މުޤައްދިމާ
الحمد لله الذي نوّر بكتابه القلوب، وأنزله في أوجز لفظه وأعجز أسلوبه، فأعيت بلاغتُه البلغاء، وأعجزتْ حكمتُه الحكماء، وأبكمت فصاحته الخطباء.
أحمده أن جعل الحمدَ فاتحة أسراره، وخاتمةَ تصاريفه وأقداره، وأشهد أن لاإله إلا الله وحده لا شريك له، وأن محمدا عبده ورسوله المصطفى، ونبيه المرتضى، صلى الله عليه وعلى آله الأبرار، وصحبه الأخيار. أما بعد:
ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރުއާނަކީ އެންމެމަތިވެރި އެންމެމާތް ފޮތެވެ. ﷲ ތަޢާލާ ބާވައިލެއްވި ރިސާލަތުތަކުގެ ތެރެއިން އެންމެހާ ރިސާލަތެއްގެ މައްޗަށް މާތްކަމާއި މަތިވެރިކަން ލިބިގެންވާ ރިސާލަތެވެ. އެންމެހާ ރަސޫލުންނާއި ނަބީންގެ މައްޗަށް މާތްކުރެވުނު އަދި ރަސޫލުކަމާއި ނަބީކަން ޚަތިމް ކުރެއްވުނު މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް 23 އަހަރުގެ މުއްދަތުން ބާވައިލެއްވުނު، ﷲ تَبَارَكَ وَتَعَالَى ގެ ކަލާމްފުޅެވެ.
ކީރިތި ޤުރުއާނުގެ ކޮންމެ ސޫރަތަކީވެސް މާތްކަން އިތުރު، ދަރުމަގިނަވެގެންވާ ސޫރަތްތަކެކެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތަކަށް، އެހެން ސޫރަތްތަކުގެ މައްޗަށް ޚާއްޞަކަން ލިބިފައިވެއެވެ. އަދި ބައެއް އާޔަތްތަކަށް އެހެން އާޔަތްތަކުގެ މައްޗަށް ޚާއްޞަކަން ލިބިގެންވެއެވެ. މިޘާލެއްގެ ގޮތުން ބަލާނަމަ، ނަމާދުގައި ފާތިޙާ ސޫރަތް ނުކިޔަވައިފިނަމަ، އެނަމާދުގެ އެއްވެސް ރަކުޢަތެއް ޞައްޙަނުވެއެވެ. އެއީ އެހެނިހެން ސޫރަތްތަކުގެ މައްޗަށް ފާތިޙާ ސޫރަތަށް ލިބިފައިވާ މާތްކަމެކެވެ.
ކީރިތި ޤުރުއާނުގެ މާތްކަމުގެ ވާހަކަ ދެކެވޭއިރު، ބަލިކަށި ދަލީލުތަކުގެ މައްޗަށް ބިނާކޮށް ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަމުގެ ވާހަކައިން ވާހަކަ ދެކެވެނީ މަދަކުންނޫނެވެ. މިފަދަ ބާޠިލް ކަންކަމުން މީސްތަކުން ހޭލައްވާލައި، އަދި ޙައްޤު ބަޔާންކޮށްދިނުމީ ވާޖިބުކަމެއް ކަމުގައި ވީހިނދު، ޤުރުއާނުގެ ސޫރަތްތަކާއިމެދު ވާރިދުވެފައިވާ ޞައްޙަ ރިވާޔަތްތަކާއި ޟަޢީފް (ބަލިކަށި) ރިވާޔަތްތައް ވަކިވާނޭފަދައިން މިލިޔުމުގައި ޛިކުރު ކުރާނަމެވެ. إن شاء الله.
ދުޢާއަކީ އަޅުގަނޑުގެ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާ މިކަމުން އިސްލާމީ އުންމަތަށް މަންފާ ލިބިގެން ދިޔުމެވެ.
وغفر الله لنا ولكم ولجميع المسلمين، والحمد لله رب العالمين.
ސޫރަތުލް ފާތިޙާ
ފާތިޙާ ސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް:
1. ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ.
((بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِىِّ – صلى الله عليه وسلم – سَمِعَ نَقِيضًا مِنْ فَوْقِهِ، فَرَفَعَ رَأْسَهُ فَقَالَ: هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ. فَنَزَلَ مِنْهُ مَلَكٌ فَقَالَ: هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ.
فَسَلَّمَ وَقَالَ: أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِىٌّ قَبْلَكَ، فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ. لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ)). [رواه مسلم، وصححه الألباني في صحيح الترغيب والترهيب / 1456]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ޖިބްރީލް عليه السلام އިށީނދެވަޑައިގެން އިންނަވަނިކޮށް މަތިން އަޑެއް އިވިވަޑައިގެންނެވިއެވެ. އެހިނދު ޖިބްރީލްގެފާނު މައްޗަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. “މިއީ މިއަދު އުޑުން ހުޅުވުނު ދޮރުކޮޅެކެވެ. މިއަދު މެނުވީ މީގެ ކުރިން ދުވަހަކުވެސް މިދޮރުކޮޅު ހުޅުވިފައި ނުވެއެވެ.” ފަހެ އެދޮރުކޮޅުން މަލާއިކަތަކު ފައިބައިވަޑައިގެންފިއެވެ. (ޖިބްރީލްގެފާނު) ވިދާޅުވިއެވެ. “މިއީ ބިމަށް ފައިބައިވަޑައިގަތް މަލާއިކަތެކެވެ. މިއަދު މެނުވީ މީގެ ކުރިން ދުވަހަކުވެސް އެބޭކަލަކު ބިމަށް ފައިބައިވަޑައިގެންފައެއް ނުވެއެވެ.” ފަހެ އެމަލާއިކަތާ ސަލާމް ވިދާޅުވިއެވެ. އަދި [ރަސޫލުﷲ صلى الله عليه وسلم އަށް] ދެންނެވިއެވެ. “ކަލޭގެފާނަށް ދެއްވިފައިވާ ދެނޫރެއްގެ ވާހަކައިން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެއްވަމެވެ. ކަލޭގެފާނުގެ ކުރިން، އެއްވެސް ނަބީބޭކަލަކަށް އެ ދެނޫރު ދެއްވިގެން ނުވެއެވެ. (އެއީ) ފާތިޙާ ސޫރަތެވެ. އަދި ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތަކެވެ. ކަލޭގެފާނަށް [އެ އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ކަންތައްތައް] ނުދެއްވޭ ގޮތަކަށް އެ ދެތަނުން އާޔަތެއް ކަލޭގެފާނު ކިޔަވާ ވިދާޅުނުވެތެވެ.””
2. އުބައްޔު ބުން ކަޢްބު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ.
((…وَالَّذِي نَفْسِي بِيَدِهِ مَا أُنْزِلَ فِي التَّوْرَاةِ، وَلا فِي الإِنْجِيلِ، وَلا فِي الزَّبُورِ، وَلا فِي الفُرْقَانِ مِثْلُهَا، وَإِنَّهَا السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُعْطِيتُه)). [الجامع الكبير – سنن الترمذي]
މާނައީ: “…ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ތައުރާތުގައި އަދި އިންޖީލުގައި އަދި ޒަބޫރުގައި އަދި ފުރުޤާނުގައިވެސް އެފަދައިން ބާވައިލެއްވިގެން ނުވެއެވެ. ހަމަކަށަވަރުން އެއީ ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތެވެ. އަދި އެއީ ތިމަންކަލޭގެފާނަށް ދެއްވިގެންވާ މަތިވެރިވެގެންވާ ޤުރުއާނެވެ.”
3. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ.
((قَسَمْتُ الصَّلاَةَ بَيْنِى وَبَيْنَ عَبْدِى نِصْفَيْنِ، وَلِعَبْدِى مَا سَأَلَ.
فَإِذَا قَالَ الْعَبْدُ: الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. قَالَ اللَّهُ تَعَالَى: حَمِدَنِى عَبْدِى.
وَإِذَا قَالَ: الرَّحْمَنِ الرَّحِيمِ. قَالَ اللَّهُ تَعَالَى: أَثْنَى عَلَىَّ عَبْدِى.
وَإِذَا قَالَ: مَالِكِ يَوْمِ الدِّينِ. قَالَ: مَجَّدَنِى عَبْدِى – وَقَالَ مَرَّةً فَوَّضَ إِلَىَّ عَبْدِى –
فَإِذَا قَالَ: إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ. قَالَ: هَذَا بَيْنِى وَبَيْنَ عَبْدِى وَلِعَبْدِى مَا سَأَلَ.
فَإِذَا قَالَ: اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ. قَالَ: هَذَا لِعَبْدِى وَلِعَبْدِى مَا سَأَلَ))
(رواه مسلم وصححه الألباني في صحيح الترغيب والترهيب / 1455)
މާނައީ: ‘ތިމަން ﷲ އާއި ތިމަން ﷲ ގެ އަޅާއާ ދެމެދު، ދެބަޔަށް ނަމާދު ބެއްސެވީމެވެ. ތިމަން ﷲގެ އަޅާއަށް އޭނާ އެދުނު އެއްޗެއް ވެއެވެ.’
އަޅާ (الْحَمْدُ لِلَّهِ رَبِّ الْعَالَمِين) ކިޔާހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ‘ތިމަން ﷲގެ އަޅާ ތިމަން ﷲ އަށް ޙަމްދު ދަންނަވައިފިއެވެ.’
އަދި އެއަޅާ (الرَّحْمَنِ الرَّحِيم) ކިޔާ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ‘ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޘަނާ ދަންނަވައިފިއެވެ.’
އަދި އެއަޅާ (مَالِكِ يَوْمِ الدِّين) ކިޔާހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ‘ތިމަންﷲ ގެ އަޅާ ތިމަންﷲ މަތިވެރިކޮށްފިއެވެ.’ – އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ‘ތިމަން ﷲގެ އަޅާ ތިމަން ﷲ އާ އޭނާގެ ކަންކަން ޙަވާލުކޮށްފިއެވެ.’
އަދި އަޅާ (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) ކިޔާހިނދު ވަޙީ ކުރައްވައެވެ: ‘މިއީ ތިމަންﷲ އާއި ތިމަން ﷲގެ އަޅާއާ ދެމެދުވާ އެއްޗެކެވެ. އަދި ތިމަން ﷲ ގެ އަޅާއަށް އޭނާ އެދުނު އެއްޗެކެވެ.’
ދެންފަހެ އެއަޅާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٭ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّين) ކިޔާ ހިނދު ﷲ ތަޢާލާ ވަޙީ ކުރައްވައެވެ: ‘މިއީ ތިމަން ﷲގެ އަޅާ އަށެވެ. ތިމަން ﷲ ގެ އަޅާއަށް އޭނާ ދެންނެވި އެއްޗެއް ވެއެވެ.’ “
4. މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދިލް ޚުދްރީގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
((كُنَّا فِي مَسِيرٍ لَنَا فَنَزَلْنَا فَجَاءَتْ جَارِيَةٌ فَقَالَتْ: إِنَّ سَيِّدَ الْحَيِّ سَلِيمٌ، وَإِنَّ نَفَرَنَا غَيْبٌ، فَهَلْ مِنْكُمْ رَاقٍ؟
فَقَامَ مَعَهَا رَجُلٌ مَا كُنَّا نَأْبُنُهُ بِرُقْيَةٍ فَرَقَاهُ فَبَرَأَ. فَأَمَرَ لَهُ بِثَلَاثِينَ شَاةً وَسَقَانَا لَبَنًا. فَلَمَّا رَجَعَ قُلْنَا لَهُ: أَكُنْتَ تُحْسِنُ رُقْيَةً أَوْ كُنْتَ تَرْقِي
قَالَ: لَا مَا رَقَيْتُ إِلَّا بِأُمِّ الْكِتَابِ.
قُلْنَا: لَا تُحْدِثُوا شَيْئًا حَتَّى نَأْتِيَ أَوْ نَسْأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
فَلَمَّا قَدِمْنَا الْمَدِينَةَ ذَكَرْنَاهُ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: وَمَا كَانَ يُدْرِيهِ أَنَّهَا رُقْيَةٌ، اقْسِمُوا، وَاضْرِبُوا لِي بِسَهْمٍ)) [رواه البخاري]
މާނައީ: “ތިމަންބޭކަލުން ދަތުރެއްގައި ވުމަށްފަހު [މަންޒިލަކަށް] ފޭބީމެވެ. ދެންފަހެ ޖާރިޔާއެއް އައިސް ދެންނެވިއެވެ: ‘ހަމަކަށަވަރުން އަހުރެމެންގެ އަވަށުގެ ސާހިބުމީހާ ބަލިވެއްޖެއެވެ. ތިމަންމެންގެ މީސްތަކުން ނެތެވެ. ތިޔަބޭކަލުންގެ ތެރޭގައި ރުޤުޔާކުރާ މީހަކު އެބަހުރި ތޯއެވެ؟’
ދެންފަހެ އެބޭކަލުންގެ ތެރެއިން ބޭކަލަކު ތެދުވެވަޑައިގެން އެއަންހެނާއާ އެކު ވަޑައިގެންފިއެވެ. އެބޭކަލަކީ ރުޤްޔާ ހައްދަވާ ބޭކަލެއްކަން ކުރިން އަޅުގަނޑުމެންނެއް ނުދަންނަމެވެ. ފަހެ އެބޭކަލަކު ރުޤްޔާކުރުމުގެ ސަބަބުން އެމީހާ ރަނގަޅުވިއެވެ. ދެންފަހެ 30 ކަންބަޅި ދިނުމަށް އަމުރުކުރެއްވިއެވެ. އަދި ތިމަންމެން ބޭކަލުންނަށް ކިރުފޮދު އެރުވިއެވެ. ފަހެ އެބޭކަލަކު އެނބުރިވަޑައިގަތުމުން ތިމަންމެން ދެންނެވީމެވެ: ‘ތިބާއަށް ރުޤްޔާހަދަން ރަނގަޅަށް އެނގޭ ހެއްޔެވެ. ނުވަތަ ރުޤްޔާ ހައްދަވާ އުޅުއްވަން ހެއްޔެވެ.’
ޖަވާބުގައި ވިދާޅުވިއެވެ: ‘އުއްމުލް ކިތާބު'(2) އިން މެނުވީ ތިމަން ރުޤްޔާނުކުރަމެވެ.’
ތިމަންބޭކަލުން ދެންނެވީމެވެ: ‘ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ދެވެންދެން ނުވަތަ އެކަލޭގެފާނާ ސުވާލުކުރެވެންދެން [މިލިބުނު ތަކެއްޗާއި ހިނގާދިޔަ ޙާދިޘާއާމެދު] އެއްވެސް ކަމެއްނުކުރާށެވެ.’
ދެންފަހެ އަހުރެމެންނަށް މަދީނާއަށް އާދެވުމުން، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެވާހަކަ ޛިކުރު ކުރީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ‘އެއީ ރުޤްޔާއެއްކަން އޭނާއަށް އެނގުނީ ކިހިނަކުންތޯއެވެ؟ [އެކަމުން ލިބުނު] މުދާތައް ބައްސަވާށެވެ. އަދި އެއިން ބައެއް ތިމަންކަލޭގެފާނަށްވެސް ދެއްވާށެވެ.'”(3)
________________________________________________
(1)އެއީ ދޮރު ހުޅުވޭއިރު އަންނަފަދަ އަޑެއް ކަމުގައި ޙަދީޘް ޝަރަޙަ ކުރައްވާ ޢިލްމުވެރިން ވިދާޅުވެއެވެ.
(2) އުއްމުލް ކިތާބަކީ ފާތިޙާ ސޫރަތަށް ދެވިފައިވާ ނަމެކެވެ. އޭގެ މާނައަކީ ‘ފޮތުގެ އަސާސް’ އެވެ.
(3) ރުޤްޔާއެއް ހެދުމުން މީހާކު ފަސޭހަވުމުންދޭ ފައިސާ ނުވަތަ މުދާ ނެގުމުގެ ޙުކުމް އެބޭކަލުންނަށް އެނގިފައިނުވާތީ ނަބިއްޔާ صلى الله عليه وسلم ގޮތެއް ނިންމަވަންދެން އެމުދާ ބޭނުންނުކުރުމަށް ނިންމެވީއެވެ. އަދި އެކަލޭގެފާނަށް ބައްސަވާއިރު ދިނުމަށް އެދިވަޑައިގަތީ އޭރުން އެކަލޭގެފާނު އެމުދަލުގެ ބައެއްގައި ބައިވެރިވުމުން މީސްތަކުންނަށް އެއީ ހުއްދައެއްޗެއްކަން ޔަޤީންވެ އެކަމުގެ ޙުކުމް ގިނަބަޔަކަށް އެނގިގެންދިޔުމަށްޓަކައެވެ.
=ނުނިމޭ=