔޫޠީއާއި ޢަބްދުއްރަޙްމާން އައްސަޚާވީ ވަނީ މިމަޢުޟޫޢުގައި ފޮތް އެކުލަވާލައްވާފައެވެ. މިޙަދީޘްގައިވާ 7 ބައިގެމީހުންނާއި، އިބްނު ޙަޖަރު އެކުލަވާލައްވާފައިވާ ޙަދީޘްތަކުން ގެންނަވާފައިވާ 21 ބައިގެމީހުންނާއެކު 28 ބައިގެމީހުންނަށް އަރައެވެ. އަދި އައްސުޔޫޠީ އެކުލަވާލައްވާފައިވާ ޙަދީޘްތަކުން އިތުރު 42 ބައިގެމީހުންނަށް އަރައެވެ. އަދި އައްސަޚާވީ ޙަދީޘްތައް އެއްކުރެއްވުމަށްފަހުގައި ހިޔާވަހިކަން ލިބޭ އިތުރު 24 ބައިގެމީހުން ގެންނަވާފައިވެއެވެ. އެހެންކަމުން މުޅިއެކު 94 ބައިގެމީހުން މީގެތެރޭގައި ހިމެނެއެވެ. ނަމަވެސް އެޢިލްމުވެރިން އެޢަދަދުކުރައްވާފައިވަނީ ޟަޢީފު ރިވާޔަތްތަކާއެކުގައެވެ. އަދި ހަމައެހެންމެ ބައެއް ބައިގެމީހުންނަކީ އަނެއްބައެއްގެ ތެރެއަށް ވަދެގެންވާ ބައެކެވެ. މިސާލަކަށް؛ ބައެއް ރިވާޔަތްތަކުގައި އެމީހާގެ ހިތް މިސްކިތާ ގުޅިފައިވާމީހާކަމަށް އައިސްފައިވާއިރު، އަނެއްބައި ރިވާޔަތްތަކުގައި މިސްކިތަށް ހިނގާފަދާމީހާއާއި، މިސްކިތްތަކުގެ ފަޅުކަން ފިލުވާމީހާ އައިސްފައިވެއެވެ. އަޞްލަށްބަލާއިރު މިއީ ގާތްގަނޑަކަށް އެއްމާނައެއްގައި އައިސްފައިވާ ރިވާޔަތްތަކެކެވެ. ޢިލްމުވެރިން މިމައުޟޫޢުގައި ޚާއްޞަފޮތްތައް އެކުލަވާލުމުން ދޭހަވާ މުހިއްމު ނުކުތާއަކީ މިޙަދީޘްގެ މުހިއްމުކަމެވެ. އަދި މިޙަދީޘްތައް މަޝްހޫރުވެފައި، ފައިދާގެ ބޮޑުކަމެވެ.
މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲ ހިޔާވަހިކަން ދެއްވާނެ ހަތްމީހަކުވެޔޭ ޙަދީޘްގައި އޮތުމުގެ މުރާދަކީ ހަމައެކަނި އެހަތްމީހުން އެކަނިކަން ބަޔާންކުރެއްވުމެއްނޫނެވެ. މި ހަތްބައިގެ މީހުން ފިޔަވައި އެހެންމީހުންނަށްވެސް ﷲ ހިޔާވަހިކަން ދެއްވައެވެ. އަލްޙާފިޡު އިބްނު ޙަޖަރު (ޞަޙީޙުލް) ބުޚާރީގެ ޝަރަޙާގައި އިތުރު 20 ބައިގެމީހުން ގެންނަވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ބައެއްފަހަރަށް އެމަޤާމަކާ މުނާސަބުވާގޮތަކަށް ޙަދީޘްކުރައްވާ ބޭކަލެކެވެ. ބައެއްފަހަރަށް ހަތެއް، ތިނެއް، ހަތަރެއް ނުވަތަ އެފަދަ ޢަދަދެއް ޙަދީޘްކުރައްވާފައިވާތަން ފެންނާނެއެވެ. އޭގެތެރޭގައި އެކަލޭގެފާނު ބައެއްކަންކަން ނުގެންނަވާވެސް ދޫކޮށްލައްވައެވެ. އެހެނީ، އެކަލޭގެފާނު عليه الصلاة އަކީ ޚަލްޤުތަކުންކުރެ އެންމެ ފަޞޭޙާތްތެރި، އެންމެ ބަލާޣާތްތެރި ސާހިބާއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ އެމަޤާމަކާ މުނާސަބުވާގޮތަށެވެ.” (شرح رياض الصالحين: 3/643)
ދެންފަހެ، މިޙަދީޘަކީ މަތިވެރިވެގެންވާ، ޢިބްރަތުން ފުރިގެންވާ ޙަދީޘެކެވެ. އަލްޙާފިޡު އިބްނު ރަޖަބު ރަޙިމަހުﷲ ޞަޙީޙުލް ބުޚާރީގެ ޝަރަޙާގައި ވިދާޅުވެފައިވެއެވެ. “(މިޙަދީޘްގައިމިވާ) ހަތްބައިމީހުންގެ ޢަމަލުތަކަށް ބަލާއިރު ޢަމަލުތައް ތަފާތުނަމަވެސް، (މިހުރިހާ އެންމެންގެ ޢަމަލުތައް) ޖަމާވަނީ އެއްމާނައަކަށެވެ. އެއީ އެބައިމީހުން، އެބައިމީހުންގެ ނަފްސާކޮށްފައިވާ ޖިހާދަށެވެ. އަދި އެބައިމީހުންގެ ހަވާނަފްސުގެ ގޮވާލުމާ ޚިލާފުވުމެވެ. މިކަމަށްޓަކައި އެންމެފުރަތަމަ ބޭނުންވެގެންވަނީ ވަރުގަދަވެގެންވާ ހަރުދަނާކަމަކާއި، ޝަހްވަތާއި ރުޅިއާއި އަމިއްލައެދުން ގޮވާލާގޮވާލުންތަކުން ދުރުވާނެ ކެތްތެރިކަމެކެވެ. މިގޮވާލުންތަކާ ދުރުހެލިވުމަކީ ނަފްސަށް ބޮޑުވެގެންވާ އުނދަގޫކަމެކެވެ. އެކަމުގައި ބޮޑުވެގެންވާ ކެކުޅުންތަކެއްވާނެއެވެ. ޝަހްވަތާއި، ރުޅީގެ ސަބަބުން އެ އެދޭކަންތައްތައް ނުފުއްދައި ދޫކޮށްލުމަކީ، ޝަހްވަތާއި ރުޅީގެ އަލިފާނުން ހިތް އަންދާކުދިކުދިކޮށްލާފާނެކަމެކެވެ. (ޤިޔާމަތްދުވަހުގައި) ކޮޅަށްތިބޭއިރު ހޫނުކަން ގަދަވެގެންދާއިރު، މިކަންކަމަށް ކެތްތެރިވުމުގެ ޘަވާބުވާހުށްޓެވެ. އެދުވަހުގައި މީސްތަކުންނަށް ހިޔާވަހިވާނޭ ހިޔާވަހިކަމެއްނުވާނެއެވެ. އެބައިމީހުންގެ މައްޗަށް އިރުގެ ހޫނު ވެރިވެގެންވާނެއެވެ. (އެހިނދު) މިހަތްބައިގެމީހުން ވާހުށީ ﷲގެ ހިޔާވަހިކަމުގައެވެ. އެމައިދާނުގެ ހޫނުކަމުން މިބައިމީހުންނަކަށް އުނދަގުލެއް ނުފޯރާނެއެވެ. އެއީ ދުނިޔެމަތީގައި އެބައިމީހުންގެ ޝަހްވަތާއި ރުޅީގެ ހޫނަށް ކެތްތެރިވުމުގެ ޖަޒާއެއްގެގޮތުގައެވެ.” (فتح الباري لابن رجب: 4/59)
ޙަދީޘްގައިއެވާ ހިޔާވަހިކަމަކީ ކޮބާ؟
މިޙަދީޘްގައިވާ ހިޔާވަހިކަމަކީ ﷲގެ ރަޙްމަތްފުޅުކަމުގައިއާއި ޢިއްޒަތްތެރިކަމާއި، އެއިލާހުގެ ހިމާޔަތްކަމުގައި ބުނެވިފައިވެއެވެ. އަދި އެއީ ސުވަރުގޭގެ ހިޔާވަހިކަންކަމުގައިވެސް ބުނެވިފައިވެއެވެ. އަދި އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަންކަމުގައިވެސް ބުނެވިފައިވެއެވެ. މީގެތެރެއިން އެންމެ ޞައްޙަ ބަސްފުޅަކީ އެންމެފަހުން މިބުނެވުނު ޢަރުޝީގެ ހިޔާވަހިކަމެކެވެ.
އަބޫ ޢަބްދުﷲ އިބްނު މަންދާ ރަޙިމަހުﷲ، އެކަލޭގެފާނުގެ “ކިތާބުއްތައުޙީދު” ގައި ބާބެއް ބަންނަވަމުން ވިދާޅުވެފައިވެއެވެ. “އެހެން ބަޔާންކޮށްދިނުމެއް؛ ﷲ ގެ އަޅުތަކުންކުރެ އެއިލާހު އެދިވޮޑިގެންނެވި އަޅަކަށް ހިޔާވަހިކަންދެއްވާ ހިޔާވަހިކަމެއް ޢަރުޝިއަށް ލިބިގެންވެއެވެ.” މީގެ ފަހުގައި އިބްނު މަންދާގެ ސަނަދުން މިކަމާގުޅޭ ޙަދީޘްތައް ގެންނަވާފައިވެއެވެ. (كتاب التوحيد لابن منده: تحقيق: علي بن محمد بن ناصر الفقيهي: 3/190)
އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޞައްޙަކޮށް ރިވާވެގެންވެއެވެ. ((مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ عَنْهُ، أَظَلَّهُ اللهُ فِي ظِلِّهِ)) (މާނައީ: “ދަރަނިވެރިވެފައިވާމީހާއަށް އަޅާލާމީހާ ނުވަތަ އެމީހާގެ މަތިން ދަރަނި އަދާކޮށްދީފިމީހާ، އެއިލާހުގެ ހިޔާވަހިކަމުން އެމީހަކަށް ﷲ ހިޔާވަހިކަން ދެއްވާނެއެވެ.”) މިޙަދީޘް ގެންނަވާފައިވަނީ މުސްލިމް، އަބުލް ޔުސްރުލް އަންޞާރީގެ ޙަދީޘްގައެވެ. އިމާމް އަޙްމަދާއި ތިރުމިޛީ ނެރުއްވާފައިވާ، އަބޫ ހުރައިރާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. ((مَنْ نَفَّسَ عَنْ غَرِيمِهِ أَوْ مَحَا عَنْهُ كَانَ فِي ظِلِّ الْعَرْشِ يَوْمَ الْقِيَامَةِ)) (މާނައީ: “އެމީހަކަށް ދަރަނިވެރިވެފައިވާމީހާގެ ދަރަނި ފިލުވައިދީފިމީހާ، ނުވަތަ އެމީހާއަށް އެދަރަނި ޢަފޫކޮށްފިމީހާ ޤިޔާމަތްދުވަހު ވާހުށީ ޢަރުޝީގެ ހިޔާވަހިކަމުގައެވެ.”) މިޙަދީޘުން ދޭހަކޮށްދެނީ ﷲގެ ހިޔާވަހިކަމުގެ މުރާދަކީ ޢަރުޝީގެ ހިޔާވަހިކަމެވެ.” (فتح الباري لابن رجب: 4/64)
އައްޝައިޚް ޢަޠިއްޔާ މުޙައްމަދު ސާލިމް “ފީ ޡިއްލި ޢަރުޝިއް ރަޙްމާން” ގައި ވިދާޅުވެފައިވެއެވެ. “ދުނިޔެމަތީގައި އަހަރެމެން ހިޔާވަހިކަންދޭގޮތް ބަޔާންކޮށްދޭގޮތަށް، ޢަރުޝިން ހިޔާވަހިކަން ދޭނެގޮތުގެ ޙަޤީޤަތް އަހަރެމެންނަކަށް ބަޔާންނުކުރެވޭނެއެވެ.” (في ظلال عرش الرحمن: ص.66)
1. ޢަދުލުވެރި އިމާމަކީ ކޮބާ؟
މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ޙަދީޘް) ފައްޓަވާފައި އެވަނީ ޢަދުލުވެރި އިމާމު އިންނެވެ. އެއީ މީސްތަކުންގެ މެދުގައި ޢަދުލުވެރިވާ ވެރިމީހާއެވެ. ވެރިޔަކަށް އެންމެ މުހިއްމުވެގެންވާ ޢަދުލުވެރިކަމަކީ މީސްތަކުންގެ މެދުގައި ޙުކުމް ކުރާއިރު ﷲގެ ޝަރީޢަތަށް ޙުކުމްކުރުމެވެ. އެހެނީ، ﷲ ގެ ޝަރީޢަތަކީ އެއީ ޢަދުލެވެ. ޝަރީޢަތާ ޚިލާފުވާގޮތަށް ހެދިފައިވާ ވަޟުޢީ ޙުކުމްތަކަށް ޙުކުމްކުރުމަކީ އެންމެ ބޮޑުވެގެންވާ އަނިޔާވެރިކަމެވެ. އަދި ﷲގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހު، އެހިޔާވަހިކަމާ އެންމެ ދުރުވެގެންވާމީހާއެވެ. ﷲގެ ޝަރީޢަތް ފިޔަވައި އެހެން ޝަރީޢަތްތަކުން ﷲގެ އަޅުތަކުންގެ މެދުގައި ޙުކުމްކުރުމަކީ ޢަދުލުވެރިކަމެއް ނޫނެވެ…. ހަމައެފަދައިން ޢަދުލުވެރިކަމުގެ ތެރޭގައި އެމީހާގެ އަމިއްލަ ނަފްސާދެކޮޅަށް ނަމަވެސް ނުވަތަ އެމީހާއާ އަރިސްވެގެންވާ މީހުންނާ ދެކޮޅަށް ނަމަވެސް ޙައްޤުގައި ހިފެހެއްޓުންވެއެވެ…. ހަމައެފަދައިން (ޙުކުމްކުރުމުގައި) އެމީހާގެ ގާތްތިމާގެ މީހުންނާ އެނޫންމީހުން ފަރަޤުނުކުރުންވެއެވެ.” (انظر: شرح رياض الصالحين: 3/643، 644)
އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެމީހާއަކީ (އެބަހީ؛ ޢަދުލުވެރި ވެރިޔާއަކީ) ޤިޔާމަތްދުވަހުގައި މީސްތަކުންކުރެ އެންމެ އަރިސްވެގެންވާ މީހާއެވެ. އެމީހާވާހުށީ ރަޙްމާންވަންތަ އިލާހުގެ ކަނާތްފަރާތުގައިވާ ނޫރުންވާ މިންބަރެއްގައެވެ. އެއީ (ދުނިޔެމަތީގައި) އެމީހާގެ ހަވާނަފްސު ގޮވާގޮވާލުންތަކާ ދެކޮޅުހެދުމުގެ ޖަޒާއެވެ. އަދި އެމީހާ ބޭނުންގޮތަކަށް ޙުކުމްކުރުމުގެ ކުޅަދާނަކަން ލިބިފައިއޮއްވައި، އެމީހާގެ ހިތްއެދޭގޮތަށް ޙުކުމްނުކޮށް ކެތްތެރިވިކަމަށްޓަކައެވެ. އަދި އެމީހާ އެދޭއެދުމާއި، ރުޅިއަށް ކެތްތެރިވިކަމަށްޓަކައެވެ. ޢަދުވެރި ވެރިޔާއަށް މުޅި ދުނިޔެ ގޮވަމުން ދިޔައިރުވެސް އެމީހާ ބުނަމުން ދިޔައީ ‘ހަމަކަށަވަރުން ތިމަން ޢާލަމްތަކުގެ ވެރި ﷲއަށް ބިރުވެތިވަމެވެ.’ މިފަދައިންނެވެ. ޢަދުލުވެރި ވެރިޔަކީ ﷲގެ އަޅުތަކުންނަށް އެންމެ މަންފާކުރުވާނެ މީހާއެވެ. އެ ވެރިޔާ އިޞްލާޙުވެއްޖެނަމަ އެމީހާ ކުރާ ހުރިހާ ޙުކުމްތަކެއްވެސް އިޞްލާޙުވާނެއެވެ.” (فتح الباري لابن رجب: 4/59)
2. ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ
ޒުވާންކަމުގެ ޢުމުރަކީ އިންސާނެއްގެ ޙަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަސްވަރެވެ. އެދުވަސްވަރަކީ އިންސާނާގެ ހަށިގަނޑަށް ބާރު ލިބި، އޭނާ އެދޭކަންތައްތައް ޙާޞިލުކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ ދުވަސްވަރެކެވެ. އޭނާގެ ހަށިގަނޑުގައި ކަންކަންކުރުމުގެ ބާރުލިބި، ހިތްއެދޭގޮތްތަކާ ދިމާލަށް ދިޔުމުގެ މަގު ތަނަވަސްވެގެންވާ ދުވަސްވަރެކެވެ. އަމިއްލަ ބޭނުންތަކާއި، އަމިއްލަ ކަންކަން ޙާޞިލުކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެދުވަސްވަރެކެވެ. އޭނާގެ ހިތްގޮވާގޮތްތަކަށް އަޅުދާސްތުވެވި، ޝަހުވަތްތަކުގެ މަގުތައް ހުޅިވިގެންދާ ދުވަސްވަރެކެވެ. އެހެންކަމުން ޢަރަބިބަހުގައި ބުނެވިފައިވެއެވެ. “ޒުވާންކަމަކީ މޮޔަކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ.”
ނުބައިމަގުތަކަށް އެޒުވާނާއަށް މަގުތައް ފަހިވެފައިވާއިރުވެސް، އެޒުވާންކަމުގެ ބޭނުންހިފައިފި މީހަކީ ޝައްކެއްވެސްނެތްގޮތުގައި ކާމިޔާބުވެއްޖެމީހެކެވެ. އޭނާގެ ހަވާނަފްސުގެ އެދުންތައް ﷲއަށްޓަކައި ޤުރުބާންކޮށް، އެއިލާހަށް ކިޔަމަންތެރިވުމުގައި ހޭދަކުރުމުގައި އޭނާ ކެތްތެރިވާ ކެތްތެރިވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއާމެދުގައި ރުއްސަވައި، ޤިޔާމަތްދުވަހުގައި އެއްވެސް ހިޔާވަހިކަމެއްނުވާއިރު އޭނާއަށް ﷲ ހިޔާވަހިކަން ދެއްވާނެމީހެކެވެ. އޭނާގެ ޒުވާންދުވަސްވަރުގައި، ތިމާއަކީ ﷲގެ އަޅެއްކަން ދަނެ، ތިމާގެ އުޅުމާއިގުޅުން ﷲ އެންގެވިގޮތަށް ބެހެއްޓުމަށްޓަކައި އޭނާކޮށްފައިވާ މަތިވެރި ޖިހާދުގެ ހެޔޮ ޖަޒާއެއްގެގޮތުގައެވެ.
ޒުވާން ޢުމުރުގައި ކުރާ ހެޔޮކަންކަމަކީ ޚާއްޞަވެގެންވާ ހެޔޮކަންކަމެކެވެ. އެގޮތުން ޙަފްޞާ ބިންތި ސީރީން ރަޙިމަހަﷲ ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. “އޭ އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުން (ހެޔޮ) ޢަމަލުތައް ކުރާށެވެ. އެހެނީ، ޒުވާންއިރު ކުރެވޭ ކަންކަމުގައި ވަރުގަދަކަން ވާކަން ތިމަންއަށް އެނގެއެވެ. ފަހެ، ދުވާލުގެ ކުރީކޮޅުގައި އިރުގެ އަލިކަން ގަދަވެގެންވާ ފަދައިން، ދުވާލުގެ ފަހުކޮޅުގައި އަލިކަން ގަދަވެގެންނުވެއެވެ.” (ترتيب الأفواه بذكر من يظلهم الله: 1/ 264)
3. އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާ
އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފަހެ، އޭނާ މިސްކިތްދެކެ ލޯބިވެއެވެ. އަދި އެތަނުގައި ﷲއަށް އަޅުކަންކުރުމަށްވެސް ލޯބިކުރެއެވެ. އޭނާ މިސްކިތުން ނިކުތްނަމަވެސް، އޭނާ އެނބުރި އަންނަންދެން އޭނާގެ ހިތްވާނީ މިސްކިތާގުޅިފައެވެ. މިފަދައިން ވާނެ މީހަކީ އެމީހާގެ ނަފްސުގެ މައްޗަށް ގަދަވެގަންނަމީހަކަށެވެ. އަދި އެމީހާގެ ނަފްސު ﷲއަށް ކިޔަމަންތެރިވުމުގެ މަގަށް އަޅުވައިފި މީހަކަށެވެ. ފަހެ، ހަމަކަށަވަރުން ހަވާނަފްސު އަބަދުވެސް ގޮވަމުންދާނީ މުބާޙު ނުވަތަ ޙަރާމްކުރައްވާފައިވާ ކުޅިވަރާއި މަޖަލުގެ ތަންތަނާ ދިމާލަށެވެ. އަދި ވިޔަފާރިއާއި މުދާ ހޯދާ ތަންތަނާ ދިމާލަށެވެ.” (فتح الباري لابن رجب: 4/60)
4. މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން
މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބަހީ؛ އެދެމީހުންގެ ދެމެދުގައި ނަސަބުގެގޮތުން ނުވަތަ އެނޫން އެހެންގޮތަކުން އެއްވެސް ގުޅުމެއް އެދެމީހުންގެ ދެމެދުގައެއްނުވެއެވެ. ނަމަވެސް އެދެމީހުން (އެކަކު އަނެކަކުދެކެ) ލޯބިވަނީ ހަމައެކަނި ﷲއަށް ޓަކައެވެ. އެއީ އޭގެން ކޮންމެ މީހަކަށް އަނެކަކު ފެންނަނީ އަޅުވެރި، ﷲއަށް ކިޔަމަންގަންނަމީހެއްގެގޮތުގައެވެ. އަދި އެމީހާގެ އަހުލުންނާއި އެހެންމީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާތަނެވެ. މިފަދަ ޙާލުގައި އޭގެ އެކަކުއަނެކަކު ވާތަން ފެނުމުން އެކަކު އަނެކަކު ދެކެ ލޯބިވަނީއެވެ. އެދެމީހުން ދުނިޔޭގައި އެކުވެއުޅެނިކޮށް، މަރުއައިސް އެދެމީހުން އެއެކުވެރިކަމުގައި ތިއްބައި ދެމީހުން ވަކިކޮށްފުމަށް ދާންދެން އެގޮތުގައި އެދެމީހުން ތިބެއެވެ…” (انظر: شرح رياض الصالحين: 3/644)
5. ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ ފާޙިޝްކަމުން ދުރުވެގަންނަ މީހާ
މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބަހީ؛ (ނަސަބުގެގޮތުން މަތިވެރި، ރީތި އަންހެނަކު) އެކަނބުލޭގެ ނަފްސުގެ އެދުމަށްގޮވާލައެވެ. އެހެންނަމަވެސް، ޢިއްފަތްތެރި، ޢަބުރު ޠާހިރުކަމުގައިވާ މީހާ ބުނެއެވެ. ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމެވެ.’ އެމީހަކީ ޝަހްވަތްތެރި، އަދި އެއަންހެންމީހާ ގޮވާލި ކަންކަން ކުރުމުގެ މަގު އެވަނީ ތަނަވަސްވެފައެވެ. އެހެނީ، އެކަމަށް ގޮވާލީ އަންހެންމީހާއެވެ. އަދި އެއްވެސް އިތުރުމީހެއް ނެތް ތަނެއްގައެވެ. ނަމަވެސް އެމީހާ އެކަންކުރުން މަނާކުރިކަމަކީ ﷲދެކެ އެމީހާ ގަންނަ ބިރެވެ. އެމީހާ ބުނެއެވެ. ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމެވެ.’ އެމީހާ ނުބުނެއެވެ. ‘މީހަކަށް ފެނިދާނެތީއެވެ. ނުވަތަ އެފާޙިޝް ޢަމަލުކުރުމުގެ ޝއުޤުވެރިކަން ނެތީއެވެ.’ އެހެންނަމަވެސް އެމީހާ ބުނަނީ ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމެވެ.’ “ (انظر: شرح رياض الصالحين: 3/645)
6. ސިއްރިއްޔާތުގައި ޞަދަޤާތްކުރާމީހާ
މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބަހީ؛ ޞަދަޤާތެއްކުރާކަމުގައިވާނަމަ ﷲއަށް އިޚްލާޞްތެރިކަމާއެކު ޞަދަޤާތްކުރުމެވެ. އެގޮތުން (އެމީހާ ޞަދަޤާތްކުރާއިރު) ވާތްފަރާތުގައި ހުންނަމީހާއަށްވެސް އެކަން ނޭނގޭހާ ސިއްރުން ކުރުމެވެ. އެފަދަ މީހެއްގެ ކިބައިގައި އިޚްލާޞްތެރިކަން ފުރިހަމަވެގެންވާނެއެވެ. ފަހެ، ﷲ، އެއިލާހުގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއްނުވާދުވަހު އެމީހާއަށް ހިޔާވަހިކަން ދެއްވާނެއެވެ. (މިފަދައިން ވަންހަނާކުރަންޖެހޭނީ) ޞަދަޤާތް ފާޅުކުރުމުގައި މަޞްލަޙަތެއް އަދި ހެވެއްނުވާނަމައެވެ. ޞަދަޤާތް ފާޅުކުރުމުގައި މަޞްލަޙަތެއް ނުވަތަ ހެވެއްވާކަމުގައިވާނަމަ ފާޅުކުރުން މޮޅުއިތުރުވެގެންވެއެވެ. އަދި މަޞްލަޙަތެއް ނުވާނަމަ ސިއްރުކުރުން މޮޅުއިތުރުވެގެންވެއެވެ.” (انظر: شرح رياض الصالحين: 3/645)
7. އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާ
އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފަހެ، މިމީހާއަކީ ސިއްރުގައި ﷲ ބިރުވެތިވާމީހާއެވެ. އަދި އެކަހެރިވެހުރެ އެމީހާގެ (ޢަމަލުތައް) ޙިސާބުކުރާމީހާއެވެ. ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ޢަމަލަކީ ސިއްރާއި ފާޅުގައި ﷲއަށް ބިރުވެތިވުމެވެ. އަދި ސިއްރުގައި ﷲއަށް ބިރުވެތިވުމުން އަންގައިދެނީ އީމާންކަމުގެ ވަރުގަދަކަމާއި، ނަފްސުގޮވާގޮވުންތަކާއި، ހަވާނަފްސާދެކޮޅަށް ކުރަމުންގެންދާ ޖިހާދެވެ. ފަހެ، ހަމަކަށަވަރުން އެކަހެރިވާހިނދު ހަވާނަފްސު ދަޢުވަތުދޭނީ ނުބައިކަންކަމަށެވެ. މިސަބަބާހުރެ ބުނެވިފައިވެއެވެ. ‘އެކަހެރިވާހިނދު ވަރަޢުވެރިވުމަކީ އެންމެ ޢިއްޒަތްތެރިވެގެންވާ ކަންކަމުގެ ތެރެއިންވާ ކަމެކެވެ.'” (فتح الباري لابن رجب: 4/63)
އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށް އޮތީ މިފަދަ މަތިވެރިވެގެންވާ ޞިފަތަކުން ޞިފަލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. މިޞިފަތަކުގެ ތެރެއިން އެންމެ ޞިފައެއްވެސް ޙާޞިލުވެއްޖެމީހަކީ ބޮޑުވެގެންވާ ނަޞީބެއް ޙާޞިލުކޮށްފިމީހެކެވެ. މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފަހަރެއްގައި އެކެއްގެ ގައިގައި މީގެ ތެރެއިން ދެޞިފަ ނުވަތަ އެއަށްވުރެ ގިނަ ޞިފަވެސް ހުރެދާނެއެވެ. އަދި ފަހަރެއްގައި އިންސާނެއްގެ ކިބައިގައި މީގެތެރެއިން އެންމެ ޞިފައެއް ހުރެދާނެއެވެ. އެކަން އެމީހަކަށް ވަނީ ފުދިގެންނެވެ. (އެބަހީ؛ އެންމެ ޞިފައެއް ހުރިނަމަވެސް މިމަތިވެރި ދަރަޖަލިބޭނެއެވެ.)” (انظر: شرح رياض الصالحين: 3/646)
والله أسأل: أن يجعلنا ممن يظلهم الله بظله، يوم لا ظل إلا ظله وأن يجعله علما ينتفع به، ويجري علينا أجره. وصلّى الله وسلّم على نبينا محمد وعلى آله وصحبه وسلّم.